بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، މިނިސްޓްރީގެ އިސްވެރިން، މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާ ބޭފުޅުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ކޯވިޑް-19 ގެ މި ދަތި އުނދަގޫ ވަގުތުގައި މިފަދަ މުބާރާތެއް، އާދެ، ޤުރްއާން ކިޔެވުމުގެ ޚާއްޞަ މުބާރާތެއް ދިވެހިރައްޔިތުން، އާދެ، ދިވެހިރާއްޖޭގައި ތިއްބެވި ފަރާތްތަކާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހީންނަށް ބައިވެރިވެވޭފަދަގޮތަކަށް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއަށާއި، އަދި މިނިސްޓްރީގެ އެންމެހައި ބޭފުޅުންނަށާއި، މި މަސައްކަތުގައި ޝާމިލުވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިފަދަ ކޮންމެ ކަމަކުން އެނގިގެން މިދަނީ މިއަދުގެ ސަރުކާރުން ޚާއްޞަކޮށް، ދީނީ ކަންތައްތަކަށްދޭ ސަމާލުކަން. އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަދި ވަކިން ޚާއްޞަކޮށް ޤުރްއާނަށް ލޯބިކުރާ، ރިވެތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުން. އެއީ ވަރަށް މަތީ މަޤްޞަދެއް.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިގޮތަށް، މިގޮތަށް މި މުބާރާތް އިންތިޒާމުވެގެން ދިޔުމުން، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެން އެބަދޭ. މީގެކުރީގައި އަޅުގަނޑުމެންނަށް ބޭއްވިގެންދިޔަ މުބާރާތްތަކުން އާދެ، މި ފުރުޞަތު މިގޮތަށް ތަނަވަސްވެފައެއް ނެތް. އެހެންކަމުން، އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެންގެ ހަމަ ގިނަ ބަޔަކަށް ފުރުޞަތު ލިބޭނޭފަދަ ގޮތަކަށް މުބާރާތްތައް އިންތިޒާމުވެގެން ދިޔުމަކީ އެއީ، ޚާއްޞަކޮށް އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެކޭ.

އާދެ، ޤުރްއާން މުބާރާތެއް މިއަދު ފެށިގެންދާއިރު، ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާ އެންމެހައި ބޭފުޅުން، ދަރިވަރުން، ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންވީ ކަމަކީ، ޤުރްއާން ކިޔަވައި، ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް އަޅުގަނޑުމެންގެ ހުރިހާ ޢަމަލުތަކެއް ބެހެއްޓުން. އާދެ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން. މުސްލިމް ޤައުމެއްގައި އަޅުގަނޑުމެން އެންމެން ދިރިއުޅެމުންދާއިރު، އަބަދުވެސް އަޅުގަނޑުމެން ހެޔޮގޮތްތައް އިސްކުރަން އެބަޖެހޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް ހެޔޮކޮށްހިތައި، އޯގާތެރިވާ ބަޔަކަށް އަޅުގަނޑުމެންވާން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންނަށް އިސްލާމްދީން ގެނެސްދިން އެންމެ ބޮޑު ހަދިޔާއެއް ނުވަތަ އެންމެ ބޮޑު ނަސޭހަތެއްގެ ގޮތުގައިވެސް މިވަނީ އޯގާތެރިކަން އިސްކުރުމަށާއި، މީހުންނަށް ހެޔޮކޮށްހިތައި، އަޅުގަނޑުމެންގެ އުޅުމުގައި ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ބެހެއްޓުން.

އެހެންވީމާ، މިއަދުގެ ހުރިހާ ދަރީންނަށް، ޚާއްޞަކޮށް ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ދިވެހި ޤައުމުގެ ތަރައްޤީ، ކުރިއެރުން އޮތީ މިއަދުގެ ޅަފަތުގެ ޖީލުގެ އަތްމަތީގައި. އާދެ، މާދަމާ ޤައުމާ ހަވާލުވާނެ ބަޔަކަށް ތިބީ މިއަދުގެ ކުޑަކުދީން. އެހެންވީމާ، ޚާއްޞަގޮތެއްގައި މިފަދަ ކަންތައްތަކަށް އިތުރު ސަމާލުކަމެއް ދީގެން އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، ވަރަށް ދަތި ދުވަސްތަކެއް. ހުރިހާ މަސައްކަތްތަކެއް ކުރުމުގައި އުނދަގޫ ކަންތައްތަކެއް މިއަދު އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑު ހަމަ މި ދަނޑިވަޅުގައި، ވަކިން ޚާއްޞަކޮށް، ޤުރްއާނުގެ ޢިލްމު ފަތުރުއްވައި، އުނގަންނައިދެއްވުމުގެ މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް، މި ދަތި އުނދަގޫ ކަންތައްތަކުގެ ތެރެއިންވެސް، އެ ކަންތައްތައް ކުރިއަށް ގެންދަވާކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެ ފަރާތްތަކަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ގަބޫލުކުރަނީ މި މުބާރާތް އިރާދަކުރެއްވިއްޔާ ވެގެންދާނީ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކަމަށް. އަދި އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ އިރާދަކުރެއްވިއްޔާ، ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ހަދައި، އެކުވެރި ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅުމުގެ ނަސީބު ލިބިގެންދިޔުމަކީ އެއީ އަޅުގަނޑުގެ މިއަދުގެ ދުޢާ.

އަޅުގަނޑުމެން އެންމެންނަކީ ޤުރްއާނަށް ލޯބިކުރާ، އަދި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތްތަކަށް އަޅުގަނޑުމެންގެ އުޅުން ބައްޓަންކުރާ ބައެއްގެ ގޮތުގައި ހެދުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން އެދި، އަޅުގަނޑުގެ ވާހަކަކޮޅު އަޅުގަނޑު ނިންމާލާނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.