بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކިބަފުޅަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުއަސްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، މިނިސްޓްރީގެ އިސްބޭފުޅުންނާއި، އިސްލާމީ ޔުނިވަރސިޓީގެ އިސްބޭފުޅުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މިއަދުގެ މި ކޯހުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސްވާޖިބެއްގެ ގޮތުގައި، އިއްޔެ ފާހަގަވެގެންދިޔަ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ތިޔައެންމެހައި ބޭފުޅުންނާއި، އަދި މިޙަފްލާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.

އާދެ، މިފަދަ ކޯހެއް، އިމާމުންގެ ފެންވަރު މަތިކޮށް އަދި އިތުރު ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދީ، ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އިސްލާމީ ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ކަމަށްޓަކައި، އަޅުގަނޑު މި ދެ މުއައްސަސާގެ އެންމެހައި އިސްވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުމަށްފަހު، އަޅުގަނޑުމެންގެ އެންމެބޮޑު އިޙްތިރާމެއް، ޤަދަރެއް ލިބިގެންވާ ތަނެއްގެ ގޮތުގައި މި ބިންމަތީގައި ވަނީ މިސްކިތްތައް. އާދެ ހަމައެއާއެކު، ޒަމާނުއްސުރެ ފެށިގެން، މިސްކިތްތަކުގެ އިމާމުން، މުދިމުން ވެގެންގޮސްފައިވަނީ، މުޖުތަމަޢުގެ ތެރޭގައި ވަރަށްބޮޑު ޤަދަރަކާއި ލޯތްބެއް ލިބިފައިވާ ބައެއްގެ ގޮތުގައި.

އާދެ، އަޅުގަނޑުމެން ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތްއިރު އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ޤުރްއާން ކިޔަވަން އެނގޭ މީހެއްގެ ގޮތުގައި ތިބިއިރުވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަބަދުވެސް ޚާއްޞަކޮށް އަޅުގަނޑުމެންނާ ރަމަޟާންމަސް ބައްދަލުކުރާހިނދު، ތަރާވީސް ނަމާދު ކުރުމަށް އަވަށްޓެރި ޤައުމުތަކުން ޤާރީންނާއި ބޭފުޅުން ގެންނަން އެބަޖެހޭ. އާދެ، މިއީ އަޅުގަނޑު ޤަބޫލުކުރަނީ މިފަދަ ފެށުމަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނިމުން ގެނެސްދޭނެ ކަމެކޭ. އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުން، މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވެގެން، މިކަންތައްތައް ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންނަށް ނުކޮށް ދޫކޮށްލެވޭނެ ގޮތްތައް ހޯދަން.

އާދެ، އެއްވެސް ޝައްކެއްނެތް، ދުނިޔެމަތީގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކަށް، އަޅުކަމަކަށްވަނީ ނަމާދު ޤާއިމުކުރުން. މިފަދަ ހެޔޮޢަމަލެއް ކުރުމުގައި އަޅުގަނޑު ދަންނަވާނީ އިމާމުވެހުރެ، އެތައްބަޔަކު ގޮވައިގެން މިފަދަ އަޅުކަމެއް ކުރުމުގައި މަސްއޫލުވާ މީހެއްގެ ޒިންމާ ވަރަށްބޮޑޭ. އަޅުގަނޑު ޤަބޫލުކުރަނީ އެފަދަ މީހެއްގެ ހަމައެކަނި އޮތީ އިމާމުވެހުރެ މިސްކިތްތެރޭގައި ހަމައެކަނި ނަމާދުކުރުން ނޫންކަމަށް.

