ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ މި ސަރުކާރުން ހަވާލުވުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުން ކަމަށާއި, މިއަދު ހުޅުވި ޕާކަކީ، މި މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ “ލޮނުޒިޔާރަތް ޕާކު” ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަދަ ޕާކެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މި ގޮތުން މާލެ ފަދަ ކުޑަ ރަށެއްގައި ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، ޢާންމު ޞިއްޙަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ނޭދެވޭ އަސަރުތައް ފޯރާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މާލޭގައި ހުސްބިންތައް އުފައްދައި، ޢާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅެވޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ މިހާލަތަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ޕާކުތަކުގެ ބޭނުން ހިފުމުގައި ވީވަރަކުން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން މިފަދަ ޕާކުތަކުގެ ބޭނުން ހިފުމަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. އަދި ކޯވިޑް-19 ގެ ސަބަބުން، މުޅި ދުނިޔޭގައި ވެސް، ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންކަމަށާއި, މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތަކަށް ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށް ވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ, މާލެއަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމުގައެވެ. އެ ގޮތުން މާލެއަށް އުފަން ރައްޔިތުންނަށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ޙައްލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

އެހެންކަމާއެކު, އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ އިސްކަން ދީގެން ކުރާނެ އެއް ކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް, އަންނަ އަހަރުގެ ތެރޭގައި މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ އިތުރު މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު, މާލޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި, އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި, ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި, ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީގެ ބެލުމުގެ ދަށުން ތަރައްޤީކުރެވުނު ލޮނުޒިޔާރަތް ޕާކަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން މާލެ ސަރަޙައްދު ފެހިކުރުމުގެ ވަޢުދުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އަދި މި ޕާކުގައި ހައްދާފައިވާ ގަސްތަކުގެ ނަން އެނގޭނެހެން ފެންނަން ހުންނާނެއެވެ. މި ޕާކުގައި މާއަޅާގަހާއި މާނާޅާ ގަހާއި، ނެތެމުންދާ ގަސް ވެސް ހައްދާފައިވެއެވެ.