بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އަދުގެ ޝަރަފުވެރި މެހްމާނުން ކަމުގައިވާ، ރާއްޖޭގެ ހީވާގި ކެޔޮޅުންނާއި، މަސްވެރިންގެ މަންދޫބުން، ރާއްޖޭގެ މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިން، މިއަދުގެ މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި މެހްމާނުން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ މަސްވެރިންގެ ދުވަސް، ރާއްޖޭގައި ޤައުމީ ފެންވަރުގައި ތިންވަނަފަހަރަށް ފާހަގަކުރެވޭ މަސްވެރިންގެ ދުވަސް. މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކޮބައިކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އެއީ މަސްވެރިންނަށް ދިވެހި މުޖުތަމަޢުގައި ދެވިފައިވާ މަގާމު މަތިވެރިކުރުން. އެ މީހުން އެކުރާ މަސައްކަތުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރެވުން. އަދި މަސްވެރިކަމަށް ޒުވާނުންގެ ހިތްތަކުގައި އެކަށީގެންވާ ޝައުޤުވެރިކަމެއް އުފެއްދުން. ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދިއްޔަތަށް މަސްވެރިކަން ކުރިއެރުމުގެ ސަބަބުން ލިބޭ ފައިދާތައް ހޯދައިދިނުމަށް، ސަރުކާރުންނާއި ރައްޔިތުންގެ ފަރާތުން ބާރުއަޅައި މަސައްކަތް ކުރަމުން ގެންދިއުން.

މިއަދުގެ މުނާސަބަތުގައި، އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ޢިއްޒަތްތެރި ދެ ބޭފުޅަކުވެސް އެ ފާޅުކުރެއްވިފަދައިން، އަޅުގަނޑުވެސް ފާޅުކުރާހިތްއޮތީ މަސްވެރިންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ހެޔޮއެދުމުގެ ޝުޢޫރުތައް. މިއަދުގެ މުނާސަބަތުގައި އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މުރާލި، ހީވާގި، މަސްވެރިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކުބާދީ އަޅުގަނޑު އަދާކުރަން. އެ ތަހުނިޔާއާއި މުބާރިކުބާދީގައި، މަސްވެރިކަމުގެ ދާއިރާގައި އުޅޭ އެންމެންނާއި، އެ މީހުންގެ ޢާއިލާތަކާއި، އަދި މަސްވެރިކަމުން ފައިދާހޯދާ އެންމެން އަޅުގަނޑު ޝާމިލުކުރަން. ހަމައެފަދައިން ރާއްޖޭގެ މަސްވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް މިތަހުނިޔާއާއި މުބާރިކުބާދީގައި އަޅުގަނޑު ހިމަނަން. އޭގެތެރެއިން އެންމެ ފުރަތަމަ ފަރާތަކީ، މިއަދުގެ މި ޖަލްސާ އިންތިޒާމު ކުރެއްވި އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހުރިހާ ކަމެއް އިންތިޒާމު ކުރައްވާ، މިނިސްޓްރީ އޮފް ފިޝަރީޒް. އެހެންވީމާ، މިނިސްޓަރ އޮފް ފިޝަރީޒްގެ އަރިހަށް، އަދި އެ މިނިސްޓްރީގެ ހީވާގި ވެރިންނާއި މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގައި ހެޔޮއެދުންތައް ރައްދުކުރަން.

އާދެ، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް ވަރަށްބޮޑު ބައެއް ޙިއްޞާ ކުރައްވާ. އެހެންކަމާއެކު، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރާއި މުބާރަކުބާދީ ދެންނެވުމަކީ މިއަދު އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާ އެހެން ފަރާތްތަކެއްވެސް އެބަހުރި. އާދެ، އޭގެތެރެއިން އެއްފަރާތަކީ އެސް.ޓީ.އޯ. އެސް.ޓީ.އޯ.ގެ ފަރާތުން ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މިހާރު ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޅުގަނޑުހިތުން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެސް.ޓީ.އޯ. ހިންގަވަން ތިއްބެވި ބޭފުޅުންނަށާއި، އެސް.ޓީ.އޯ.ގެ މުވައްޒަފުންނަށްވެސް މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.

ހަމައެފަދައިން، ސަރުކާރުގެ ފަރާތުން މަސްވެރިކަމާބެހޭ މަޝްރޫޢުތައް ހިންގަވައި، ވިޔަފާރީގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ފަރާތެއް އެބައޮތް. އެއީ މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން. އެހެންވީމާ، އެ ފަރާތަށްވެސް، އެފަރާތް ހިންގަވަން ތިއްބެވި ވެރިންނަށާއި، އެ ފަރާތުގެ މުވައްޒަފުންނަށްވެސް ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑުގެ ޚާއްޞަ އުފަލެއް. ދެން ޝުކުރު ދަންނަވަން އޮތީ މަސްވެރިކަމާ ގުޅޭ ފަރާތެއް ނޫންކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ ފަރާތަކަށް. އެހެންނަމަވެސް، ފަހަކަށްއައިސް އެފަރާތަކީ މަސްވެރިކަމުގެ ދާއިރާގައި ވަރަށްބޮޑު ބައެއް ޙިއްޞާ ކުރައްވަމުން ވަޑައިގަންނަވާ ފަރާތެއް. އާދެ، އެފަރާތަކީ މޯލްޑިވްސް ޝިޕިންގ ލިމިޓެޑް (އެމް.އެސް.އެލް). އެމް.އެސް.އެލް.ގެ ފަރާތުން، އަދި ޚާއްޞަކޮށް، އެމް.އެސް.އެލް ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް ޢަލީ ޢުމަރުމަނިކު، ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ. އޭނާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގައި މިހާރު ހިނގަމުންމިދާ މަސްވެރިކަން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ވަރަށްބޮޑު ބައިތަކެއް ހިމެނޭ. އެހެންވީމާ، އެމް.އެސް.އެލް.އަށާއި، އަދި ޚާއްޞަކޮށް، އޮނަރަބްލް އަލްފާޟިލް ޢަލީ ޢުމަރުމަނިކަށް ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއް.

އާދެ، މަސްވެރިކަން ކުރިއެރުވުން މިއީ އަޅުގަނޑުމެން އެންމެންވެސް މިހާރު ޚިޔާލުކުރާ ކަމެއް. ރާއްޖެއަށް ހެޔޮއެދޭ ކޮންމެ މީހަކުމެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން މަސްވެރިންނަށާއި އަދި ރާއްޖެއަށް ލިބޭނެ އިޤްތިޞާދީ ފައިދާތައް އިތުރުކުރުމަށް ޚިޔާލުކުރާނެ. ކުރަމުންގެންދޭ. ސަރުކާރުންވެސް މަސްވެރިކަމަށްދޭ އަހަންމިއްޔަތަކީ އަޅުގަނޑު ހިތުން ރާއްޖޭގެ ހަމަ އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން. މިހާރުވެސް މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެތެރެއިން ބައެއް ކަންތައްތައް ދަންނަވާލުމަކީ އަޅުގަނޑުހިތުން މިއަދާ ނުގުޅޭ ކަމެއްނޫން.

މިހާރު ބޭރުގެ އެހީގައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި. އޭގެތެރެއިން އެއް މަޝްރޫޢަކީ، ރާއްޖޭގެ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު. އެއީ އެކުވެރި ޤައުމެއްގެ އެހީގައި ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢެއް. އެ މަޝްރޫޢުގައި ހިމެނޭ އެއްކަމަކީ މިހާރު އަޅުގަނޑުމެން މަސްވެރިކަމުގައި މި ބޭނުންކުރާ ވަރަށްވުރެ ތަންކޮޅެއް ބޮޑެތި ދޯނިފަހަރު ބަނދެގެން އެ ދޯނިފަހަރު، މަސްވެރިކަން ކުރާ ފަރާތްތަކަށް، ވަކި އުސޫލެއްގެ މަތިން ދޫކުރުން. އެގޮތުން ދޫކުރެވޭ ބައެއް ދޯނިފަހަރު ދޫކުރުން، މިއަދުގެ ވަގުތެއްގައި އޮންނާނެކަން، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފި.