އާދެ، މުޖުތަމަޢުގެތެރޭގައި ހިނގާ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ރީތި އަޚްލާޤު ދަސްކޮށްދިނުމަށްޓަކައި، ނޭދެވޭ ކަންތައްތަކުން މީހުން ދުރުހެލިކުރުމަށްޓަކައި، އާދެ، ނަމޫނާދައްކާ ބަޔަކަށް އިމާމުން ވާންއެބަޖެހޭ. އާދެ، އަޅުގަނޑު ހަމަ ދަންނަވާލާނަން، މިގޮތުން އަޅުގަނޑުމެންނަކީ، އަބަދުވެސް މައިންބަފައިންނަށް ހެޔޮކޮށްހިތާ، ޢުމުރުންދުވަސްވީ ފަރާތްތަކަށް އަޅައިލާ، ޚާއްޞަކޮށް، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަދި އަންހެން ބޭފުޅުންނަށް ޤަދަރުކުރާ، ހެޔޮލަފާ ރަނގަޅު ދަރިންތަކެއްގެ ގޮތުގައި، މުޖުތަމަޢެއްގެ ގޮތުގައި އޮތުމަށްޓަކައި މިދެންނެވިފަދައިން އިމާމުންގެ ރޯލު އިމާމުންގެ ހިއްސާ ވަރަށްބޮޑުކަމަށް.

މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ އިމާމުންނަށް ގޮވާލަންއޮތީ، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި، މިކަމުގައި ތިޔަބޭފުޅުން މަސައްކަތްކޮށްދެއްވާށޭ. އާދެ، އެނގިވަޑައިގަންނަވާނެ، މިސަރުކާރުގެ ސިޔާސަތަކީ، އެމީހަކު މަސައްކަތްކުރަން ޚިޔާރުކުރާ، ބޭނުންވާ ކޮންމެ ދާއިރާއަކުން އެމީހަކަށް ކުރިއަށްދެވޭނޭ މަގުފަހިކޮށްދިނުން. ދިވެހިރާއްޖޭގައި މީހުން ބިނާކުރުމާއި، ދިވެހިޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި ޤައުމަށް ބޭނުންތެރި، އަމިއްލަ ދިރިއުޅުމެއް ޤާއިމުކޮށް، އެހެން މީހުންނަށް ބަރޯސާނުވާފަދަ ބަޔަކަށް ހެދުމަށްޓަކައި، ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ.

އާދެ، މި ފުރުސަތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި ސަރުކާރު ފެށުމާއެކު، ދުވަހަކުވެސް މިޤައުމުގައި މިދެންނެވި ރޮނގުން ނުކުރެވޭފަދަ، ގިނަގުނަ މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައިވާކަން. އާދެ، އަޅުގަނޑުވެސް ދަންނަވަން އޮތީ މިފަދަ ފުރުސަތުތައް ލިބޭހިނދު، އޭގެ އެންމެ ހެޔޮބޭނުން، އެންމެހެޔޮ ފައިދާކުރުވަނިވި ގޮތަކަށް، އޭގެބޭނުން ހިއްޕަވާށޭ.

އާދެ، އަޅުގަނޑުމެންނަން މިފެންނަނީ، މިއަދުގެ ސަރުކާރުން އަޚްލާޤު ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ އުޅުން ރަނގަޅުކުރުމަށްޓަކައި، އަބަދުވެސް އަޅުގަނޑުމެންނަކީ މުސްލިމުންގެ ގޮތުގައި ތިބެގެން، ހަމަ ހުރިހާ މަސައްކަތްތަކެއް ކުރެވޭތަން. ވަކިން ޚާއްޞަކޮށް ދީނީކަންތައްތަކަށް، ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުން އިސްކަންދެވިގެންދާކަން މިއީ، އަޅުގަނޑުމެންނަށް އެންމެންނަށްވެސް ފެންނަންއޮތް ޙަޤީޤަތެއް.

އާދެ، މިއަދު މިސްކިތްތަކުގެ އިމާމުންނާއި މުދިމުން މިފަދަ އާދެ، ޑިގްރީ ޕްރޮގްރާމެއް ފެށިގެންދާއިރު، އަޅުގަނޑުމެން ދިވެހިސަރުކާރުންވަނީ މިސްކިތްތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއްވެސް ފަށާފައި.

