بســم اللّـه الرّحمـن الرّحيــم

الْحَمْدُ لِلَّـهِ الَّذِي هَدَانَا لِهَـٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّـهُ، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محمّد وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދައުލަތުގެ ޢިއްޒަތްތެރިން، ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ އަތޮޅުވެރިން، މިތަނަށް މިރޭ ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރި އަޚުންނާއި އުޚުތުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމުގައި މި ހުއްޓުނީ ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. އެ ވާޖިބު އަދާކުރުން އަޅުގަނޑާ ޙަވާލުކުރެއްވި ކަމަށްޓަކައި މި ޖަލްސާތައް އިންތިޒާމު ކުރެއްވި ފަރާތަށް، އާދެ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް އަދި އެ މިނިސްޓްރީގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު މިރޭ އަދާކުރުމަށް އެ މިނިސްޓްރީގެ ފަރާތުން ދަޢުވަތު ދެއްވާފައިވާ ވާޖިބަކީ އަތޮޅުވެރިންގެ ބައްދަލުވުން ހުޅުވައިދިނުން. "އަތޮޅުވެރިންގެ ބައްދަލުވުން ތިނެއް" ހުޅުވައިދިނުން. އެ ތިނެއް އެ ރަމްޒުކުރަނީ އަޅުގަނޑު ހިތުން މި ދައުރުގައި މި ބޭއްވޭ އަތޮޅުވެރިންގެ ތިންވަނަ ބައްދަލުވުން ކަމަށްވާތީ އެކަމަށް.

ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، މީގެކުރިން އަތޮޅުވެރިންގެ ދެ ބައްދަލުވުމެއް ބޭއްވިއްޖެ 1980 ވަނަ އަހަރުގެ ތެރޭގައި. އެންމެ ފުރަތަމަ ބޭއްވުނީ، އުތުރު އަތޮޅުތަކުގެ އަތޮޅުވެރިންގެ ބައްދަލުވުން. އެއާ ވިދިގެން ދެކުނުގެ އަތޮޅުތަކުގެ އަތޮޅުވެރިންގެ ބައްދަލުވުން. ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ އަތޮޅުވެރިން މި ދައުރުގައި ބައްދަލުވެވަޑައިގަންނަވާ އެންމެ ފުރަތަމަ ފަހަރަކީ މިފަހަރު.

އާދެ، އަތޮޅުވެރިންގެ މި ބައްދަލުވުން ހުޅުވައިދިނުމަށްޓަކައި ކަނޑާލަންޖެހޭ ފީތާފަށަކީ، މި ޖަލްސާގައި ކޮންމެވެސް އެއްޗެއް ދަންނަވާލުން ކަމަށްވާތީ، އަޅުގަނޑު މިހާރު އެ ވާޖިބު އަދާކުރެވޭތޯ މި ކުރިމަތިލަނީ. ކުރިންވެސް އިޝާރާތްކުރި ފަދައިން މިއީ މި ދައުރުގައި ރާއްޖޭގެ ހުރިހާ އަތޮޅުވެރިން މިފަދަ ޖަލްސާއެއް ކުރައްވާ ފުރަތަމަފަހަރު. މި ދައުރުގައޭ އަޅުގަނޑު މި ދެންނެވީ، ދެންމެ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން އެ ވިދާޅުވި ވާހަކަފުޅު ހަނދާންނެތިގެނެއް ނޫން. އޭނާ ވިދާޅުވީ، ދިވެހި ތާރީޚުގައިވެސް މިފަދަ އެހެން ބައްދަލުވުމެއް މީގެކުރިން އިންތިޒާމު ކުރެވިފައެއްނެތޭ. ޝައްކެއްނެތް، އޭނާ އެ ވިދާޅުވަނީ ތެދުފުޅަކަށްވުން ވަރަށް ކައިރި. އެހެންނަމަވެސް، މީގެ ދިހަވަރަކަށް އަހަރު ދުވަސް ކުރިން ނުވަތަ ނުވައަހަރު ދުވަސް ކުރިން މާލޭގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ އަތޮޅުވެރިންގެ ބައްދަލުވުމެއްގެ ފެށުން ފާހަގަކުރެވިގެންދިޔަ. ދިމާވި ސަބަބަކަށްޓަކައި، އެއީ ކޮން ސަބަބެއްކަން އަދި އަދަށްދާންދެންވެސް އަޅުގަނޑުމެންނަކަށް ނޭނގެ. ދިމާވި ސަބަބަކަށްޓަކައި އެބައްދަލުވުން ޖެހުނީ މެދުކަނޑާލަން. ކާމިޔާބާ ހަމަޔަކަށް އެ ބައްދަލުވުން ދަތުރެއްނުކުރޭ. އެހެންވީމާ، ޢަބްދުއްރަޝީދު އެ ވިދާޅުވާގޮތުން މިއީ ފުރަތަމަ ބައްދަލުވުމޭވެސް ދެންނެވިދާނެ. ނޫނީ ފުރަތަމަ އެހެން ބައްދަލުވުމެއްގެ ފެށުން ފާހަގަކުރެވުނު ކަމުގައިވިޔަސް، އެ ބައްދަލުވުން މެދުކަނޑާލަން ޖެހުނުކަމަށްޓަކައިވެސް މިއީ ފުރަތަމަ ބައްދަލުވުމޭ ދެންނެވިދާނެ.

ކޮންމެއަކަސް މިހުރިހާ ނަޒަރަކުން ވިސްނާއިރުވެސް މި ބައްދަލުވުން ހިމެނޭނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމުގައިކަން އަޅުގަނޑަށް ޔަޤީންކުރެވޭ. އާދެ، މިބައްދަލުވުމުގެ އެންމެބޮޑު ބޭނުމެއް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ، އަޅުގަނޑަށް އިޙްސާސް ކުރެވެނީ، އަތޮޅުވެރިން ސީދާ ސަރުކާރުގެ މުހިންމު ދާއިރާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު މިބައްދަލުވުމުގެ ތެރެއިން ލިބިވަޑައިގަންނަވާކަން. ޝައްކެއްނެތް، އަތޮޅުވެރިންނާއި ސަރުކާރުގެ މިނިސްޓްރީތައް ހިންގަވަން ތިއްބެވި އެންމެ މަތީ ވެރިންނާ ސީދާ ބައްދަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެކަމުގެ ސަބަބުން ވަރަށްގިނަ ފައިދާތައް ލިބެމުންދާނެ ކަމެއް. އަތޮޅުގެ ތަރައްޤީއަށް، އަތޮޅުތަކުގެ ތަރައްޤީއަށް، އަތޮޅުތަކުގެ ހިންގުމަށް، އެންމެފަހުން ރާއްޖޭގެ ރައްޔިތުންނަށް.

މިހާރު ދައުލަތުގެ މިނިސްޓަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އެކިއެކި ދައުލަތުގެ މުހިންމު ވުޒާރާތައް ހިންގެވުމާ ހަވާލުވެ ތިއްބެވި އިސްވެރިން ރާއްޖެތެރެއަށް ދަތުރުކުރައްވަމުން ގެންދަވާ. އެހެންނަމަވެސް، އެ ކުރައްވާ ދަތުރުތަކުގެ ސަބަބުންވެސް ހުރިހާ އަތޮޅުތަކުގެ އަތޮޅުވެރިންނާ އެއްފަހަރާ ބައްދަލުކުރެއްވޭނެ ގޮތެއް އެބޭފުޅުންނަކަށް ފެނިވަޑައެއްނުގަންނަވާނެ. އެފަދަ ފުރުޞަތެއް އެބޭފުޅުންނަށް ހާސިލުވެވަޑައެއްނުގަންނަވާނެ. އެކަން އެހެން އޮތުމާއެކު، އެއްތަނަކަށް ހުރިހާ އަތޮޅުވެރިން އެއްވެވަޑައިގެން ދައުލަތުގެ މައްޗަށް ތިއްބެވި ބޭފުޅުންނާ ބައްދަލުކުރެއްވުން އެއީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް ކަމުގައި ނުވެނުދާނެ. އާދެ، އެންމެބޮޑު ސަބަބަކީ ރާއްޖެތެރޭގައި ކަންތައްތައް ހިނގާގޮތާއި، ރާއްޖެތެރޭގައި ދިމާވާ މައްސަލަތަކާ، މިކަންކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލިބެނީ ސިޓީގެ ޒަރީޢާއިން ކަމަށްވާކަން. ނޫނީ މެސެޖްގެ ޒަރީޢާއިން ކަމަށްވާކަން. ސިޓީގެ ޒަރީޢާއިން ނުވަތަ މެސެޖްގެ ޒަރީޢާއިން ނުވަތަ ރިޕޯޓްތަކެއްގެ ސިފައިގައި. ރާއްޖެތެރެއާބެހޭ ކަންތައްތައް، ދައުލަތުގެ މުހިންމު އިދާރާތަކުގެ ވެރިންނާ ހަމަޔަށް އައުމަށްވުރެ، އަޅުގަނޑު ދަންނަވާނީ، ސީދާ އަތޮޅުވެރިން، އެ ވެރިންނާ ބައްދަލުކުރައްވައިގެން، އެ މައްސަލަތައް އޮޅުންފިލުއްވައިދެއްވުމުން ލިބޭ ފައިދާ މާބޮޑުވާނެއޭ.

