بســم اللّـه الرّحمـن الرّحيــم

الحمـدللّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.

މާލޭގެ ލޮބުވެތި ރައްޔިތުން، މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރު، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މިރޭގެ މި ބައްދަލުކޮށްލުމަކީ ދެންމެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އެ ވިދާޅުވިފަދައިން، މާލޭގެ ރައްޔިތުންނާއި އަދި މާލޭގައި ދިރިއުޅެމުންދާ ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް ބޭނުންވެގެން ބައްދަލުކޮށްލާ ބައްދަލުކޮށްލުމެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން އަޅުގަނޑު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައި. އެއިން ކޮންމެ ރަށެއްގައިވެސް ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ހަދާފައި. އެގޮތަށް މީގެކުރިން މާލޭގެ ރައްޔިތުންނާ ބައްދަލުކުރެވިފައެއް ނެތް. އާދެ، އެހެން އެ ދިމާވި ސަބަބަކީ އެކިއެކި ޤައުމީ މުނާސަބަތުތަކުގަޔާއި އަދި އެނޫންވެސް މުނާސަބަތުތަކުގައި ބޭއްވޭ ޖަލްސާތައް ޢާންމުގޮތެއްގައި ބޭއްވެމުންދަނީ މާލޭގައި ކަމުގައިވާކަން. އަދި އެ ޖަލްސާތަކުގައި އަޅުގަނޑު ވާހަކަ ދައްކާއިރު، ޖަލްސާގައި އެންމެކުރީ ސަފުތަކުގައި ނުވަތަ ޖަލްސާގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ މާލޭގެ ރައްޔިތުންނަށްވާކަން. އެކަން އެހެން ދިމާވުމާއެކު، މާލޭގެ ރައްޔިތުންނާ މުޚާޠަބުކޮށް ވަރަށްގިނަފަހަރު އަޅުގަނޑަށް ވަނީ ވާހަކަ ދެކެވިފައި ކަމަށްވާކަން.

އާދެ، އެކަން އެހެން އޮތް ކަމުގައިވިޔަސް ވަރަށް މުހިންމު މައްސަލަތަކެއް ހުރުމާއެކު، އަޅުގަނޑު ގަސްދުކުރީ ތިޔަބޭފުޅުންނަށް، އާދެ، މާލޭގެ ޢިއްޒަތްތެރި ރައްޔިތުންނާއި އަދި މާލޭގައި އުޅޭ ރާއްޖެތެރޭގެ ޢިއްޒަތްތެރި ރައްޔިތުންނާ ބައްދަލުކޮށްލަން. ބައްދަލުކޮށްލާފައި ތިޔަބޭފުޅުންނަށް މި ވާހަކަތައް ދަންނަވާލަން.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަޔަކީ، މާލެއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށޭ. އެހެންވުމާއެކު، މާލެއަށް އަބަދުވެސް ޚާއްޞަ މަޤާމެއް އޮންނާނެޔޭ. އެއީ ހަމައެކަނި ދިވެހިރާއްޖޭގައި އެކަން އޮންނަ ގޮތެއް ނޫން. އެއީ މުޅި ދުނިޔޭގައިވެސް އެކަން އޮންނަގޮތް. ކޮންމެ ޤައުމެއްގައިވެސް ވެރިކަންކުރާ ރަށަކީ، އެ ޤައުމަކުން ޚާއްޞަގޮތެއްގައި ބަލާ ތަނެއް. އެހެންވުމާއެކު، މާލެއަށް އަބަދުވެސް ސަރުކާރުންދޭ އަހަންމިއްޔަތަކީ އެއްވެސްހާލެއްގައި ކުޑަ އަހަންމިއްޔަތަކަށް ނުވާނެ. މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެތެރޭގެ ވާހަކަ ވަރަށް ގިނަގިނައިން ވަނީ ދެކެވިފައި. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ވާހަކަ. ރާއްޖެތެރެ ކުރިއަރުވައި އިޞްލާޙު ކުރުމުގެ ވާހަކަ. ރާއްޖެތެރެއަށް ސަރުކާރުން ކުރަމުންގެންދާ ޚިދުމަތްތަކުގެ ވާހަކަ. ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ މަސައްކަތްތަކުގެ ވާހަކަ. މިހެންގޮސް ރާއްޖެތެރެއަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ވާހަކަ ވަނީ ވަރަށް ގިނައިން ދެކެވިފައި. ހަމައެކަނި އެ ވާހަކަ ދެކެވިފައިވަނީއަކީއެއް ނޫން. އޭގެއިތުރުން ވަރަށްގިނަ މަޝްރޫޢުތަކެއް ރޭވި މަސައްކަތްތަކެއްވެސް ވަނީ ކުރެވިފައި. އޭގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުން އެބަދޭ. އާދެ، އެ ވާހަކަތައް އެގޮތަށް ދެކެވެން ދިމާވި ސަބަބަކީ އަދި މިދެންނެވި މަޝްރޫޢުތަކާއި މަސައްކަތްތައް ފެށި، އެ މަޝްރޫޢުތަކާއި މަސައްކަތްތައް އެގޮތަށް ހިންގަން ސަރުކާރަށް ޖެހުނު ސަބަބަކީ ވޭތުވެދިޔަ ތާނގައި ރާއްޖެތެރެ އޮތީ ވަރަށް އެކަށީގެންނުވާ ގޮތެއްގައި ކަމަށްވާކަން. ރާއްޖެތެރެއަށް އެއްވެސް ސަމާލުކަމެއް ނުދެވި، ރާއްޖެތެރެއަށް އަޅައިލުމެއް ނުބޭއްވި، ރާއްޖެތެރޭގެ ކަންތައްތައް އޮތީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ގޮސްފައި. މިސްކިތްތައް ހުރީ ވީރާނާވެފައި. ރަށްރަށުގެ އޮފީސްތައް ހުރީ ވީރާނާވެފައި. ރަށްރަށުގައި އެއްވެސްކަހަލަ ކިޔަވައިދޭނެ ތަނެއް ނެތް ކިތަންމެ ރަށެއް އަޅުގަނޑަށް ވަނީ ރާއްޖެތެރެއިން ފެނިފައި. އެއްވެސްކަހަލަ ޞިއްޙީ، ތަޢުލީމީ އަދި އެނޫން ގޮތަކުންވެސް ސަރުކާރުން ވެދެވޭ ޚިދުމަތެއް ރާއްޖެތެރެއަކު ފެންނާކަށެއް ނެތް. އެކަން އެހެން އޮތުމުގެ ސަބަބުން ރާއްޖެތެރެއަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހުނީ. އެ އަހަންމިއްޔަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖެތެރޭގެ ކަންތައްތައް، އަޅުގަނޑު ހިތްހަމަޖެހުމާއެކު ދަންނަވާނީ ކުރިއަށްވުރެ ވަރަށްބޮޑުތަން ރަނގަޅޭ.

އާދެ، އެހެންނަމަވެސް ރާއްޖެތެރެއަށް ސަރުކާރުން އެދިން އަހަންމިއްޔަތުގެ މާނައަކީ، ކުރިންވެސް އަޅުގަނޑު މި ދެންނެވި ފަދައިން، މާލެއަށް ސަރުކާރުންދޭ އަހަންމިއްޔަތު ކުޑަވީކަމެއްނޫން. އެއާޚިލާފަށް، މާލެއަށް ސަރުކާރުންދޭ އަހަންމިއްޔަތާއި އަދި މާލެ ތަރައްޤީކޮށް، މާލެ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ތިޔަބޭފުޅުންނަށްވާނީ ވަރަށް ރަނގަޅަށް ފެނިވަޑައިގެންފައި. ކޮންމެ ދުވަހަކުވެސް ތިޔަބޭފުޅުން އެކަންތައްތައް ތިޔަ ދެކެވަޑައިގަންނަވަނީ. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑުހިތުން މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެ. އެންމެ ކުޑަކުޑަ މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެން މިރޭ އެއްވެ މިތިބަ ތަން، އާދެ، އަޅުގަނޑުމެން މިހާރު ކިޔާގޮތުންވިއްޔާ "ހިއްކިތަން" މިއީވެސް މާލޭގެ ތަރައްޤީއަށްޓަކައި ކުރެވިފައިވާ ވަރަށްބޮޑު މަސައްކަތެއް. އޭގެއިތުރުން، މާލޭގައި މިހާރު ހެދެމުން އެދާ އިސްލާމީ މަރުކަޒު. އާދެ، އެއީވެސް އެއްގޮތަކުން ބަލަންޏާ، މާލެއަށް ކުރެވޭ ޚިދުމަތެއް ކަމުގައި ބުނެވިދާނެ. އަނެއްގޮތަކުން ބަލަންޏާ އެއީ މުޅި ރާއްޖެއަށް ކުރެވޭ ޚިދުމަތެކޭ ބުނެވިދާނެ. އެހެން މިދެންނެވީ އެތާނގައި އާދަވެގެން ނަމާދުކޮށް އުޅޭ މީހުން ކަމުގައިވާނީ މާލޭގެ ރައްޔިތުން ކަމަށްވާތީ. އެހެންނަމަވެސް، އެއާއެކުގައި އެތާނގައި ހުންނާނެ އެހެން ތަންތަން. އާދެ، އެތާނގައި ކުލާސްތަކެއްވެސް ހެދޭގޮތަށްވަނީ ހަމަޖެހިފައި. އެތާނގައި ލައިބްރަރީއެއްވެސް ހުންނަގޮތަށްވަނީ ހަމަޖެހިފައި. މި ޚިދުމަތްތަކުގެ ފައިދާ ލިބޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަކަށް ނޫން. މާލެއާއި ރާއްޖެތެރޭގެ މީހުންނަށް.

އެހެންވީމާ، މިހެދޭ އިސްލާމީ މަރުކަޒު އެއީ އެއްގޮތަކުން ބަލާއިރު، މާލެއަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ބުނެވުނު ކަމުގައިވިޔަސް، އެއީ ވަކި އުސޫލަކުން ބަލާއިރު، މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތެއް. ރާއްޖެއަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ މި އިސްލާމީ ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ދައްކައިދޭ ވަރުގަދަ ފުރިހަމަ ތަނެއްގެ ގޮތުގައި އެތަން އެ ހެދެނީ. އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހިސާބުގަނޑުގައި އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކުގައިވެސް އެފަދަ ފުރިހަމަ ގޮތަކަށް ހެދިފައިވާ އިސްލާމީ އެހެން މަރުކަޒެއް ނެތް. އެހެންވީމާ، އެއީ އަޅުގަނޑުމެން މި އިސްލާމީ ޤައުމުގެ ރައްޔިތުން ފަޚުރުވެރިވުން ޙައްޤު ކަމެއް.

ހަމައެޔާއެކުގައި، މާލޭގެ މަގުތައް ހެދުމަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް އަދި މާލޭގައި ދިރިއުޅޭ މީހުންނޭ ދެންނެވުމުން އެއީ އަދި މުޅިން ރަނގަޅު ޢިބާރާތަކަށް ނުވާނެ. ރާއްޖެތެރޭގެ މީހުންނަށާވެސް އެކުގައި މާލޭގައި ސަރުކާރުން ދެމުންގެންދާ ޚިދުމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތައް އެއީވެސް މިމޭރުމުން ފާހަގަކޮށްލެވިދާނެ ކަންތައްތަކެއް.

