ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ހިންގާ ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކޯވިޑް-19 އާއި ގުޅިގެން ޤައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މި ބަލި ޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެ ނަމަ، ޞިއްޙީ ނިޒާމަށް ނުތަކާ ހާލަތަކަށް ކަންކަން ބަދަލުވެދާނެކަމަށެވެ. އަދި، ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އާލާސްތައް ހުރި ނަމަވެސް، ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތްކަމަށެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފަދަ ހާލަތަކަށް ކަންކަން ނުދަނީސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އިން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކޮށް، މި ބަލި ފެތުރުން ހުއްޓުވަން އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވައިލައްވާފައެވެ. އަދި، ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ޟަރޫރީ ބޭނުމެއްގައި މެނުވީ ޢާންމުންގެ ތެރެއަށް ނުނިކުތުމަށާއި، މާސްކު އަޅައިގެން މެނުވީ ބޭރުގައި ނޫޅުމަށާއި، ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މިރޭ އިފްތިތާޙު ކުރެވުނު ކެމްޕޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ޤައުމީ މަސައްކަތެއްގައި ގޮތުގައި ސިފަކުރައްވާ، މިކަން އިންތިޒާމުކުރުމުގެ ފަހަތުގައި ތިއްބެވި އެންމެހައި ބޭފުޅުންނާއި މީޑިއާތަކަށް ޝުކުރު ދަންނަވާފައެވެ. އަދި، މީޑިއާތަކުން ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ނޫސްވެރިންނަކީ ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއް ކަމަށާއި، ޤައުމަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި ދިވެހި ނޫސްވެރިން ކުރަމުންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެހެން ޤައުމުތަކާއި އަޅައިބަލާއިރު ރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލުކަން ފާހަގަކުރެއްވިއެވެ. އަދި، އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް އަލުން ހުޅުވައިލަން ސަރުކާރުން ތައްޔާރުވަމުން ގެންދަވާއިރު، މި މެސެޖު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޝައުޤުވެރިވާ ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމައެއާއިއެކު، ކަންކަމުގެ ޙަޤީޤަތް ނުއޮޅޭ ގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދިވެހި ނޫސްވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، މި ކެމްޕޭނަށް ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، މިނިވަން މުއައްސަސާތަކުގެ ބައިވެރިވުން ބޭނުންވާކަން ފާހަގަކުރައްވާ، ވަކިން ޚާއްޞަކޮށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ދެއްވުމަށް ގޮވައިލައްވަމުންނެވެ. ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާއިމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ކެމްޕޭނުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ގިނަ މީޑިއާތަކުން ބައިވެރިވެއެވެ.