އ.ދ. އަށް 75 އަހަރު ފުރުމާއި ގުޅިގެން ’ޔޫ.އެން. 75‘ ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެށްޓެވުމުގެ ގޮތުން މިއަދު ބޭއްވެވި ވަރޗުއަލް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ރަސްމިއްޔާތުގައި، ’ޝޭޕިންގ އަވަރ ފިއުޗަރ ޓުގެދަރ‘ ނުވަތަ އެންމެން ގުޅިގެން މުސްތަޤުބަލު ބައްޓަން ކުރުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ’ޔޫ.އެން. 75‘ ގެ ރަސްމީ ވީޑިއޯ ވަނީ ދައްކާލާފައެވެ. މި ވީޑިއޯގައި އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަފާތު ދާއިރާތަކަށް އަލިއަޅުވައިލައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ގޮތައް، ރާއްޖޭގެ އެކި ފަންނުތަކާއި ފަންތިތަކުގެ ބޭފުޅުން ވަނީ އެ ބޭފުޅުންގެ ޚިޔާލާއި ފިކުރު ހާމަކުރައްވައި، ކުރު މެސެޖުތަކެއް ދެއްވާފައެވެ.

މި ވީޑިއޯގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވި މެސެޖުގައި އެ ކަމަނާ ވަނީ، ‎ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަމާއި، އަދި އެހެން މީހުންގެ އެހީތެރިކަން ނުލިބި އެކަނި ދިރިދެމިހުރުމަކީ އުނދަގޫކަމެއް ކަން ހާމަވެގެން ގޮސްފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި، އަމިއްލަ ފަރުދުންގެ ހެވާއި ލާބައާއި މަންފާ ބަރޯސާ ވަނީ މުޅި މުޖުތަމަޢުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި މެސެޖުގައި ވިދާޅުވެފައެވެ.

މި ވީޑިއޯއަށްފަހު ’ޔޫ.އެން. 75‘ އާއިގުޅޭ ޚާއްޞަ ސަރވޭއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސަރވޭއަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށާއި، އ.ދ. އިން ކުރިއަށް ގެންދިޔުމުގައި އިސްކަން ދޭންވީ ކަންކަން ކަނޑައެޅުމަށް ޚިޔާލު ހޯދުމުގެ ގޮތުން ކުރިޔަށްގެންދިޔަ ސަރވޭއެކެވެ.

މި ޙަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަޒްވެލްއެވެ. ’ޔޫ.އެން. 75‘ ގެ ޝިއާރާއި ހަރަކާތްތައް ބިނާވެފައި ވަނީ 24 އޮކްޓޫބަރު 2019 ގައި ’ޔޫ.އެން‘ ދުވަހުގެ މުނާސަބަތުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޝް ދެއްކެވި ވާހަކަފުޅުގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެކެން ބޭނުންވާ މުސްތަޤްބަލް ބިނާކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.