"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020" (ޤާނޫނު ނަންބަރު: 05/2020) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2020 ސެޕްޓެމްބަރ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
 
މި އިޞްލާޙާއިއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް ތިން މާއްދާއެއް އިތުރުކުރެވިފައިވެއެވެ. އެ ގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ އިތުރުން، އެލް.ޖީ.އޭ.އިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އެ އޮތޯރިޓީގެ ރައީސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި، އެލް.ޖީ.އޭ.ގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތައް ބޭއްވުމުގައި ގެންގުޅޭނެ އުޞޫލުތައް ވެސް މި އިޞްލާޙުގައި ކަނޑައަޅާ ބަޔާންކުރައްވާފައިވެއެވެ.
 
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި، މި ޤާނޫނު ތަޞްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރެއްވުމާއިއެކު، މިއަދު މި ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.