އާދެ، މާލެއަށް ވަނީ އިތުރު މަދަރުސާތައް ބޭނުންވެފައި. މާލެއަށް ވަނީ އިތުރު ހޮސްޕިޓަލްތައް ބޭނުންވެފައި. އަދި ސަރުކާރުން މިނޫން ރޮނގުރޮނގުންވެސް ރައްޔިތުންނަށް ވެދޭ ޚިދުމަތްތައް ވެދިނުމަށްޓަކައި ބޭނުންވާ ޢިމާރާތްތަކާއި ތަންތަން ވަނީ ހަދަން ބޭނުންވެފައި. އެހުރިހާ ކަމެއް ކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން މިތިބަ ބިން، އާދެ، މާލޭގެ ފަޅުތެރެއިން މި ހިއްކޭ ބިން މި ހިއްކެނީ. އެއީ އެންމެ ފުރަތަމަ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގޯތި ނެތް މީހުންނަށް، ހަރުދަނާ ރަނގަޅު އުސޫލެއްގެ މަތިން ގޯތި ދިނުމަށްޓަކައި. އަދި އޭގެއިތުރަށް މި ދެންނެވި ފަދަ، ސަރުކާރުން ރައްޔިތުންނަށް ވެދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި. މި މަޝްރޫޢަކީ އާދެ، "މާލޭގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢަކީ" އެނގިވަޑައިގަންނަވާނެ ފަދައިން، 1979 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މަޝްރޫޢެއް. މިހާރު މި މަސައްކަތް ހިނގާތާ ހަތަރު އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެއްޖެ. ހިއްކަން ބޭނުންވާ ބޮޑުމިނުގެ ވަރަށްބޮޑު ބައެއް ވަނީ މިހާރު ހިއްކައި ނިމިފައި. އާދެ، މިއަދުގެ ނިޔަލަށް ބަލާއިރު ސާޅީސް ފަސްލައްކަ ހަތްދިހަ ހަހާސް ހަތްސަތޭކަ ނުވަ އަކަފޫޓުގެ ބިން ވަނީ މާލޭގެ ފަޅުތެރެއިން ހިއްކިފައި. އެއީ ހިއްކަން ބޭނުންވާ ބޮޑުމިނުގެ ގާތްގަނޑަކަށް ސަތޭކައަކުން ހަތްދިހަ ދޭއް. އެހެންވީމާ، މި ހިއްކަން ބޭނުންވާ ތަނުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްކިފައި ވުމާއެކު، އެއިން ދައްކައިދޭ އެއްޗަކީ ސަރުކާރުން މިކުރި މަސައްކަތްތައް އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑަށް ކާމިޔާބުވެއްޖެކަން. މާލަސްތަކެއްނުވެ ދެން އޮތް ބައިވެސް ހިއްކިދާނެކަން.

އާދެ، މިކަމަކީ ކަމުގެ ބާވަތުން ވަރަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހުނު ކަމެއް. މިހާތަނާ ޖެހެންދެންވެސް ސައްބީސް މިލިއަނަށްވުރެ ގިނަ އަދަދަކަށް ރުފިޔާ ޚަރަދުވެއްޖެ. އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ދެ ކުރޯޑު ފަސްދޮޅަސް ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދަކަށް މިތަނަށް ފައިސާ މިހާރުވަނީ ޚަރަދުކުރެވިފައި. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މާލޭގައި މި ހިއްކުނު ބިމުން ގޯތިދޭންވާނީ ވަރަށް ހަރުދަނާ ރަނގަޅު އުސޫލެއްގެ މަތިން. އެހެން މިދެންނެވީ ގޯތި ބޭނުންވެގެން ސަރުކާރުގެ ކަމާބެހޭ ފަރާތަށް ސިޓީ ފޮނުވައި، ފުރަންޖެހޭ ފޯމު ފުރާފައިވާ މީހުންގެ އަދަދަށް ބަލާއިރު، އެހުރިހާ އެންމެންނަށް މިތަނުން ގޯތި ދެވޭނެކަމަކަށް ނުފެނޭ. އާދެ، އެހެން އެކަން ދިމާވި ސަބަބަކީ އަޅުގަނޑު ހިތުން އެ ގޯއްޗަށް އެދޭ މީހުންގެ ތެރޭގައި، ގޯއްޗަށް އެދި ސިޓީ ފޮނުވާފައިވާ މީހުންގެ ތެރޭގައި އަދި ފޯމު ފުރާފައިވާ މީހުންގެ ތެރޭގައި، ޙަޤީޤަތުގައި ގޯއްޗަށް ބޭނުންނުވާ މީހުންވެސް އެބަތިބި ވަރަށްގިނަ އަދަދަކަށް. އެމީހުންގެ މަޤްޞަދެއް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ސިޓީ ފޮނުވައިގެން ނުވަތަ ފޯމު ފުރައިގެން އިތުރު ގޯއްޗެއް ލިބިއްޖެނަމަ، އެއީ އެމީހަކަށް ލިބޭ އިތުރު ކުރިއެރުމަކަށްވާނެތީ، ގޯއްޗެއް އޮންނަ މީހަކުވެސް އިތުރު ގޯއްޗެއް ލިބޭތޯ ސިޓީ ފޮނުވަނީ ނުވަތަ ކަމާބެހޭ ފަރާތުގައި ދަންނަވަނީ. އަދި ގޯތީގެ ދަތިކަން އިޙްސާސް ކުރަންނުޖެހޭ ކިތަންމެ ބަޔަކުވެސް މިދެންނެވި އަދަދުގައި ހިމެނިފައިވަނީ. އެހެންވުމާއެކު، އެހުރިހާ އެންމެންނަށް މާލޭގެ ހިއްކިތަނުން ގޯތި ދިނުމަކީ ކުރެވޭނެ ކަމެއްވެސް ނޫން. އަދި ސަރުކާރުން ކުރަންޖެހޭނެ ކަމެއްވެސް ނޫން.

ހަމައެއާއެކު، ދަންނަވަންޖެހެނީ މާލޭގެ ފަޅުން ހިއްކިތަނުން، މި ހިއްކި ބިމުން ހަމައެކަނި މީސްމީހުންނަށް، މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުން އެއީ ސަރުކާރުން މާލެއަށް ކޮށްދޭންޖެހޭ ޚިދުމަތް ކޮށްދެވުނީ ކަމަކަށް ބެލޭކަށްނެތޭ. އެއީ ކުރިންވެސް ދެންނެވި ފަދައިން، ހަމައެކަނި ރައްޔިތުންނަށް ބޭނުންވަނީ ގޯއްޗެއް ނޫން. މިޒަމާނަކީ ކުރީ ޒަމާނާ ވަރަށް ތަފާތު ޒަމާނެއް. މި ޒަމާނުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށް އެކަށީގެންވާ ފެންވަރަކަށް ކިޔަވައިދޭންވެސް ބޭނުންވޭ. ތަޢުލީމު ހާސިލުކޮށްދޭން ބޭނުންވޭ. އެކަމަށްޓަކައި އެކަށީގެންވާ އަދަދަކަށް މަދަރުސާތައް ހުންނަންޖެހޭ. އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ މަދަރުސާތަކަށް ޢުމުރު ފުރިހަމަވާ ހުރިހާ ކުދިން މިގެންދިޔައީ ވައްދަމުން. އެއްވެސް ކުއްޖަކު ބާކީނުވާގޮތަށް. ޢުމުރު ހަމަވާ ކޮންމެ ކުއްޖަކު އޮތީ އެ މަދަރުސާތަކަށް ވައްދާގޮތަށް. ހަމަ އެ އުސޫލު މިހާރުވެސް އޮތީ. އެގޮތުން ބަލާއިރު، މި އަންނަ އަހަރު ވައްދަންޖެހޭ އަދަދަށް ކުދިން ވައްދަންވެސް މަދަރުސާތަކުގައި ތަނެއް ނެތް. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު ސަރުކާރުގެ މަދަރުސާތަކުގައި، އާދެ، މި ދަންނަވަނީ މާލޭގައި ހުރި މަދަރުސާތަކުގައި ކިޔަވައިދެމުން ގެންދަނީ އެއް ދަންފަޅިއަކަށް ނޫން. ބައެއް ތަންތާނގައި ތިން ދަންފަޅިއަށްވެސް ކިޔަވައިދޭން އެބަޖެހޭ. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނާނެ ގޮތެއް ނޫން. އޮންނަން ވެގެންވާނެ ގޮތެއްވެސް ނޫން. އެއީ ތަޢުލީމު ދިނުމަކީވެސް ޚާއްޞަ ގަޑިތަކަކަށް ފެތިފައި، ދުވާލުގެ ވަކިއިރެއްގައި ކުރަންޖެހޭނެ ކަމެއް. ކުދިންގެ ޞިއްޙަތަށާއި، އެނޫން ގޮތްގޮތަށްވެސް ބަލަންޖެހޭނެ ތަޢުލީމު ދިނުމުގައި. އެހެންވީމާ، އެއް ދަންފަޅިއަށްވުރެ ގިނަ ދަންފަޅީގައި ކުދިންނަށް ކިޔަވައިދިނުމަކީ އެކަށީގެންވާ ރަނގަޅު އުސޫލެއް ނޫން. އެހެންކަމާއެކު، މާލޭގައި ދިރިއުޅޭ މީހުންގެ ދަރިންނަށް ކިޔަވައިދޭން މަދަރުސާތައްވެސް އިތުރަށް ހަދަންވަނީ ބޭނުންވެފައި. މިހާރުވެސް އޭގެ ބައެއް މަދަރުސާ މާލޭގައި ހެދެމުން އެބަދޭ. ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ، މިހާރު ވަރަށް ބާރަށް މަސައްކަތް ހިނގަމުންދާ މަދަރުސާއެއް. އޭގެ ބޭނުމަކީ މިދެންނެވި ގޮތުގެމަތިން، މާލޭގައި އުޅޭ މީހުންނަށް، އެމީހުންގެ ދަރިންނަށް ތަޢުލީމު ހާސިލުކޮށްދިނުމުގެ ފުރުޞަތެއް ސަރުކާރުން ހޯދައިދިނުން.

އާދެ، ތަޢުލީމުގެ އިތުރަށް، ޞިއްޙީ ކަންތައްތަކަކީ މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެފައިވާ ކަމެއް. ރާއްޖޭގައި މުޅިއެކު ހުރީ ދެ ހަސްފަތާލު. އެތަނުން މަރުކަޒީ ހަސްފަތާލު މިހުރީ މާލޭގައި. އެތާނގައި ހުރި އެނދުގެ އަދަދަކީ ގާތްގަނޑަކަށް ނުވަދިހަ. މުޅި ރާއްޖޭގައި މިހާރު އެބައުޅޭ އެއްލައްކަ ފަސްދޮޅަސް ފަސްހާސް މީހުން. ދެންހުރީ ކުޅުދުއްފުށީގައި ހުރި ސަރަޙައްދީ ހަސްފަތާލު. އެތާނގައި ހުރި ހަސްފަތާލުގައި އަދި ހުރީ އެއަށްވުރެ މާމަދު އަދަދަކަށް އެނދު. ގާތްގަނޑަކަށް ބާރަ އެނދު. އެހެންވީމާ، އެ ދެތަނުން އެއްގޮތަކަށްވެސް ބަލިމީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވޭކަން، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

މިކަންކަން މިހެން އޮތުމާއެކު، މާލެއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެބޮޑު ރަށް ކަމަށްވާތީ، މިދެންނެވީ މީހުންގެ ނިސްބަތަށް ބަލާއިރު، މީހުންގެ އަދަދަށް ބަލާއިރު، މާލެއަކީ ގާތްގަނޑަކަށް ސާޅީސްހާސް މީހުން ދިރިއުޅޭ ތަނެއް. އެގޮތުން މާލޭގައި އިތުރު ހަސްފަތާލުތައް ހުންނަންޖެހޭނެކަން އަޅުގަނޑުހިތުން ހުރިހާ އެންމެންނަށްވެސް ގަބޫލުކުރެވޭނެ. އެއީ ހަމައެކަނި މާލޭގެ މީހުންނަކަށް ނޫން. މާލޭގެ މީހުންނާއި އަދި ރާއްޖެތެރޭގެ މީހުންނަށް. އެހެންވީމާ، އެބާވަތުގެ ކަންތައްތައް ސަރުކާރުން ކުރަންޖެހޭ. އަދި އޭގެއިތުރުންވެސް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކެއް އެބަހުރޭ. މިސާލަކަށް، ކަރަންޓުގެ ޚިދުމަތް. އާދެ، އަޅުގަނޑުމެން މިތިބަ ތަން މިހިރީވެސް ވަރަށް ފުރިހަމަގޮތެއްގައި ދިއްލިފައި ކަރަންޓުގެ ޛަރީޢާއިން. އަޅުގަނޑުމެންގެ ގޭގެވެސް ހުންނަނީ ދިއްލިފައި. އެކަންތައްވެސް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ކޮށްދޭންޖެހޭ. މިހާރު ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް އެކަންތައް ސަރުކާރުގެ އެހީގައި ކުރެވެމުން އެބަދޭ. އަދި މުސްތަޤްބަލުގައިވެސް އެކަންތައް އިރާދަކުރެއްވިއްޔާ ވަރަށް އެކަށީގެންވާ ހަލުވިކަމަކާއެކު ކުރެވެމުންދާނެ.

