السّلام عليكم ورحمـة اللّـه

اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހުގައި، މިއަދު އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، މިއަދު އަޅުގަނޑު ގާއުނޑޫދުއަށް އަންނަގޮތަށް ހަމަޖެހިފައި އޮތުމާއެކު، ގާއުނޑޫދޫގެ ވެރިންނާއި ރައްޔިތުން، މިމުނާސަބަތަށްޓަކައި ކުރައްވާފައިވާ މަސައްކަތްތައް ފެނި އުފާކޮށް، އެކަމަށްޓަކައި މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދެންނެވުން.

ރަށަކީ، ވަރަށްކުޑަ ރަށެއް. މީސްކޮޅުވެސް މަދު ރަށެއް. އެހެންނަމަވެސް، ރަށުގެ ހީވާގި އަހުލުވެރިން، ވަރަށް އެކަށީގެންވާ ފެންވަރަކަށް މަސައްކަތްތައް ކުރައްވާފައި ހުރިކަމަށް ފެނޭ. އާދެ، އަޅުގަނޑުގެ މަޤްޞަދަކީ ފަހަރެއްގައިވެސް އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ޒިޔާރަތުގެ މުނާސަބަތުގައި ރަށްރަށުގެ ވެރިންނާއި ރައްޔިތުން ބުރަ އުފުއްލެވުމެއް ނޫން. މާބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ހުރުމެއްނޫން. އާދެ، އަޅުގަނޑު އަބަދުވެސް އެދެނީ އެކުރައްވާ މަސައްކަތަކީ، އޭގެ ސަބަބުން ރަށަށް ދާއިމީ ފައިދާއެއް ހާސިލުވާނެ މަސައްކަތަކަށްވުން. އަޅުގަނޑު މިއަދު މިދަންނަވާ ވާހަކައަކީ، މިރަށުގެ ރައްޔިތުން، މިހާ ފުރިހަމަގޮތަކަށް ރަށް ތައްޔާރުކުރައްވާފައިވާތީ، އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މީގެކުރިން، މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ތެރޭގައި، އަޅުގަނޑު ރ. އަތޮޅަށް ޒިޔާރަތް ކުރާގޮތަށް އެ ދުވަސްކޮޅު ހަމަޖެހިފައި އޮތް ޚަބަރު މިއަތޮޅުގެ ރައްޔިތުންނަށް، މިރަށުގެ ރައްޔިތުންނަށްވެސް ލިބިފައި އޮތުމާއެކު، އެދުވަސްވަރުވެސް މުޅި އަތޮޅު އަދި ރަށްވެސް ވަރަށްބޮޑަށް ތައްޔާރުކުރައްވާފައިވާކަން އެނގިފައި އޮތުމާއެކު، އެކަމުން އަޅުގަނޑަށް ދޭހަވާ މާނައަކީ ރ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި އަދި ގާއުނޑޫދޫގެ ރައްޔިތުންގެ ހިތްތަކުގައިވެސް ސަރުކާރާމެދު އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަންކަމަށް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އުފާކުރަނީ އަދި ޝުކުރު ދަންނަވަނީ.

އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުން، މިހާރު އަޅުގަނޑުހިތުން ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. އެ ބޭނުމަކީ ރާއްޖެތެރޭގެ ރައްޔިތުންނާ ސީދާ އަޅުގަނޑު ބައްދަލުކޮށްލުން. އަދި ރާއްޖެތެރޭގެ ރައްޔިތުންގެ ހާލު އަހުވާލު ބަލައި، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ ހޯދައި، އެ ދަތިތައް ފިލުވައިލުމަށް ސަރުކާރުން އެހީވެދިނުން.