އެހެންވީމާ، މިފަދަ ބައްދަލުވުމެއްގެ މުހިންމުކަން އެއީ އަޅުގަނޑު ހިތުން އެއާ ދޭތެރޭގައި އަޅުގަނޑުމެން މާގިނަ ވާހަކަތަކެއް ދައްކަންޖެހޭ ކަމެއް ނޫން. މި މުހިންމު ބައްދަލުވުމަކީ، މި ދެންނެވި ގޮތުގެ މަތިން އަތޮޅުވެރިންނާއި، ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވައި، ދެފަރާތުގެ ދެމެދުގައި އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވި، ޚިޔާލު ބަދަލުކުރެވި، އަތޮޅުތަކުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތައް ރޭވި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ފިލުވައިލެވޭނެ ގޮތްތަކާ ދޭތެރޭގައިވެސް ވާހަކަ ދެކެވި، އެހުރިހާ ކަމެއް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ހަމަޖެހޭނެ ބައްދަލުވުމެއް. އެހެންކަމާއެކު، މި ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމުގައި ސަރުކާރުން ފާހަގަކުރަނީ.

އާދެ، މިފަދަ ބައްދަލުވުންތައް ބޭއްވުން އެއީ ހަމައެކަނި އަޅުގަނޑުމެން މި ރާއްޖޭގައި ކުރަމުންދާ ކަމެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިބާވަތުގެ ބައްދަލުވުންތައް ބާއްވަމުން ގެންދޭ. ބައެއް ތަންތާނގައި ގަވަރުނަރުންގެ ބައްދަލުވުން. މިސާލަކަށް، އެމެރިކާ ކަހަލަ ތަންތާނގައި، އެ ރަށް ބެހިފައި އޮންނަނީ އެކިއެކި ސްޓޭޓްތަކުގެ މައްޗަށް. ކޮންމެ ސްޓޭޓެއްގެ ވެރިޔަކަށް ގަވަރުނަރެއް ހުންނަވާނެ. އެހެންވީމާ، ގަވަރުނަރުންގެ ބައްދަލުވުން އެތާނގައި އޮވޭ، ދޭތެރެ ދޭތެރެއިން. ބައެއް އެހެން ޤައުމުތަކުގައި މިދެންނެވި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ކިޔަނީ އެހެނިހެން ނަންތަކެއް ކަމަށްވުމާއެކު، އެބޭފުޅުންގެ ބައްދަލުވުންވެސް އޮވޭ. ވާހަކަޔަކީ، އެއްދާއިރާއެއްގައި އުޅޭ މަތީ ވެރިން ބައްދަލުކޮށް، ސީދާ ވާހަކަދައްކައި، ކަންތައްތައް ރާވައި ހެދުމަކީ ޤައުމުގެ ތަރައްޤީއަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާތީ. އެގޮތުން ހުރިހާ ޤައުމެއްގައިވެސް މިކަންތައްތައް މިހެން ހިނގަމުންދަނީ.

އެހެންވީމާ، ދިވެހިރާއްޖޭގައިވެސް މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުންތެރިކަން އެއީ މިހާރު ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ ކަމެއް. އެކި ޤައުމުތަކުގައި މިދެންނެވި ފެންވަރުގެ ބައްދަލުވުންތަކުގެ އިތުރަށް، އެހެން ދާއިރާތަކުގައި އުޅުއްވާ ބޭފުޅުންގެ ބައްދަލުވުންތައްވެސް ބޭއްވޭ. މިސާލަކަށް، ކޮންމެވެސް ރަށެއް، ބޭރު ދުނިޔޭގައި ތަމްސީލު ކުރައްވަން ތިއްބަވާ ސަފީރުން އެތާނގެ ޚާރިޖީ ވަޒީރުގެ ރިޔާސަތުގެ ދަށުން ކުރެވޭ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފާނެ. ހަމައެޔާއެކު، ޤައުމުތަކުގެ ރައީސުންގެ ފެންވަރުގައިވެސް ދުނިޔޭގައި ބައްދަލުވުންތައް ބޭއްވެމުންދޭ. އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން އިވެމުންދޭ، އ.ދ. މަޖިލީހުގެ ބައްދަލުވުންތައް، ނުވަތަ އިސްލާމީ ކޮންފަރެންސްގެ ބައްދަލުވުންތައް، އެފްރިކާގެ ބައްދަލުވުންތައް، އެފްރިކާގެ ޤައުމުތަކުގެ ރައީސުންގެ ބައްދަލުވުން، ކޮމަންވެލްތުގެ ރައީސުންގެ ބައްދަލުވުން، އެމެރިކާގެ އެކި ޤައުމުތަކުގެ ރައީސުންގެ ބައްދަލުވުން. އަދި މި ދެންނެވި ދާއިރާތަކުގައި ހިމެނޭ ޤައުމުތަކުގެ ރައީސުންގެ ބައްދަލުވުމުގެ އިތުރަށް، އެތަންތާނގެ ތަފާތު ކަންކަމާބެހޭ މިނިސްޓަރުންގެ ބައްދަލުވުންތައްވެސް ބޭއްވޭ. އެހެންވީމާ، މުޅި ދުނިޔެވެސް ގަބޫލުކުރާ ކަމެއް، މިބާވަތުގެ ބައްދަލުވުންތައް ބާއްވައިގެން، އެންމެން އެއްތަނެއްގައި ތިބެގެން ސީދާ ވާހަކަ ދައްކައިގެން ކަންތައްތައް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން.

އާދެ، އެހެންވީމާ އަޅުގަނޑުގެ ނަޞޭޙަތަކީ، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ އަތޮޅުވެރިންވެސް ކަންކަމާ ދޭތެރޭގައި ވާހަކަ ދައްކަވާއިރު އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ވާހަކަ ދައްކަވަމުން ގެންދެވުން. ހުރިހާ މައްސަލަތަކެއްވެސް ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނަށް ސާފުކޮށް ވިދާޅުވެދެއްވުން. އެއްވެސް ކަމެއް ނުފޮރުއްވުން. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިންވެސް އެނގޭގޮތުގައި ސީދާ ބައްދަލުކޮށްގެން މައްސަލަ ސާފުކުރީމާ ހުރިހާ ކަމެއްވެސް މާ ރަނގަޅަށް އޮޅުންފިލާ. ހަމައެކަނި އަންނަ ރިޕޯޓަކުން ނުވަތަ ސިޓީއަކުން މައްސަލަ އެނގޭވަރަށްވުރެ މާ ރަނގަޅަށް ސީދާ އަތޮޅުވެރިންނާއި ނުވަތަ ރަށްރަށުގެ ވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކީމާ، އެ މައްސަލަތައް އޮޅުންފިލާ. އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައި އެއީ ވަރަށް ބޮޑަށް އަޅުގަނޑަށް އިޙްސާސް ކުރެވޭ ތަޖުރިބާއެއް.