އެހެންވީމާ، މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވެފައި، ރާއްޖެއަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިންނާއި، އެކި ޤައުމުތަކުގެ ވެރިންނާއި އަދި އެނޫންވެސް ބޭފުޅުން ޒިޔާރަތް ކުރައްވާ ތަނަށްވާތީ، މާލޭގައި މިދެންނެވިފަދަ ޚިދުމަތްތައް ހުންނަންޖެހޭނީ ވަރަށް އެކަށީގެންވާ ދަރަޖަޔަކަށް. އަޅުގަނޑުމެންގެ ރާއްޖެއަކީ މިހާރު އެތަނެއްގެ ތަޞައްވުރު ދުނިޔޭގައި ކުރިއަރަމުންދާ ތަނެއް. އެހެންވީމާ، އެ ތަޞައްވުރާ އެއްގޮތްވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ ރާއްޖޭގައި ނުވަތަ ރާއްޖޭގެ މޫނުބަލާ ލޯގަނޑު ކަމުގައިވާ މާލޭގައި ކަންތައްތައް ހުންނަންޖެހޭނެ. އެގޮތުން، ކަރަންޓުގެ ޚިދުމަތްވެސް ސަރުކާރުން މާލެއަށް ދޭންޖެހެނީ. ކަރަންޓުގެ ވާހަކަ ދަންނަވާއިރު ދަންނަވަންޖެހެނީ އެއީވެސް ވަރަށްބޮޑު މައްސަލައެކޭ. އަދި ތަންކޮޅެއް ފަހުން އަޅުގަނޑު އެއަށް އިޝާރަތެއްކޮށްލަން ގަސްދުކުރަން.

ކޮންމެއަކަސް ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކައިވެސް ސަރުކާރަށް މިހާރު އިތުރު ތަން ބޭނުންވޭ. އަދި އެނޫންވެސް ސަރުކާރުން ކޮށްދޭންޖެހޭ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ބޮޑެތި ޚިދުމަތްތައް ކޮށްދިނުމަށްޓަކައި ވަނީ ބިމަށް ބޭނުންވެފައި. އެހުރިހާ ބޭނުމަކަށް އަޅުގަނޑުމެން މި ހިއްކި ތަނުން ފުއްދަންޖެހޭ. އެހެން ދަންނަވަންޖެހޭ ސަބަބަކީ މިހާރު މި ހިއްކާ ސަރަޙައްދު ހިއްކައި ނިމުމުން، ދެން މާލޭގެ ފަޅުން ހިއްކޭނެ ތަނެއް އޮންނާނެ ކަމަށް ލަފާނުކުރެވޭތީ. އެހެންވީމާ، އަޅުގަނޑުމެން މި ހިއްކި ބިމަކީ ވަރަށް އަގުހުރި އެއްޗަކަށް ވެއްޖެ. ވަރަށް އަގުހުރި މުދަލަކަށް ވެއްޖެ. އެތަން އަޅުގަނޑުމެން ބަހައި، މީސްމީހުންނާ ހަވާލުކޮށް ހަދަންޖެހޭނީ ވަރަށް އެކަށީގެންވާ ހަރުދަނާ ގޮތެއްގެ މަތިން. މިހާރުވެސް ސަރުކާރުން ގޯތިދެމުން ގެންދަނީ މިދެންނެވި ކަހަލަ ހަރުދަނާ އުސޫލެއްގެ މަތިން. އާދެ، އެންމެ ފުރަތަމަ ބަލަނީ އެންމެ ނިކަމެތި ހާލުގައި އުޅޭ މީހުން، ގެދޮރުގެ ދަތިކަން ހުރިގޮތުން. އަނބިދަރިން ގޮވައިގެން އެއްގޮތަކަށްވެސް އުޅެވެންނެތް މީހުން. އެގޮތުން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޕޮއިންޓް ދެވޭ އުސޫލެއް ވަނީ ހަމަޖެހިފައި. ޕޮއިންޓުގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ އަދަދަކަށް ޕޮއިންޓް ލިބޭ މީހުންނަށް އިސްކަންދެވޭ. ހަމައެއާއެކުގައި ދަންނަވަންޖެހެނީ ސަރުކާރަށް ގިނަދުވަހު ޚިދުމަތްކޮށްފައި ތިބޭ މީހުން، ސަރުކާރުގެ ވަފާތެރި ޚާދިމުން، ސަރުކާރުގައި މުހިންމު މަސްއޫލިއްޔަތުތައް އަދާކުރާ މީހުން އެއީވެސް ސަރުކާރުން ވަރަށް ޚާއްޞަ ނަޒަރަކުން ބަލަންޖެހޭ ބަޔެކޭ. އެމީހުންނަށްވެސް އެކިއެކި ޢިނާޔަތްތައް ދޭންޖެހެޔޭ. މިވަގުތު ސަރުކާރުން ދެވެން އޮންނާނެ އެންމެބޮޑު އެއް ޢިނާޔަތަކީ މާލޭގައިވިއްޔާ ގޯތި ދިނުން.

އާދެ، އެހެންވީމާ، އެކަމަށްވެސް ސަރުކާރުން ވިސްނަންޖެހޭ. ސަރުކާރަކީ ޙަޤީޤަތުގައި ރައްޔިތުންނަށް ޚިދުމަތްކުރާ ތަނެއް. ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ޤާއިމުވެފައިވާ ތަނެއް. އެއްވެސް ޤައުމެއްގައި ސަރުކާރެއްނެތި އެތަނެއްގެ ކަންތައް އެކަށީގެންވާ ރަނގަޅު އުސޫލެއްގެ މަތިން ކުރިއަކަށްނުދާނެ. ސަރުކާރަކީ ޤައުމުގެ ތަރައްޤީއަށާއި، ޤައުމުގެ އަމަންއަމާންކަން ހިފެހެއްޓުމަށާއި، ޞުލްޙަމަޞްލަޙަތު ހިފެހެއްޓުމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް، ކޮންމެ ރަށެއްގައިވެސް އޮންނަންޖެހޭ ތަނެއް. އެހެންވުމާއެކު، ސަރުކާރަށް ޚިދުމަތް ކުރުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން. ރައްޔިތުންގެ ޚިދުމަތުގައި ވަފާތެރިކަމާއެކު ދެމިތިބޭ މުވައްޒަފުންނަށް ސަރުކާރުން ޚާއްޞަ ޢިނާޔަތްތަކެއް ހޯދައިދޭންޖެހޭނެ. ޚާއްޞަކޮށް، މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އެ ނުކުތާ ފާހަގަކޮށްލަންޖެހޭ. އެއީ ސަރުކާރު ފިޔަވައި އެހެންކަހަލަ މަސައްކަތްތެރި ތަންތަން އުފެދިފައިވުމާއެކު، އެތަންތަނުންދޭ މުސާރަ، ސަރުކާރުންދޭ މުސާރައަށްވުރެ ބޮޑު. ސަރުކާރުން އެވަރަކަށް މުސާރައެއް ނުދެވޭނެ. އޭގެ މުޤާބިލުގައި، އާދެ، ސަރުކާރަށް ކުރެވޭނެ ކަމަކީ ސަރުކާރުން ދެވެން ހުންނަ އެކިއެކި ޢިނާޔަތްތައް މުވައްޒަފުންނަށް ދެމުން ގެންދިޔުން. އެހެންވީމާ، އެގޮތުން މި ދަންނަވަނީ ސަރުކާރުގައި މުހިންމު މަސްއޫލިއްޔަތުތައް އަދާކުރާ ފަރާތްތަކަށް، ސަރުކާރަށް ގިނަދުވަހު ޚިދުމަތްކޮށްފައި ތިބޭ ވަފާތެރި، ތެދުވެރި، އިޚްލާޞްތެރި ޚާދިމުންނަށް ގޯތި ދިނުމުގައިވެސް ސަރުކާރުން ބަލަންޖެހެޔޭ. އާދެ، މިފަދަ އުސޫލެއް މިހާރު މިގެންދަނީ ގޯތި ދިނުމުގައި. މުސްތަޤްބަލުގައިވެސް އެކަލަ އުސޫލެއް ގެންގުޅެންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

ހަމައެއާއެކު، ކުރިންވެސް ދެންނެވި ފަދައިން، ގޯއްޗަށް އެދޭ ހުރިހާ އެންމެންނަށް ގޯތި ދެވެން ނޯންނާނެތީއާ އެކުގައި ސަރުކާރުން ހައުސިންގ ސްކީމެއް ނުވަތަ ގޯތި، ވަކި އުސޫލެއްގެ މަތިން ތައްޔާރުކޮށްފައި މީހުންނަށް ކުއްޔަށްދޭ ގޮތަކަށް ރާވަމުން އެބަގެންދޭ. އެ މަޝްރޫޢުގެ ފެށުން އަދި އަޅުގަނޑުމެންނަށް ނުފެށި އޮތް ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ އެކަމަކީ ސަރުކާރުން މިހާރު ވިސްނަމުން، އެކަމަށް ބޭނުންވާ ކަންތައްތައް ރާވަމުންގެންދާ ކަމެއް. އެކަހަލަ ގޮތެއް ނަހަދައި، މާލޭގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ހިޔާވަހިކަމެއް ހޯދައެއްނުދެވޭނެ.

އާދެ، މާލެއަށް ސަރުކާރުން ކޮށްދޭ ޚިދުމަތްތަކުގެ ވާހަކަ ދަންނަވަމުން ގެންދާއިރު، އަދިވެސް މާލެއަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ މިހާރު މި އިޙްސާސް ކުރެވޭ ބަނދަރުގެ ދަތިކަން ފިލުވައިލުން. އަޅުގަނޑުމެންގެ ފަޅުތެރެ ނުވަތަ ބަނދަރު އޮންނަނީ ވަރަށްދަތި ގޮތަކަށް. އެކަމުގެ ދަތިކަން އެންމެބޮޑަށް އިޙްސާސް ކުރެއްވޭނީ ރާއްޖެތެރޭގެ ރައްޔިތުންނަށް. ހަމައެއާއެކު، މާލޭގެވެސް ވަރަށްގިނަ ބަޔަކަށް އެކަން އިޙްސާސް ކުރެއްވޭނެ. އެކަން ރަނގަޅު ކުރަންވެސް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން މިހާރު އެބަގެންދޭ. އެކަމަށް ޚާއްޞަ މަޝްރޫޢެއް ރޭވިގެން، އެއަށް ޢަމަލުކުރެވޭތޯ ސަރުކާރުން އެބަ ވަރަށް ބޮޑަށް ބަލާ. އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެ މަޝްރޫޢު ދުނިޔޭގެ އަލިކަމަށް އަންނާނެ.

އާދެ، އެއާއެކު، ދަންނަވަން އޮތް އަނެއް މައްސަލައަކީ، މާލޭގެ ބޯފެނާބެހޭ މައްސަލަ. އެއީ މިހާރު ވަރަށްބޮޑު މައްސަލައަކަށް އޮތީ ވެފައި. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ، މާލޭގެ ފެނުގެ ދަތިކަން ހުރި މިންވަރު. އެހެންވީމާ، އެކަމަށް ބޭރުގެ ފަރާތްތަކުން ވަރަށްބޮޑު އަދަދަކަށް އެހީ ހޯދައިގެން މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ބޯފެނާއި، ފާޚާނާ ކުރުމާބެހޭ މަޝްރޫޢެއް ވަރަށް އަވަހަށް ފެށްޓޭތޯ. އާދެ، މާލޭގެ ބޯފެނުގެ މައްސަލައަކީ މާލޭގެ ރައްޔިތުންގެ ސަމާލުކަމަށް ވަރަށް ބޮޑަށް ބޭނުންވާ މައްސަލައެއް. މާލޭގެ ރައްޔިތުން އެކަންޏެއް ނޫން. މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންވެސް އަދި މާލޭގައި ދިރިއުޅޭ ބިދޭސީންވެސް، ހުރިހާ އެންމެން މިހާރު ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް، މާލޭގެ ފެނުގެ މައްސަލަޔަކީ. މާލޭގެ ފެނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ބޭރުގެ އެކިއެކި މާހިރުންގެ ލަފާ ސަރުކާރުން ވަނީ ހޯދާފައި. އެމީހުން އެކިއެކި ހޯދުންތައް ހޯދާފައި ލިޔެފައިވާ ރިޕޯޓުތައް ބުނާގޮތުގައި، ވަރަށް އަވަހަށް މުޅި މާލޭގެ ފެން ލޮނުވެގެންދާނެ. އާދެ، އެދުވަހެއް އަތުވެއްޖެނަމަ އެއީ އަޅުގަނޑުހިތުން މާލޭގައި މި ދިރިއުޅޭ ސާޅީސްހާސް މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ މީހުންނަށް ދިމާވާ ވަރަށްބޮޑު ދަތިކަމަކަށްވާނެ. އަދި ވަރަށްބޮޑު ނުރައްކަލަކަށްވެސް ވެދާނެ.