އާދެ، މިދެންނެވި މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގައި، މިދެންނެވިފަދަ ސަތޭކަ ދޯނި ބަނުން ހިމެނޭ. އެ ދޯނިތައް ކަމާބެހޭ ފަރާތްތަކަށް ވަރަށް އެކަށީގެންވާ ލުއި އުސޫލެއްގެމަތިން ސަރުކާރުން ދޫކުރަމުން ގެންދާނެ. އޭގެއިތުރަށް، މަސްކިރުވާ ބޯޓުފަހަރު ބަނުންވެސް މި މަޝްރޫޢުގައިވޭ. އޭގެ ދެ ބޯޓު. މިހާރު އެ ދެ ބޯޓުގެ މަސައްކަތް ނިމުމަކާ ހަމައަށް އަތުވެއްޖެކަމަށް އެނގިފައިވަނީ. ބޯޓު ބަންނަނީ ކޮރެޔާގައި. މާލަހެއްނުވެ އެ ބޯޓުތައް އަޅުގަނޑުމެންނަށް ލިބޭނެ. އެއާއެކު، މަސް އެއްކުރާ ކުދި ބޯޓުފަހަރުތަކެއް ބަނުންވެސް މިދެންނެވި މަޝްރޫޢުގައިވޭ. އޭގެ ނުވަ ބޯޓު. އެ ބޯޓުފަހަރު ބަނދެވެމުންދަނީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި. އާދެ، މިއީ އެއް މަޝްރޫޢު.

ދެން މިހާރު ހިނގަމުންދާ އަނެއް މަޝްރޫޢަކީ، އައި.ޑީ.އޭ.ގެ ފަރާތުން ރާއްޖޭގެ މަސްވެރިކަމާ ބެހޭގޮތުން އެހީ ހޯދައިގެން ސަރުކާރުން ހިންގާ ދެވަނަ މަޝްރޫޢު. އެ މަޝްރޫޢުވެސް މިހާރުވަނީ ފެށިފައި. މި ދެންނެވި މަޝްރޫޢުގެ އެންމެ މުހިންމުކަމަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި މަސް ފިނިކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޅި ރާއްޖެއަށް މަސްވެރިކަމަށް ބޭނުންވާ ތެޔޮ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުން. މިކަމުގައި މިވަގުތަށް ހަމަޖެހިފައިވާ އެންމެ މުހިންމު ދެ މަރުކަޒަކީ، ހޯރަފުށްޓާއި މަޑިވަރު. އެ ދެ ތާނގައި މިދެންނެވި ކަހަލަ އިންތިޒާމުތައް ހަމަޖެހޭނެ.

އެހެންވީމާ، މިދެންނެވި އައި.ޑީ.އޭ.ގެ މަސްވެރިކަމާބެހޭ ދެވަނަ މަޝްރޫޢު ނިމުމަކާ ހަމައަށް އައުމުން، މަސްވެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް. މިދެންނެވި އައި.ޑީ.އޭ.ގެ ދެވަނަ މަޝްރޫޢު އެއީ ވަރަށްބޮޑު މަޝްރޫޢެއް. ޖުމުލަ 12.5 މިލިއަން އެމެރިކާ ޑޮލަރު އެއަށް ޚަރަދުވޭ. އޭގެތެރެއިން ބޮޑުބައި އަޅުގަނޑުމެން ހޯދަނީ އައި.ޑީ.އޭ.ގެ ފަރާތުން ލޯނެއްގެ ގޮތުގައި. ވަރަށްގިނަ އަހަރުތަކެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ސަރުކާރުން ނަގާ ލޯނެއް އެއީ. އައި.ޑީ.އޭ.ގެ ފުރަތަމަ މަޝްރޫޢު މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައި. އޭގައި ހިމެނެނީ ފައްސަތޭކަ އިންޖީނު ހޯދުން. އެ އިންޖީނުތައް ދޯނިފަހަރުގައި ބަހައްޓައި މިހާރު ނިމިއްޖެ. ނުވަތަ ނިމުމާ ވަރަށް ކައިރިވެއްޖެ. ހަމައެއާއެކުގައި އެ އިންޖީނުތަކަށް، އިންޖީނުތައް މަރާމާތުކުރާނެ ސަރވިސް ސެންޓަރުގެ ފަސް ތަން ރާއްޖެތެރޭގައި އުފެއްދުން. އެ ތަންތަންވަނީ މިހާރު އުފެދިފައި. އެތާނގެ މަސައްކަތްވެސް ހިނގަމުންދަނީ. އަދި ނިޔަމިކަމަށް އެހީވެދޭ ބައްތިތައް ބެހެއްޓުން އެއީވެސް މިދެންނެވި އައި.ޑީ.އޭ.ގެ ފުރަތަމަ މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވާ ކަމެއް. އެ ހުރިހާ ކަމެއް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައި. އެ މަޝްރޫޢަކީ އެމެރިކާ ޑޮލަރުން ބަލަންޏާ 3.2 މިލިއަން ޑޮލަރުގެ މަޝްރޫޢެއް.

އާދެ، މިދެންނެވި ބޮޑެތި މަޝްރޫޢުތަކުގެ އިތުރަށް، އޮއިވާލި ކަނދުފަތިލުމުގެ މަޝްރޫޢާއި، އަދި މަސްވެރި އަވަށްތައް ބިނާކުރުމުގެ މަޝްރޫޢާ، މިކަހަލަ މަސައްކަތްތަކެއްވެސް ސަރުކާރުން ކުރަމުން އެބަގެންދޭ. މިހުރިހާ މަޝްރޫޢުތަކެއްގެ ބޭނުމަކީވެސް އާޚިރުގައި މަސްވެރިންގެ ދިރިއުޅުން ތަނަވަސްކޮށްދިނުން. އެ މީހުންނަށް މިހާރަށްވުރެ މަތީފެންވަރެއްގައި ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން. އެ މީހުންނަށް އިތުރު ތަނަވަސްކަމެއް ހޯދައިދިނުން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދަށް މަސްވެރިކަމުން ޙިއްޞާކުރާބައި، އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަމުން ގެންދިޔުން.

އާދެ، ރާއްޖޭގެ އިޤްތިޞާދަށް މަސްވެރިކަން ޙިއްޞާކުރާބައި، އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންޖެހޭނެކަމީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް މިހާރު ވަޒަންކުރެވޭނެ ކަމެއް. މަސްވެރިކަމަކީ، އެންމެ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތް. ރާއްޖޭގައި މަސައްކަތްކޮށް އުޅޭ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން އެ މަސައްކަތެއްގައި ބައިވެރިވާ މަސައްކަތް. އާދެ، މަސައްކަތްކޮށް އުޅޭ މީހުން، ސަތޭކައަކުން ސާޅީސްފަހެއް އުޅެނީ މަސްވެރިކަމުގެ ދާއިރާގައި. ހަމައެފަދައިން، އެއީ އެއިން ލިބޭ ފައިދާ އެންމެ ފުޅާ ދާއިރާއަކަށް ބެހިގެންދާ މަސައްކަތް. ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން އެންމެގިނަ މީހުންނަށް އެ މަސައްކަތެއްގެ ފައިދާ ރައްދުވާ މަސައްކަތަކީ މަސްވެރިކަން.