އާދެ، ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށްވެސް ގިނަ. އެހުރިހާ ދަތިތަކެއް ސަރުކާރުން ފިލުވައިދެވޭކަށް ނޯންނާނެ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ސަރުކާރުން ކޮންމެ ކަމަކަށް ވަރަށްގިނަ އަދަދަކަށް ފައިސާ ޚަރަދުވާނެކަން. އަދި އަޅުގަނޑުމެންގެ ރާއްޖެ އޮތްގޮތުން ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖެއަކަށްވާތީ، ދަތުރުފަތުރު ކުރުމުގެ ކަންތައްވެސް އެހާ އުނދަގޫ. އަދި އެއްތަނުން އަނެއްތަނަށް އެއްޗެހި ގެންދިޔުމަކީވެސް ފަސޭހަކަމަކަށް ނުވެފައި، އެހާ ޚަރަދުވެސް ބޮޑުކަމެއް އެއީ. އެކަންތައްތައް އެހެން ހުރުމާއެކު، ސަރުކާރުން ކިތަންމެ ގިނަ ކަންތައްތަކެއް ރާއްޖެތެރޭގައި ކުރަންބޭނުންވިޔަސް، އެބޭނުންވާ ވަރަކަށް އެކަންކަން ކުރުމަކީ މާފަސޭހަ ކަމަކަށްނުވޭ.

އާދެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ސަރުކާރުން މިހާރު ދެމުންގެންދާ އަހަންމިއްޔަތަކީވެސް އަޅުގަނޑުހިތުން މިރަށުގެ ރައްޔިތުންނަށްވެސް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަހަންމިއްޔަތެއް. ރާއްޖެތެރޭގައި ތަޢުލީމު ފެތުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށްބޮޑަށް ކުރަމުން. ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ މަދަރުސާއެއް މިހާރު އެބަ ހިނގާ. އޭގެ އިތުރުންވެސް ބޭރު ޤައުމުތަކުގެ އެހީއާއި، އަދި ބޭރުގެ ބައެއް ޖަމާޢަތްތަކުގެ އެހީ ސަރުކާރުން ހޯދައިގެން އިތުރު މަދަރުސާތައް ދަނީ ހަދަމުން. ޚާއްޞަކޮށް، މިއަތޮޅުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރު މެދުވެރިވެގެން ބޭރުގެ ޖަމާޢަތެއްގެ އެހީހޯދައިގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އެބަގެންދެވޭ. ހުރިހާވެސް ބޭނުމަކީ ރާއްޖެތެރެ ތަރައްޤީކުރުން. ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅުކޮށްދިނުން. ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދިޔުން. އަދި ރައްޔިތުންގެ ތަނަވަސްކަންވެސް ދުވަހުން ދުވަހަށް އިތުރުކުރަމުން ގެންދިޔުން. މިކަންކަމަކީ ސަރުކާރުން އެކަމާދޭތެރޭގައި ކިތަންމެ ބޮޑެތި މަޝްރޫޢުތަކެއް ރޭވިޔަސް އަދި ކިތަންމެ ގިނަ ޚަރަދުކޮށްގެން މަސައްކަތްތަކެއް ހިންގިކަމުގައިވިޔަސް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ ކާމިޔާބުނުވާނެ ކަންތައްތަކެއް. އެކަން އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރައްވާނެ. އެހެންވީމާ، އަޅުގަނޑު ދާ ކޮންމެ ތަނެއްގައިވެސް ނަޞޭޙަތްތެރިވަނީ ސަރުކާރުން އެކުރާ މަސައްކަތުގައި ރައްޔިތުން އިޚްލާޞްތެރިކަމާއެކު ބައިވެރިވެވަޑައިގަތުމަށް.

