ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސިޓީގައި ދެމުންދާ ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންގެންދާ ތައްޔާރީތައް މިއަދު ބައްލަވާލައްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެންދުރުފަހު ވަނީ، މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ޚާއްޞަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.
މިގޮތުން އެމަނިކުފާނު ވަނީ، ވެސްޓްޕާކް ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދުގައި ބަސްހުއްޓި ބިނާކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވައިލައްވާފައެވެ. އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް.)، ވެސްޓްޕާކް، ހިރިޔާ ސްކޫލް، އަދި ތާޖުއްދީން ސްކޫލް ސަރަޙައްދެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކުގެ ޕާކިންއާއި އަދި އެ ސަރަޙައްދަކީ ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މާލެ ސިޓީގައި ދެމުންގެންދާ ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކަށް ބޭނުންހިފޭނެ ގޮތަށް ފަރުމާކުރެވިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް ފުޅާވެގެންދާއިރު މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ލުޔެއް ހޯދައިދޭނެފަދަ ޚިދުމަތަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެމް.ޕީ.އެލްގެ ސީ.އީ.އޯ. ޝާހިދު ޢަލީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުސާ ޢަލިމަނިކާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.