އެހެންވީމާ، މިހާރުއްސުރެ އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންވެއްޖެ. އާދެ، އެހެން އެ ދިމާވާންޖެހޭ ސަބަބަކީ، އޭގެ ވަރަށްގިނަ ސަބަބުތަކެއް އެބަހުރި. އެންމެ ފުރަތަމަ، މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަކަން. އާދެ، މީގެ ދިހަވަރަކަށް އަހަރު ކުރިން ނުވަތަ ބާރަ އަހަރު ކުރިން ނުވަތަ ފަނަރަ އަހަރު ކުރިން މާލޭގައި ތިބީ އެންމެ ދިހަހާސް ނުވަތަ ބާރަހާސް މީހުން. މިހާރު މާލޭގައި ސާޅީސްހާސް މީހުން އެބަތިބި. އެހެންވީމާ، އެ އަދަދު ހަތަރުގުނަޔަށް އިތުރުވެގެންދިޔައިރު، މާލޭގެ ބިމުގެ އަޑީގައި ހުރި ފެން ހުރީ ހަމަ ހުރި މިންވަރަކަށް. ނުވަތަ އެ ފެނުން ދަނީ ޚަރަދުކުރެވެމުން. އެއްދުވަހުން އަނެއް ދުވަހަށް އެ ފެންފޮދުވެސް މަދުވަމުން. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ހުރިހާ އެންމެން ދަންނަމު، ބިމުގެ އަޑީގައި އެ ހުންނަ ފެނަކީ ވާރޭފެންކަން. ވާރޭވެހުނީމާ އެ ފެން ބިމުގެ ތެރެއަށް ހިނދިގެންދަނީ. އެ ހިނދިގެންދާ ފެން ބިމުގެ އަޑީގައި ވަކި ހިސާބުގަނޑެއްގައި ޖަމާވެފައި ހުންނަނީ. އެއީ އަޅުގަނޑުމެން ވަޅު ބަހައްޓައިގެން މިނަގާ ފެނަކީ. ވާރޭވެހޭވަރު އެއީ ގާތްގަނޑަކަށް ކޮންމެ އަހަރުކުވެސް އެއްވަރެއް. އަނެއްކާ އެ ފެން ރައްކާކުރުމަށްޓަކައި އަޅުގަނޑުމެންނަށް ލިބިފައިވާ ސަރަޙައްދު، މާލޭގެ ބިންކޮޅު އެއީވެސް ވަރަށް ކުޑަކުޑަ ތަންކޮޅެއް. އެހެންވީމާ، ވާގޮތަކީ މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ގިނަވެގެން ދިޔުމާއެކު، ކޮންމެ މީހަކުވެސް ފެނުގެ ބޭނުންކުރަންޖެހޭތީ، މާލޭގެ ބިމުން ކޮންމެ ދުވަހެއްގެ މައްޗަށް ޚަރަދުކުރެވޭ ފެނުގެ އަދަދު ދަނީ ވަރަށްބޮޑުތަން އިތުރުވެގެން.

އާދެ، މިދެންނެވި ބޭރުގެ މާހިރުން ހޯދި ހޯދުންތަކުގެ މައްޗަށް ބުރަވެހުރެ ދަންނަވަންޖެހެނީ، މާލޭގެ ބިމުން ކޮންމެ ދުވަހަކު ހަތްހާސް ކޮޑިމީޓަރުގެ ފެން އެބަ ނެގެޔޭ. އަދި އެ ފެން ދަނީ މިހާރު މޫދަށޭ. އާދެ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީވަމުންދިޔަދިޔަހެން، އަޅުގަނޑުމެންގެ ދިރިއުޅޭ ގޭގެ ކަންތައްތައްވެސް ދަނީ ތަރައްޤީވަމުން. އަޅުގަނޑުމެންގެ ދިރިއުޅޭ ގޭތަކުތެރެއިން ވަރަށްގިނަ ގޭގޭގައި މިހާރު ފާޚާނާ ބެހެއްޓިފައި އެބަހުރި. އެ ފާޚާނާ ހޮޅިވަނީ މޫދާ ގުޅައިލެވިފައި. އެހެންވީމާ، އަޅުގަނޑުމެން ބޭނުންކުރާ ފެން މިދަނީ މޫދަށް. ކުރިންވިއްޔާ ގިފިލި ބޭނުންކޮށްގެން އުޅުނުއިރު، އަޅުގަނޑުމެން ބޭނުންކުރާ ފެނުގެ ވަރަށްބޮޑު ބައެއް ދެވަނަފަހަރަށް ބިމުގެ އަޑިޔަށްދޭ. އެހެންވީމާ، އެ ފެން ބިމުގެ ތެރޭގައި ހުންނަ ހުރުމުގައި ސާފުވެގެން ނަމަވެސް ދެވަނަފަހަރަށް އެބަ ބޭނުންކުރެވޭ. މިހާރު އެގޮތް އެއޮތީ ބަންދުވެފައި. ގިނަފެން މިދަނީ މޫދަށް. ނަތީޖާއަކަށްވަނީ އަޅުގަނޑުމެން ޚަރަދުކުރާވަރަށް އަޅުގަނޑުމެންނަށް ފެން ލިބެމުން ނުދިޔުން. ބިމުގެ އަޑީގައި ހުންނަނީ ކުރިންވެސް ދެންނެވިހެން ވަކިވަރަކަށް ފެން. އެ ފެނުން ޚަރަދުކުރެވެމުންދާ އަދަދު ގިނަކަމަށްވެފައި، އެއާ އެއްވަރު އަދަދަކަށް އިތުރަށް ފެން ނުލިބެންޏާ، އަޅުގަނޑު ހިތުން ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް ވިސްނޭނެ. ފެންފޮދު ދާނީ މަދުވަމުންކަން.

އާދެ، އެހެންވީމާ، ބޭރުގެ މާހިރުން ބުނާގޮތުގައި ދުވާލަކު ހަތްހާސް ކޮޑިމީޓަރުގެ ފެން މާލެއިން ޚަރަދުވެގެން ހުސްވެގެން އެބަދޭ. އެވަރަކަށް ވާރެއެއްނުވެހޭ. އަދި ބިމުގައި އެވަރަކަށް ފެން އިތުރުވެގެންނެއްވެސް ނުދޭ. އެހެންވީމާ، މާލަސްތަކެއްނުވެ ވަރަށް އަވަހަށް އެމީހުން ބުނާގޮތުގައި، ވަރަށްކުރު މުއްދަތެއްގެ ތެރޭގައި އެދުވަސް އަޅުގަނޑުމެންނަށް ކުރިމަތިލާފާނެ. މިދަންނަވަނީ މާލޭގެ ފެން އަޅުގަނޑުމެން ބޭނުންކުރަން ނުކެރޭވަރަށް ލޮނުވާ ދުވަސް. މިހާރުވެސް މާލޭގެ އެންމެ ރަނގަޅު ހިސާބުތަކުގައިވެސް، ބައެއް ގޭގޭގެ ވަޅުވަޅުގެ ފެން ހުންނަނީ ފާވެފައި. އެގޭގެ މީހުން އެ ފެނުގެ ބޭނުންކުރަން، ބޯން ބޭނުންކުރަން ނުކެރޭވަރުވެފައި. އެގޭގޭގެ މީހުންވެސް މިހާރު އެހެން ތަންތަނުން ފެން ގެންނަމުން މިގެންދަނީ. އެހެންވީމާ، މިއީ ތެދެއްކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ.

އާދެ، އަޅުގަނޑު ހިތުން މި ވާހަކަ މިހެން ދައްކާއިރު ބައެއް މީހުންގެ ހިތަށްއެރުން އެކަށީގެންވޭ "އެކަމަކު ފެނަކީ އެއީ ﷲ ދެއްވާ ރިޒްޤެކޭ، ނިޢުމަތެކޭ. އެހުރިވަރު އެއީ މާތްރަސްކަލާނގެ މިންވަރު ކުރައްވާ ގޮތެއްގެ މަތިން ވާކަމެކޭ. އެއާ ދޭތެރޭ އަޅުގަނޑުމެންނަށް ވާހަކަ ދައްކާކަށް ނޭނގޭނެއޭ. ފެން ބިމުގެ އަޑީގައި ހުރިވަރެއްވެސް ނޭނގެއޭ. މިއީ ބޭނުން ވާހަކައެއް ނޫނޭ." އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ ސަމާލުކަމަށް ދަންނަވާލަން ބޭނުންވަނީ، ދީނުގައި އެކަން އޮތީ އެހެން ނޫންކަމަށް ދަންނަވަން ބޭނުންވަނީ. އާދެ، ދެންމެ މި ޖަލްސާ ފެށުނުއިރު އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރޭގައިވެސް ހަމަ މި މައުޟޫޢާބެހޭ ވަރަށް ޚާއްޞަ އާޔަތެއް އެބައޮތް. އާދެ، އެ އާޔަތް ދަންނަވާލުމަށް މި ފުރުޞަތުގެ ބޭނުން އަޅުގަނޑު ކުރަން. ﷲ ވަޙީކުރައްވަނީ "وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ." "އާދެ، ﷲ އެ ވަޙީކުރައްވަނީ ތިމަންރަސްކަލާނގެ ބާވައިލެއްވީމުއޭ އުޑުން ފެން، ވާރޭ ވެއްސެވީމުއޭ." "بِقَدَرٍ" "ތިމަންރަސްކަލާނގެ އެ ވާރޭ ވެއްސަވަނީ ވަކިމިންވަރަކަށޭ." "فَأَسْكَنَّاهُ فِي الْأَرْضِ." "އެ ފެން ތިމަންރަސްކަލާނގެ ބިމުގެ އަޑީގައި ޖަމަޢަކުރައްވައި ރައްކާކުރެއްވީމުއޭ." "وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ." "އަދި ތިމަންރަސްކަލާނގެ ކުޅަދުންވަންތަވޮޑިގެންވަމޭ އެ ފެން ގެންދެވުމަށް. އެ ފެން ގެންދަވައި ހުސްކޮށްލެއްވުމަށް." އެހެންވީމާ، މި އާޔަތުން ކަނޑައެޅިގެން އެބަ އެނގޭ، ފެނަކީ ﷲ އިރާދަކުރައްވައި މިންވަރުކުރައްވާ ގޮތެއްގެ މަތިން ކޮންމެ ތަނެއްގައިވެސް ލައްވާފައިވާ އެއްޗެއްކަން. އެ ހުންނަނީ ވަކި މިންވަރަކަށްކަން. އޭގެ ބޭނުންކުރެވޭގޮތަކުން ނުވަތަ އެބައެއްގެ ޢަމަލުތައް ހުންނަ ގޮތަކުން އެ ފެނުގެ ނިޢުމަތް އެބައެއްގެ ކިބައިން ނިގުޅައިގެންނެވުމަކީ ﷲ އެކަމަށް ކުޅަދުންވަންތަވޮޑިގެންވާ ކަމެއްކަން. އެހެންވީމާ، އަޅުގަނޑުމެންނަށް ބުނެވޭކަށްނެތް އެއީ އަޅުގަނޑުމެން ވާހަކަ ދައްކަންވީ މައުޟޫޢެއް ނޫނޭ. އެކަންވާނެ ގޮތެއް ނޭނގެޔޭ. މިއޮތީ ކަނޑައެޅިގެން ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން އަޅުގަނޑުމެންނަށް އެކަން އަންގަވާފައި. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ. އަދި އެކަމާ ދޭތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅު، ވަގުތު އޮއްވައި އަޅަން ފަށަންވާނެ.

