"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރެއްވުމަށްފަހު "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން އިޢުލާނު ކުރައްވާ 4 ކެޓަގަރީއެއްގެ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުންނާއި އަދި އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދެވި ގޮތާއި ބެހޭގޮތުން މީޑިޔާއާ މަޢުލޫމާތު ޙިއްޞާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ގޮތާއި އަދި މިއަދު އިޢުލާނުކުރާ 4 ކެޓަގަރީއެއްގެ ވަގުތީ ލިސްޓާ ބެހޭގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވީ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މެންބަރު އަލްއުސްތާޛު ޠާހާ މުޙައްމަދާއި މެންބަރު އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދުވެ. އަދި ހިޔާ މަޝްރޫޢާ ސަރުކާރުންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ގުޅޭގޮތުން މި ޕްރެސް ކޮންފަރެންސްގައި މައުލޫމާތުދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މެންބަރު އަލްއުސްތާޛު ޠާހާ ވަނީ އެ ކޮމެޓީން ހިޔާ މަޝްރޫޢުގެ ދަށުން H8, H5, H4 އަދި H10 ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ނެރުއްވާ ވަގުތީ ލިސްޓްތަކާއި ބެހޭގޮތުންނާއި އަދި އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދެވި ގޮތާބެހޭގޮތުން މަޢުލޫތުދެއްވާފައެވެ. އެގޮތުން ފްލެޓް ކޮމެޓީއާ މަސައްކަތް ޙަވާލުވިއިރު ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތައް ބަލަހައްޓާފައިވަނީ ބައިތަކަށް ބަހާލެވިގެން ނޫންކަން ފާހަގަކުރައްވައި، އެފޯމުތައް ކެޓަގަރީތަކަށް ބަހާލައިގެން ވަކިކުރުމާއި ފޯމުތަކާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ހުރިތޯ އަދި ބައެއް ފޯމުތަކާއެކު ހުށަހަޅާފައިވާ ބައެއް ލިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުން ފަދަ މަސައްކަތްތައް ކޮންމެ ފޯމަކާއި ގުޅިގެން ވަކިވަކިން ކުރަންޖެހުނުކަން ފާހަގަކުރެއްވިއެވެ.

އަލްއުސްތާޛު ޠާހާ ވަނީ ކޮމެޓީން ފޯމުތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފޯމުތަކުގައި ގިނަ ޕޮއިންޓުތަކެއް ދިނުމަށް ޚާއްޞަކޮށްފައިވާ ދިރިއުޅުމުގެ ޙާލަތު ބެލުމާބެހޭ ބަޔަށް ޕޮއިންޓު ދިނުމުގައި އެއްވެސް އުޞޫލެއް ގެންގުޅެފައި ނުވުމާއި، މާރކްސް ދިނުމުގައި ބިންވެރިކަން ހުރި މީހުންތޯ ނުވަތަ ނޫންތޯ ބަލާފައި ނުވުމާއި ދަރިންތިބި ޢަދަދު ކަށަވަރުކޮށްފައި ނުވުމާއި، މީގެ އިތުރުން މާލޭގެ ދަފްތަރުގައި ޖައްސައި އެންމެ ދުވަހެއް ވެފައިވާ ފަރާތްތަކަށްވެސް ޝަރުތު ހަމަވާކަމަށް އިޢުލާންކޮށްފައިވުން ފަދަ މައްސަލަތައް ހުރިކަން މެންބަރު އަލްއުސްތާޛު ޠާހާ ފާހަގަކުރެއްވިއެވެ.

މެންބަރު ޠާހާ ވިދާޅުވީ ފްލެޓް ކޮމެޓީން މަސައްކަތް ކުރިޔަށްގެންދެވިއިރު ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގައަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ޙާލަތު ބެލުމާއި ބިންވެރިކަން ހުރިނެތްގޮތާއި އަދި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައިވާ މަޢުލޫމާތު ކަށަވަރުކުރުންފަދަ މުހިންމު ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށެވެ. ހަމަ އެހެންމެ ވަގުތީ ލިސްޓްތައް އިޢުލާންކުރުމުގައި އެމީހަކަށް ކުރިން ލިބިފައިވާ މާރކްސްއާއި މިހާރު އިވެލުއޭޓްކުރުމުން ލިބުނު މާރކްސް ވެސް ފެންނަގޮތަށް ހިމަނާފައިވާނެކަންވެސް އަލްއުސްތާޛު ޠާހާ ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފޯމުތައް މުރާޖަޢާކޮށް ޝަރުތު ހަމަވާކަމަށް ކަނޑައަޅުއްވާފައި ވާނީ 50 އިންސައްތައިން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކަށް ކަމަށެވެ. ކެޓަގަރީތަކަށް ކަނޑައަޅާ ފްލެޓްގެ ޢަދަދު ކަނޑައެޅުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަންދެއްވާފައި ވާނެކަމަށާއި، އެކަން އެގޮތަށް ނިންމަވާފައި ވަނީ މާލޭގެ ރައްޔިތުންގެ ކެޓަގަރީގައި ހިޔާ މަޝްރޫޢުގައި ޝަރުތު ހަމަވާ ފަރާތްތަކަކީ ރާއްޖޭގެ އެހެން ސަރަޙައްދަކުން ފުލެޓް ލިބުމުގެ ފުރުޞަތު އޮންނާނެ ބަޔަކަށް ނުވާތީކަން މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.

2018 ވަނަ އަހަރު އިޢުލާނުކޮށްފައިވާ ހިޔާ މަޝްރޫޢުގެ 7000 ހައުސިންގް ޔުނިޓްގެ ތެރެއިން މިހާރު ހުރި 6720 ހައުންސިންގ ޔުނިޓް ކެޓަގަރީތަކަށް ކަނޑައަޅާގައިވާ ގޮތުގެ މަޢުލޫމާތު މިއަދުގެ ޕްރެސްކޮންފަރެންސްގައި ޙިއްޞާކުރައްވާފައިވެއެވެ. ފްލެޓް ކޮމެޓީން ރިވިއުކުރެއްވުމަށް ފަހު މިއަދު ޢާންމުކުރެއްވީ 4 ކެޓަގަރީއެއްގެ ވަގުތީ ލިސްޓެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީ، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްޞަ ކެޓަގަރީއެކެވެ.