ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، އައްޑުއަތޮޅު މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުއްމުކުލްޘޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އާމިނަތު އުއްމުކުލްޘޫމް ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އާމިނަތު އުއްމުކުލްޘޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.
މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އާމިނަތު އުއްމުކުލްޘޫމް ވަނީ ޙަވާލުކުރައްވާފައެވެ.

އާމިނަތު އުއްމުކުލްޘޫމް މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ. އުއްމުކުލްޘޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސްމަޤާމުތައް އުއްމުކުލްޘޫމް ފުރުއްވާފައިވެއެވެ.