ދިވެހިންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކޮށް، އެކަކު އަނެކާއަށް ހެޔޮކޮށް ހިތައި، ހެޔޮގޮތް ޤަބޫލުކުރާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ވަރޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމެއްކަމަށާއި، ކޯވިޑް-19 ގެ ދަތި އަނދަގޫ ޙާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަސައްކަތްކުރަނީ ދިވެހި ޅަ ދަރީން ތަރުބިއްޔަތުކުރުމުގައި ވެސް ދީނީ ކަންކަމަށް އަޙުލުވެރިކޮށް، ދީން ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ކަމުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ މިނިސްޓްރީއިން ވަނީ ހުޅުވައިލައްވާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ 2020 ނޮވެންބަރު 16 އިން ފެށިގެން ނޮވެމްބަރު 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.