ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެންބަރުންނާއި އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިވިލް ސަރވިސް ގައި ހުރި ޙައްލުހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ސިވިލް ސަރވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ސިވިލސް ސަރވިސްގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅު ޙިއްޞާކުރައްވައި މަޝްވަރާކުރައްވާފައެވެ.