އާދެ، އަޅުގަނޑު މިދެންނެވި ގޮތުގެ މަތިން އިޚްލާޞްތެރިކަމާއެކު ހުރިހާ އަތޮޅުވެރިންވެސް މިނިސްޓްރީތަކުގެ ވެރިންނާ ވާހަކަފުޅު ދެއްކެވުން އަޅުގަނޑު އެދެން. އާދެ، މަޝްވަރާގެ ޢާންމު ޖަލްސާތަކުގައި ވާހަކަ ދައްކަވަން ދަތިފުޅުވާކަހަލަ ބައެއް މައްސަލަވެސް ހުރެދާނެ. އެބާވަތުގެ މައްސަލަ ހުރި ކަމުގައިވަންޏާ އަޅުގަނޑު ހިތުން އަތޮޅުވެރިން އެކިއެކި މިނިސްޓްރީތަކަށް ކުރައްވާ ޒިޔާރަތްތަކުގައި، ތަންކޮޅެއް ހަނި ދާއިރާއެއްގައި އެ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިދާނެ. އަޅުގަނޑު ޔަޤީންކުރަން، ނުވަތަ އަޅުގަނޑަށް ޔަޤީންވޭ، ދައުލަތުގެ ކަމާބެހޭ މިނިސްޓަރުން، ކަމާބެހޭ އިދާރާތަކުގެ އެންމެމަތީ ވެރިން، ތިޔަބޭފުޅުންގެ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާނެ ކަމަށް. ތިޔަބޭފުޅުން ކޮންމެފަދަ މައްސަލައެއް، ދަތިވާ މައްސަލައެއް ނެންގެވިޔަސް، އެކަމާ ދޭތެރޭގައި ކިތަންމެ ކުޑަކޮށްވެސް އެބޭފުޅުންގެ ހިތްޕުޅުހަމަނުޖެހުމެއް ނޯންނާނެ ކަމަށް. އަދި އެބޭފުޅުން އެވާހަކަފުޅުތަކަށް ތަރުޙީބު ދެއްވައި، ހުރިހާ ކަމެއްވެސް އެންމެ އެދެވޭ، އެންމެ ރަނގަޅު، އެންމެ އޮމާންގޮތަކަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް.

އާދެ، މިއަދުގެ ދުނިޔޭގައި ހުރިހާ ޤައުމުތަކުންވެސް އެންމެބޮޑު އަހަންމިއްޔަތެއްދޭ ކަމަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން، ތަނުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު އެންމެބޮޑު އަހަންމިއްޔަތެއްދޭ ކަމަކީ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ބަލައިލަންޖެހޭ ދެތިން ހަތަރު ނުކުތާއެއް އެބައޮތް ތަރައްޤީއާ ބެހޭގޮތުން.

އެންމެ ފުރަތަމަ އަޅުގަނޑު އިޝާރާތްކޮށްލަން ބޭނުންވަނީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢަށް. އެއީ މި ޖަލްސާއަކީ އަތޮޅުވެރިންގެ ޖަލްސާއަކަށްވާތީ، އަތޮޅުވެރިންނާބެހޭ ބަޔަކީ ރާއްޖެތެރެއަށްވާތީ. އާދެ، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ނަމުން ނަން ދެވިފައިވާ މަޝްރޫޢެއް ސަރުކާރުން ހިންގަމުން އެބަ ގެންދޭ. އެ މަޝްރޫޢުގެ ދަށުން އަތޮޅުތަކުގެ، ހުރިހާ އަތޮޅެއްގެވެސް ވަރަށްގިނަ ރަށްރަށުގައި އެކިބާވަތުގެ މަސައްކަތްތައް ކުރެވެމުން އެބަދޭ. ދެންމެ ޢަބްދުއްރަޝީދު ޙުސައިން ވަރަށް އަސަރުގަދަގޮތެއްގައި އަޅުގަނޑުމެންނަށް އޭގެތެރެއިން ބައެއް ކަންތައްތައް ކިޔުއްވާލަދެއްވައިފި. ކޮންމެއަކަސް އެކަންތައްތައް ކުރެވެމުންދަނީ ރާއްޖެތެރޭގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައިކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ.

އާދެ، ރާއްޖެތެރެ ތަރައްޤީ ކުރުމޭ ބުނީމާ ނިކުންނަ ސުވާލަކީ ރާއްޖެތެރެ ތަރައްޤީ ކުރަން މަޝްރޫޢެއް ރާވަންޖެހުނީ ކީއްވެގެންބާވައޭ. އާދެ، ރާއްޖެއަކީ ރާއްޖެތެރެ އެކަންޏެއް ނޫން. ރާއްޖެއަކީ، ދިވެހިރާއްޖެއަކީ، މާލެއާއި ރާއްޖެތެރެ. އެހެންވީމާ، ހަމައެކަނި ރާއްޖެތެރެ ތަރައްޤީ ކުރުމަށް ސަރުކާރުން މަޝްރޫޢެއް ރޭވުމުގެ ބޭނުމަކީ ކޮބައިބާވައޭ؟ މި ސުވާލު އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތުގައި އުފެދޭނެ. އާދެ، އޭގެ ޖަވާބަކަށް ދަންނަވަން އޮތީ އެކިއެކި ކަންތައްތައް ދިމާވެފައި ހުރިގޮތުން ރާއްޖޭގައި ޒަމާނުއްސުރެ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތައް ހިނގަމުން އައިސްފައިވާ ގޮތުން މާލެވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައޭ. އާދެ، އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގެ ނިސްބަތުގައެއް ނޫން. ދުނިޔޭގެ ނިސްބަތުގައި މާލެވަނީ ތަރައްޤީވެފައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި މާލެވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި. އެ ތަރައްޤީ ރާއްޖެތެރެއަށް ފޯރާފައެއް ނެތް. މާލެ ތަރައްޤީވީވީހެން، ކަންދިމާވި ގޮތަކީ ރާއްޖެތެރޭގެ މީހުންވެސް ރާއްޖެތެރެ ދޫކޮށްލާފައި މާލެއަށް އަންނަގޮތް ދިމާވީ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ވިއްސަކަށް ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި އުޅެން ޖެހިފައި އޮތީ ސަލާމަތްވުން ދަތި ވަށްބުރެއްގެ ތެރޭގައި. މަސައްކަތް ކުރެވެމުންދިޔައީ މާލެ ތަރައްޤީ ކުރުމަށް. މާލެ ތަރައްޤީވީވީހެން ރާއްޖެތެރެ ދިޔައީ ނިކަމެތިވަމުން. ރާއްޖެތެރެ ނިކަމެތިވަމުން ދިޔަދިޔަހެން ދިރިއުޅުމުގެ އެކިއެކި ފުރުޞަތުތައް ހޯދުމަށާއި، ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ރާއްޖެތެރޭގެ މީހުން ދިޔައީ މާލެއަށް އިތުރުވަމުން. ރާއްޖެތެރޭގެ މީހުން ރާއްޖެތެރެ ދޫކޮށް މާލެ އައުމުގެ ސަބަބުން ރާއްޖެތެރެއަށް ލިބެމުންދިޔައީ އިތުރު ނިކަމެތިކަމަކާއި ފަޤީރުކަމެއް.

އެހެންވީމާ، މިދެންނެވި ސަލާމަތްވުން ދަތި ވަށްބުރުގެ ތެރޭގައި މާލެއާއި ރާއްޖެތެރެ އޮތީ ތާށިވެފައި. އެ ވަށްބުރުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނާނެކަން ކަށަވަރު. އޭގެތެރެއިން އެއް ފިޔަވަޅެއް ކަމުގައި ސަރުކާރުން ދުށީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ރޭވުން. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ރޭވިގެން، އެ މަޝްރޫޢުގެ ދަށުން ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރާއްޖެތެރޭގައިވެސް ލިބޭގޮތަށް ހަމަޖެހިއްޖެނަމަ، އަޅުގަނޑު ކުރިން ދެންނެވި ވަށްބުރުގެ ތެރެއިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ ދޮރެއް އޭރުން ހުންނާނީ ފެންނަން. އެއީ ކުރިން ދިމާވިގޮތުގައި ވިއްޔާ ކުދިންނަށް ތަޢުލީމުދޭންވެސް އަންނަންޖެހެނީ މާލެއަށް. ބަލިވެއްޖިއްޔާ ބޭސްކުރަން އަންނަން ޖެހެނީ މާލެއަށް. އަދި ބާޒާރުކުރަންވެސް އަންނަންޖެހެނީ މާލެއަށް. އަދި އެނޫންވެސް ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ހޯދުމަށްޓަކައި އަންނަންޖެހެނީ މާލެއަށް. ރާއްޖެތެރޭގައި މިކަހަލަ ޚިދުމަތްތައް ދެވޭ ފެންވަރުގެ ތަންތަން ސަރުކާރުގެ ފަރާތުން އުފެއްދިއްޖެ ކަމަށްވަންޏާ، އެ ޚިދުމަތްތައް ހޯދުމަށްޓަކައި ރާއްޖެތެރޭގެ ރައްޔިތުން މާލެ އަންނާކަށް ނުޖެހޭނެ. މިހާރު ކޮންމެ އަތޮޅެއްގައިވެސް އެބަހުރި، ވަކިފެންވަރަކަށް ކިޔަވައިދޭ މަދަރުސާތަކެއް. އެހެންވީމާ، އިބްތިދާއީ ތަޢުލީމު ހޯދުމަށްޓަކައި މިހާރު އެއްވެސް ކުއްޖަކު މާލެ އަންނާކަށް ނުޖެހޭނެ. އިބްތިދާއީ ތަޢުލީމުގެ ފުރުޞަތު ރާއްޖެތެރޭގައި ހުރިހާ އަތޮޅެއްގައިވެސް މިހާރު ޤާއިމުވެފައިވޭ. އެ ފުރުޞަތު އޮތީ ލިބިފައި.