ދާދިފަހަކާ ޖެހެންދެން، ރާއްޖެއަށް އެތެރެކުރަމުން ގެންދިޔަ ކާބޯތަކެތީގެ ހުރިހާ ބާވަތެއް ސަރުކާރުން އެތެރެކުރަމުން ގެންގޮސްފައިވަނީ މަސްވެރިކަމުން ސަރުކާރަށް ލިބޭ އާމްދަނީއަކުން. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިކަމާ ދޭތެރޭގައިވެސް ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް. އެއީ، ރާއްޖޭގެ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މިހާރު ރާއްޖޭގެ އާބާދީގެ އަދަދަކީ، ކަމާބެހޭ ފަރާތްތަކުން ވިދާޅުވާގޮތުގައި، އެއްލައްކަ ފަސްދޮޅަސް ފަސްހާސް މީހުން. މީގެކުރިން ވަރަށްފަހާ ޖެހެންދެން އެއްލައްކަ ސާޅީސްހާސް މީހުންގެ ގޮތުގައިވެސް ތިބި. އެހެންވީމާ، ރާއްޖޭގެ މީހުންގެ އަދަދުވެސް ދަނީ ގިނަވަމުން. ރާއްޖެއަށް އަންނަ ބިދޭސީންގެ އަދަދުވެސް ދަނީ ގިނަވަމުން. އަދި ރާއްޖޭގެ މީހުންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން ދިޔުމާއެކު އެމީހުންނަށް، ކާބޯތަކެތީގެ ބޭނުންކުރެވޭ އަދަދުވެސް މިހާރު ދަނީ ގިނަވަމުން. މިސާލެއް ދަންނަވަންޏާ، ދާދިފަހަކާ ޖެހެންދެން އަޅުގަނޑުމެން ހީކުރީ ރާއްޖެއަށް އަހަރު ދުވަހެއްގެ ތެރޭގައި ބޭނުންވަނީ ހަތަރުހާސް ޓަނުގެ ފުށް ކަމަށް. އަދި ގާތްގަނޑަކަށް ހަތަރުހާސް ޓަނުގެ ހަކުރު ކަމަށް. އެކަމަކު އެންމެފަހުގެ ހިސާބުތައް ބެލިއިރު، މިހާރު ރާއްޖެއަށް އަހަރަކު ހަހާސް ޓަނުގެ ފުށް ބޭނުންވޭ. ހަހާސް ޓަނުގެ ހަކުރު ބޭނުންވޭ. މިދިޔަ ބާރަމަސް ދުވަހުގެ ތެރޭގައި އެބައޮތް، ހަހާސް ޓަނުގެ ހަކުރާއި، ހަހާސް ޓަނުގެ ފުށް، ސަރުކާރުން ވިއްކިފައި. ނުވަތަ މީހުން ގަނެފައި. އެހެންވީމާ، އެއިން ދައްކާ އެއްޗަކީވެސް އަޅުގަނޑުމެންގެ ކާބޯތަކެތީގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ވަރަށް ބޮޑުތަން އިތުރުވަމުންކަން. އަދި ކާބޯތަކެތީގެ އިތުރަށް، އަޅުގަނޑުމެންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި އަޅުގަނޑުމެން މިގެންދަނީ ބޭރުން އެތެރެކުރަމުން. އެ ހުރިހާ ތަކެތިވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. ތަކެތީގެ އަގުދަނީ ބޮޑުވަމުން، ބޭރު ދުނިޔޭގައި.

އެހެންވީމާ، ނުކުތާއަކީ އަޅުގަނޑުމެން ބޭރުފައިސާއިން ޚަރަދު ކުރަންޖެހޭވަރު މިހާރު އެތައް ގުނައެއް، ކުރިއާ އަޅައިބަލާއިރު އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުމެން ކުރާ ސުވާލަކީ މިހާރު އަޅުގަނޑުމެން މަސްވެރިކަން ކުރަމުން މިގެންދާ ގޮތަށް ކޮށްގެން، މި ހުރިހާ ޚަރަދުތަކެއް ދެކޮޅުޖެއްސޭނެބާވައޭ؟ އެއީ މިކުރާ ސުވާލަކީ. ދޮށީގެ މަސްވެރިކަން މިހާރު މިކުރާގޮތަށް ކޮށްގެން، ހަމަ އަޅުގަނޑުމެން މިހާރު ގެންގުޅޭ ދޯނިފަހަރަށްވުރެ ތަންކޮޅެއް ބޮޑެތި ދޯނިފަހަރު ހުރެގެން ނަމަވެސް، އެ އުސޫލު ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވަމުން ދިޔުމަށްޓަކައި ބޭނުންވާ ޚަރަދުތައް ކުރުމަށް، މަސްވެރިކަމުން ލިބެންޖެހޭ އާމްދަނީ، ކުރިއަށް އޮތްތާނގައި އެކަށީގެންވާވަރަކަށް ލިބެމުންދާނެބާވައޭ، މިހާރު އަޅުގަނޑުމެން މަސްވެރިކަން ކުރަމުން މިގެންދާގޮތަށް ކޮށްގެން، އެއީ ސުވާލަކީ. މިސުވާލަކީ މިދޭތެރެއިން ބޭއްވުނު މަސްވެރިކަމާބެހޭ ސެމިނާރުގައިވެސް ފާޅުކުރެވުނު ސުވާލެއް، ފާޅުކުރެވުނު ޚިޔާލެއް.

އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށް ވިސްނިޔަސް، އަދި ދުނިޔޭގައި މަސްވެރިކަން ކުރަމުންގެންދާ އެހެން ތަންތަނުން މަސްވެރިކަން ކުރަމުންގެންދާ ގޮތަށް ވިސްނިޔަސް، އަޅުގަނޑުމެން މިހާރު މަސްވެރިކަން ކުރަމުން މިގެންދާ އުސޫލާ ތަފާތު ގޮތްތަކަކަށް އެތަންތަނުން މަސްވެރިކަން ކުރަމުންދާކަން އަޅުގަނޑުމެންނަށް އެނގޭ.

އާދެ، އޭގެތެރޭގައި ވަރަށް ގިނަ ގޮތްތައް އެބަހުރި. ބޮޑެތި ބޯޓުފަހަރު ބޭނުންކޮށްގެން، ދާއަޅައިގެން އެކި ގޮތްގޮތަށް މަސްހިފުން. މި ކަންކަމުން އެ ޤައުމުތަކަށް ވަރަށް މަތިވެރި އަދަދަކަށް މަސްހިފެމުންދޭ ނުވަތަ ބޭނެމުންދޭ. ހަމައެއާއެކު، އެމީހުންނަށް ލިބޭ ތަރައްޤީ، އެމީހުންނަށް ލިބޭ ކުރިއެރުން ދަނީ ވަރަށް ބޮޑުތަން އިތުރުވެގެން. އާދެ، އަޅުގަނޑު މިދޭތެރެއިން ހޯދާލި ބައެއް މަޢުލޫމާތު ދަންނަވާލުމަށް މި ފުރުޞަތުގެ ބޭނުންކުރަން. އަޅުގަނޑުމެން މި ބާނާ ކަޅުބިލަމަސް، 1981 ވަނަ އަހަރު ރާއްޖޭގައި ބޭނިފައި އޮތީ، އޭގެ އެކާވީސްހާސް ޓަނުގެ މަސް. އެއީ އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކަށާއި، އަދި މަސްވެރިކަންކުރާ އެހެން ބައެއް ޤައުމުތަކަށް ވިސްނާލާއިރު ވަރަށް މަތީ އަދަދެއް.

އާދެ، އަޅުގަނޑުމެންގެ އިންޑިޔާ ކަނޑުގައި އޮންނަ އެހެން ޤައުމެއް، މޮރިޝަސް. އެތަނުން 1981 ވަނަ އަހަރު ބާނާފައިވަނީ ކަޅުބިލަމަހުގެ އެންމެ ފަސް ޓަނު. ސީޝެލްސް ދިހަ ޓަނު. ކޮމޯރޯސް ތިންސަތޭކަ ޓަނު. ޖަޕާން ހަތް ޓަނު. އަޅުގަނޑުމެންނާ ކައިރިކުރާ އަދަދަކަށް ކަޅުބިލަމަސް ބާނާފައިވަނީ ހަމައެކަނި އޮޅުދޫކަރައަށް. އެތަނުން ސާދަހާސް ޓަނުގެ މަސް ބާނާފައިވޭ، ނުވަތަ ހިފާފައިވޭ. އެހެންވީމާ، އެހުރިހާ ތަންތަނަށްވުރެ މާމަތީ އަދަދަކަށް، ދިވެހިރާއްޖެއިން ކަޅުބިލަމަސް، 1981 ވަނަ އަހަރު ބާނައި ހިފާފައިވޭ. ކަނޑު މަހުގެ ތެރެއިން އެނޫން ބައެއް ވައްތަރުތައް އެބަހުރި. އޭގެތެރެއިން އެއް ވައްތަރަކީ ރީނދޫ އުރަހަ ކަންނެލި. އާދެ، އެއީ ރާއްޖޭގައި މާގިނައިން އުޅޭ އެއްޗެއްނޫންކަންނޭނގެ.

