"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ“ އިން 24 އޯގަސްޓުގައި ނެރެފައިވާ "ހިޔާ" މަޝްރޫޢުގެ ބައެއް ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށްވެސް ހުޅުވިފައިވާކަމަށާއި އެގޮތުން އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ވެސް ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅޭނެކަމަށް އެ ކޮމިޓީން ވިދާޅުވެއްޖެއެވެ.

"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ“ މިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ގެޒެޓު ކުރެއްވި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ބަޔާނުގައެވެ. މި ބަޔާނުގައި ވިދާޅުވެފައި ވަނީ "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި ޝަކުވާ ހުށަހެޅުމަށް ހަދާފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ކޮންމެ ޝަކުވާއަކަށްވެސް ރިޢާޔަތްކުރައްވާނެ ކަމުގައެވެ.

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ) ކެޓަގަރީއާއި، H5 (ޓީޗަރުންނަށް ޚާއްޞަ) ކެޓަގަރީއާއި، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) ކެޓަގަރީއާއި، H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު 2020 އޮގަސްޓް 24 ވީ ހޯމަ ދުވަހު ވަނީ އިޢުލާނުކުރައްވާފައެވެ. އަދި އެދުވަހުން ފެށިގެން 2020 ސެޕްޓެންބަރު މަހުގެ 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް އެ ލިސްޓްތަކަށް މި ލިންކު https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް އެ ކޮމިޓީއިން ވަނީ ހުޅުވާލައްވާފައެވެ.