ހަމައެފަދައިން، ބައެއް ތަންތާނގައި ވަކި ފެންވަރަކަށް ޞިއްޙީ ޚިދުމަތްތައް ލިބުމުގެ އިންތިޒާމު މިހާރު އެބަހުރި ހަމަޖެހިފައި. ކުޅުދުއްފުށީގައި ރީޖަނަލް ހޮސްޕިޓަލެއް އެބަހުރި. އޭގެއިތުރުން ބައެއް އެހެން ތަންތާނގައި ހޮސްޕިޓަލްތައް އެޅެމުން އެބަދޭ. އަދި ހޮސްޕިޓަލްގެ ފެންވަރަށް ނުދިޔަ ކަމުގައިވިޔަސް، ހެލްތް ސެންޓަރުތައް، ޞިއްޙީ މަރުކަޒުތައް ރާއްޖެތެރޭގައި ޤާއިމުވެފައި އެބަހުރި. އޭގެތެރެއިން ދާދިފަހުން ވ. އަތޮޅުގައި ހުޅުވުނު މަރުކަޒު އެއީ އެހެން ތަންތަނަށްވުރެ ތަންކޮޅެއް ފެންވަރު މަތީ ތަނެއް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ގޮތުން ރާއްޖެތެރޭގައި މިދެންނެވި ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދީފި ކަމަށްވަންޏާ، މާލެ އަންނަ އޮއިވަރު މިހާރު އެ އޮތްހާ ބާރަކަށް ނޯންނާނެއޭ. އެއްކަލަ ސަލާމަތްވުން ދަތި ދާއިރާއިން އަޅުގަނޑުމެންނަށް އޮންނާނީ ސަލާމަތްވެވިފައޭ.

ކޮންމެއަކަސް ރާއްޖެތެރެ ތަރައްޤީ ކުރުމަށް ޚާއްޞަ ޕްރޮޖެކްޓެއް، ޚާއްޞަ މަޝްރޫޢެއް ރާވަންޖެހުނު ސަބަބަކީ މިއީ. ސަރުކާރުގެ ބޭނުމަކީ ހަމައެކަނި ރާއްޖެތެރެ ތަރައްޤީ ކުރުމެއް ނޫން. މުޅި ރާއްޖެ ތަރައްޤީ ކުރުން. މާލެ ތަރައްޤީ ކުރުމުގެ ބައި، ސަރުކާރުގެ އެހެނިހެން މިނިސްޓްރީތަކުގެ ތެރެއިން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އޮތީ ހިމެނިފައި. މާ ކުރިއްސުރެވެސް އަދި މިހާރުވެސް މާލޭގެ ފަޅުން ބިން ހިއްކަން ބޭނުންވެއްޖިއްޔާ، އެކަމާބެހޭ ސަރުކާރުގެ އިދާރާއެއް އެބަހުރި. މާލޭގައި މަދަރުސާތައް އަޅުއްވާ ސަރުކާރުގެ މިނިސްޓްރީއެއް އެބަހުރި. މާލެއަށް ބޭނުންވާ ހޮސްޕިޓަލްތައް އަޅުއްވާ މިނިސްޓްރީއެއް އެބަހުރި. މިސްކިތްތައް ބަލަހައްޓަވައި މަރާމާތު ކުރައްވާ ފަރާތެއް އެބަހުރި. މިނޫންވެސް މާލެއަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި މާލެއަށް ފޯރުވައިދޭ ސަރުކާރުގެ ތަފާތު އިދާރާތައް ޤާއިމުވެފައި އެބަހުރި. އެހެންވީމާ، މާލެއަށް މިހުރިހާ ކަމެއް ހަމަޖެހިފައި އޮތުމާއެކު، ރާއްޖެ ތަރައްޤީވުމަކީ ރާއްޖެތެރެވެސް ތަރައްޤީވުން ކަމަށްވާތީ، ރާއްޖެތެރެއަށް ޚާއްޞަ މަޝްރޫޢެއް ރާވަންޖެހުނީ.

އާދެ، ތަރައްޤީގެ ވާހަކަ ދައްކާއިރު، ދެން އަޅުގަނޑުމެންގެ ހިތަށް އަންނަ ސުވާލަކީ، ތަރައްޤީއަކީ ކޮބައިބާވައޭ؟ އަޅުގަނޑުމެން އެންމެންވެސް ބޭނުންކުރާ ބަހަކީ ތަރައްޤީ. އަޅުގަނޑުމެން މިހާރު މިއުޅެނީ ތަރައްޤީވާށޭ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ވާހަކައާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ރޭޑިއޯތަކުންވެސް އިވެމުންދޭ. ނޫސްތަކުން ފެންނަމުންދޭ. އެހެންވީމާ، ތަރައްޤީއަކީ ކޮބައިތޯ އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮށްލަންވެއްޖެ ސުވާލެއް. ތަރައްޤީއަކީ ފައިސާގެ ތަނަވަސްކަންތޯ؟ ތަރައްޤީއަކީ ކާބޯތަކެތީގެ ތިޔާގިކަންތޯ؟ ތަރައްޤީއަކީ ކޮންމެ މީހަކަށްވެސް ގޯތިގެދޮރުގެ ތަނަވަސްކަން ލިބިފައިވުންތޯ؟ ތަރައްޤީއަކީ ކޮންމެ ރަށެއްގައި މަދަރުސާއެއް ޤާއިމުވެފައި ހުރުންތޯ؟ ކޮންމެ ރަށެއްގައި ޞިއްޙީ މަރުކަޒެއް ހުރުންތޯ؟ ރާއްޖެތެރޭގައި ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ފުރިހަމަޔަށް އިންތިޒާމު ކުރެވިފައި ހުރުންތޯ؟ ޤައުމުގެ މިނިވަންކަމާއި އަފްރާދުންގެ މިނިވަންކަން އޮތުންތޯ؟ ރަށްރަށުގައި އޮފީސްތައް ހުރުންތޯ؟ މިސްކިތްތައް ހުރުންތޯ؟ ކޯޓުތައް، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި މުޅި ރާއްޖޭގައި ޤާއިމުވެފައި ހުރުންތޯ؟ އެއީތޯ ތަރައްޤީއަކީ. ނުވަތަ ތަރައްޤީއަކީ އެއަށްވުރެ ފުން އެއްޗެއްތޯ؟

އާދެ، އަޅުގަނޑަށް ޚިޔާލުކުރެވޭގޮތުގައި ތަރައްޤީއަކީ އެއަށްވުރެ ފުން އެއްޗެއް. އަޅުގަނޑު މިދެންނެވި ކަންތައްތައް އެއީ ތަރައްޤީއާ ހަމަޔަށް ދިޔުމަށްޓަކައި ބޭނުންވާ ވަރަށް މުހިންމު ވަސީލަތްތަކެއް. އެހެންނަމަވެސް، އެއީ ހަމައެކަނި ވަސީލަތްތަކެއް. އެއީކީ ލަނޑުދަނޑިއެއް ނޫން. އެއީކީ ހަދަފެއް ނޫން. ޣާޔަތެއް ނޫން. އެއީ އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިއަކާ ހަމަޔަށް ދިޔުމަށްޓަކައި އަޅުގަނޑުމެން ހިނގަންޖެހޭ މަގުތަކެއް. އެހެންވީމާ، އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާންނައްތާލައިގެން ނުވާނެ، އަޅުގަނޑުމެންގެ ލަނޑުދަނޑިއާއި، އެ ލަނޑުދަނޑިއަށް ވާޞިލުވާން ހިނގަންޖެހޭ މަގުތަކާ. މި ދެބައި އޮޅުވާލައިގެން ނުވާނެ. އެ ދެބައި އޮޅިއްޖައީވިއްޔާ މުސްތަޤްބަލުގައި ވަރަށް ބޮޑެތި ނުރައްކާތަކަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހިދާނެ.

