بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އަލިފާނުގެ ހާދިސާއެއް މާލޭގައި ހިނގައިގެން މިދިޔައީ. އަޅުގަނޑުމެންގެ ވާތްފަރާތުން މިހުރި ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ދެމެދުގައި މިހުރި ރެސްޓޯރެންޓެއްގައި ފުރަތަމަ އަލިފާން ހިފިކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު މި ލިބެނީ. އެއަށްފަހުގައި އެސް.ބީ.އައި.ގެ އިމާރާތުގެ އެންމެ މަތީ ފްލޯރގައި ހިފައިގެން މިދިޔައީ.

ދެން މިހާތަނަށް އައިއިރުގައި ގާތްގަނޑަކަށް 95 ޕަސެންޓް ކޮންޓްރޯލް ކުރެވިފައި އޮތް ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ފަޔަރ ރެސްކިއު ޓީމުން އެބަދޭ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް މުޅިން ނިއްވައިލެވޭނެކަމުގެ ޔަޤީންކަން މިހާރު އަޅުގަނޑުމެންގެ އެބައޮތް.

ދެން މިހާތަނަށް އައިއިރުގައި، މިހިސާބުގެ އިމާރާތުގައި ދިރިއުޅޭ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ވެފައި އޮތް ކަމަކަށް ނެތް ރިޕޯޓް ކުރެވިފައެއް. އެހެންނަމަވެސް، އެކަމަށް ސަމާލުވުމުގެ ގޮތުން ތައްޔާރުވެ ތިބުމަށްޓަކައި އެން.ޑީ.އެމް.އޭ.ގެ ފަރާތުން ސްކޫލެއް، ކަލާފާނު ސްކޫލް މިހާރު ވަނީ ތައްޔާރުކޮށްފައި. މިފަދަ ޙާލަތެއް ޖެހިއްޖިއްޔާ އަޅުގަނޑުމެން ވަގުތުން އެއަށް އެޓެންޑްވާންވެގެން.

ދެން އަޅުގަނޑުގެ އިލްތިމާސަކީ، މިހާރުވެސް މަސައްކަތުގައި، އެތަނުގައި ޢަމަލީގޮތުން މި އުޅުއްވާ ބޭފުޅުން ފިޔަވައި އެހެން ހުރިހާ ބޭފުޅުން، މިވަގުތުގެ ޙާލަތަށް ބަލާއިރުގައި ވީހާވެސް އަވަހަކަށް ގެޔަށް ވަޑައިގަތުން.

އެނގިވަޑައިގަންނަވާނެ، މި އަލިފާނުގެ ހާދިސާގެ އިތުރަށް، އަޅުގަނޑުމެންގެ ކުރިމަތީގައި މިވަގުތު މިއޮތީ ވަރަށްބޮޑު ޕެންޑަމިކެއް، ކޮރޯނާ ވައިރަސްގެ. އޭގައި އެންމެބޮޑު މައްސަލައަކަށްވަނީ، ފެތުރުމަށް ދިމާވާ އެންމެބޮޑު އެއް މައްސަލައަކަށް މިވަނީ އެންމެން އެއްތަނަކަށް އެއްވެ ގައިގޯޅިވެއުޅުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި، އެޗް.ޕީ.އޭ.ގެ އެ އެންގުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް އެބައުޅޭ. އަޅުގަނޑު މި ދެންނެވީ ކޮންމެހެން މިކަމަކާ ގުޅިގެންނެއް ނޫން. އެހެންވީމާ، އެއީ ހުރިހާ ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު މިވަގުތުވެސް ދަންނަވަން.

ވަރަށް ހިތާމަކުރަން، މިއަދުވެސް މާލޭގައި މިފަދަ ކަމެއް ހިނގައިގެން ހިނގައްޖެ. އާދެ، އެއީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި، ވަރަށް އިސް ބޭފުޅުން ނުކުމެވަޑައިގެން، މާސްކްވެސް ނާޅުއްވައި، ރައްޔިތުންގެ އެތައް ބައެއް އެއްތަނަކަށް އެއްކޮށް، މިފަދަ ޢަމަލުތަކެއް ހިންގައިފި.

މިއީކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ، ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއްނޫން. ރާއްޖޭގައި މުޒާހަރާ ކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. އެއީކީ މި ސަރުކާރަކުންނެއް ހުއްޓުވާނެ ކަމެއްނޫން. އެހެންނަމަވެސް، މިފަދަ ދަނޑިވަޅެއްގައި އެފަދަ ޢަމަލެއް ހިންގީތީ، ޒިންމާދާރުކަމެއްނެތި ހިންގީތީ އަޅުގަނޑު ވަރަށް ހިތާމަކުރަން.

ދެން މިރޭގެ މި އަލިފާނުގެ ހާދިސާގައި، ވަރަށް ބުރަކޮށް، އަޅުގަނޑު މި ދެންނެވިހެން ކޯވިޑް-19ގެ މި ނުރައްކަލުން ސަލާމަތް ކުރުމަށްޓަކައި އެމް.އެން.ޑީ.އެފް އާއި ޕޮލިސް ވަރަށް ބުރަކޮށް އުޅުއްވަމުންވެސް މި ދަނޑިވަޅުގައި، ކުއްލިއަކަށް މި ދިމާވި މަސައްކަތަށް އެޓެންޑްވެ ވަރަށް ރަނގަޅަށް، ވަރަށްބުރަ މަސައްކަތެއްކޮށް، އިރާދަކުރެއްވިއްޔާ އެކަން މިވަނީ ނިމުމަކަށް ގެނެވިފައި.

އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް، އެމް.އެން.ޑީ.އެފް. އާއި ޕޮލިސްގެ މިކަމުގައި ޙަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި، ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަން.

އަދި މީގެއިތުރުން، އަޅުގަނޑުމެންނަށް އެހީތެރިވުމުގެ ގޮތުން އެމް.އޭ.ސީ.އެލް.ގެ ފަޔަރ ޓީމުވެސް މިކަމުގައި ހަރަކާތްތެރިވަމުން އެބަގެންދޭ. އެބޭފުޅުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން އިނގޭތޯ.

އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުންވެސް އިލްތިމާސް ކުރަމުން ގެންދަނީ މިހާރު އެޗް.ޕީ.އޭ.ގެ އެންގުމާ އެއްގޮތަށް، ފަސް މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއްވެ ނޫޅުމަށް. އެހެންވީމާ، އެ އެންގުމާ ޚިލާފަށް ޢަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި، ޤާނޫނުގައިވާ ގޮތުގެ މަތިން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުން ގެންދާނެ.