އެހެންވުމާއެކު، ރާއްޖެއިން މިދެންނެވި ބާވަތުގެ މަސް ބޭނިފައިވަނީ އޭގެ ފަސްހާސް ޓަނު. ކޮރެޔާއިން ބާނާފައި އެބައޮތް ދިހަހާސް ޓަނު. ސީޝެލްސުން އެއްހާސް ޓަނު، އޮޅުދޫކަރައިން އަށްހާސް. ޖަޕާނުން ތިންހާސް. ކޮމޯރޯސުން އެއްސަތޭކަ. ދެން ލޯބޮޑު ކަންނެލި ކިޔާ ބާވަތުގެ މަހެއްވެސް، ބައެއް ޤައުމުތަކުން ބާނައި އުޅޭ. ނުވަތަ ހިފައި އުޅޭ. އެމަހަކީ، އަޅުގަނޑު ހިތުން ރާއްޖޭގައި ހުންނަ އެއްޗެއް ނޫން. ނުވަތަ މާގިނަ އަދަދަކަށް ބޭނޭ އެއްޗެއް ނޫން. އެހެންވީމާ، އެއާބެހޭ މަޢުލޫމާތެއް ރާއްޖެއަކުން ސާފުވާކަށް ނެތް. ޖަޕާނުން އޭގެ ހަތަރުހާސް ޓަނު ބާނާފައި އެބައޮތް. ކޮރެޔާއިން ފަނަރަހާސް ޓަނު. އަދި ކަނޑުމަހުގެ ތެރެއިން އެންމެ އަގުބޮޑު އެއްޗެއް ކަމަށްވަނީ ނޫ އުރަހަ ކަންނެލި. އާދެ، "ސަދަރންބްލޫފިން ޓިއުނާ". އެއީ އަޅުގަނޑު ހިތުން ރާއްޖޭގައި ހުރި އެއްޗެއް ނޫން. އެއީ ދެން އަޅުގަނޑުމެންނަށް މާބޮޑު އުފަލެއް ލިބޭނެ ކަމެއްނޫން، ރާއްޖޭގައި އެމަސް ނެތްކަން އެއީ. އެހެން މިދެންނެވީ، އެ މަސް އެއީ ދުނިޔޭގެ ބާޒާރުތަކުގައި އަދި ޚާއްޞަކޮށް، ޖަޕާނާއި އެމެރިކާގައި އެންމެ އަގުބޮޑު މަސްކަމަށްވާތީ. މަސްމަހުގެ އެކި ބާވަތުގެ އަގަށް ވިސްނާލިޔަސް މިކަން އެބަ އެނގޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ގިނައިން މިބާނާ ކަޅުބިލަމަސް، އޭގެ ގާތްގަނޑަކަށް ދޮޅުކިލޯ ހުންނަވަރުގެ މަހުގެ ޓަނަކަށް ލިބޭ އަގަކީ ގާތްގަނޑަކަށް ހަސަތޭކަ ނުވަތަ ހަތްސަތޭކަ ޑޮލަރު (އެމެރިކާ ޑޮލަރު). ރީނދޫ އުރަހަ ކަންނެލި، އޭގެ ދިހަ ކިލޯ ހުންނަވަރުގެ މަސް، އޭގެ ޓަނަކަށް އެއްހާސްވަރަކަށް ޑޮލަރު ލިބޭ. ލޯބޮޑު ކަންނެލި، އޭގެ ޓަނަކަށް ދެހާސް ފައްސަތޭކަ ޑޮލަރު ލިބޭ. ކަންފަތްދިގު ކަންނެލި، އޭގެ ޓަނަކަށް އެއްހާސް ހަތްސަތޭކަ ނުވަތަ އެއްހާސް އަށްސަތޭކަ ޑޮލަރު ލިބޭ. ދެން އަޅުގަނޑު މިދެންނެވި ނޫ އުރަހަ ކަންނެލި، އެއަށް އެބަ ލިބޭ ޓަނަކަށް ދިހަހާހުން ފެށިގެން އަށާވީސްހާހާ ދޭތެރޭގެ އަދަދަކަށް އެމެރިކާ ޑޮލަރު.

ކޮންމެއަކަސް، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، މިދެންނެވި އަގުބޮޑު ނޫ އުރަހަ ކަންނެލި، އަޅުގަނޑުމެންގެ ރާއްޖޭގައި ނެތްކަމުގައިވިޔަސް، މި ބާވަތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ރާއްޖޭގައި އުޅޭ ކިތަންމެ ބާވަތެއް އެބަހުރި. އެ ބާވަތްތައް ބޭނުމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންވެއްޖެއޭ. އޭރުންނޭ، އަޅުގަނޑުމެންގެ މަސްވެރިކަން ކުރިޔަށްދާނީ.

ދެން ބަލައިލަންވީ ކުރިންވެސް އަޅުގަނޑު ދެންނެވިހެން މިހާރު އަޅުގަނޑުމެން ބޭނުން މިކުރާ އުސޫލު ބޭނުންކޮށްގެން، ކުރިއަށް އޮތްތާނގައި މަސްވެރިކަމުން އަޅުގަނޑުމެންގެ އިޤްތިޞާދަށް ލިބެންވާ ފައިދާ ލިބެމުންދާނެތޯ؟ ކޮންމެއަކަސް ވަރަށް ގިނަ ފަރާތްތަކުން މިހާރު ޚިޔާލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މަސްވެރިކަންވެސް މަޑުމަޑުން ނަމަވެސް އެހެން ގޮތަކަށް ބަދަލުކޮށްލަންވެއްޖެ. އެއީ ކޮންމެވެސް ގޮތަކަށް ގަނޑުކޮށް، މަސްހިފާ އުސޫލެއް ގެންގުޅެގެން ނޫނީ، ރާއްޖެ ތަރައްޤީވަމުންދާ މިންވަރަށް ބަލާއިރު، ކުރިޔަށް އޮތްތާނގައި ދެކޮޅުޖެއްސެން ނޯންނާނެތީ.

އާދެ، އެބާވަތުގެ ކަމެއް ކުރަން ފަށާއިރު، އަޅުގަނޑު ހިތުން ކޮންމެ މީހެއްގެ ހިތަށްވެސް އަރާނެ ސުވާލަކީ، އެކަހަލަ މަސްވެރިކަމެއް ކުރުމުން އާދައިގެ އަޅުގަނޑުމެންގެ މަސްވެރިން މިކުރާ މަސްވެރިކަމުގެ މަސައްކަތަށް އެއްވެސްކަހަލަ އުނިކަމެއް ނުވަތަ ގެއްލުމެއް ލިބޭނެބާވައޭ. އެއީ މައްސަލައަކީ. ގެއްލުމެއް ނުލިބޭ ކަމަށްވަންޏާ، ހަމަ މިހާރުން ފެށިގެން ބޯޓުފަހަރުގައި އެހެން ގޮތްގޮތުން މަސްވެރިކަން ކުރަން ފަށަންވެއްޖެ. ގެއްލުމެއް ލިބޭނެ ކަމަށްވަންޏާ، ކޮށްގެންވާނެ ކަމެއް ނޫން. ދެން ގެއްލުން ލިބޭނެތޯ ނުވަތަ ނޫންތޯ ވިސްނާލާއިރު، އެކަމުން އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން، އެހެން ބާވަތްތަކުގެ މަސްވެރިކަން ކުރުމުން އަޅުގަނޑުމެން މިހާރު މިކުރާ ދޮށީގެ މަސްވެރިކަމަށް ގެއްލުމެއް ލިބޭނެ ކަމަކަށް ލަފައެއްނުކުރެވޭ. އެއް ސަބަބަކީ، އަޅުގަނޑުމެން މިހާރު މިކުރާ މަސްވެރިކަން، ދޮށީގެ މަސްވެރިކަން ކުރަމުންގެންދާއިރު، މިބާނާ މަހަކީ ކަނޑުގެ އެންމެމަތީ ފަށަލައިގައި އުޅޭ މަސް. ދާ އަޅައިގެން މަސް ހިފާއިރު، އެހެނިހެން ގޮތްގޮތުން ޕާރސޭން ކޮށްގެން ނުވަތަ އެނޫން ގޮތްގޮތުންވެސް މަސްވެރިކަން ކުރާއިރު، އެއިން މިބާނަނީ ކަނޑުގެ މެދުތެރޭ ފަށަލައިގައި ހުންނަ މަސް. އެހެންވީމާ، މަތީފަށަލައިގައި ހުންނަ މަސް އެހުރިގޮތަށް ހުންނަ ކަމަށްވަންޏާ، ކިތަންމެ ގިނަ އަދަދަކަށް މެދުތެރޭ ފަށަލައިގައި އުޅޭ މަސް އަޅުގަނޑުމެން ހިފި ކަމުގައިވިޔަސް، އާދައިގެ ދޮށީގެ މަސްވެރިކަމަށް ގެއްލުމެއް ނުލިބޭނެ.

