بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް. ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ މަޑުޖެހުމަށްފަހު، މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ކުރިއަށްވުރެ ބޮޑަށް މިއަދު މިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް އަހަންމިއްޔަތުކަން ދޭން ޖެހިފައި. މިފުރުޞަތުގައި، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމާއި، ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ބުރަ އަދި ހިތްވަރުގަދަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، މި ބަލިމަޑުކަމާ ގުޅިގެން ސައިކޯ-ސޯޝަލް ސަޕޯޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ހީވާގި ބަޠަލުންގެ މަސައްކަތްތައް ފާހަގަކުރަން. މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު އެއްކަމަކީ، ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށްކަން.

ދިވެހި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ އެއީ. އެހެން ބަލިތަކެކޭވެސް އެއްފަދައިން، ނަފްސާނީ ބަލިތަކުންވެސް އަރައިގަތުމަށް އޮތް ރާސްތާ ފެށެނީ، މުޅި މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި، އެހީތެރިކަމުގެ ތެރެއިން. ވަކިން ޚާއްޞަކޮށް، މިބަލީގެ އަސަރުކޮށްފައިވާ މީހުންނަށް އެންމެންވެސް ވާގިވެރިވެގެން. އެކަނިވެރިކަމާއި، ބާކީވުމުގެ އިޙުސާސުން އެމީހުން ދުރުކޮށްދީގެން.

ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން މިއަންނަނީ ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން. އައި.ޖީ.އެމް. ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ސެންޓަރ ފޮރ މެންޓަލް ހެލްތާއި، އަމިއްލަ ކްލިނިކާއި ހަސްފަތާލުތަކުން، އާސަންދަ މެދުވެރިކޮށް މިފަދަ ބަލިތަކަށް ބޭނުންވާ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުން މީގެ ތެރެއިން ފާހަގަކޮށްލަންޖެހޭ. އަދި، އަތޮޅުތަކުގައިވެސް މިފަދަ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، ޤާނޫނީގޮތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މިދަނީ ފިޔަވަޅުތައް އަޅަމުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަން ހަނދާންކޮށްދެމުން. މިއީވެސް ސީރިއަސް، އަދި ކަންބޮޑުވާންޖެހޭ ބަލިތަކެއްކަމުގައި ދެކި، މިފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން އެކަނިވެރިވިޔަ ނުދީ، އެ މީހުންނާއެކު އަޅުގަނޑުމެން ތިބިކަން އަންގައިދީ، އެމީހުންނަށް ބޭނުންވާ އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރަމުން. އަދި، އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭކަން ޔަޤީންކޮށްދެމުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه