ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ. ޖިއެނާ، މުއުމިނާ ވަޙީދު އަދި މއ. މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲއެވެ.

މި ތިން ބޭފުޅުން ޢައްޔަންކުރައްވާފައި މި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

މި ތިން ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ކްރިމިނޮލޮޖީ ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އެ ކަމަނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި މުއުމިނާ ވަޙީދަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. މުއުމިނާ މިއަދާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ. އަދި މުއުމިނާ ވަޙީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ އެކި މަޤާމުތަކުގައި ނުވަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ.

މީ ތިން ބޭފުޅުންގެ ތެރެއިން ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، އެ މަނިކުފާނުގެ ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އެ މަނިކުފާނު ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވުމުގެ ކުރިން، އެ ބޭފުޅުން ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވުމަށްފަހު، އެ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާއި ޙަވާލުކުރައްވާފައެވެ.