ދެން އަނެއް ނުކުތާއަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު މިހާރުވަނީ ދުއިސައްތަ މޭލަށް ބޮޑުކުރެވިފައި. އެ ސަރަޙައްދު ބެލެހެއްޓުމުގެ އިންތިޒާމެއް އަޅުގަނޑުމެންނަކަށް ހަމަޖެއްސިފައެއް ނެތް. އަދި ކުރިޔަށް އޮތް ތާނގައި ހަމަޖެއްސޭނެ ކަމަކަށްވެސް ނުފެނޭ. އެހާބޮޑު ސަރަޙައްދެއް ބެލެހެއްޓުމަކީ އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމަކަށް ވާނީ ވަރަށްދަތި ކަމަކަށް. އަޅުގަނޑު ދަންނަވާނީ ނުވެސްކުރެވޭނެ ކަމެކޭ އެއީ. އެއީ، އެކަމަށް ބޭނުންވާ ޚަރަދުތައް ބޮޑުކަމުން. ބޭނުންވާ ޚަރަދު އެކަންޏެއްނޫން. ތަކެތި، ބާރަށް ދުވާ ބޯޓުފަހަރާއި، މަތިންދާބޯޓުފަހަރާއި، އެކަންކަމުގައި އުޅޭނޭ މީހުންނާއި، ހަތިޔާރާއި، މިކަހަލަ ވަރަށްގިނަ އެއްޗެތި ބޭނުންވޭ. އެ އެއްޗެއްސަކީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ހޯދޭނެ އެއްޗެއްސެއް ނޫން. އަދި ހޯދުނަސް ގެންގުޅެވޭނެ އެއްޗެއްސެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބިފައިވާ ކަނޑުގެ ސަރަޙައްދު ރައްކާތެރި ކުރުމަށްވެސް އެޅޭ ބާރަކަށް ވެދާނެކަމަށް، އެކަމާބެހޭ ފަރާތްތަކުން އެބަ ލަފާދޭ، ތަންކޮޅެއް ބޮޑެތި ބޯޓުފަހަރުގައި، މަސްވެރިކަން ކުރުން. އޭރުން އެބޯޓުފަހަރު ތަންކޮޅެއް ދުރަށްދާނެ. އެ ދާ ދިޔުމުގައި، ސަރަޙައްދުވެސް އެބޯޓުފަހަރަށް ބެލެހެއްޓޭނެ.

ދެންއޮތް އަނެއް ނުކުތާއަކީ، އަޅުގަނޑުމެން އެކަހަލަ މަސްވެރިކަމެއް ނުކޮށް ތިބިކަމުގައިވިޔަސް، ބޭރުގެ ފަރާތްތަކުން އެ މަސްވެރިކަން އަޅުގަނޑުމެންގެ ސަރަޙައްދުގައި ކުރަމުން އެބަގެންދާކަން. އެއީ، އަޅުގަނޑުހިތުން އިތުރު ދަލީލަކަށް ބޭނުންވާ ކަމެއް ނޫން. އަބަދުވެސް ރާއްޖެތެރެއިން ޚަބަރުތައް އަންނާނެ، އެކިއެކި ބޯޓުފަހަރުގެ އަލި ފެނިގެން. ދެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ. އޭގެ ނަތީޖާ ބައެއްފަހަރަށް ވަރަށް ކާމިޔާބު ގޮތެއްގައި ދައްކާ. ބޭރުގެ ބައެއް ބޯޓުފަހަރު އަޅުގަނޑުމެންނަށް ހިފިފައި އެބަހުރި. އެކަމަކު ގިނަ ބޯޓުފަހަރު ނުހިފޭ ސަބަބަކީ، އެ ބޯޓުފަހަރު ހިފުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް އަދި ލިބިފައިނުވާތީ.

ކޮންމެއަކަސް ބޭރުގެ ބޯޓުފަހަރުން، ގަނޑުކޮށް މަސްހިފުމުގެ އުސޫލުން ދާއަޅައިގެން ނުވަތަ އެނޫންގޮތަކުން ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން މަސް ހިފަމުންދާކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ، އަޅުގަނޑުމެން އެމަސް ނުހިފާ ތިއްބަސް، އެހެން ބަޔަކު އަޅުގަނޑުމެންގެ މަސްކޮޅު ހިފައިގެން ގެންދާ ކަމަށްވަންޏާ، ދެން ކީއްވެގެންތޯއޭ، އަޅުގަނޑުމެންވެސް މިކަހަލަ އުސޫލެއް ބޭނުން ނުކުރަންވީ؟ އެއީ ސުވާލަކީ.

އާދެ، ކޮންމެއަކަސް، މިކަންތައްތަކާ ދޭތެރޭގައި ވިސްނާފައި ވަރަށް އަވަހަށް ސަރުކާރުން ފިޔަވަޅެއް އަޅަންޖެހޭނެކަމަށް އަޅުގަނޑަށް ފެނޭ. އެހެންނޫނީވިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދު ތަރައްޤީވަމުންނެއް ނުދާނެ. އަދި މަސްވެރިކަމުން އަޅުގަނޑުމެންގެ އިޤުތިޞާދަށް ލިބެންވާ ފައިދާ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެއް ނުދާނެ. އޭގެ އެންމެ ބޮޑު ދަލީލަކީ އަޅުގަނޑުމެން ބާނާމަސް، ގާތްގަނޑަކަށް މިއުޅެނީ ޖުމްލަ ތިރީސްހާސް ޓަނުގެ ތެރޭގައި. ތިރީސް ހާސް، ތިރީސް ހަތަރުހާސް، ތިރީސް ފަސްހާސް. އެއަށްވުރެ މައްޗަށްދާ އަހަރެއް ނާދޭ، ކިތަންމެ ގިނަ އަދަދަކަށް ދޯނިފަހަރުގައި އިންޖީނު ބެހެއްޓުނު ކަމުގައިވިޔަސް. އަޅުގަނޑުމެންގެ އިންޖީނު ބެހެއްޓި ދޯނިފަހަރުގެ އަދަދަކީ ފައްސަތޭކަ ކަމުގައި އޮތް ދުވަހުވެސް، މި ދެންނެވި އަދަދު އޮތީ އޮތްވަރަށް. މިހާރު އެއްހާސް ދުއިސައްތަ ދޯނީގައި އިންޖީނު ބެހެއްޓިފައި އެބަހުރި. އަދިވެސް އެ އަދަދު އޮތީ އޮތްވަރަށް. އެހެންވީމާ، އެބަ އެނގޭ، އަޅުގަނޑުމެން ގިނަ ދޯނިފަހަރުގައި އިންޖީނު ބެހެއްޓިޔަސް އެއީކީ އޭގެ ޒާތުގައި މަސްވެރިކަމަށް އިތުރު ތަރައްޤީއެއް އަދި އައިސްފައިވާ ކަމެއް ނޫންކަން. އޭގެ ސަބަބުތަކެއްވެސް ހުންނާނެ. އޭގެތެރެއިން، އެންމެ ބޮޑު ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ އެކަށީގެންވާ އަދަދަކަށް މަހަށް ފުރޭގޮތްނުވުން ނުވަތަ ނުފުރުން.

އާދެ، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި އިންޖީނު ބެހެއްޓި އެއްހާސް ދުއިސައްތަ މަސްދޯނި އެބަހުރި. އޭގެތެރެއިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މަހަށް ފުރާ ކަމަށްވަނީ ގާތްގަނޑަކަށް ދުއިސައްތަ ދޯނި. ހުރި އަދަދުގެ ހަބައިކުޅަ އެއްބައި. ކޮންމެ އަހަރެއްގައި ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަސް އޮތް ނަމަވެސް، އެވްރެޖްކޮށް ބަލާއިރު ކޮންމެ މަސްދޯންޏަކަށް، އެވްރެޖްކޮށް އަހަރުގެ ތެރޭގައި ފުރިފައިވަނީ ގާތްގަނޑަކަށް ނުވަދިހަވަރަކަށް ދުވަހު. މުޅި އަހަރުގެ ހަތަރުބައިކުޅަ އެއްބައި. އަހަރު ދުވަހުގެ ތެރޭގައި ބައެއް ރަށްރަށުގައި ފުރިފައި އެބަހުރި ހަމައެކަނި ފަނަރަ ދުވަހު، މުޅި އަހަރުގެ ތެރޭގައި. ބައެއް އަތޮޅުގައި، އެބަހުރި ސަތޭކަ އަށްޑިހަ ދުވަސް. އެހެންވީމާ، އެއީ އަޅުގަނޑުހިތުން ވަރަށް ބޮޑު މައްސަލައެއް. ސަރުކާރުންވެސް ބާރުއަޅަންޖެހޭނީ، އަދި މަސްވެރިކަން ތަރައްޤީކުރުމަށް ޚިޔާލުކުރާ، މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް އަދި މަސްވެރިންގެ ފަރާތުންވެސް ބާރުއަޅަންޖެހޭނީ މަސްވެރިކަމަށް، މަސްދޯނިފަހަރު ފުރުވުމަށް އިތުރު ބާރެއް އެޅުއްވުމަށް. އެންމެ ނުވަދިހަ ދުވަހު މަސްވެރިކަން ކޮށްގެން ކިހިނެއްތޯ އަޅުގަނޑުމެންގެ މަސްވެރިކަން ތަރައްޤީކުރާނީ. އަޅުގަނޑުވެސް އެއްބަސް، އަހަރުގެ ކޮންމެ ދުވަހެއްގައި މަހަކަށް ނުފުރޭނެ. ބަންދު ދުވަސްތަކެއްވެސް އާދޭ. މޫސުމް ނުބައި ދުވަސްތަކެއްވެސް އަންނާނެ. އަދި އެކަށީގެންވާ ގޮތަކަށް މަސްވެރިކަން ނެތް ދުވަސްތައްވެސް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ އަދަދެއް ނޫން، މަހަށް ފުރޭނީ ހަމައެކަނި ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަހުގެ ތެރެއިން ނުވަދިހަ ދުވަސްކަން އެއީ. އަޅުގަނޑު ދެކޭގޮތުގައި އެންމެ މަދުވެގެންވެސް ސަތޭކަ އަށްޑިހަ ދުވަހު ނުވަތަ ދުއިސައްތަ ދުވަހު މަހަށް ފުރެންވާނެ.

އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ނަތީޖާއިންވެސް މިދެންނެވި ކަހަލަ ކަމެއް ފާހަގަކުރެވިގެންދިޔަ. އެއީ ރިޔާނެގި މަސްދޯނިފަހަރުގެ މުބާރާތެއް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބޭއްވެވީ. ބޭއްވެވިއިރު ޝަރުޠަކަށް ހައްދަވާފައި މި އޮންނަނީ، ސަތޭކަ އަށްޑިހަ ދުވަހު މަހަށްފުރުން އެންމެ މަދުވެގެންވެސް. އާދެ، ދުއިސައްތަ ތިން ދުވަހު އެއީ ހުރިހާ ބަންދު ދުވަސްތަކެއް ކަނޑާފައި، ދެން ބާކީ އޮންނަ ދުވަސްތަކުގެ ތިންބައިކޮށްފައި އެއްބައި. ދުއިސައްތަ ތިން ދުވަހު މަހަށް ފުރީމާ މި އިނާމު ޙައްޤުވަނީ. އޭގެ އެތައް ފަރާތެއް ހުރިނަމަ، ދުއިސައްތަ ތިން ދުވަހަށްވުރެ ގިނައިން މަހަށް ފުރާފައިވާ އެތައް ދޯނިތަކެއް ހުރި ކަމަށްވަންޏާ، އެންމެ ގިނައިން ފުރި ދޯންޏަކަށް، ފުރަތަމަ އިނާމު. ވަރަށް މަތީ އިނާމެއް. އަޅުގަނޑު ހަނދާންވާ ގޮތުގައި ދެހާސް ފައްސަތޭކަ ރުފިޔާއޭ ވިދާޅުވި. ދެވަނައަށް އަންނަ ދޯންޏަކަށް އެއްހާސް ފައްސަތޭކަ ރުފިޔާ، ތިންވަނައަށް އަންނަ ދޯންޏަކަށް އެއަށްވުރެ ތަންކޮޅެއް މަދުން. މިހުރިހާ އިނާމުތަކެއް ހުރީ ހުށަހަޅުއްވާފައި. އިޢުލާނު ކުރައްވާފައި. އެހެންނަމަވެސް، އަހަރު ދުވަހަށް ބެލިއިރު މިވާގޮތަކީ، މިދެންނެވި އަދަދަށް، ދުއިސައްތަ ތިން ދުވަހު މަހަށް ފުރިފައި އޮތީ ހަމަ އެންމެ ދޯންޏަކަށް. އެހެންވީމާ، އެދޯނީގެ ވެރިފަރާތް އެ ހާސިލުކުރި ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެން ފާހަގަކޮށްލުން އެކަށީގެންވާ ކާމިޔާބީއެއް. އެހެންވީމާ، އެއާއެކުގައި އެދޯނީގެ ވެރިފަރާތް އަލްފާޟިލް ޔޫސުފުފުޅަށް (ކ.ގުޅީ ލައިޓްހައުސް) އިޚްލާޞްތެރިކަމާއެކު ދައުލަތުގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި މުބާރަކުބާދީ ދަންނަވަން.

ދޯނިފަހަރު މަހަށް ފުރުވުމަށް ބާރުއަޅާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ، މަސްވެރިކަމަށްދޭ އަހަންމިއްޔަތު ކުޑަކަމުންބާއޭ އެހެން އެވަނީ. ޝައްކެއްނެތްގޮތުގައި، ސަރުކާރުންދޭ އަހަންމިއްޔަތު ކުޑައެއްނޫން. ޚާއްޞަކޮށް، މިވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި، މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައިވޭ. އަދި އޭގެ ބައެއް މަޝްރޫޢުތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލައިފިން. ހަމައެފަދައިން މަސްވެރިކަމާބެހޭ އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެނގޭ. އެހެންނަމަވެސް، އެކަށީގެންވާ އަދަދަކަށް ދޯނިފަހަރު މަހަށް ނުފުރާ ހުންނަކަން ފާހަގަކުރެވޭ. އެހެންވީމާ، އެކަމުގެ ސަބަބުތައް ހޯދައި، އެ ސަބަބުތައް ރަނގަޅުކުރަން ނުވަތަ އެސަބަބުތައް ހަމަޖެއްސުން، އެ މައްސަލަތައް ޙައްލުކުރުން. އެވާނެ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތަކަށް.

އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މަސްވެރިންގެ ދުވަހެއް ބޭއްވުމުގެ އެންމެބޮޑު އެއް ބޭނުމަކީ، އާންމު ރައްޔިތުންގެ ހިތުގައި އަދި ޚާއްޞަކޮށް، ޒުވާނުންގެ ހިތުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފެއްދުން. އެގޮތުން ބައެއް މުބާރާތްވެސް މިއަދު ބާއްވަވައި، އޭގެ ނަތީޖާ އިޢުލާނު ކުރައްވައިފި. މަސްވެރިކަމާބެހޭ ތަކެތި ހެދުމުގެ މުބާރާތެއް، މަސްވެރިކަމާބެހޭ ފޮޓޯ މަޢުރަޒެއް. ދެންމެ މިތާނގައި އެ ވާހަކަފުޅު ދެއްކެވި ދެ ޢިއްޒަތްތެރިން ވިދާޅުވިގޮތުގައި، އެކަށީގެންވާ ތަރުޙީބެއް، މިއިން އެއްވެސް ކަމަކަށް ނުލިބޭ. އެއީވެސް ވަރަށް ހިތާމަކުރާންޖެހޭ ކަމެއް. އެންމެފުރަތަމަ، މަސްވެރިކަމާބެހޭ ތަކެތި ހެދުމުގެ މުބާރާތުގައި ބައިވެރިވީ ރާއްޖޭގައި ހުރި މަދަރުސާތަކުގެ ތެރެއިން އެންމެ ހަތް މަދަރުސާކަން އެއީ އަޅުގަނޑު ހިތުން ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. ސަރުކާރުގެ ޚަރަދުގައި ހިނގާވެސް ސާޅީހަކަށް މަދަރުސާ އެބަހުރި. ހަމައެކަނި ސަރުކާރުން ހިންގާ، އަދި އޭގެ އިތުރަށް، އަމިއްލަ މަދަރުސާތައްވެސް ބައިވަރު. މި ހުރިހާ މަދަރުސާތަކެއް މާލެއާއި ރާއްޖެތެރޭގައި ހުރިއިރު، އެންމެ ހަތް މަދަރުސާއިން މިފަދަ މުހިންމު ކަމެއްގައި ބައިވެރިވާކަން އެއީ ހިތާމަކުރުން އެކަށީގެންވާ ކަމެއް. ޚާއްޞަކޮށް، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ، އަދި ރާއްޖޭގެ ޒުވާނުން ތައްޔާރުކުރުމުގެ އެންމެމަތީ ބައެއް ޙިއްޞާކުރާ އުމުރުން ފަންސާސް އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ މަދަރުސާއެއްގެ ނަން މިއަދު އިވިގެންނުދިޔަކަން އެއީ ހިތާމަކުރުން އެކަށީގެންވާ ކަމެއް. އަޅުގަނޑު އެ ހިތާމަ މިކުރަނީ ހަމައެކަނި މިވަގުތު ސަރުކާރު ހިންގުމާ ހަވާލުވެހުރި މީހާގެ ޙައިޘިއްޔަތަކުން ނޫން. އަދި އެ މަދަރުސާއަށް ނިސްބަތްވާ މީހެއްގެވެސް ޙައިޘިއްޔަތުން. އަޅުގަނޑު ނުދަންނަވަން ފަހަރެއްގައިވެސް އެ މަދަރުސާގެ ފަރާތުން ބައިވެރިނުވީ އެ މަދަރުސާގައި އުޅޭ ކުދިންގެ ހިތުގައި މަސްވެރިކަމަށް ޝައުޤުވެރިކަމެއް ނެތިގެންނެކޭ. ޝައްކެއްނެތް، އެމީހުންގެ ހިތުގައިވެސް އޮންނާނެ. އެމީހުންނަކީވެސް ދިވެހި ކުދިން. ބޮޑުވަމުން އަންނަ ދިވެހި ޒުވާނުން. ދިވެހިރާއްޖެ ކުރިޔަށް ގެންދިއުމުގެ މަތިވެރި ޝުޢޫރު އެ ކުދިންގެ ހިތްތަކުގައިވެސް އެކަށީގެންވާ ދަރަޖައަކަށް އޮންނާނެ. އެކަމަށް އެކުދިން މަސައްކަތްވެސް ކުރާނެ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ އެކަންތައްތައް ހިންގަވަން ތިއްބެވި، މަދަރުސާގައި ހިންގަވަން ތިއްބެވި ވެރިންނާއި މުދައްރިސުން މިކަމަށް އަހަންމިއްޔަތެއް ނުދެއްވިގެންނޭ، އެހެން މިދިމާވީ. އެހެންވީމާ، މުސްތަޤްބަލުގައި އެކަހަލަ ކަމެއް އެހެން ނުވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ ޒުވާނުންނަށް ކަންތައްތައް ދަސްކޮށްދީ، އެމީހުންގެ ހިތްތަކުގައި ޤައުމީ ކަންތައްތަކުގެ ޝައުޤުވެރިކަން އުފެއްދުމަށް. އެކަން ކުރަންޖެހޭނީ ހަމައެކަނި ސަރުކާރުންނެއް ނޫން. އެކަން ކުރަންޖެހޭނެ ހުރިހާ ފަރާތްތަކަކުންވެސް. އެނުކުތާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް.

