ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤްކުރެއްވި، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 15 ޖުލައި 2020 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ، އޭގެ އެފް.އޯ.ބީ އަގުގެ ފަންސާސް އިންސައްތަ އެވެ. އަދި ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރާ މުދަލަށް، އޭގެ އެފް.އޯ.ބީ އަގުގެ ފަހެއް އިންސައްތަ ރޯޔަލްޓީއެއް ދައްކަންވާނެކަމަށްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު މި ޤާނޫނުގެ ދަށުން މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން، މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެން ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީއިން ފަންސާސް އިންސައްތަ މަޢާފުކުރެވޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީ-އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާ އަކުން އެއް ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ސަރުކާރަށް ދައްކަންޖެހެއެވެ.

މި އިސްލާހުގެ ދަށުން ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިކުރުމާއި ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިނެއް އިންސައްތަ، ޤާނޫނު ނަންބަރު 2012/7 ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޤާއިމުކޮށްފައިވާ ޕަބްލިކް ހެލްތް ފަންޑަށް ޖަމާކުރަންޖެހެއެވެ. އަދި މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއްކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުންވެސް މި ބިލުގައި އެކި ބާވަތްތަކުން ނަގާ އިންޕޯޓް ޑިއުޓީއަށް ގެންނަވާފައި ބަދަލުތަކުގެ ތަފްޞީލުތައް ހިމަނުއްވާފައިވެއެވެ.

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ 1 އޮގަސްޓް 2020 އިން ފެށިގެންނެވެ.