އާދެ، އަޅުގަނޑު މިދެންނެވި މަޝްރޫޢު އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ފެށޭނެ. އެހެންނަމަވެސް، އެ މަޝްރޫޢު ކާމިޔާބުވާނީ ރައްޔިތުންގެ އެއްބާރުލެއްވުން ލިބުނު މިންވަރަކުން. ރައްޔިތުންގެ އެންމެން، ހުރިހާ އަފްރާދުން، ބޮޑެތި މީހުންނާއި ކުޑަކުދިން، އަންހެނުންނާއި ފިރިހެނުން، ހުރިހާ އެންމެން މިކަމުގެ މުހިންމުކަމުގެ މައްޗަށް ވިސްނަންވީ. މި ބޭނުންކުރާ ފެނަކީ ވަރަށް އަގުބޮޑު އެއްޗެއްކަން. މި ފެންފޮދު ހުސްވެގެން ހިނގައްޖެއްޔާ ދެން ވަރަށް ދަތި ނުރައްކާތެރި ދުވަހަކާ މާލޭގެ ރައްޔިތުން ކުރިމަތިލާން ޖެހިދާނެކަން. މިކަމަށް ރަނގަޅަށް ވިސްނައިގެން، ފެން ބޭނުންކުރާއިރުވެސް، ޚަރަދުކުޑަގޮތަކަށް ބޭނުންކުރެވޭތޯ ބަލަންވީ. ޚަރަދުކުޑަގޮތެކޭ މިދެންނެވީ، މިހާތަނަށް ފެނަކީ އެއްވެސް ފައިސާއަކާ ނުލައި އެއްވެސް ޚަރަދެއް ނުހިނގާ އަޅުގަނޑުމެންނަށް ބޭނުންކުރެވޭ އެއްޗެއް. އެހެންނަމަވެސް، އެ ބޭނުންކުރަމުންގެންދާ އަދަދު އެއީ ވަރަށްބޮޑު އެއްޗެއް. ދުނިޔޭގެ ބައެއް ތަންތާނގައި ފެން އެއީ ވިއްކަން ހުންނަ އެއްޗެއް. ކޮންމެވެސް ފައިސާއެއް ދީގެން ފެން ލިބެނީ. އަޅުގަނޑުމެން މިހާތަނަށް މިއުޅުނީ އެހެންނެއް ނޫން. އަދި ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފެނަކަށް އެއްވެސް ފައިސާއެއްދޭކަށް ނުޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެން ބޭނުންކުރާ ފެން އެއީ ވަކި އުސޫލެއްގެ މަތިން ބޭނުންކުރާ އެއްޗަކަށް ހެދޭތޯ. އެފަދަ އުސޫލުތަކެއް ސަރުކާރުން ރާވައި، މާލަސްތަކެއްނުވެ އިޢުލާނު ކުރާނެ، މިދެންނެވި މަޝްރޫޢު ފެށުމާއެކު. އެހެންވީމާ، އެ އުސޫލުތައް ހިފެހެއްޓެވުމުގައި، ރައްޔިތުންގެ ހުރިހާ އަފްރާދުންގެ ފުރިހަމަ އެއްބާރުލެއްވުން ނުލިބޭ ކަމަށްވަންޏާ، ކިތަންމެ ފައިސާތަކެއް ސަރުކާރުން ޚަރަދުކޮށްގެން، ކިތަންމެ ބޮޑު މަސައްކަތެއް ހިންގި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް މިކުރިމަތިވާ ނުރައްކަލަކުން ރައްކާތެރިއެއް ނުވެވޭނެ.

އާދެ، ކުރިން އަޅުގަނޑު އިޝާރާތް ކުރިން، ކަރަންޓުގެ ވާހަކަޔަށް. އެއީވެސް ހަމަ ދަންނަވާލަންޖެހޭ އެއްޗެއް. މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން ވަރަށްގިނަ ޚަރަދު ކުރަމުންގެންދޭ. މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައިވެސް ސަރުކާރުން އިންޖީނުތައް ހޯދައި، އާ އިންޖީނުތައް އެތެރެކޮށް، އިންޖީނުގޭގައި ބެހެއްޓިފައިވޭ. އަދި އޭގެ ޚިދުމަތް ލިބެމުންދޭ. އެކަންތައްތައް ތައްޔާރުވީއިރު، އެކަމުގައި އުޅުއްވި މާހިރު ލަފާކުރެއްވިގޮތުގައި މިފަހަރު މި ބެހެއްޓޭ އިންޖީނުތަކުން ވިހި އަހަރު ދުވަސް ވަންދެން އޭގެ ބޭނުންކުރެވޭނެ. އަދި އިތުރު އެއްޗެއް، އިތުރު އިންޖީނެއް މާލެއަކަށް ބޭނުމެއްނުވާނެ. އެހެންނަމަވެސް، މާލޭގެ ކަންތައްތައް ކުރިއަށްދިޔަލެއް ބޮޑުކަމުން، އަވަސްކަމުން މާލޭގެ ރައްޔިތުން، ކަރަންޓުގެ ބޭނުންކުރަމުން ގެންދިޔަލެއް ބޮޑުކަމުން އަދި އެ ކަރަންޓްގެ ބޭނުން ކުރަމުންގެންދިޔަ ގޮތްތައް އިތުރުވެގެންދިޔަ މިންވަރުން، އެ އިންޖީނުތައް ބެހެއްޓިތާ ދެއަހަރު ނުވަނީސް މިހާރު އަޅުގަނޑުމެންނާ މިވަނީ އަނެއްކާ އެ މައްސަލަ ކުރިމަތިވެފައި. ވިހި އަހަރުވާނެ ކަމަށް ލަފާކޮށްގެން ބެހެއްޓި އިންޖީނުތަކެއް، ބޭނުން މިކުރެވުނީ ހަމައެކަނި ދެ އަހަރު. މިހާރު އެ އިންޖީނުތަކަކަށް މާލޭގައި މި ބޭނުންވާވަރަށް ކަރަންޓު ދޫކުރެވޭކަށެއް ނެތް. މިހާރު ކަރަންޓުގެ ބޭނުން ކުރެވެމުންދަނީ އޮބިއޮންނަވަރަކަށް ނޫން.

އެހެންވީމާ، އަލުން އަނެއްކާ ވަރަށްބޮޑެތި ޚަރަދުކޮށްގެން، ސަރުކާރުން އިތުރު އިންޖީނު ގެންނަން އެބަޖެހޭ. އިތުރު އިންޖީނު ގެންނައިރު، ސަރުކާރަށް ލިބޭ އާމްދަނީވެސް ކުޑަކަމާއެކު، އެއީކީ މާފަސޭހައިން ކުރެވޭނެ ކަމެއް ނޫން. އެކަން އެހެން ކުރާއިރު، ކަރަންޓު ޚަރަދުކުރުމުގައި އަޅުގަނޑުމެން އިތުރަށް ނުވިސްނާ ކަމަށްވަންޏާ، އޭގެ ބޭނުމެއްވެސް ނޯންނާނެ. ދެން ގެންނަ އިންޖީނުތަކެއްވެސް، އެއް އަހަރު ނުވަތަ ދެ އަހަރު ނޫނީ އޭގެ ބޭނުމެއްނުކުރެވޭނެ. އަޅުގަނޑު މި ދެންނެވީ އިންޖީނުތައް ހަލާކުވާނެ ވާހަކައެއް ނޫން. އެހެންނަމަވެސް އެއިން ދޫކުރާ ކަރަންޓުން މާލެއަކަށް ނުފުދޭނެއޭ. މިހާރު އަޅުގަނޑުމެން ވަރަށްގިނަ ކަންތައްތަކުގައި ކަރަންޓުގެ ބޭނުން މިކުރަނީ. ބޭނުންކުރަންނުޖެހޭ ކަހަލަ ކަންތައްތަކުގައިވެސް ބޭނުންކުރަނީ. އެއްވެސް އުސޫލެއްނެތި އެއަށް ވިސްނާނުލައި، ކަރަންޓުގެ އަގުހެޔޮކަމުންނޭވެސް ދެންނެވިދާނެ. ކޮންމެއަކަސް ބޭނުންކުރެވެނީ އަގުހެޔޮވީމާ.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ކަރަންޓުގެ އަގުބޮޑުކުރަންޖެހޭނެ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ އެކަމަށް އަޅުގަނޑުމެން ވިސްނައިގެން ކަރަންޓު ބޭނުންކުރާ ކުރުންވެސް ޚަރަދުކުޑަގޮތަކަށް ނުކުރިއްޔާ، މި މައްސަލައަކީ އަޅުގަނޑުމެންނަށް އޮބިނޯންނަވަރުގެ މައްސަލައަކަށް ވެދާނެއޭ. މިހާރުވެސް މިއޮތީ ވެފައި. އަދި މިއަށްވުރެވެސް މާދަތި ހިސާބަކަށް އަޅުގަނޑުމެންނަށް ދާންޖެހިދާނެއޭ. އެހެންވީމާ، މިކަމާ ދޭތެރޭގައިވެސް މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ.

އަޅުގަނޑުގެ އިލްތިމާސަކީ ރައްޔިތުންގެ ހުރިހާ އެންމެންވެސް މިކަމާ ދޭތެރޭގައިވެސް ވިސްނެވުން. ދޭތެރެ ދޭތެރެއިން ރޭޑިއޯއިންވެސް އެ ގޮވަނީ. ކަރަންޓުގެ ބޭނުންކުރެއްވުމުގައި ވިސްނަވާށޭ. ބޭނުންނޫން ކަންތައްތައް ނުކުރައްވާށޭ. ވަކި ގަޑިތަކެއްގައި ގިނަ ކަރަންޓު ބޭނުންވާކަހަލަ އެއްޗެތީގެ ބޭނުން ނުކުރައްވާށޭ. އެހެންނަމަވެސް، އެއަށް ލިބޭ އިޖާބަ އަޅުގަނޑަށް ދަންނަވަންޖެހެނީ މާފުރިހަމައެއް ނޫނޭ. ނަތީޖާއަކަށްވަނީ ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންނާ، މި އިޙްސާސް ކުރެވޭކަހަލަ މައްސަލަތައް ދިމާވަނީ. ކުއްލިއަކަށް ކަރަންޓް ހިނގައިދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ތިބެންޖެހެނީ އަނދިރީގައި އަދި މުސްތަޤްބަލުގައި އެކަށީގެންވާ ރަނގަޅު ޙައްލެއް ނުފެނިއްޖެއްޔާ މިހާރަށްވުރެވެސް މާދަތި، މާއުނދަގޫ މައްސަލައަކަށް އެ މައްސަލަ ވެދާނެ.

އާދެ، މާލޭގެ އެކި ކަންކަމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުހިތުން އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން. އެހެންވީމާ، އަޅުގަނޑުމެންގެ އުޅުމާއި ސުލޫކާއި އަޚްލާޤު ހުންނަންޖެހޭނީ ވަކި ހަމަތަކެއްގެ މަތިންކަން. ދީނުގައި ހުއްދަ ކުރައްވާފައިވާ ދާއިރާގެ ތެރޭގައިކަން. އާދެ، މި ވާހަކަ މިއީ ހަމައެކަނި މާލޭގެ ރައްޔިތުންނާ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. ހަމައެކަނި މާލޭގެ ރައްޔިތުންނާއި ނުވަތަ މާލޭގައި ދިރިއުޅޭ މީހުންނާ ދައްކާ ވާހަކައެއްވެސް ނޫން. ދިވެހި ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދައްކާ ވާހަކައެއް. އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤުގެ ވާހަކަ މިއީ. މިހާރަކަށްއައިސް މިއީ ވަރަށްބޮޑުވެފައިވާ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ނޭދެވޭ ގޮތްތައް ފެތުރި، އަޅުގަނޑުމެންގެ އަޚްލާޤު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްގޮސް، ދީނީ ކަންތައްތަކަށް އަޅުގަނޑުމެންގެ ހިތުގައި އޮންނަ ޙުރްމަތްތެރިކަން، އެއްދުވަހުން އަނެއް ދުވަހަށް ދަނީ އުނިވަމުން، ކުޑަވަމުން. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އުފެދެމުންދަނީ ދީނަށް ޙުރްމަތްތެރިކޮށްނުހިތާ ޒުވާނުންތަކެއް. އާދެ، އަޅުގަނޑު ނުދަންނަވަން، ހުރިހާ އެންމެންނެކޭ. އޭގެތެރެއިން ބައެއް މީހުން. ގިނަމީހުންނަކީ ދީނަށް ޙުރްމަތްތެރިކޮށްހިތާ މީހުންކަން އަޅުގަނޑުވެސް އެއްބަސްވަން.

އާދެ، މާލޭގައި ވަރަށްގިނަ އަދަދަކަށް މިސްކިތްތައް ހުންނައިރުވެސް މިސްކިތްތައް ހުންނަނީ ގިނަ ވަގުތަށް ފުރިފައި. އަދި ޚާއްޞަކޮށް، ހުކުރު ދުވަހު. މިހާރު މާލޭގައި ހުކުރުކުރާ ނުވަ މިސްކިތް އެބަހުރި. އެހެންނަމަވެސް، އެހުރިހާ މިސްކިތެއްވެސް ފުރިގެން، މަގުމަތީގައިވެސް މީހުން ނަމާދުކުރަން އެބަޖެހޭ. އެއިން ދައްކާ އެއްޗަކީ ނަމާދަށްދާ މީހުންގެ އަދަދު މިހާރު ގިނަކަން. އެހެންވީމާ، ދީނީ ކަންތައްތައް، ހުރިހާ ކަންތައްތައް ދަނީ ފަހަތަކަށޭ ދެންނެވޭކަށް ނެތް. އަދި ހުރިހާ އެންމެން ދީނަށް ޙުރްމަތްތެރިކޮށްނުހިތައޭ ދެންނެވޭކަށްވެސް ނެތް. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ދީނުގެ ކަންތައްތަކަށް އަޅައިނުލާ، ޙުރްމަތްތެރިކޮށްނުހިތައި އުޅޭ ބައެއްގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ވަރަށް ނޭދެވޭ ކަންތައްތަކެއް މިހާރު ފެތުރިގެން އެބަ ހިނގާ. އެކަންތައްތައް ހުއްޓުވުމަކީ އަޅުގަނޑު ހިތުން ސަރުކާރުގެ ވާޖިބެއް. ހަމައެފަދައިން، އެއީ ރައްޔިތުންގެވެސް ވާޖިބެއް.

ހަނދުމަފުޅު ހުންނާނެ ފަދައިން، މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، އާދެ، މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑު ރިޔާސީ އާ ދައުރަކަށް ހުވާކުރުމާއެކު، އެދުވަހު ދެއްކި ވާހަކައިގައި ދަންނަވާލިން، މާތްވެގެންވާ އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފުވާގޮތަށް ހިނގާ ކަންކަން ހުއްޓުވުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ގަސްދުކުރެއޭ. އެ މަސައްކަތްތަކަކީ އެކަމަށް ބަޔަކު ނުރުހުނު މަސައްކަތްތަކެއް ކަމުގައިވިޔަސް، އެއީ ދީނުގެ މަގުގައި ކުރެވޭ ޖިހާދެއްގެ ގޮތުގައި އަޅުގަނޑު ކުރިއަށް ގެންދަން ގަސްދުކުރާ ކަމެކޭ.

އާދެ، މިހާރު ރާއްޖޭގައި ވަކި ބައެއްގެ ތެރޭގައި ފެތުރިގެންދާ ނުބައި ނޭދެވޭ އާދަޔަކީ ދަންނަވަންވެސް މާ ފަސޭހަ އާދައެއް ނޫން. އާދެ، އެއީ ބަނގުރާ ބުއިން. އެކަން އެއީ އެއްވެސް ހާލެއްގައި ރާއްޖޭގައި ފެތުރިގެންވާނެ ކަމެއް ނޫން. ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. އެހެންކަމަށްވުމާއެކު، މިއީ ކަނޑައެޅިގެން އަޅުގަނޑުމެންގެ މި އިސްލާމީ ޝަޚްޞިއްޔަތަށް ވަރަށްބޮޑު އުނިކަމެއް ލިބިދޭނެ ކަމެއް. ދުނިޔޭގެ ކުރިމަތީގައި ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި އަޅުގަނޑުމެންނަށް ލިބިފައިވާ ރީތި ނަމާއި ޤަދަރުން ވަރަށްބޮޑު ބައެއް އުނިވެގެންދާނެ ކަމެއް. އެހެންވީމާ، އެކަންތައް ހުއްޓުވުމަށް ސަރުކާރުން އެޅެންހުރި ހުރިހާ ފިޔަވަޅެއް މިހާރު އަޅަން ގަސްދުކުރާކަން އަޅުގަނޑު މިދަންނަވާލަނީ، މާލޭގެ ރައްޔިތުންނާއި އަދި މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލެއްވުން މިކަމުގައި ބޭނުންވާ ވާހަކަ ދަންނަވާލަމުން.

އާދެ، ރާބުއިމާއި މަސްތުވާތަކެތީގެ ބޭނުންކުރުމާ، މި ހުންނަނީ ކަނޑައެޅިގެން ދީނާ ޚިލާފު ކަންތައްތައް. އެފަދަ ކަންތައްތައް ރާއްޖޭގައި ފެތުރިގެންދިޔަދީގެންނެއް ނުވާނެ. އެއީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން. އެއީ ރައްޔިތުންގެވެސް މަސްއޫލިއްޔަތު. އެހެން ދަންނަވަން މިޖެހޭ ސަބަބަކީ، ސަރުކާރުން އެ ޤަވާޢިދުތަކާއި ޤާނޫނުތައް ހިފެހެއްޓޭނީ، ރައްޔިތުންގެ އެއްބާރުލެއްވުން ލިބުނު މިންވަރަކުން. އެފަދަ ކަންތައްތައް ކުރާ މީހުން އެނގިގެން އެމީހުންނަށް އެކަށީގެންވާ އަދަބު ދެވިގެން.

އެހެންވީމާ، މިހާރު މިކަންތައްތައް އެކަށީގެންވާ ގޮތެއްގެމަތިން ގެންދިޔުމަށްޓަކައި، އާދެ، މިދެންނެވީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފުވާ މިބާވަތުގެ ކަންތައްތައް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ނުވަތަ މިހާރު އަޅަން ގަސްދުކޮށްފައިވާ ފިޔަވަޅުތައް އިރާދަކުރެއްވިއްޔާ ހަމަ މާދަމާއިން ފެށިގެން އިޢުލާނު ކުރެވެމުންދާނެ. އެހެންވީމާ، އެ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވޭ. އެކަންތައްތައް ކުރަމުންގެންދާ މީހުންގެ ޚަބަރު، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިބެން ބޭނުންވޭ. އެހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ އެއީ މާފަސޭހަ ކަމަކަށްވެސް ނުވާނެކަން. ކޮންމެ މީހަކުވެސް ހިތަށްއަރާނީ ތިމަންނާގެ ސަބަބުން އެހެން މީހަކަށް އަދަބެއް ލިބުން ނުވަތަ ބޮނޑިއެއް ލިބުން، އެއީ ތިމަންނާ އެދޭ ގޮތެއް ނޫނޭ. އެއީ ވަރަށް މާތް ޝުޢޫރެއް. އަޅުގަނޑުވެސް އެއްބަސް. އެހެންނަމަވެސް، ޤައުމުގެ ދިފާޢުގައި، ދީން ރައްކާތެރިކުރުމަށްޓަކައި އެފަދަ ޝުޢޫރަކަށް އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ތަނެއް އޮވެގެނެއް ނުވާނެ. އެކިއެކި ބޮޑެތި ކުށްތައް ކުރާ މީހުން އެނގިގެން އެމީހުން ހިފޭނީ. އެމީހުންނަށް ޤާނޫނާއި ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބު ދެވޭނީ. އަދި އެ އަދަބު ލިބުމުން އެހެން މީހުންނަށް އެ ޢިބްރަތަކަށްވެސް ވާނީ. އެކަންތައްތައް ހުއްޓުވޭނީ. އެހެންވީމާ، ރައްޔިތުންގެ އެއްބާރުލެއްވުމަށް މިކަމުގައި އަޅުގަނޑު މިގޮވާލަނީ.

ހަމައެފަދައިން އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ނޭދެވޭ އަނެއްކަމަކީ، އިސްލާމްދީނާ ޚިލާފު އަނެއް ކަމަކީ، އެކިއެކި ބަދު އަޚްލާޤީ ކަންތައްތައް، ޖިންސީ ޢަމަލުތައް. މިކަންތައްތައް ހިންގާ ފަރާތްތަކެއްވެސް މިހާރު މާލޭގައި އެބަހުރިކަން. ނުވަތަ ހުރި ވާހަކަ އިވޭ. އެހެންވީމާ، މިހާރު ސަރުކާރުން ގަސްދުކުރަނީ އެކަންތައްވެސް ވަރަށް ބޮޑަށް ބަލައި، އެކަންތައްތަކާ ދޭތެރޭގައި އެކަށީގެންވާ ފިޔަވަޅު އަޅަން. އެބާވަތުގެ ކަންތައްތަކެއް ހިންގާ ގެއެއް ފެނިއްޖެއްޔާ އެ ގެއެއް ސަރުކާރުން މިހާރު ގަސްދުކުރަނީ، އެ ގެއެއް އެގޭގެ ވެރިފަރާތުން ވަކިކުރަން. ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރުން ގޯތި ދޫކުރަނީ މީހުން ދިރިއުޅުމަށްޓަކައި. މީހުންނަށް ހިޔާވައްސެއް ދިނުމުގެ ގޮތުން ސަރުކާރުންދޭ ޢިނާޔަތެއްގެ ގޮތުގައި. އެ ޢިނާޔަތުގެ ބޭނުންކުރެވެންވާނީ، ހަމަޖެހޭ ރަނގަޅު އުސޫލެއްގެ މަތިން. މާތްވެގެންވާ އިސްލާމްދީނާ ޚިލާފުވާ ގޮތުގެމަތިން، އެ ޢިނާޔަތުގެ ބޭނުންކުރުމަކީ ސަރުކާރުން މީގެފަހުން ހުއްދަކުރާނެ ކަމެއް ނޫން. ތަންދޭނެ ކަމެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މީގެފަހުން އެކަހަލަ ކަމެއް ހިންގާ ގެއެއް، ކަނޑައެޅިގެން އިސްލާމްދީނުގައިވާ ގޮތާ ޚިލާފު ޢަމަލުތަކެއް، މިދެންނެވި ފަދަ ރާބުއިން، މަސްތުވާތަކެތީގެ ބޭނުންކުރުން ނުވަތަ އެކިއެކި ޖިންސީ ޢަމަލުތައް ރާވައިގެން ހިންގާ ފަރާތެއް ސާބިތުވެއްޖެއްޔާ، އެފަރާތެއްގެ ކިބައިން އެގެ ސަރުކާރުން ވަކިކުރާނެއޭ.