އާދެ، ދެންމެ އަޅުގަނޑު ދެންނެވިފަދައިން، މުސްތަޤްބަލަށް ބަލާއިރު، އަޅުގަނޑުމެންގެ މަސްވެރިކަމާ ދޭތެރޭގައި އެކަށީގެންވާ ނިންމުންތަކެއް މިހާރުވަނީ ނިންމަންޖެހިފައި. މިދިޔަ ސެމިނާރުގައި، ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދެންނެވިން، ކުރިއަށް އޮތް ދެތިން އަހަރަކީ، މަސްވެރިކަމާ ބެހޭގޮތުން އަޅުގަނޑުމެން ވަރަށް މުހިންމު ނިންމުންތަކެއް ނިންމަންޖެހޭނެ ދެތިން އަހަރޭ. އެކަމާ ދޭތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގޮތްތަކެއް ނިންމަވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. މިހާރު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނެއްވެސް އެބައޮތް. ގަނޑުކޮށް މަސްހިފުން މަނާކުރާ ޤާނޫނެއް. އެ ޤާނޫނާ ދޭތެރޭގައިވެސް ޚިޔާލުކޮށް، އެ ޤާނޫނު އެއީ ކޮންމެހެން ބޭނުންނޫން ޤާނޫނަކަށްވަންޏާ، އެ ޤާނޫނު އުވާލަންވެސް ޖެހޭނެކަމަށް އަޅުގަނޑުދެކެން.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، މަސްވެރިންގެ ދުވަސް، ތިންވަނަފަހަރަށް ފާހަގަކުރެވޭ މިއަދުގެ މުނާސަބަތުގައި، ސަރުކާރުން ޤަޞްދުކުރާ ބައެއް ކަންތައްތަކުގެ ވާހަކަ. އޭގެ ތެރެއިން ދެ ކަމެއްގެ ވާހަކަ، މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި ބަޔާންކުރައްވައިފި. އެއްކަމަކީ މާފުށްޓާއި ތުލުސްދޫގައި އެސް.ޓީ.އޯ.ގެ ފަރާތުން ހުޅުއްވަވާ މަސްވެރިކަމާބެހޭ ޚާއްޞަ ދެ ފިހާރަ ހުޅުވުން. އެކަންތައް މިއަދު ހަވީރު އެބައޮތް. އެތަންތާނގައި، އެ ދެ ފިހާރައިގައި ވިއްކަން ހުންނަ މަސްވެރިކަމާބެހޭ ތަކެތި ލިބެން ހުންނާނީ، މާލޭގައި އެ ތަކެތި ލިބެން ހުންނަ އަގަށްވުރެ ސަތޭކައަކުން ފަހެއް ކުޑަކޮށް. އެހެންވީމާ، އެކަމުންވެސް މަސްވެރިންނަށް އިތުރު ލުޔެއް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. ދެވަނަ ކަމަކަށް މިނިސްޓަރ އޮފް ފިޝަރީޒް ވިދާޅުވީ، މިހާރު މި ހިނގަމުންދާ، ރާއްޖޭގެ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދެވިފައި ހުރި ދޯނިތަކުގެ ތެރެއިން ބައެއް ދޯނިފަހަރު، އެ ދޯނިތައް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކާ ހަވާލުކުރުން. އެއީ މިއަދުގެ މިޖަލްސާގެ ފަހު ވަގުތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމެއް.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުހިތުން އެންމެ އުފާވެރި ވާހަކަ. އެންމެ އުފާވެރި ޚަބަރު. އެއީ ކުރިންވެސް އަޅުގަނޑު ދެންނެވިހެން، މަސްވެރިކަމަށް ދޯނިފަހަރު ނުފުރާ ހުރުން އެއީ، ކޮންމެވެސް ސަބަބުތަކެއް ހުރެގެންވާ ކަމަކަށްވެސް ވެދާނެ. ޝައްކެއްނެތް، އެހެންކަމަށް އެކަންވާނީ. އެހެންވީމާ، ސަރުކާރުން އެ މަސައްކަތް ކުރަނީ އެހެން ހުންނަ ސަބަބުތައް ފިލުވައިލެވޭތޯ، ވެވުނު ވަރަކުން. އެއްކަމަކީ، އަޅުގަނޑުހިތުން، މަސްވެރިންނަށް ދިމާވާ ބައެއް ދަތިތައް. ތެޔޮ ލިބުމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅު ގޮތެއްގައި ކުރެވިފައި ހުރުން. ތެލުގެ އަގަށް ގެނެވެންއޮތް ބަދަލެއް ގެނައުން. މިކަހަލަ ކަންތައްތައް ކުރުމުންވެސް، މަސްވެރިންނަށް އިތުރު ލުޔެއް ލިބި މަހަށް ފުރުމަށް އެކަން އިތުރު ބާރަކަށްވާނެ.