އާދެ، އަޅުގަނޑު ކުރިން އިޝާރާތްކުރި، ބޭރުގެ ޖަމާޢަތަކާ ގުޅިގެން ސަރުކާރުން މި އަތޮޅުގައި ހިންގާ މަސައްކަތްތަކުގެ ތެރެއިން މިރަށަށްވެސް މަސައްކަތެއް ހަމަޖެހިފައި އެބައޮތް. އެއީ ރައްޔިތުންނާއި އެ ޖަމާޢަތާ އެކުވެގެން ރާނާ ސްކޫލެއް ރޭނުން. އެމަސައްކަތް އަޅުގަނޑު ދެންމެ ބަލައިލިން. އެކަށީގެންވާ ހިސާބަކަށް ވަނީ ގޮސްފައި. މާލަހެއްނުވެ، އެ މަސައްކަތް ނިމޭނެކަން ޔަޤީން. އެ ސްކޫލް ނުވަތަ އެމަދަރުސާ ޢިމާރާތްކޮށް ނިމުމުން އެތާނގައި ކިޔަވައިދެވެން ފެށުމުން، އޭގެ ސަބަބުން، މިރަށުގެ ކިޔަވާކުދިންނަށް ވަރަށްބޮޑު ޚިދުމަތެއް ލިބެމުންދާނެކަމާމެދަކު ޝައްކެއްނެތް. ކިޔަވާކުދިންނަށް އެ ލިބޭ ޚިދުމަތަކީ ޙަޤީޤަތުގައި މުޅި ރަށަށްވެސް ލިބޭ ޚިދުމަތެއް. އެއީ މިހާރުގެ ދަރިވަރުން، އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން މިތިބަ ކުދިން ރަށުގެ ކަންކަމާ ހަވާލުވެ ރަށް ހިންގަން ތިބޭނީ، މުސްތަޤްބަލުގައި. އެހެންވީމާ، މުސްތަޤްބަލް އުޖާލާވާނީ ރަށުގެ ކުޑަކުދިންނަށް ތަޢުލީމު ހާސިލުކޮށްދެވުނު މިންވަރަކުން، އެކުދިންނަކީ ޤައުމުދެކެ ލޯބިވާ ކުދިބައެއް ކަމުގައި ހެދުނު މިންވަރަކުން، ދީނަށް ޙުރުމަތްތެރިކޮށްހިތާ ކުދިބަޔަކަށް ހެދުނު މިންވަރަކުން. އަދި މުޅި ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޫޙު އެކުދިންގެ ހިތްތަކުގައި އަށަގެންނެވުނު މިންވަރަކުން. އެހެންވީމާ، ތަޢުލީމު ދިނުމުގެ މުހިންމުކަން ބޮޑީ. އެކަމަށްޓަކައި ސަރުކާރުން އެހާބޮޑެތި މަސައްކަތްތައް ކުރަމުން ގެންދަނީ.

ތަޢުލީމުގެ ވާހަކަ ދައްކާއިރު، އަސާސީ ތަޢުލީމުގެ ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. އެއީވެސް ސަރުކާރުން ފަށައިގެން ހިންގަމުންގެންދާ މަޝްރޫޢެއް. ބޭނުމަކީ މީގެކުރިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް ކޮންމެވެސް މިންވަރަކަށް އެ ފުރުޞަތު ހޯދައިދިނުން. އާދެ، މަދަރުސާއަކަށް ގޮސްގެން ކިޔެވީމާ ލިބޭނެހާ ފައިދާއެއް އަސާސީ ތަޢުލީމުގެ ކްލާސްތަކަކުން ނުލިބޭނެ. އެހެންނަމަވެސް، އަސާސީ ތަޢުލީމުގެ ކްލާސްތަކުންވެސް އެކަށީގެންވާ ފައިދާއެއް، ބޮޑެތި މީހުންނަށް ލިބޭގޮތަށްވަނީ ހަމަޖެހިފައި. ލިބެމުންދާނެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަވެސް ވަރަށްގިނަ މީހުން އެބަތިބި. ޙަޤީޤަތުގައި އެއީ ވެގެންވާނެ ގޮތެއްނޫން. އިސްލާމްދީނަކީ ތަޢުލީމުގެ ދީން. މުސްލިމުންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހަކު ހުރުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫން، އެ ދީނުގެ އުސޫލުތަކަށް ބަލާއިރު. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ތަޢުލިމުގެ ކަންތައް ވަޅުޖަހާފައި އޮތް މިންވަރު ބޮޑުކަމުން، ވޭތުވެދިޔަ ތާނގައި މިގޮތަށް ދިމާވެފައި އޮތީ.

އެހެންވީމާ، އެކަންތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަސާސީ ތަޢުލީމުގެ މަޝްރޫޢު ރާވައިގެން ހިންގަމުން ގެންދަނީ. ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ އިތުރަށް، ކޮންމެ މުސްލިމަކުވެސް ދަންނަންޖެހޭ މަޢުލޫމާތުތަކާއި، އަދި ކޮންމެ ދިވެއްސަކުވެސް ދަންނަންޖެހޭ މަޢުލޫމާތުތައް، އެމީސްމީހުންނަށް އޮޅުންފިލުވައިދިނުން، އަންގައިދިނުންވެސް އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނިފައިވޭ. އެހެންވީމާ، އެމަޝްރޫޢަށް ތަރުޙީބު ދެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހޭނެކަމެއް. ކްލާސްތަކަށް ހާޒިރުވެ، އެ ފުރުޞަތުގެ ބޭނުންހިފުމަކީ މީގެކުރިން އަޅުގަނޑުމެންނަށް ލިބިފައި ނެތް ފުރުޞަތެއް. ސަރުކާރުން އެ ފުރުޞަތު މިހާރު މިހޯދައިދިނީ. ހޯދައިދިނީމާ އެ ފުރުޞަތު ބޭނުންކުރުމުން އޭގެފައިދާ، އޭގެ ލާބަ، އޭގެ މަންފާ ލިބޭނީ ހަމަ އެބޭނުންކުރާ ބަޔަކަށް.

އެހެންވީމާ، އެކަމަށް މިރަށުގެ ރައްޔިތުންވެސް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ބަހައްޓަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. މިރަށުގައިވެސް ފަނަރަ އަހަރުން މަތީގެ، ލިޔަންކިޔަން ނުދަންނަ، ވިއްސަކަށް މީހުން އެބަތިބި ކަމަށް، އަޅުގަނޑު އަތުގައި މި އޮތް ފޯމުން ދައްކާ. އެއީ ތެދެއްކަމުގައިވަންޏާ އެވަރު ތަންކޮޅެއް ގިނަ، މިހާކުޑަ ރަށަކަށް. މުޅި ރަށުގެ މީހުންގެ އަދަދުގެ ޖުމުލައަކީ 340. އެހެންވީމާ، އެމީހުންގެ ތެރޭގައި މިއަދަދަށް، ލިޔަންކިޔަން ނުދަންނަ މީހުން ތިބުމަކީ މާ ރަނގަޅު ކަމެކޭ ދެންނެވޭކަށް ނެތް. ވީއެންމެ އަވަހަކަށް އެމީހުންވެސް އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ގޮސްގެން ލިޔަންކިޔަން ދަސްކޮށް، އަދި އެނޫންވެސް މަޢުލޫމާތުތައް ދަސްކުރުމަކީ އަޅުގަނޑު ހިތުން ހަމަ އެމީހުންގެ އަމިއްލަ ފައިދާއަށް ވަރަށްބޮޑަށް ބޭނުން ކަމެއް.

އާދެ، ދެން އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދެމުންގެންދާ މަސައްކަތަކީ ރާއްޖެ ތަރައްޤީކުރުން. އިޤްތިޞާދީ ގޮތުން ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދިޔުން. އާދެ، އެގޮތަށް އިޤްތިޞާދީ ގޮތުން ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދެވޭނީ އަޅުގަނޑުމެން އެކަމަށްޓަކައި މަސައްކަތްކޮށްގެން. މަސައްކަތްނުކޮށް ތިބި އެއްވެސް ބައެއްގެ ދިރިއުޅުމުގެ ފެންވަރު މައްޗަކަށްނުދާނެ. އިތުރު ތަނަވަސްކަމެއް އެމީހުންނަށް ލިބެމަކުންނެއް ނުދާނެ. އެހެންވީމާ، ހުރިހާވެސް ބޭނުމަކީ ދިރިއުޅުމަށްޓަކައި މަސައްކަތްކުރުން. މަސައްކަތް ކުރަމުން ގެންދިޔުން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި ބައެއް. ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތްތަކެއް އެބަހުރި. އެ މަސައްކަތްތައްވެސް ކުރިޔަށް ގެންދަންވާނެ. އަދި އިތުރަށް މަސައްކަތް ދަސްކޮށްގެން، އިތުރު މަސައްކަތްތައްވެސް ކުރަމުން ގެންދަންވާނެ.

މިރަށުގެ ރައްޔިތުންނަކީ މަސްވެރިކަންވެސް ކުރާ ބައެއް. މިހާރު ލޮނުމަހުގެ މަސައްކަތް އެކަށީގެންވާ ދަރަޖައަކަށް ކުރަމުންދާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އެއީވެސް ވަރަށް ރަނގަޅު މަސައްކަތެއް. ބޭނުމަކީ ކޮންމެވެސް މަސައްކަތެއްކޮށްގެން އަދި އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކޮށްގެން އެއިން ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުން. އޭރުން އަޅުގަނޑުމެން، މިދުނިޔޭގައި ދިރިއުޅެމުން ގެންދާއިރު އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތައް ފުއްދޭނީ. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭން. ކިޔަވައިދިނުމަށްޓަކައިވެސް ޚަރަދުތަކެއް ކުރަންޖެހޭ. ޔުނިފޯމު ހޯދައިދޭންޖެހޭ. އަދި އެނޫންވެސް ޚަރަދުކުރަންޖެހޭ. އަޅުގަނޑުމެން ބަލިވެއްޖެއްޔާ ބޭސްކުރަންވެސް ބޭނުންވޭ. އަޅުގަނޑުމެންގެ ގެދޮރު މިހާރުހުރި ފެންވަރަށްވުރެ ރަނގަޅުކޮށްލަން ބޭނުންވޭ. އަޅުގަނޑުމެން ބޭނުންކުރާ ހެދުން ހޯދަން ބޭނުންވޭ. މިކަހަލަ ކިތަންމެ ބޭނުންތަކެއް ކުރަންޖެހޭ. އެހުރިހާ ބޭނުމެއް ކުރެވޭނީ ލިބޭ އެއްޗެއް އޮވެގެން. އެހެންވީމާ، މަސައްކަތްކުރަންޖެހެނީ ދިރިއުޅުމަށް. އެކުރާ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް ނުވަތަ ރަށުގައި ތިބެގެން އަންހެނުން ކުރާ ބާވަތުގެ މަސައްކަތްތަކެއް ކަމުގައިވިޔަސް އެންމެ ރަނގަޅު.

ވާހަކައަކީ، ކޮންމެ މީހަކުވެސް ކޮންމެވެސް މަސައްކަތެއް ކުރަންވާނެއޭ. އެއްވެސް މީހަކު މަސައްކަތެއްނުކޮށް ހުރެގެނެއް ނުވާނެއޭ. އެއީ އެމީހާގެ ޞިއްޙަތު ތަންދޭ ކަމަށްވަންޏާ. މުސްކުޅިންނާއި ބަލިމީހުންނަށް މަސައްކަތް ނުކުރެވި ހިނގައިދާނެ. އެއީ ދެން މުޅިން އެހެން ކަމެއް. އެކަމަކު ޞިއްޙަތު ސަލާމަތުން ތިބޭ ޒުވާނުން މަސައްކަތްނުކޮށް ތިބެގެނެއްނުވާނެ. އެއީ، ވަރަށް ހުތުރު ކަމެއް، އެހެން މީހުންގެ އެހީގައި ދިރިއުޅެމުން ގެންދިޔުން. އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅުމެއް ހޯދޭތޯ ކޮންމެ މީހަކުވެސް ބަލަންވާނެ.