އާދެ، ބައެއް ފޮތްފޮތުން ފެންނަންހުރި ގޮތުގައި ތަރައްޤީއަކީ، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ އަފްރާދުންނާއި މުޖުތަމަޢުގެ ހުއްދަ ބޭނުންތައް ފުދޭގޮތަށް، އެ ޤައުމެއްގައި ކަންތައްތައް ހަމަޖެހިފައި ހުރުމާއެކު، އަފްރާދުންނަށާއި މުޖުތަމަޢަށް ލިބޭ ހިތްހަމަޖެހުން. ކޮންމެ ޤައުމެއްގައިވެސް އެ ޤައުމުގެ އަފްރާދުންނާއި މުޖުތަމަޢު، އެ އަފްރާދުންނާއި މުޖުތަމަޢުގެ ހުއްދަ ބޭނުންތައް ފުދޭގޮތަށް ކަންތައްތައް ހަމަޖެހިފައި އޮތުމާއެކު، އަފްރާދުންނަށާއި މުޖުތަމަޢަށް ލިބޭ ހިތްހަމަޖެހުން. އެއީ ތަރައްޤީއަކީ. އެހެންވީމާ، އަޅުގަނޑު ކުރިން މިދެންނެވި ވަސީލަތްތަކުން މި ހިތްހަމަޖެހުމާ ހަމަޔަށް ނުދެވޭ ކަމަށްވަންޏާ، އެއީކީ އަދި އޭގެ ޒާތުގައި ތަރައްޤީއެއް ނޫން. މަދަރުސާތަކެއް ހުރި ކަމުގައިވިޔަސް، އެ މަދަރުސާތަކުގެ ޚިދުމަތް އެންމެންނަށް ނުލިބުމުގެ ސަބަބުން ނުވަތަ އެ މަދަރުސާތަކުން ލިބޭ ތަޢުލީމުގެ ފެންވަރުގެ ގޮތުން އަޅުގަނޑު މިދެންނެވި ހިތްހަމަޖެހުމާ ހަމަޔަށް އަފްރާދުންނަށް ނުވަތަ މުޖުތަމަޢަށް ނުދެވޭ ކަމަށްވަންޏާ، މަދަރުސާތައް ހުރުން އެއީ ހަމައެކަނި އޭގެ ޒާތުގައި ތަރައްޤީއެއް ނޫން. ހަމައެފަދައިން ހޮސްޕިޓަލްތައްވެސް. ޞިއްޙީ މަރުކަޒުތައް އެތަންތާނގައި އެ ދެވޭ ޚިދުމަތްތަކުގެ ބާވަތުން އަޅުގަނޑުމެންގެ ހިތްހަމަޖެހުން ލިބޭ ފެންވަރަށް ކަންތައްތައް ނެތް ކަމުގައިވަންޏާ، އެ ތަންތަން ހުރުން އެއީ އޭގެ ޒާތުގައި ތަރައްޤީއެއް ނޫން. ކުރިން މިދެންނެވި ހުރިހާ ކަމެއްވެސް އެއީ ހަމަ އެގޮތަށް އޮތް ކަމެއް. އެ ކަންތައްތަކުގެ ވާސިތާއިން އެ ކަންތައްތަކުގެ ތެރެއިންލާފައި، އަޅުގަނޑު ކުރިން ދެންނެވި ލަނޑުދަނޑިއާ ހަމަޔަށް ވާޞިލުވުން އެއީ ތަރައްޤީއަކީ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ލަނޑުދަނޑިއާއި އެ ލަނޑުދަނޑިއާ ހަމަޔަށް ދެވެން އޮންނަ މަގުތަކާ، އެދޭތި އޮޅުވައިނުލުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށް ބޭނުންތެރި ކަމެއް. އެ ދޭތި އޮޅިއްޖިއްޔާ ވަރަށް ބޮޑެތި ނުރައްކާތަކާ އަޅުގަނޑުމެންނާ ކުރިމަތިލާންޖެހޭނެ. އޭގެ މިސާލަކީ، އަޅުގަނޑުމެންގެ ތެރޭގައި ފެންނަމުންމިދާ ކަންތައްތައް. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވަނީ ތަރައްޤީއަކީ ފައިސާގެ ތަނަވަސްކަމޭ. އެހެންވީމާ، ފައިސާގެ ތަނަވަސްކަން ހުރެއްޖިއްޔާ އެއީ އެމީހަކަށް އެއޮތީ ދުނިޔޭގެ ހުރިހާ ފައިދާއެއް ލިބިފައި. އެމީހަކު ބޭނުންގޮތަކަށް ކަންތައް ކުރުމުގެ ޙައްޤާއި އިޚްތިޔާރު އެއޮތީ އެމީހަކަށް ލިބިފައި. އެހެންކަމަށް ބައެއް މީހުން ހީކުރަނީ. އެހެންވީމާ، ފައިސާ ލިބެއްޖައީވިއްޔާ އެމީހާ ހުންނާނީ ޤާނޫނުގެވެސް މަތީގައި. ޝަރީޢަތުގެ މަތީގައި. ހުރިހާ ކަމެއްގެވެސް މަތީގައި. އެހެން އަޅުގަނޑުމެންގެ ހިތަށް އެ އަރަނީ ފައިސާގެ ތަނަވަސްކަން އެއީ ލަނޑުދަނޑިއެއް ކަމަށް ހީވެގެން. އެކަމަކު އެއީކީ ލަނޑުދަނޑިއެއް ނޫން. އެއީ ލަނޑުދަނޑިއަކާ ހަމަޔަށް ވާޞިލުވާން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް. އަޅުގަނޑުމެން ބޭނުންކުރާ ވަސީލަތެއް. އެހެންވީމާ، ވަސީލަތާއި ލަނޑުދަނޑިއާ އޮޅުވައިލުމަކީ ވަރަށް ނުރައްކާތެރި ކަމެއް.

އާދެ، ކަންއޮތީ އެހެން ކަމަށްވަންޏާ، މާތްވެގެންވާ އިސްލާމްދީނުގައި އޮތީ ކިހިނެއްތޯ ބަލައިލުމަކީވެސް އަޅުގަނޑު ހިތުން ބޭނުންކަމެއް. އިސްލާމްދީނުގައި އަންގަވާފައިވަނީ، "وَابْتَغِ فِيمَا آتَاكَ اللَّـهُ الدَّارَ الْآخِرَةَ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا." މިއީ، ޤުރްއާނުގައިވާ އުޞޫލަކީ. އާދެ، އެ އަންގަވަނީ، [މާތްﷲ ކަލެއަށް ދެއްވި ނިޢުމަތްތަކުގެ ބޭނުންކުރާށޭ، އާޚިރަތުގެ ބާއްޖަވެރިކަމަށް ވާޞިލުވުމަށްޓަކައި.] ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނަ. އެންމެ ފުރަތަމަ ފުރާނައިގެ ނިޢުމަތް. ބުއްދީގެ ނިޢުމަތް. އަޅުގަނޑުމެންނަށް ދެއްވާފައިވާ ޙިއްސުތަކުގެ ނިޢުމަތް. ވިސްނުމުގެ ނިޢުމަތް. މިހުރިހާ ނިޢުމަތެއްގެ އިތުރަށް، ފައިސާގެ ނިޢުމަތްވެސް ދެއްވާ. މުދާވެރިކަމުގެ ނިޢުމަތް ދެއްވާ. މި ނިޢުމަތްތަކުގެ ބޭނުން ހިފަން އަންގަވާފައި އެއޮތީ އެއަށްވުރެ މާ މަތިވެރި ލަނޑުދަނޑިއަކަށް ދިޔުމަށްޓަކައި. އެއީ އާޚިރަތުގެ ބާއްޖަވެރިކަން. އެހެން ގޮތަކުން ދަންނަވަންޏާ، ރޫޙާނީ މަޢުނަވީ ބާއްޖަވެރިކަން. ހަމައެޔާއެކުގައި އަންގަވަނީ، "وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا." "ކަލެއަށް ﷲ މި ދުނިޔެއިން ދެއްވި ނަޞީބު ހަނދާންނައްތާނުލާށޭ. ދުނިޔެއިން ކަލެއަށް ﷲ ޚާއްޞަ ކުރެއްވި ކަންތައްތައް، ﷲ ދެއްވި ބައި ހަނދާންނައްތައިނުލާށޭ.!"

އެހެންވީމާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި މި ދެކަމަށްޓަކައި މަސައްކަތް ކުރުން އެބައޮތް. ދުނިޔޭގެ ބާއްޖެވެރިކަން ހޯދަން ދުނިޔޭގެ ތަނަވަސްކަން ހޯދަން މަސައްކަތް ކުރުން އެއީވެސް އިސްލާމްދީނުގައި އަންގަވާފައިވާގޮތް. ހަމައެފަދައިން، ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން އާޚިރަތަށްޓަކައި ކުރުން އެއީވެސް ދީނުގައި އަންގަވާފައިވާގޮތް. މިހެން އަޅުގަނޑު ދަންނަވާއިރު، އެހެން ބައެއް ޤައުމުތަކުގައި މިކަންތައް ހުރިގޮތާ ދޭތެރޭގައިވެސް ވިސްނާލަންޖެހޭ. އާދެ، ހުޅަނގުގެ ޤައުމުތަކުގައި ހުޅަނގުގެ ތަހުޒީބުގައިވާ ގޮތުން ތަރައްޤީ އެމީހުންނަށް މާނަކުރެވެނީ އެއީ ހަމައެކަނި މާއްދީ ތަރައްޤީއެއްގެ ގޮތުގައި އެމީހުންގެ ކަންތައްތައް، މާއްދީ ކަންތައްތައް، ފައިސާގެ ތަނަވަސްކަމާއި، ކާރުޚާނާތައް ހުރުމާއި، ބޮޑެތި ފިހާރަތައް ހުރުމާއި، މަގުތަކާއި، އެއަރޕޯޓްތަކާއި، ކާރުތަކާއި، ޓީ.ވީތަކާ، މިހެންގޮސް ބޭނުންވާ ހުރިހާ އެއްޗެއް ތަންތާނގައި ހުރުމާއި، މުއްސަނދިކަން މަތިވެރި ދަރަޖަޔަކަށް ދިޔުން އެއީ އެމީހުން ދެކޭގޮތުގައި ތަރައްޤީ.

އޭގެއިތުރުން މިދެންނެވި މާއްދީ ތަރައްޤީގެ އިތުރަށް އެއްވެސްކަހަލަ ރޫޙާނީ މަޢުނަވީ ތަރައްޤީއަކަށް އެމީހުން މާބޮޑު ސަމާލުކަމެއްނުދޭ. އެހެންވީމާ، ނަތީޖާއަކީ އަޅުގަނޑުމެންނަށްވެސް މި ފެންނަނީ ހުޅަނގުގެ ޤައުމުތަކުގައި އެތާނގެ މުޖުތަމަޢުތަކުގައި ކަންތައްތައް ހުރިގޮތް. އަޚްލާޤީ ގޮތުން އެންމެން ތިބީ ވަރަށްދަށު ދަރަޖައަކަށް ގޮސްފައި. ޢާއިލާގެ ގުޅުންތައް އޮތީ ކެނޑިފައި. މައިންބަފައިންނާ ދޭތެރޭގައި އެއްވެސްކަހަލަ ލޯތްބެއް ކުލުނެއް ނެތް. އަނބިމީހާއާއި ފިރިމީހާއާ ދޭތެރޭގައި ވަފާތެރިކަމެއް ނެތް. ރައްޓެހިންގެ މެދުގައިވެސް ރައްޓެހިކަމުގެ، ރަޙްމަތްތެރިކަމުގެ ޝުޢޫރަށް ދެވޭ އެއްވެސް ޤަދަރެއް ނޯވޭ. ހަމައެކަނި ހުރިހާވެސް ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުމުގެ އަސާސަކީ ފައިސާ ކަމަށް އޮންނަނީ ބެލިފައި. މީހަކާ ރައްޓެހިވާނީ އެމީހަކާ ރައްޓެހިވެގެން ތިމާއަށް އިތުރު ފައިސާއެއް، ފައިދާއެއް ލިބޭ ކަމަށްވަންޏާ. އެހެންނޫނީ މީހަކާ ރައްޓެހިވުމުގެ ބޭނުމެއްވެސް ނެތް. ނަތީޖާއަކަށްވަނީ ޒުވާނުންވެސް ހަލާކުވެގެންދިޔުން. ނުބައި އާދަކާދަތައް މުޖުތަމަޢުގައި ފެތުރިގެންދިޔުން. ރާބުއިމާއި މަސްތުވާތަކެތީގެ ބޭނުންކުރުމާއި އަދި މިނޫންވެސް އިޖުތިމާޢީ ބަލިތައް އެތާނގައި ފެތުރިގެން ދިޔުން. އޭގެ ސަބަބުން މުސްތަޤްބަލް ހަލާކުވެގެންދިޔުން. އެއީ ތަރައްޤީއަކީ ހަމައެކަނި މާއްދީ ތަރައްޤީ ކަމަށް ބެލުނީމާ ވާގޮތް.

އެހެންވީމާ، އަޅުގަނޑުމެން އެހެން ބަލައިގެން ނުވާނެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި މި އޮންނަނީ ތަރައްޤީއަކީ މާއްދީ ތަރައްޤީއާއި މަޢުނަވީ ތަރައްޤީއާ ދޭތި އެކުވެގެން ލިބޭ އެއްޗެއްގެ ގޮތުގައި. ދޭތި އެކުވެގެން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ ހިތްހަމަޖެހުމެއްގެ ގޮތުގައި. އެހެންވީމާ، އެ ހިތްހަމަޖެހުމާ ހަމަޔަށް ދެވޭނީ ދެގޮތުންވެސް އަޅުގަނޑުމެން މަސައްކަތް ކޮށްގެން. މާއްދީ ތަރައްޤީއަށް މަސައްކަތް ކުރަންޖެހޭނެ. ޝައްކެއްނެތް. އަޅުގަނޑު ދެންމެ މި ދެންނެވި އާޔަތުގައި އަންގަވާފައިވާ ގޮތަކީ އެއީ. ހަމަ އެޔާއެކުގައި މަޢުނަވީ އަދި ރޫޙާނީ ތަރައްޤީއަށްޓަކައިވެސް މަސައްކަތް ކުރަންޖެހޭނެ. ތަޢުލީމީގޮތުން، ފިޠުރީގޮތުން، ޘަޤާފީގޮތުން އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް އެއީ ހަމަޖެހޭ ރަނގަޅު މާތް އުޞޫލުތަކެއް ކަމުގައި ވާންޖެހޭނެ. އަޅުގަނޑުމެންގައި ހުންނަ އަޚްލާޤު އެއީ މަތިވެރި މާތް އަޚްލާޤުތަކެއް ކަމުގައިވާންޖެހޭނެ. މިނޫންގޮތަކަށް ފައިދާހުރި ތަރައްޤީއަކާ ހަމަޔަކަށް ނުދެވޭނެ. އާދެ، މީގެ ދަލީލެއްގެ ގޮތުން އަޅުގަނޑުވެސް ދަންނަވާލަން އޮތީ މި އާޔަތުގެ ދެން އޮތްބައި. މިދެންނެވި އާޔަތުގެ ދެން އޮތް ބައި. ﷲ ވަޙީކުރައްވަނީ "وَأَحْسِن كَمَا أَحْسَنَ اللَّـهُ إِلَيْكَ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّـهَ لَا يُحِبُّ الْمُفْسِدِينَ." އަންގަވަނީ މާތްﷲ ކަލެއަށް އިޙްސާންތެރިވެވޮޑިގެންވީ ފަދައިން ކަލޭވެސް އެހެން މީހުންނަށް އިޙްސާންތެރިވާށޭ. ﷲ އަޅުގަނޑުމެންނަށް އިޙްސާންތެރިވެވޮޑިގެންވީ ކަމުގެ ދަލީލުތައް ވަށައިގެން މި ފެންނަނީ. މި ދުނިޔެ. ދުނިޔޭގައިވާހާ ނިޢުމަތްތައް. އަޅުގަނޑުމެންނަށް ދެއްވާފައިވާ ބުއްދިއާއި، ވާހަކަ ދެއްކުމުގެ ނިޢުމަތާއި އަދި ދުނިޔޭގައި ލައްވާފައިވާހާ މުއްސަނދިކަމަކާއި، ޕެޓްރޯލާއި، އަނެކައްޗަކާއި އަނެކައްޗަކާ، މިހުރިހާ އެއްޗެއް ލައްވާފައި މިއޮތީ އިންސާނާއަށް. އުޑާއި، ބިމާއި، ތަރިތަކާއި، ކަނޑާއި ފަރުބަދަތަކާ، މިހުރިހާ އެއްޗެއް މިއީ އިންސާނާގެ ފައިދާއަށް ލެއްވި ތަކެތި ކަމުގައި ކަނޑައެޅިގެން ޞަރީޙް ޢިބާރާތުން ކީރިތި ޤުރްއާނުގައި އަންގަވާފައި އެބައޮތް.