އާދެ، އެގޮތުން އަޅުގަނޑު މިއަދު އުފަލާއެކު ދަންނަވަން އޮތީ، ސަރުކާރުން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު، މިއަދުން ފެށިގެން ލީޓަރަކުން ފަނަރަލާރި އަގުހެޔޮވާނެއޭ. އާދެ، އެއީ ހަމައެކަނި މަސްވެރިކަމުގެ ދާއިރާއަށް ވިއްކާ ތެޔޮ. ސަރުކާރުން ވަރަށްމަތީ އަދަދަކަށް، ފައިސާ ބޮލުގައި އަޅާފައި، މަސްވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ލީޓަރަކުން ފަނަރަލާރި އަގުހެޔޮކުރަނީ. އެހެންވީމާ، ދުވާލަކަށް ގާތްގަނޑަކަށް އެވްރެޖުކޮށް އަށް ގެލަން ގަންނަ މަސްދޯންޏަކަށްވިއްޔާ، ފަސްރުފިޔާ ސާޅީސް ލާރި، ދުވާލެއްގެ މައްޗަށް ޚަރަދުކުޑަވާނެ. އެހެންވުމުގެ ސަބަބުން ދޯނީގެ ޚަރަދު ކުޑަވެ، މަހަށް ދިޔުމަށް އިތުރު ބާރަކަށްވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަދި ދެ އެއްޗެއް ދަންނަވާލަން ބޭނުންވޭ. އޭގެތެރެއިން އެއް ވާހަކައަކީ، މިހާތަނަށް އަޅުގަނޑުމެން ރާއްޖެއަށް އެތެރެކުރަމުން އައި ހަނޑޫ، ހަކުރު، ފުށް، ކުޑަކުދިންގެ ކާނާ، ބޭސް، މިއެއްޗެތި އެތެރެކުރުމަށްފަހު އަގުހެޔޮކޮށް ވިއްކުމަށްޓަކައި ސަރުކާރުން އެއަށް ބައެއް ލާންޖެހޭކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ނުވަތަ ސަރުކާރުން، އެހެން ޢިބާރާތަކުން ދަންނަވަންޏާ، އެ އެއްޗެތި ސަބްސިޑައިޒް ކޮށްގެން، މިހުރިހާ ދުވަހަކު ވިއްކަމުން މިގެންދިޔައީ. އެހެންނަމަވެސް، އެކަމަކީ، އެއްގޮތަކަށްވެސް އަބަދު ސަރުކާރުން ކުރެވެން އޮންނާނެ ކަމެއް ނޫން، ސަރުކާރުގެ ޚަރަދުތައް ބޮޑުވަމުން ދިޔުމާއެކު. ޚަރަދުތައް ބޮޑުވަމުން ދާންޖެހޭ އެންމެ ބޮޑު ސަބަބަކީ ތަރައްޤީގެ މަޝްރޫޢުތައް. މިހާރު ރާއްޖެތެރެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކާއި، މާލޭގެ މަޝްރޫޢުތަކާ، މިބާވަތުގެ ކަންތައްތައް ކުރުމަށް ވަރަށްގިނަ އަދަދަކަށް ސަރުކާރުން ފައިސާ ޚަރަދުކުރަންޖެހޭތީ. އަދި އެކަންކަމަކީ، އެއްގޮތަކަށްވެސް ހުއްޓުވޭނެ ކަމަކަށްނުވާތީ. އަދި ހުއްޓައިގެންވާނެވެސް ކަމަކަށްނުވާތީ. ސަރުކާރުގެ ޚަރަދު ދަނީ، ބަޖެޓު ޚަރަދުދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން.

އެހެންވީމާ، މިދެންނެވި ބައި ސަރުކާރުން ލައިދިނުމަކީ ދާއިމީގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. މިވާހަކަ އަޅުގަނޑުވާނީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގައިވެސް ދަންނަވާފައި. އެހެންވީމާ، މިދެންނެވި ބައި، މިދޭތެރެއިން މަޑުމަޑުން ކުޑަކުރަމުންގޮސް މިހާރު ހަނޑޫ، ހަކުރު، ފުށް އަދި ކުޑަކުދިންގެ ކާނާއަށް ސަރުކާރުން އެއްވެސް އެއްޗެއް ނުލައި، އޭގެ ހަމައަގުގައި، ވިއްކަމުން ގެންދެވޭގޮތްވަނީ ހަމަޖެހިފައި. ސަރުކާރުން ޤަސްދުކުރަނީ، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުން ފެށިގެން ބޭހަށްވެސް އެ ބަދަލު ގެނެވޭތޯ. މަޑުމަޑުން ރައްޔިތުންނަށް ދަތިނުވާ އުސޫލެއްގެ މަތިން. އެގޮތަށް މި ހަދަނީ، އެގޮތްނަހަދައި އެއްގޮތަކަށްވެސް ދެކޮޅުޖެއްސެން ނޯންނާތީ. އެބައި ސަރުކާރުން ނުލީކަމުގައިވިޔަސް، ހުރިހާ ބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ، އަޅުގަނޑުމެންގެ ރާއްޖޭގައި ކާބޯތަކެތީގެ އަގުހެޔޮކަން ހުރިވަރު. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ނިސްބަތްކުރާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ކާބޯތަކެތި ލިބެން ހުންނާނީ، އިމްޕޯޓްކޮށްގެންވެސް، އެތެރެކޮށްގެން މި ވިއްކާ ހަނޑޫ، ހަކުރު، ފުށާ، އެބާވަތުގެ ތަކެތި ލިބެން ހުންނާނީ، އެހެން ޤައުމުތަކަށްވުރެ މާ އަގުހެޔޮކޮށް.

އާދެ، މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން މަސްވެރިންނަށް ލިބޭ ފައިދާއާއި، ތަނަވަސްކަމާއި، އަދި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ކުރިއެރުން، އެންމެ ރަނގަޅު ގޮތެއްގައި ހޯދައިދެވޭނީ، އެކަމުގައި އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޢަމަލީގޮތުން ބައިވެރިވެގެން. ހަނދުމަފުޅު ހުންނާނެ، މީގެކުރިން ޤައުމީ ދުވަހެއްގައި، އަޅުގަނޑު ވާހަކަ ދައްކަމުންގޮސް، އޭރު ރާއްޖޭގައި ރުއް މަދުވެފައިވާލެއް ބޮޑުކަމުން، އަޅުގަނޑު އިލްތިމާސް ކުރިން، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ރުކެއް އިންދެވުމަށް. އެ އިލްތިމާސަށް ވަރަށް އެކަށީގެންވާ ތަރުޙީބެއް ލިބުނު. އެހެންވީމާ، އެކަން ވަރަށް ރަނގަޅު ގޮތެއްގައި ހިނގައްޖެ. އަދި އޭގެފަހުންވެސް އެކިއެކި މުނާސަބަތުގައި ދަންނަވަން، އެއީ ހަމައެކަނި އެންމެފަހަރަކު ކޮށްގެންވާނެ ކަމެއްނޫނޭ. އަބަދުވެސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ރުކެއް އިންދޭތޯ ބަލަންވާނެއޭ. އޭރުން ދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ރުކުގެ އަދަދުވެސް، އެތައް ގުނައެއް އިތުރުވެގެންދާނެއޭ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ފައިދާތައްވެސް އިތުރުވަމުންދާނެއޭ. އެކަހަލަ ގޮވާލުމެއް މިއަދު އަޅުގަނޑު ގޮވާލަން ބޭނުމޭ. އެއީ އަޅުގަނޑަށް ހީވާގޮތުގައި، މަސްވެރިންނަށް އެކަށީގެންވާ ހިތްވަރެއް ލިބޭނީވެސް އަދި މަސްވެރިކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭނީވެސް އަޅުގަނޑުމެން އެންމެން އެކަމުގައި ޢަމަލީގޮތުން ބައިވެރިވި މިންވަރަކުން. މުޅި ޤައުމު މަސްވެރިކަމުގެ ދާއިރާގައި ބައިވެރިވެގެން.

އެހެންވީމާ، އަޅުގަނޑު މިއަދު މިކުރާ އިލްތިމާސަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޢުމުރުގެ ގޮތުންނާއި، ޞިއްޙަތުގެ ގޮތުން، މަހަށް ދެވޭވަރުގެ ކޮންމެ މީހަކު، މިއަންނަ އަހަރުގެ ތެރޭގައި، އެއްދުވަހު ނަމަވެސް މަހަށްދިޔުން. އާދެ، އެކަމުން އިސްތިސްނާވާނީ ހަމައެކަނި ކުޑަކުދިން. މަހަށް ނުދެވޭވަރުގެ ކުޑަކުދިން، މުސްކުޅިން، ބަލިހާލުގައި ތިބޭ މީހުން. އެނޫން އެންމެން، ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ރާއްޖޭގެ އެންމެ އާދައިގެ މުވާޠިނާ ހަމައަށް، މަދުވެގެން އެއްފަހަރު، މިއަންނަ އަހަރުގެ ތެރޭގައި މަހަށް ދިޔުމަކީ އަޅުގަނޑުގެ ޚާއްޞަ އިލްތިމާސެއް.

އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ މުރާލި، ހީވާގި، މަސްވެރިންނަށް އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަމުން، މިއަދުގެ އިންތިޒާމުތަކާއި، އަދި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ސަރުކާރުގެ ފަރާތްތަކަށް ޝުކުރު ދަންނަވަމުން، ދިވެހިރާއްޖެއަށް ތަނަވަސް މުސްތަޤްބަލަކަށާއި، އުފާވެރި ދުވަސްތަކަކަށް އެދެމުން، އަދި މަސްވެރިންނަށް އިތުރު ތަނަވަސްކަމަށާއި، މަސްވެރިކަމުގެ ދާއިރާއަށް އިތުރު ތަރައްޤީއަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.