بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އާދެ،

"ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ
         ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ"

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް ޢުމަރު ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙްމަދު ނަސީމުގެ ދެކަނބަލުން، މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މާލޭ ސިޓީ ކައުންސިލުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދުގެ މި އުފާވެރި ވަގުތުގައި، ލޮނުޒިޔާރަތްކޮޅުގެ މި ހިތްގައިމު ބަގީޗާގައި ހުރެ، ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނަށާއި، މާލޭގެ ރައްޔިތުންނަށް، އަދި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.

މި ޕާރކަށް ވަދެލުމުން އަޅުގަނޑަށް އިޙްސާސް ކުރެވެނީ، ވަރަށް އުފާވެރި ބަދަލުތަކެއްގެ އިޙްސާސް. ޒަމާނީ ޑިމޮކްރެސީގެ ދަށަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެން ދިޔުމުގެ، އުފާ ފާޅުކުރުމަށް މާލޭގެ ރައްޔިތުން، އެއްވީ މި ބިމަށް. އާދެ، މިދެންނެވީ، 2008 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި، އެމް.ޑީ.ޕީ.ގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދަށް، ކާމިޔާބު ލިބިވަޑައިގަތުމުގެ އުފާ އެންމެ ފުރަތަމަ ފާހަގަކުރެވިގެންދިޔަ ބިމުގެ ވާހަކަ. އެހެންވީމާ، މިއީ އުންމީދާއި ބަދަލުވުމާއި ހިތްހަމަޖެހުމާ ވަރަށް ގުޅިފައި އޮތް ބިމެއް.

އޭގެ މާކުރިން ފެށިގެންވެސް، މާލޭގެ ލޮނުޒިޔާރަތްކޮޅަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްފަސޭހަކަމާއި ހިތްހަމަޖެހުމާ، އަބަދުވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް ތަނެއް. މޭޔަރ ޞިފާ، އޭރުގެ އިޙްސާސްތައް، އެހާ ތަފްޞީލުކޮށް ނޫންނަމަވެސް، ދެންމެ ވިދާޅުވެދެއްވައިފި. މިތަނުގައި މި ފެންވަރުގެ ޕާކެއް ނެތްއިރުވެސް، މި ބިމަކީ މާލޭގެ ހުރިހާ ޢުމުރުފުރައެއްގެ މީހުން، އެތަނަކަށް އެންމެ ގިނައިން އެއްވެ، ހިތްއުފާކުރާ ބިމެއް.

ފަތިހުގެ ފިނިކަމުގެ ތެރޭގައި، އިރު އަރައިގެން އަންނަ މަންޒަރު ބަލަން، އެންމެ ގިނަ މީހުން އެއްވެ ތިބެނީ މި ޕާރކުތެރޭގައި. ދުވާލުގެ ގަދަ ހޫނަށްފަހު، ހަވީރުގެ ފިނި ރޯޅިތައް ޖައްވަށް ފެތުރިގަންނަ ވަގުތުވެސް، ހިތް އުފާކޮށްލުމަށް އެންމެ ގިނަ ބަޔަކު އެއްވެ ތިބެނީ މި ބިމަށް.

އެހެންކަމުން، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މިހާ ނަލަ، މިހާ ހިތްގައިމު ޕާރކެއް ތަރައްޤީ ކުރުމުން، ނުތަނަވަސްކަމާއި ހާސްކަން ފިލުވާލައި، ނަފްސު ތާޒާކޮށްލުމަށް، މިތަނަށް އަންނަ މީހުންގެ ޢަދަދު، ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށް.

މީގެ ކުރިން މިތަން އޮތްގޮތް ފެނި، މިތަން މިހާރު އޮތްގޮތް ފެންނަމުންދާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލެ މިހާރު އޮތް ޙާލަތުގައިވެސް، މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ، ކުރެވިދާނެ ކަމެއްކަމަށް. އެކަން އެންމެ ބޮޑަށް ގަބޫލުކުރައްވާނެ އެއް ބޭފުޅަކީ، ދެންމެ މި ޕާރކް ހުޅުއްވައިދެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢުމަރު ޒާހިރު.

އެމަނިކުފާނަކީ، މި މާލެ މިއަދު މި ދެކޭ ބަދަލުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. މާލޭ މުނިސިޕަލްޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށްވިޔަސް، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ނުވަތަ ޕަބްލިކް ވާރކްސް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވިޔަސް، މާލެ ތަރައްޤީ ކުރުމުގައި، ޢަމަލީގޮތުން އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.

މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން، ރަނގަޅު ފެންވަރަށް މަގުތައް ހަދައި ނިންމީ، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައި. މާލޭގެ މަގުތަކުގައި ގަސް އިންދުމާއި، ޕާރކުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް ކޮށްފައި ހުރީ އެމަނިކުފާނުގެ ލަފާގެ މަތިން. އަދި އަޅުގަނޑުމެންގެ ހުޅަނގުން މި ފެންނަ ތިލަފުށި ހިއްކުމާއި، އިރުމަތިން މި ފެންނަ ހުޅުމާލެ ހިއްކުމުގައިވެސް އެންމެ މުހިންމު، އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ހަމަ ޢުމަރު ޒާހިރު.