އާދެ، މި ވާހަކަ ދަންނަވާއިރު، އަޅުގަނޑުމެންގެ މަގުމަތީގައި ކަންތައްތައް ހުރިގޮތާ ދޭތެރޭގައިވެސް އެއްޗެއް ދަންނަވާލަންޖެހޭ. އެއީވެސް އަޅުގަނޑަށް ދައްކަން ވަރަށްދަތި އުނދަގޫ ވާހަކައެއް. އެހެންނަމަވެސް، މިކަހަލަ މުނާސަބަތެއްގައި ޞަރީޙަކޮށް ދަންނަވައިގެން ނޫނީ އަޅުގަނޑުހިތުން މިކަންކަން ރަނގަޅު މަގަކަށް ނޭޅޭނެ. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ މަގުމަތީގެ ކަންތައްތައް މިހާރު ހުންނަނީ ވަރަށް ނޭދެވޭ ދަރަޖަޔަކަށް ގޮސްފައި. އިސްލާމީ އެއްވެސް ޤައުމެއްގައި ކަންތައްތައް ނުހުންނަ ދަރަޖަޔަކަށް. މިދެންނެވީ ނޭދެވޭ އެކިއެކި ޢަމަލުތައް ހިންގުން. ޚާއްޞަކޮށް، މަގުމަތީގައި ހިނގާ އުޅޭ އަންހެން ކުދިންނާއި އަންހެނުންނާ ދޭތެރޭގައި މިއީ އެއްވެސް ޤައުމެއްގައި އަދި އިސްލާމް ނޫން ޤައުމުތަކުގައިވެސް އެކަންތައްތައް އޮންނަ ގޮތެއް ނޫން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވާ އޮޅުދޫކަރައިގައިވެސް ނުވަތަ އުތުރު ކަރައިގައިވެސް މިއިން އެއްވެސް ތަނެއްގައި މިކަހަލަ މަންޒަރުތަކެއް ނުފެނޭ. އެކަމަކު މާލޭގެ މަގުމަތީގައި މިހާރު މިކަހަލަ ކަންތައްތައް ފެނުމަކީ ވަރަށް އާދައިގެ ކަމެއް. އެކަންތައްތައް އެހެން ހުރުމުގެ ސަބަބުން މީހުންނަށް ވަރަށްބޮޑު ދައްޗަކަށް އެކަންވޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ އުޚުތުން ކަމުގައިވާ ޖިންސުއްލަޠީފުންގެ މެންބަރުންނަށް. އެބޭފުޅުން މަގުމަތީގައި ހިންގަވަން އެއީ މިހާރުވަނީ ވަރަށްދަތި އުނދަގޫ ކަމަކަށްވެފައި. އެހެންވީމާ، އެކަންތައްތައް ހުއްޓުވުން އެއީވެސް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމެއް. އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާއިރު، އެކަމުގައި ރައްޔިތުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވޭ. އެއީ އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ މަގެއްގައި، ކޮންމެ ގެއެއްގެ ކައިރީގައި، ކޮންމެ ގޯޅިއެއްގައި ސިފައިންގެ މީހަކު ނުބެހެއްޓޭނެ. އެމީހުންނަކަށް ނުތިބެވޭނެ އަބަދު ހުރިހާ ތަންތަން ބަލަހައްޓައި ޙިމާޔަތްކޮށް ޤާނޫނުތައް ހިންގާކަށެއް. ތިބޭނެ ބަޔަކީ ރައްޔިތުން. އެހެންވީމާ، ރައްޔިތުންގެ އެއްބާރުލެއްވުން މިކަހަލަ ކަންތަކުގައި ލިބިގެން ނޫނީ، ސަރުކާރުން މިއިން އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭނެ.

އާދެ، އަޅުގަނޑުމެންނަކީ އިސްލާމީ މުޖުތަމަޢެއްގައި ދިރިއުޅޭ ބަޔަކަށްވާއިރު، އިސްލާމީ މުޖުތަމަޢުގައި ކަންތައް އޮންނަގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭނެ. ކޮންމެ މުސްލިމެއްގެވެސް ވާޖިބެއް، މުންކަރާތް ނަހީކުރުން. ނުބައި ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުން. އެމީހަކަށް، ނުބައި ކަމެއް ކުރެވެނިކޮށް ފެނިއްޖެއްޔާ އެކަމެއް ހުއްޓުވަން އެމީހަކު މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް މިހާރު ވާގޮތަކީ އެއީ ތިމާޔާބެހޭ ކަމެއް ނޫނޭ ހިތަށްއަރައި، ބޮލުން ނައްޓައިލެވެނީ. އެހެން މީހަކު ކުރާ ކަމެކޭ، އެމީހަކު އެކަން ކޮށްފާނެއޭ. ތިމަންނާ ނުކުރީމާ ނިމުނީއޭ. މި އުސޫލު މިހާރު އަޅުގަނޑުމެންގައިގައި ވަނީ ވަރަށް ބޮޑަށް އަށަގެންފައި. އެއީ އެހެންނަމަވެސް، ދީނާޚިލާފު އުސޫލެއް. އިސްލާމްދީނުގައި އޮންނަގޮތެއް، ކޮންމެ މީހަކުވެސް އެމީހާއަށް ދީނުގައި ނަހީކުރައްވާފައިވާ ކަމެއް ފެނިއްޖެއްޔާ ވާނެ އެކަމެއް ހުއްޓުވޭތޯ މަސައްކަތް ކުރަން. "من رأى منكم منكرا فليغيره بيده" ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ، "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް ނުބައި ޙަރާމްކަމެއް މީހަކު ކުރަނިކޮށް ފެނިއްޖެނަމަ، އެކަމެއް އެމީހާގެ އަތުން ހުއްޓުވާށޭ." އާދެ، ތިމާއަށް އެ ހުއްޓުވުމުގެ ބާރު، ޤާނޫނާއި ޤަވާޢިދުން ތިމާއަށް އެ ބާރު ލިބިގެންވާ ކަމަށްވަންޏާ، އެ ޤާނޫނާއި ޤަވާޢިދުން އެ ބާރުގެ ބޭނުންކޮށްގެން އެކަމެއް ހުއްޓުވާށޭ! "فإن لم يستطع فبلسانه" އެކަން ހުއްޓުވުމަށް އެފަދަ ބާރެއް ލިބިފައިނުވާ މީހަކުނަމަ، އެމީހާގެ ދުލުން އެކަމެއް ހުއްޓުވާހުށިކަމެވެ. އާދެ، އެކަން ނުކުރާށޭ ބުނަންވީ. ނަޞޭޙަތްތެރިވާންވީ. ތިޔައީ މަނާކުރައްވާފައިވާ ކަމެކޭ، ހުއްދަ ކަމެއް ނޫނޭ، ތިޔަކަން ކޮށްގެން ނުވާނެއޭ ކިޔާފައި ނަޞޭޙަތްތެރިވެ، ނަޞޭޙަތްތެރިވުމުގެ ގޮތުން އެކަން ހުއްޓުވޭތޯ ބަލަންވީ. "فإن لم يستطع فبقلبه" އެކަން އެވަރުންވެސް ހުއްޓުވަން އެމީހާއަށް ނުކުޅެދިއްޖެނަމަ، އެމީހާގެ ހިތުން އެކަން ހުއްޓުވާހުށިކަމެވެ. އާދެ، އޭގެ މާނައަކީ އެކަހަލަ ކަމެއްގައި ތިމާ ބައިވެރިނުވެ، އެއީ ނުބައި ކަމެއް ކަމަށް ތިމާގެ ހިތުން ގަބޫލުކޮށް އެކަމުގައި ބައިވެރިނުވެ އެކަމުން ރައްކާތެރިވެ ހުންނާށޭ. "وذلك أضعف الإيمان" އެއީ އީމާންކަމުގެ ފެންވަރުތަކުގެ ތެރެއިން އެންމެ ދަށް ފެންވަރޭ. އެންމެ ބަލިކަށި ފެންވަރަކީ އެއިއްޔޭ.

އެހެންވީމާ، މުއުމިނަކަށް ވާނީ އެންމެކުޑަމިނުގައި އެ ފެންވަރު ތިމާގެ ހިތުގައި އޮންނަ މީހަކު. އެ ފެންވަރުވެސް ނެތްކަމަށްވަންޏާ އެއީ ތިމާ މުއުމިނަކަށްނުވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ އިސްލާމްދީނުގައި މި އޮންނަނީ އެންމެން އެއްބާރުލައިގެން މިހުރިހާ ކަންތައްތަކެއް ކުރަން. ރަނގަޅު ކަންތައްތަކަށް ނަޞޭޙަތްތެރިވުމާއި، ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވުން އެއީ ކޮންމެ މުސްލިމެއްގެވެސް ވާޖިބު. އެހެންވީމާ، އެ ވާޖިބު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަދާކޮށްގެންނޫނީ، އަޅުގަނޑުމެން ބޭނުންވާކަހަލަ ހަރުދަނާ ރަނގަޅު އުސޫލެއްގެ މަތިން އަޅުގަނޑުމެންގެ މުޖުތަމަޢު، އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަކަށްނުދާނެ.

އާދެ، އަޅުގަނޑު މިދެންނެވި ކަންތައްތައް، އެކަންތައްތައް ހިންގަވަން ސަރުކާރުން ހަމަޖެހިފައި އޮތް ފަރާތްތަކަށް މިހާރުވާނީ އެ ވާހަކަ ދެންނެވިފައި. އެފަރާތްތަކުން ކަމާބެހޭ އެންގެވުންތަކާއި އިޢުލާނުތައް ނުކުންނަމުންދާނެ. އެ އެންގެވުންތަކާއި އިޢުލާނުތަކަށް އަޅުގަނޑުމެން އެންމެން ބޯލަނބައި ކިޔަމަންތެރިވާންވާނެ. އެއާޚިލާފަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި ސަރުކާރުން ހަރުކަށި ފިޔަވަޅުއަޅާނެ. އާދެ، އަޅުގަނޑު މިދެންނެވި ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް ވަކިކަހަލަ މަސައްކަތެއް ކުރާ ބަޔަކަށް ދަތިކުރުމެއް ނޫން. ވަކި މުޖުތަމަޢުގައި ހިމެނޭ ބައިބައިގެ ތެރެއިން، ވަކިބަޔަކާ ދޭތެރޭގައި އެކަށީގެންނުވާ ޢަމަލުތަކެއް ހިންގުމެއް ނޫން. މި ފިޔަވަޅުތަކުގެ ބޭނުމަކީ އަޅުގަނޑުމެންގެ ދީން ރައްކާތެރި ކުރުން. އަޅުގަނޑުމެންގެ މުޖުތަމަޢު ރައްކާތެރި ކުރުން. އަޅުގަނޑުމެން އެންމެން ގަބޫލުކުރާ އުސޫލުތައް ދިފާޢުކުރުން. އަޅުގަނޑުމެންނަކީ ކުރިންވެސް ދެންނެވި ފަދައިން، އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދަންނަ ފަދައިން އިސްލާމީ ޤައުމެއް. އަޅުގަނޑުމެންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެން މިތިބީ އެ މާތް ޢަޤީދާގެ މަތީގައި. އެ އުސޫލުތަކަށް ބޯލަނބައިގެން. އެހެންވީމާ، އެ މާތް ޢަޤީދާ ރައްކާތެރިކޮށް، އެ އުސޫލުތައް ހިމާޔަތްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ވާޖިބު. އެކަންތައްތައް އެގޮތަށް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ޤައުމެއްގެވެސް ސަރުކާރުގެ ވާޖިބު. އެހެންވީމާ، ސަރުކާރުން އެ މަސައްކަތް ކުރަން އެބަޖެހޭ. ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލެއްވުންވެސް އެކަށީގެންވާ ދަރަޖައަކަށް ބޭނުންވޭ. ވަރަށް ފުރިހަމަ ދަރަޖައަކަށް ބޭނުންވޭ.

އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. ރައްޔިތުންގެ އެއްބާރުލެއްވުން ނުލިބި، މިއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެއޭ. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢަކީ އިސްލާމީ ސާފު ޠާހިރު މުޖުތަމަޢަކަށްވުން. އަޅުގަނޑުމެންގެ ޒުވާނުންނަކީ އިސްލާމްދީނުގެ މާތް އުސޫލުތަކުގެ މަތިން ތަރުބިޔަތު ލިބިގެން ޤައުމަށް ޚިދުމަތް ކުރާނެ ޒުވާނުންތަކަކަށްވުން. އަޅުގަނޑުމެންގެ ޅަކުދިންނަކީވެސް މުސްތަޤްބަލުގައި އެމީހުންގެ ބޭނުން، ޤައުމަށް ހިފޭނެ ބަޔަކަށްވުން. އެހެންވީމާ، މިކަންތައްތައް މިގޮތަށް ގެންދަން ސަރުކާރުން ގަސްދުކުރީ. އެކަންތައްތައް އެގޮތަށް ގެންދިޔުމުގައި ތިޔަ ހުރިހާ ބޭފުޅުންގެ، އާދެ، މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވަނީ.

