މުދައްރިސުން އަދާކުރަނީ ވަޒީފާއެއްކަމުގައި ވީނަމަވެސް، ޙަޤީޤަތުގައި މުދައްރިސުންގެ މަސައްކަތަކީ، ޤައުމުގެ ޙައްޤުގައި ކުރާ ވަރަށް އަގުހުރި އިންސާނީ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުދައްރިސުން ކުރަމުންދާ މަސައްކަތަކީ ރަނގަޅު ޢިލްމާއި، ހެޔޮ ތަރުބިއްޔާތާއި، ރިވެތި އަޚްލާޤުގެ މަތީގައި ޤައުމުގެ ދަރީންގެ ކުރިމަގު ބިނާކުރުންކަމުގައެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ، ކޯވިޑް-19 ގެ މި ނުރައްކާތެރި ހާލަތުގައި ވެސް ދަރިވަރުންގެ ތަޢުލީމާއި އުނގަންނައިދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި، މުދައްރިސުން ވެ ވަޑައިގަންނަވަމުން އެ ގެންދަވަނީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ މަތިވެރި ޤުރުބާނީއެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނަމުގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވާފައެވެ.