"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރެއްވުމަށްފަހު، H09 (މާލޭ މުނިސިޕަލިޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މިއަދު އިޢުލާނުކުރައްވައިފިއެވެ. މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކުރައްވާފައެވެ.

މިކަން ހާމަކުރައްވާ ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރުއްވާފައިވާ އިޢުލާނާއިއެކު H09 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ (ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއިއެކު) ވަގުތީ ލިސްޓުތައް ޝާއިޢުކުރައްވާފައިވެއެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއިއެކު ވަގުތީ ލިސްޓުގައި ހާމަކުރައްވާފައިއެވެ.

"ހިޔާ" މަޝްރޫޢުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2020 ސެޕްޓެންބަރު 21 ވާ ހޯމަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 04 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައްވާފައެވެ. މިގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައްވާފައި ވަނީ https://hcp.presidency.gov.mv/ ލިންކު މެދުވެރިކޮށެވެ.