އާދެ، މިރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި ބައެއްކަން އެނގޭ. މިރަށުގެ އަންހެނުންވެސް، އެމީހުން ދަނޑުވެރިކަމުގެ މަސައްކަތްވެސް ކޮށްގެން، މިރުސްފަދަ ތަކެތި ހައްދައިގެން ލިބުނު އެއްޗެތިން މިހާރު އަންހެނުންގެ މިސްކިތެއްވެސް ވަނީ ޢިމާރާތްކޮށް ނިމިފައި. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑުގެ ނަޞޭޙަތަކީ އަދިވެސް ކުރިއަށް އޮތްތާނގައި އިތުރަށް މަސައްކަތްތަކެއް ކޮށްގެން، ރަށް ތަރައްޤީ ކުރުމަށްޓަކައި އިތުރަށް މަސައްކަތް ކުރެއްވުން. ފިރިހެނުންނާއި އަންހެނުން، ރަށުގެ ވެރިންނާއި ރައްޔިތުން އެއްބައިވެގެން އެކަތިގަނޑަކަށްވެގެން، އެގޮތަށް މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ދީނުގެ ކަންތައްތަކަށްވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ރައްކާތެރިވާންޖެހޭނެ.

އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ރަނގަޅަށް ދަނޭ. އެހެންވީމާ، އެ ވާޖިބުތައް ފުރިހަމައަށް އަދާކުރަންވާނެ. އަދި ދީނުގައި ނަހީކުރައްވައި، މަނާކުރައްވާފައިވާ ކަންތައްތަކެއްވެސް ހުރޭ. އެކަންތައްތައްވެސް އަޅުގަނޑުމެންނަށް އެނގޭ. އެކަންތައްތަކަށް އަޅުގަނޑުމެންނަށް އަރައިގަނެވެނީ އެކަންތައްތައް ނޭނގިގެނެއްނޫން. އެނގިތިބެގެން. ހަމަ އަޅުގަނޑުމެންގެ ވިޔާނުދާކަމުން އެކަން ކުރެވެނީ. އެހެންވީމާ، އެކަހަލަ ކަންތައްވެސް އެއްގޮތަކަށްވެސް ކޮށްގެނެއްނުވާނެ. އެނގިތިބެގެން ނުބައި ކަންތައް ކުރުމަކީ ވަރަށް ދެރަކަމެއް. އޭގެ ހިތި ނަތީޖާ އަޅުގަނޑުމެންނަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފެންނާނެކަން ކަށަވަރު.

އެހެންވީމާ، އަޅުގަނޑުމެން ބަލަންޖެހެނީ އަބަދުވެސް އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް ގެންދެވޭތޯ. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އިޖުތިމާޢީ ގުޅުންވެސް އޮންނަންވާނީ ދީނުގައި އަންގަވާފައިވާ ގޮތަށް. އާދެ، އެއްބަނޑުއެއްބަފާކަމުގެ ގުޅުމަކަށް، އެގުޅުން ވާންޖެހޭނެ. އަޅުގަނޑުމެންނަކީ ޙަޤީޤަތުގައިވެސް އެއްބަނޑުއެއްބަފާ ބައެއް. އެއީ اللّـه سبحـانـه وتعـالى އެގޮތަށް އަޅުގަނޑުމެން ލައްވާފައިވާތީ. ހުރިހާ މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި އެކަލާނގެވަނީ ލައްވާފައި.

އެހެންވީމާ، އެގޮތް އަޅުގަނޑުމެން ދަނެގެން އަޅުގަނޑުމެންގެ ގުޅުންތައް ބަހައްޓަންޖެހޭނީ، އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި ގުޅުންތައް ހުންނަންވީ ގޮތަކަށް. އެގުޅުން ވާންޖެހޭނީ އެކުވެރިކަމުގެ ގުޅުމަކަށް، އެއްބާރުލުމުގެ ގުޅުމަކަށް، އެހީތެރިކަމުގެ ގުޅުމަކަށް. ފަހަރެއްގައިވެސް އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުމާއި، ރުޅިވެރިކަމާއި، ޙަސަދަވެރިކަމާ، މިބާވަތުގެ ކަންތައްތައް އޮވެގެން ނުވާނެ. ﷲ ވަޙީކުރައްވަނީ، وَلَا تَنَازَعُواْ فَتَفْشَلُواْ وَتَذْهَبَ رِيحُكُمْ "ތިޔަބައިމީހުން އަރައިރުންނުވާށޭ، އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިނުވާށޭ. އެހެންވެއްޖެއްޔާ ތިޔަބައިމީހުން ނާކާމިޔާބުވާހުއްޓޭ. އަދި ތިޔަބައިމީހުންގެ ބާރުތައް ފިލައިގެންދާހުއްޓޭ."