މާލޭގެ ތަރައްޤީގައި އެހާ ފުޅާގޮތެއްގައި ޙިއްޞާވެވަޑައިގެންފައިވާ ޢިއްޒަތްތެރިއަކު، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވައި، މި ޕާރކް ހުޅުއްވައިދެއްވިކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެކަމަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު ޝުކުރުވެސް ދަންނަވަން.

ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ އަޅުގަނޑުމެން ޙަވާލުވުމަށްފަހު، އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ އެއްކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުން. މި ޕާރކަކީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް.

ލޮނުޒިޔާރަތްކޮޅުގައި ޕާރކެއް ތަރައްޤީ ކުރުމަށް، ސަރުކާރުން ނިންމި ދުވަހުން ފެށިގެން، މި މުޅި ޕްރޮޖެކްޓްގެ މަސައްކަތް ރާވައި ފަރުމާކުރައްވައި، މިކަން ޙަޤީޤަތަކަށް ހެއްދެވުމުގައި، އެއްވެސް ވަރުބަލިކަމެއްނެތި، ރެޔާއި ދުވާލު މިކަމަށް ވަގުތު ހުސްކުރައްވައިގެން، ވަރަށް ހީވާގި މަސައްކަތްތަކެއް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރ، އަދި މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް.

މިނިސްޓަރ ނަސީމް މި މަސައްކަތް ކުރެއްވީ، އެމަނިކުފާނުގެ އަމިއްލަފުޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގެން، މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން. އެކަމަށްޓަކައި މިނިސްޓަރ ނަސީމަށް، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، މާލޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދަންނަވަން. އަދި މި ޕާރކް ތަރައްޤީ ކުރުމުގައި، ޕްލޭނިންގ މިނިސްޓްރީން ވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މިނިސްޓަރ މުޙައްމަދު އަސްލަމަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

ވަރަށް ފެހިކަން ގަދަ، ވަރަށް ހިތްފަސޭހަ ގޮތަކަށް، މި ޕާރކް ތަރައްޤީ ކުރުމުގައި، މިނިސްޓަރ ނަސީމުގެ ލަފަޔާއި އިރުޝާދުގެ ދަށުން، އެންމެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވީ މާލޭ ސިޓީ ކައުންސިލުން. އެހެންކަމުން، މާލޭގެ މޭޔަރ ޞިފާ މުޙައްމަދަށާއި، ސިޓީ ކައުންސިލުގެ މެމްބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި މިހާރުވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައި. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު ޢިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުން.

މާލެފަދަ ކުޑަކުޑަ ބިމެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، ޢާންމު ޞިއްޙަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ނޭދެވޭ އަސަރު ފޯރާ ކަމެއް. އެހެންކަމުން މާލޭގައި ހުސްބިންތައް އުފައްދައި، ޢާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅޭނެ މައިޒާންތަކާއި ޕާރކުތައް ހުރުމަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައިވެސް ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑުމެން މިއަދު މިތިބީ، ކޯވިޑް-19ގެ ސަބަބުން ވަރަށް ދަތި އުނދަގޫ ޙާލަތެއްގައި. މިފަދަ ޕާރކުތަކާއި މައިޒާންތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމުގެ ފުރުޞަތެއް މިހާރަކު ނެތް. އެހެން ނަމަވެސް، ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން، ވީވަރަކުން މިފަދަ ތަންތަނުގެ ބޭނުންހިފުމަކީ، މިހާރުވެސް ވަރަށް ބޭނުންތެރި ކަމެއް.

ކޯވިޑް-19ގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ވަނީ ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ ޢަދަދު އިތުރުވެފައި. މިފަދަ ޕާރކުތަކާއި ހުސް ބިންތަކަށް، ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ، ހާސްކަމާއި ކަންބޮޑުވުންތަކަށް، ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ.

މާލޭގެ ނުތަނަވަސްކަން ފިލުވައި، ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި. އެއީ ހަމައެކަނި ޕާރކުތައް ހެދުމާއި، ޕާކް ކުރާނެ ޖަގަހަތައް ހެދުމެއްވެސް ނޫން. މާލެއަށް އުފަން ރައްޔިތުންނަށް، މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ، ވަރަށް އަވަސް ޙައްލެއް.

މި އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި، އެންމެ އިސްކަންދީގެން ކުރާނެ އެއްކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ ޢަމަލީބައި ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ، އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ.

އަޅުގަނޑު އުންމީދުކުރަނީ، މި ޕާރކުގެ ސަބަބުން، މާލޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް، ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށް. މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް، މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަން ރޭވިފައި އެބަހުރި. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައިވެސް، މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ.

އަދިވެސް އެއްފަހަރު، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.