އަޅުގަނޑުމެންގެ ތެރޭގައި ދީނީ ކަންތައްތަކަށް ޙުރްމަތްތެރިކޮށްހިތުން ކުޑަވެގެންދިޔަ މިންވަރަކީ، މިހާރު ބަންގިގޮވާ އަޑު އިވުނަސް، އެއްވެސް ކަމެއް ހުއްޓައެއްނުލެވޭ. ކުޅިވަރު ކުޅޭ މީހުން ކުޅިވަރު ކުޅެމުންދަނީ. މަގުމަތީގައި ހިނގާ މީހުން ހިނގަމުންދަނީ. ބާޒާރުގައި އެކި ކަންތައްތައް ކުރަމުންދާ މީހުން އެބަޔަކު އެކުރާ ކަންކަމެއް ކުރަމުން ގެންދަނީ. އެކިއެކި މަސައްކަތްތަކުގައި ވަގުތު ހޭދަކުރާ މީހުން އެ މަސައްކަތްތައް ކުރަމުން ގެންދަނީ. އަޑުގަދަކުރަނީ. ވާހަކަ ދައްކަނީ. ހަޅޭއްލަވަނީ. މިހުރިހާ ކަމެއް ކުރަމުން ގެންދަނީ. ބަންގިޔަކަށް، އެއީ ނަމާދަށް ގޮވާލެވޭ ގޮވާލުމެއް ކަމެއް މިހާރު އެއްވެސް މީހެއްގެ ހިތަކަށް ނުވަދޭ. އެއީ އަޅުގަނޑުމެންގެ ދީނަށް ޙުރްމަތްތެރިކޮށް މިހާރު ހިތޭ މިންވަރު ފާހަގަކޮށްދޭ އެއްކަމެއް. އަނެއްކަމަކީ ކޮންމެކަހަލަ ވާހަކައެއްނަމަވެސް، ނުވަތަ ފިލްމެއް ނަމަވެސް ރާއްޖެއަށް އެތެރެކޮށްގެން، އެ ވާހަކަ ކިޔައި، ފިލްމު ބަލާވެސް ހަދާފާނެ. އެއްވެސް މީހަކު އެކަމަކާ ދެކޮޅެއްނަހަދާ. އެއީ ވަރަށް އާދައިގެ ކަމަކަށް އޮންނަނީ ވެފައި. ކަނޑައެޅިގެން ދީނާޚިލާފު ބައެއް ފިލްމުތައްވެސް މިދޭތެރެއިން ރާއްޖެއަށް އެތެރެކުރެވި މީހުން ބަލަމުންގެންދާކަން، އެކަމުގެ މަޢުލޫމާތު މިހާރު ސަރުކާރަށް ލިބިފައިވޭ. އެއީ ފިލްމުތައް ސެންސަރު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ސެންސަރު ކުރާއިރުވެސް، އެއާޚިލާފަށް މީހުން ޢަމަލުކުރާގޮތް. ސިއްރުން އެކި ވައްތަރުވައްތަރުގެ ފިލްމު ގެނެވޭ. އެއްގޮތަކަށްވެސް މުސްލިމުން ދެކެން އެކަށީގެންނުވާކަހަލަ ފިލްމުތައް ރާއްޖެއަށް އެތެރެކުރެވެމުންދާކަން މިހާރު އެބަ އެނގޭ. ހަމަ އެފަދަ ވާހަކަތަކާއި އަދި އެނޫން ފޮތްތަކާ އެކަހަލަ އެއްޗެތިވެސް އެބަ އެތެރެކުރެވޭ. މިއިންވެސް ދައްކާ އެއްޗަކީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ދީނުގެ ކަންތައްތަކަށް ޙުރްމަތްތެރިކޮށްނުހިތޭކަން. ހިތަންވީވަރަށް ނުހިތޭކަން. ނުވަތަ އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ހިތުގައި ދީނަށް އޮންނަ ޤަދަރު ކުޑަވެގެން ހިނގައްޖެކަން. މިކަންތައްތައް ހުއްޓުވަންޖެހޭނެ. ނުހުއްޓުވައި އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މުޖުތަމަޢު، އެއްދުވަހުން އަނެއް ދުވަހަށް އޮމާންކަމާއެކު ކުރިއަކަށް ނުދާނެ. އަދި އަޅުގަނޑުމެންގެ އަޚްލާޤު، އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެއް ނުދާނެ. އަޚްލާޤުގެ ވާހަކަ އެންމެންވެސް ދައްކަނީ. އެހެންނަމަވެސް އެ ވާހަކަ ދައްކާއިރު، އެ އަޚްލާޤު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް، އެއްވެސް މީހަކަށް ނޭޅޭ. ކޮންމެ މީހަކުވެސް ބުނަނީ އަޅުގަނޑުމެންގެ އަޚްލާޤު މިހާރު ރަނގަޅުކުރަން ވެއްޖެއޭ. އެހެން ބުނާއިރު، އެ އަޚްލާޤު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ދިމާ އިދިކޮޅު ފިޔަވަޅުތައް އެމީހަކު އަޅަމުން ގެންދަނީ. އެއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެދަތި މައްސަލައަކީ. އެންމެ ނުރައްކާތެރި ކަމަކީ. އަޅުގަނޑުމެން ބުނާ ބަހާއި ކުރާ ޢަމަލާ އެއްގޮތްނުވާތީ. ކޮންމެ މީހަކުވެސް އަޚްލާޤު ރަނގަޅު ކުރުމަށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އެކަށީގެންވާ ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް ގޮވާލަނީ. އެހެންނަމަވެސް، އެ ގޮވާލާ މީހާވެސް އެމީހާގެ އަމިއްލަ ކަންތައްތަކުގައި އެ މާތް އަޚްލާޤުގެ ބޭނުމެއްނުކުރޭ. އެ މާތް ސިފަތައް އެމީހާގެ އަމިއްލަ ނަފްސުގައި އަށަގެންނެވޭތޯ މަސައްކަތެއް ނުކުރޭ. އެމީހާގެ އަމިއްލަ ޒާތު އެއީ މުޅިން އެހެންކަމެއް ކަމުގައި އެމީހާ ދެކެނީ. އެހެން މީހުން އިޞްލާޙުވެއްޖިއްޔާ ނިމުނީ ކަމަށް. އެކަމަކު އެއެއް ނޫން އެކަން އޮންނަންވީ ގޮތަކީ. ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު އިޞްލާޙު ކުރަންވީ. އެހެން މީހުން ނަމާދަށް ފޮނުވަން ބޭނުންވާ މީހާ އެންމެ ފުރަތަމަ ނަމާދުކޮށްގެން ނޫނީ އެހެން މީހަކު އެމީހާ އެބުނާ އެއްޗެއް ގަބޫލެއްނުކުރާނެ. ހަމައެފަދައިން އެކިއެކި ހެޔޮޢަމަލުކުރުމަށް ގޮވާލާ މީހާ ވާންޖެހޭނެ، އެންމެ ފުރަތަމަ އެފަދަ ޢަމަލުކުރާ މީހެއް ކަމުގައި. އެކިއެކި ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވާ މީހާ ވާންޖެހޭނެ، އެ ނުބައި ޢަމަލުތައް ނުކުރާ މީހެއް ކަމުގައި. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސު އެންމެ ފުރަތަމަ އިޞްލާޙު ކުރަންވީ. އޭގެފަހުގައި ޖަމާޢަތް އިޞްލާޙުވާނީ. ޙަޤީޤަތަށް ދަންނަވާ ކަމަށްވަންޏާ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސު އިޞްލާޙުކޮށްފިއްޔާ، މުޅި މުޖުތަމަޢު އޮންނާނީ އިޞްލާޙުވެފައި. އެހެން މީހެއްގެ މަސައްކަތަކަށް ބޭނުމެއްނުވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ، ގަސްދުކުރިވަރަށްވުރެ ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންނަމަވެސް، މިރޭ ދަންނަވަން ހުރި މައްސަލަތަކާއި ވާހަކަތަކުގެ މުހިންމުކަމުން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް، މިރޭ މިތަނަށް ވަޑައިގަތުމަށް ދެންނެވީ. ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ރައްދުކުރަން.

އާދެ، މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންނަށް އަޅުގަނޑުގެ މި ވާހަކައިގައި ހިމެނުނު ނުކުތާތަކުގެ މައްޗަށް ތިޔަ ހުރިހާ ބޭފުޅުން ވަރަށް ޚާއްޞަ ސަމާލުކަމެއް މިރެއިން ފެށިގެން ދެއްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި އޭގައި އެ ދެންނެވި ކަންތައްތައް، އެގޮތުގެ މަތިން ކުރެއްވޭތޯ ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ޔަޤީންކުރަން. ސަރުކާރުން އިސްލާމްދީން ރައްކާތެރިކުރުމަށާއި، ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކުގައި، ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ލިބޭނެކަމަށް ޔަޤީންކުރަން. ހަމައެފަދައިން، މާލެއަށް ދިމާވެފައިވާ އެކިއެކި ބޮޑެތި މައްސަލަތައް، ކުރިންވެސް ދެންނެވި މައްސަލަތައް. އެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ރާވާ ކަންތައްތަކުގައިވެސް މާލޭގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެން ދަންނަވާއިރު، އަޅުގަނޑަށް ދަންނަވަންޖެހޭ. މީގެކުރިންވެސް ސަރުކާރުން ގޮވާލި ކޮންމެ ގޮވާލުމަކަށްވެސް މާލޭގެ ރައްޔިތުން ދެއްވީ ވަރަށް ފުރިހަމަ، ވަރަށް އިޚްލާޞްތެރި ތަރުޙީބެކޭ.

އާދެ، މިދޭތެރެއިން ވަރަށްގިނަ ކަންތައްތަކުގައި، އެކިއެކި އަވަށްތަކުގެ އެހީވެސް ސަރުކާރުން ބޭނުންކުރަންޖެހުނު. އަވަށް އަވަށަށް އަންގާލާ އެންގުމަށް، އަވަށް އަވަށުގެ ފަރާތުން ވަރަށް އެކަށީގެންވާ ތަރުޙީބެއް ދެއްވައި، ވަރަށް ފުރިހަމަކޮށް އެކަމެއް ކޮށްދެއްވާ. އެކަމަކީ ވަރަށް އުފަލާއެކު މިރޭ ފާހަގަކޮށްލާ ކަމެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ޖަމާޢަތުގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އަދި ކުރިންވެސް ދެންނެވި ފަދައިން އެކަންތައްތައް ރަނގަޅު ކުރުމަކީ ހަމައެކަނި ސަރުކާރަށް ވެވޭވަރަށްވުރެ ބޮޑު ކަމަކަށްވާތީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާތީ، އަވަށް އަވަށް ހިންގަވާ ފަރާތްތަކަށް ނުވަތަ އަވަށް އަވަށަށް ސަރުކާރުންދޭ ކޮންމެވެސް އެއްޗެއް މުސްތަޤްބަލުގައި އޮންނާނެ. އެއީ މިހާރު ކަންތައް ވާގޮތަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަވަށް އަވަށް ކުރިއެރުވުމަށް ހަމަޖެހިފައިވާ ކޮމިޓީތަކުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައްވެސް ނުކުރެއްވޭގޮތް ދިމާވަނީ. އެއީ އެކަންތައްތައް ކުރެއްވުމަށް ބޭނުންވާ ޚަރަދުގެ މައްސަލަ ހަމަޖެހިފައި ނޯންނާތީ. އެކަންތައްތައް ކުރުމަކީ މުޅި ޤައުމަށް ނުވަތަ މާލެއަށް ފައިދާހުރި ކަމަކަށްވާތީ، މިހާރު ސަރުކާރުން ގަސްދުކުރަނީ، ކޮންމެ އަވަށަކަށްވެސް ވަކި މިންވަރަކަށް ޚަރަދު ކުރައްވަން ކޮންމެވެސް އެއްޗެއް ދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މާލޭގެ ކަންތައްތައް ރަނގަޅުކުރުމުގައި، އަވަށް އަވަށުގެ ފުރިހަމަ ޚިދުމަތް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި އެ ޚިދުމަތް ލިބޭނެ މަގު ސަރުކާރުން ވެވުނުވަރަކުންދާނީ ތަނަވަސްކޮށްދެމުން.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެން ދެއްވި ކަމަށްޓަކައި އަދި އަޅުގަނޑުގެ ވާހަކަ އައްސަވަން ތިއްބެވި ކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންގެ ފައިތިލަ، މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ހެޔޮ ޢަމަލުކުރާނެ މަގުތައް ތަނަވަސްކޮށްދެއްވުން. އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާ ނުބައި އާދަކާދަތަކާއި، ނޭދެވޭ ކަންތައްތައް ހުއްޓުވުމުގެ ބާރު އަޅުގަނޑުމެންނަށް ދެއްވުން. އަދި އެކަލާނގެ ރުއްސަވާވޮޑިގެންވާ ގޮތުގެ މަތިން ހުރިހާ ކަމެއްވެސް ގެންދިޔުމުގެ ހެޔޮ ތައުފީޤާއި ބާރު އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.