އެހެންވީމާ، ކިތަންމެ ކުޑަ ޖަމާޢަތެއްގައިވެސް އެޖަމާޢަތެއްގެ މެންބަރުން އެކުވެރިވެގެންނޫނީ، އެޖަމާޢަތެއްގެ ކަންތައް ކުރިޔަކަށް ނުގެންދެވޭނެ. އެމީހުންގެ ދިރިއުޅުންވެސް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންނެއް ނުދާނެ. އަދި ކިތަންމެ ބޮޑު ޖަމާޢަތެއްގައިވެސް، އެއީ ހަމަ ތެދެއް. އެކުވެރިކަމެއްނެތި މިއިން އެއްވެސް ޖަމާޢަތެއް ދުނިޔޭގައި ކުރިޔަށް ގޮސްފައެއް ނޯންނާނެ. މިއަދު ބައްލަވައިލައްވާ އިސްލާމީ އުންމަތް. އިސްލާމީ އުންމަތް ބައިބައިވެފައިވާތީ، އެމީހުންނަކީ ނިކަމެތި ބައެއް ކަމުގައިވެފައި އޮންނަނީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި. އެއާ ޚިލާފަށް، އިސްލާމީ އުންމަތުގެ އެންމެންނަކީ، ހުރިހާ ޤައުމުތަކަކީ އެކުވެރި ބައެއް ކަމުގައި ވެއްޖެނަމަ، ޝައްކައްނެތްގޮތުގައި އިސްލާމީ އުންމަތަށްވުރެ ވަކި ވަރުގަދަ، ވަކި ޢިއްޒަތްތެރި، ވަކި ބާރުގަދަ އުންމަތެއް މުޅި ދުނިޔެއަކުވެސް ނޯންނާނެ. އާދެ، ކޮންމެއަކަސް އަޅުގަނޑުގެ ނަޞޭޙަތަކީ އެއީ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުންތައް އެއީ، އިސްލާމީ އުސޫލުގެމަތިން އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް ހެދުން.

މިވަގުތަކީ ވަރަށް ހޫނުގަދަ ވަގުތެއް، އަދި މެންދުރުނަމާދުގެ ވަގުތުވެސް އެބަ ކައިރިވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިޖަލްސާ މާދިގުކުރެވޭކަށް ނެތް. އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ މިރަށުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އެއީ، އަޅުގަނޑު މިއަދު މިރަށަށް އައުމުގެ މުނާސަބަތު ފާހަގަކުރެއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްތައް ފެނިފައި، އެ މަސައްކަތްތަކުން ދޭހަވާ އިޚްލާޞްތެރިކަމަށްޓަކައި.

އާދެ، އަޅުގަނޑުގެ އެދުމަކީ اللّـه سبحـانـه وتعـالى ގާއުނޑޫދޫގެ ވެރިންނަށާއި ރައްޔިތުންނަށް ތައުފީޤު ދެއްވައި، ތިޔަ ބޭކަލުންނާއި ތިޔަ ބޭކަނބަލުން ރަށް ކުރިއެރުވުމަށްޓަކައި، ތިޔަ ބޭކަލުންނާއި ތިޔަ ބޭކަނބަލުންގެ ދިރިއުޅުން ތަނަވަސް ކުރެއްވުމަށްޓަކައި، ތިޔަ ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތެއްގައި އެކަލާނގެ ބަރަކާތްލެއްވުން.

وَالسَّــلاَمُ عَلَيْكُمْ وَرَحْمَــةُ اللَّــهِ.