އާދެ، މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ ޚާއްޞަކޮށް، އިސްލާމީ ޔުނިވަރސިޓީ އަދި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްބޭފުޅުންނަށްވެސް ދަންނަވައިލަން އޮތީ، އަޅުގަނޑުމެން އެބަޖެހެއޭ އަޅުގަނޑުމެންގެ ހުރި މަދު ވަސީލަތްތައް އެންމެފުރިހަމަގޮތުގައި ބޭނުންކޮށްގެން ގިނަކަންތައްތަކެއް، ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަން. ރާއްޖޭގެ އަތޮޅުތަކުގައި، ރަށްތަކުގައި ތިބި ބޭފުޅުންނަށް ފަސޭހަކަމާއެކު، ތަޢުލީމީ ފުރުސަތު ލިބޭނޭފަދަގޮތަކަށް، އަޅުގަނޑުމެންގެ ކަންތައްތައް އިތުރަށް އަޅުގަނޑުމެން ބާރަށް ކުރިއަށްގެންދަން އެބަޖެހޭ.

އާދެ، މިއަދުގެ ޙަފްލާގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާބެހޭ ވަޒީރުވެސް އެބައިންނެވި. ވަޒީރަށްވެސް އަޅުގަނޑު ދަންނަވަން އޮތީ، ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުންގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެންމެއިސް ވާޖިބަކީ، ތަޢުލީމު އުނގަންނައިދީ، ޒުވާނުންނަކީ ތަޢުލީމީ ރޮނގުން ކުރިއަރައި، ތަމްރީނު ލިބިފައިވާ ބަޔަކަށްހެދުމޭ. އެ މަސައްކަތްކޮށްދެއްވުމަށް އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔައެންމެހައި ބޭފުޅުންގެ އަރިހުން ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން، މިއަދުގެ ޙާލަތު އޮތްގޮތުން، ތިޔަ އެންމެހައި ބޭފުޅުންގެ އަރިހުންވެސް އެދެން ބޭނުންވޭ. އަޅުގަނޑުމެން މިދެކެމުން މިދަނީ ދުވަހަކުވެސް އަޅުގަނޑުމެން އިޙްސާސްކުރި، އަދި އެއްވެސްވަރަކަށް ފެނިދާނެކަމަށް އަޅުގަނޑުމެންނަށް ވިސްނުނު ކަމެއްނޫން. މުޅިދުނިޔެ ތަޖުރިބާކުރަމުން މިދަނީ، ދިވެހިޤައުމުވެސް، ދިވެހިރައްޔިތުންވެސް ތަޖުރިބާކުރަމުން މިދަނީ ވަރަށް އުނދަގޫ، ވަރަށް ހިތްދަތި، ވަރަށް އެކަނިވެރި ދުވަސްތަކެއް. މިކަމުން އަރައިގަތުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ހުރިހާ އެންމެންގެ ފަރުދީ ޒިންމާ ވަރަށްބޮޑު.

އަޅުގަނޑުގެ ނަސޭހަތަކީ ޚާއްޞަކޮށް، މި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި، ޞީއްޙީ މާހިރުންގެ އިރުޝާދާއި ލަފާ އައްސަވައި، ޚާއްޞަކޮށް ސާފުތާހިރުކަމާއި، އިޖުތިމާޢީ ގައިދުރުކަން އަޅުގަނޑުމެން ބަހައްޓައި، މިކަމުން ސަލާމަތްވުމަށްޓަކައި، އެންމެން އެކުގައި ސަރުކާރާއި މުޅިރައްޔިތުން ގުޅިގެން މި މަސައްކަތް ކުރުން. انشاء الله  އަޅުގަނޑުމެންނަށް މިގޮތަށް ކުރެވޭ މަސައްކަތުން އަވަހަށް މިކަމުން ސަލާމަތްވެވޭނެ.

މިކޯހުގެ ބައިވެރިންނަށް، މި ކޯހަކީ ކާމިޔާބު ރަނގަޅު ޢިލްމެއް، އިތުރު ތަޢުލީމު، އިތުރު ކަންތައްތަކެއް ދަސްވެގެންދާނެ ކަމެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ، ނަމާދު ޤާއިމުކުރާ، ޤުރްއާންކިޔަވާ، ޤުރްއާންކިޔެވުމަށް ޝައުޤުވެރި ބައެއްގެ ގޮތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ލެއްވުން. ދިވެހިޤައުމާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.