އެހެންވީމާ، މިހުރިހާ ނިޢުމަތެއް އަޅުގަނޑުމެންނަށް ދެއްވީ އެއީ ﷲގެ އިޙްސާންތެރިކަން ބޮޑުކަމުން. އެ އިޙްސާންތެރިކަން އަޅުގަނޑުމެންނަށް ލިބުމުން، އަޅުގަނޑުމެން އެހެން މީހުންނަށް އެ އިޙްސާންތެރިކަން ރައްދުކުރަން ﷲ އެ އަންގަވަނީ. އަޅުގަނޑުމެންނަށް ފައިސާގެ ތަނަވަސްކަން ލިބިއްޖިއްޔާ، އެ ހިފަހައްޓައިގެން އޭގެ ފައިދާ ހަމައެކަނި އަޅުގަނޑުމެން ކުރުމަކަށް ނޫން އަންގަވަނީކީ. އެ އިޙްސާންތެރިކަން އެހެން މީހުންނަށް ރައްދުކުރުމަށް. ފަޤީރުންނަށް، ނިކަމެތިންނަށް، ޙާލުގައި ޖެހިފައިވާ މީހުންނަށް. މިހުރިހާ އެންމެންނަށް އަޅުގަނޑުމެން އެ އިޙްސާންތެރިކަން ރައްދުކުރަންޖެހޭނެ. ހަމައެޔާއެކުގައި ބިމުގައި ފިތުނަފަސާދަ ނުއުފައްދާށޭ. ފިތުނަފަސާދަ އުފައްދަން މަސައްކަތް ނުކުރާށޭ. އެއީ ހަމަކަށަވަރުން اللّـه سبحـانـه وتعـالى ފާސިދު ޢަމަލުކުރާ މީހުންނަށް ލޯބިވެވޮޑިގެނެއްނުވެޔޭ. އެހެންވީމާ، އެނގޭ އެއްކަލަ ރޫޙާނީ ބައި ދޫކޮށްލާ މީހުންނަށްވާގޮތް. އެމީހުން އެވަނީ ބިމުގައި ފިތުނަފަސާދަ އުފައްދާ ބަޔަކަށް. ދީނުގެ ބައި، ޟަމީރުގެ ބައި، އަޚްލާޤުގެ ބައި ދޫކޮށްލާ މީހުން އެވަނީ ބިމުގައި ފަސާދަ އުފައްދާ ބަޔަކަށް. އެފަދަ ބަޔަކުދެކެ ﷲ ލޯބިވެވޮޑިގެންނެއް ނުވާކަން، މި އާޔަތުން އެ އަންގަވަނީ.

އެހެންވީމާ، އަޅުގަނޑުމެން ތަރައްޤީއަށް މަސައްކަތް ކުރާއިރު، މިއީ ވިސްނާލަން ބޭނުންވާ ވަރަށް މުހިންމު ނުކުތާއެއް. މާތްވެގެންވާ އިސްލާމްދީނުގައި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދި ދުޢާކުރުމަށް އަންގަވާފައިވަނީވެސް، ބާއްޖަވެރިކަމަކީ ޙަޤީޤަތުގައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަމަށްވާތީ. އެއީ މާއްދީ ބާއްޖަވެރިކަމާއި، ރޫޙާނީ ބާއްޖަވެރިކަން. ނުވަތަ މި ދުނިޔޭގައި ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ލިބުމުގެ ހިތްހަމަޖެހުން ލިބުމާއި އަދި އާޚިރަތުގައި ދިންނަވާ ނަޞީބު ލިބުމުގެ ނިޢުމަތް ލިބުން.

އާދެ، އެހެންވީމާ، ތަރައްޤީއަކީ ކުރިންވެސް ދެންނެވި ފަދައިން ހަމައެކަނި މާއްދީ ތަރައްޤީއެއް ނޫން. މާއްދީ ތަރައްޤީގެ އިތުރަށް އަޅުގަނޑުމެން މަޢުނަވީގޮތުން، ރޫޙާނީ ގޮތުން ތަރައްޤީވުން. ރޫޙާނީ ގޮތުން ތަރައްޤީވީމާ އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވާނެކަމާމެދަކު ޝައްކެއްނެތް. ވިސްނުން ތަރައްޤީ ވެއްޖައީވިއްޔާ އެންމެންނަކީ ޤާނޫނަށް، ގަވާއިދަށް ލޯބިކުރާ، ޙުރްމަތްތެރިކޮށްހިތާ ބަޔަކަށްވާނެ. އެއްވެސް މީހަކީ ޤާނޫނުގެ މަތީގައިވާ ފަރާތަކަށްނުވާނެ.

އާދެ، މީގެކުރިން އަތޮޅުވެރިންގެ ބައްދަލުވުން 1 ހުޅުވައިދިނުމުގެ ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކަކޮޅުގެ ތެރޭގައި ޤާނޫނާ ބެހޭގޮތުން ބައެއް ވާހަކަ ދަންނަވާލި ހަނދާނެއްވޭ. އަޅުގަނޑު ދަންނަވާލި ހަނދާންވޭ، ޤާނޫނީ ލިޔުންތެރިޔަކު ލިޔުއްވާފައިވާ ގޮތުގައި "މިނިވަންކަމަކީ ޤާނޫނަށް އަޅުވެތިވުމޭ." މިނިވަންކަމަކީ ޤާނޫނަށް އަޅުވެތިވުމޭ. ޤާނޫނު އެއީ އެންމެމަތީ ބާރު ކަމަށް ދެކިގެން، އެ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުން އެއީއޭ ޙަޤީޤަތުގައި މިނިވަންވުމަކީ. ތިމާ މިނިވަންވުމަކީ ފަހަރެއްގައިވެސް ތިމާއަށް ފެންނަގޮތަކަށް އެއްވެސް ޤާނޫނަކަށް، އުޞޫލަކަށް، ހަމަޔަކަށް ތަބަޢަނުވެ ޢަމަލުކުރުމެއް ނޫނޭ. ކޮންމެ މީހަކުވެސް ޤާނޫނަށް ތަބަޢަވުމުންނޭ، އެންމެންގެ މިނިވަންކަން ސަލާމަތް ކުރެވެނީ. އެންމެންގެ މިނިވަންކަމާ ހަމަޔަށް ދެވެނީ. އެހެންވީމާ، ކޮންމެ ޤައުމެއްގައިވެސް ޤާނޫނުވާންޖެހޭނެ އެންމެމަތީ އެއްޗަކަށް. ކޮންމެ ޤައުމެއްގައިވެސް އޮންނަންޖެހޭނީ ޤާނޫނުގެ ވެރިކަން. އަޅުގަނޑު މި ދަންނަވަނީ ޤާނޫނީ ވެރިކަމެއްގެ ވާހަކައެއް ނޫން. ޤާނޫނުގެ ވެރިކަން. ޤާނޫނީ ވެރިކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން ހޮވޭ ވެރިކަން. އިންތިޚާބު ކުރެވޭ ސަރުކާރު. ޤާނޫނުގެ ވެރިކަމަކީ، ޤާނޫނަކީ އެންމެންގެ މައްޗަށް ހިންގާ ބާރު ކަމުގައިވުން. އެހެންވީމާ، ޤާނޫނުގެ ވެރިކަން އެއްވެސް ތަނެއްގައި ނެތި، އެއްވެސް ޤައުމަކަށް ތަރައްޤީއެއް ނުވެވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންވެސް ވިސްނާލަންވީ ނުކުތާއަކީ އެއީ. ޤާނޫނު އެއީ އަޅުގަނޑުމެންގެ ހުރިހާ އެންމެންގެވެސް މަތީގައިވާ އެއްޗެއްކަން. އެންމެ އާދައިގެ މީހާވެސް ޤާނޫނަށް ތަބަޢަވާންޖެހޭ ފަދައިން، ސަރުކާރުގެ އެންމެމަތީ މަޤާމުގައި ހުންނަ މީހާވެސް ޤާނޫނަށް ތަބަޢަވާންޖެހޭނެ. އެއްވެސް މީހަކަށް ޤާނޫނުގެ ބޭރަކުން ޢަމަލެއްނުކުރެވޭނެ. އެނގިގެން އެންމެންގެ މައްޗަށް އޮންނަ ބާރެއް ޤާނޫނު އެއީ.

އާދެ، އެހެންވީމާ، ޤާނޫނުގެ ބާރުގެ ދަށަށް އެންމެން ދިޔުމުން އަޅުގަނޑުމެންގެ މިނިވަންކަން ސަލާމަތްކުރުމަށް އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެ.

އާދެ، މިހާރުވެސް އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެއްޖެ. އެހެންނަމަވެސް، ވާހަކަ ނިންމާލުމުގެ ކުރިން އަތޮޅުވެރިންނަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އާދެ، އެއީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖެތެރޭގައި އެކަށީގެންވާ ހޭލުންތެރިކަމެއް އުފެއްދެވޭތޯ މަސައްކަތް ކުރެއްވުން އެއީ އަތޮޅުވެރިންގެ ވަރަށްބޮޑު ވާޖިބެކޭ. ވަރަށްބޮޑު މަސްއޫލިއްޔަތެކޭ.

އަޅުގަނޑުމެންނަށް މިފަދަ ހޭލުންތެރިކަމެއް ނެތުމުގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް ކުރާ ކަންތައްތަކަށްވެސް ގެއްލުންދެވޭގޮތް އެބަ ދިމާވޭ. އާދެ، ދެންމެ ޢަބްދުއްރަޝީދު އެ ވިދާޅުވީ، ތަންކޮޅެއްފަހުގެ ދުވަސްކޮޅެއްގެ، ތަންކޮޅެއް ފަހުން މުސްތަޤްބަލުގައި މަސްވެރިން އެންމެންވެސް މަހަށްދާނީ އޮއިވާލި ކަނދުފަތިތަކެއްގެ ކައިރިއަށޭ. ވަރަށް ރަނގަޅަށް މަސް ބޭނޭނެއޭ. އާދެ، އެއީ އަޅުގަނޑުވެސް ކުރާ އުންމީދެއް. އެހެންނަމަވެސް، އަދި މިހާތަނަށް ތަޖުރިބާވެފައި އޮތްގޮތުން، އެ އުންމީދު މާ ކައިރިއެކޭ ދެންނެވޭކަށް ނެތް. އެއީ ސަރުކާރުން މަޝްރޫޢެއް ރާވައިގެން، ވަރަށް ބޮޑެތި ޚަރަދުކޮށްގެން، އެކި ތަންތާނގައި ހަރުކުރާ އޮއިވާލި ކަނދުފަތިތަކަށް ވާގޮތް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަށް އެހާ ފައިދާ ލިބޭ އެއްޗެއް، އަޅުގަނޑުމެންގެ އަތުން ނަގައި ހަލާކުކޮށްލަނީ. އެއީ ރާއްޖެތެރޭގައި ހޭލުންތެރިކަން ނެތުމުން ވާގޮތެއް. އަޅުގަނޑުމެންގެ ފައިދާއަށް، އަޅުގަނޑުމެން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތައް، އަޅުގަނޑުމެން އަމިއްލައަށް ހަލާކުކޮށް ސުންނާފަތިކޮށް ހަދަނީ.

ހަމައެފަދައިން، މިއަހަރަކީ ދަނޑުވެރިކަމާއި ގަސް އިންދުމުގެ އަހަރު ކަމަށްވަނީ ސަރުކާރުން އިޢުލާނުކޮށްފައި. އެކަމަށްވެސް ރާއްޖެތެރޭގައި މަސައްކަތްތަކެއް، މުހިންމު މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެކަމަކު އޭގެވެސް އެންމެ ފުރިހަމަ ނަތީޖާ ނުލިބޭ އެއް ސަބަބަކީ އެކި މީސްމީހުންގެ ދަނޑުދަނޑަށާއި، އިންދާ ގަސްތަކަށް އެހެން މީސްމީހުން ގެއްލުންދޭކަން. ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައި ވަރަށް ގިނައިން ވަމުންދާ ކަމެއް. ވަރަށް ހިތާމަޔާއެކު އަޅުގަނޑު މި ވާހަކަ ދަންނަވަން މިޖެހެނީ. އެހެންނަމަވެސް، ހިތާމަކުރަންޖެހުނު ކަމުގައިވިޔަސް، ޙަޤީޤަތްވާނީ ޙަޤީޤަތަކަށް. އެ ޙަޤީޤަތް އަޅުގަނޑުމެން ގަބޫލުކުރަންވާނެ. މިފަދަ ކަންތައްތައް މެދުވެރިވަމުން މިދަނީ ރާއްޖެތެރޭގައި އެކަށީގެންވާ ހޭލުންތެރިކަމެއް ނެތުމުގެ ސަބަބުން.

އެހެންވީމާ، އަތޮޅުވެރިންގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑު ދެކެނީ، ރާއްޖެތެރޭގައި ކޮންމެ އަތޮޅުވެރިއެއްވެސް، އެ އަތޮޅުވެރިއެއްގެ ދާއިރާގައި އެފަދަ ހޭލުންތެރިކަމެއް އުފެއްދެވޭތޯ މަސައްކަތް ކުރެއްވުން. މިބާވަތުގެ ކަންތައްތައް ކުރީމާ އެއިން ގެއްލުން ލިބެނީ ހަމަ އަޅުގަނޑުމެންނަށްކަން އެމީހުންނަށް ވިސްނަވައިދެއްވުން. އެ ދަނޑުތައް ރީތިކޮށް ހެދެން ދޫކޮށްލައިފިއްޔާ، އޭގެ ސަބަބުން ފައިދާ ލިބޭނީ ހަމައެކަނި ދަނޑުގެ ވެރިޔާއަށް ނޫންކަން. ނުވަތަ އެ ގަސްތަކުގެ ވެރިޔާއަށް ނޫންކަން. އޭގެ ފައިދާ އާޚިރުގައި މުޅި ރަށަށްވެސް ލިބޭނެކަން. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ގަބޫލުކުރެވެންވީ ޙަޤީޤަތަކީ.

ހަމައެފަދައިން އެ އޮއިވާލި ކަނދުފަތި ބޭއްވީމާ، އޭގެ ފައިދާ އެންމެންނަށްވެސް ލިބޭނެކަން. އަދި އެނޫން ގޮތްގޮތުންވެސް ސަރުކާރުން މިކުރާ މަސައްކަތްތަކަށް ގެއްލުން ދިނީމާ، އޭގެ ގެއްލުން އެނބުރި އަންނަނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް. އަޅުގަނޑުމެންގެ ރަށްތަކަށް. އަޅުގަނޑުމެންނަށް އެކަން ގަބޫލުކުރެވެންވެއްޖެ. އެގޮތަށް ގަބޫލުކުރެވޭނީ ރާއްޖެތެރޭގައިވެސް އެކަށީގެންވާ ހޭލުންތެރިކަމެއް އުފެދިގެން. އެހެންވީމާ، އެބާވަތުގެ ހޭލުންތެރިކަމެއް އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި، ހުރިހާ އަތޮޅެއްގެވެސް އަތޮޅުވެރިން ވަރަށް ބޮޑަށް ބާރުއެޅުއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން. އަތޮޅުތަކުގެ އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން މެދުވެރިކޮށް. އެއީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ފުރިހަމަ ތާއީދު ސަރުކާރަށް ލިބެމުންދާތީ. މީގެ ތިން އަހަރު ދުވަސް ކުރިން ބަޣާވަތުގެ ކަންތައްތައް ހިނގައިދިޔައީ. އެ މައްސަލައިގައިވެސް ރާއްޖެތެރޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބުނީ ވަރަށް މަތިވެރި ތާއީދެއް. ހަމަ އެފަދައިން މިދާކަށް ދުވަހު މި ހިނގައިދިޔަ ބައެއް ޣައިރު ޤާނޫނީ ޢަމަލުތަކާ ގުޅިގެންވެސް ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބުނީ ވަރަށް ފުރިހަމަ ތާއީދެއް. އެހެންވީމާ، އެ ތާއީދަށްޓަކައި އަތޮޅުވެރިން މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، ރާއްޖެއާއިގެން ކުރިއަށް ދިޔުމުގެ ތައުފީޤު މިންވަރު ކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.