ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ދިވެހި މަސައްކަތްތެރިންނަށާއި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވިއްޔާ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލުކުރި ހަތް ދަރިވަރުންނަށް ސްކޮލަރޝިޕުގެ ލިޔުން ހަވާކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ހުރިހާ ދަރިވަރުންނަކީ ވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދަރިވަރުންތަކެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ތަޢުލީމީ ރޮނގުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދަކީ ޒިންމާދާރުކަމާއިއެކު ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސްއޫލިއްޔަތާއި ހަވާލުވާނެ، އުފެއްދުންތެރި އަދި ޢިލްމީ ދަރިންތަކެއް ބިނާކުރުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު ޤައުމަށް ދިމާވެފައިވާ ހާލަތަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން
އެމަނިކުފާނު ވިދާޅުވީ، ފަހުގެ ޒަމާނެއްގައި ރާއްޖެއަށް ކުރިމަތިވެފައި ނުވާފަދަ ބޮޑެތި ގެއްލުންތަކެއް ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ކަމަށާއި، މިއީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު ކަމަށެވެ. އަދި، މި ކަން ހާސިލުކުރުމަށް ޤައުމުގެ އިޤްތިޞާދީ ހަރަކާތްތަކާއި ވަޒީފާގެ މާޙައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ ޢަދަދު، މިހާރަށްވުރެ އިތުރުކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު މަދުކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް އެކަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ޤާބިލު އަދި ޢިލްމީ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަތީ ތަޢުލީމުގެ ފުރުޞަތުތައް ވެސް ފާހަގަ ކުރައްވާފައެވެ. މި ގޮތުން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތާއި، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލްކުރަން ދޫކުރާ ލޯނު އެހީގެ ޕްރޮގްރާމުގެ ބައެއް ތަފާސް ހިސާބުތައް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން، ތަފާތު ހަތް ޤައުމެއްގައި 54 ދަރިވަރަކު މިހާރު ވެސް ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ކަމަށާއި، އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން، ތަފާތު ހަތް ޤައުމެއްގައި 117 ދަރިވަރަކު މިހާރު ވެސް ތަޢުލީމު ހާސިލު ކުރަމުންދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވި ހަތް ދަރިވަރުންނަކީ، މަތީ ސާނަވީ އިމްތިހާނުގައި ޑިސްޓިންކްޝަން ހޯދާފައިވާ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ފަސް ދަރިވަރަކާއި، ޝަހާދާ ސާނަވިއްޔާ ނިންމާ އިމްތިހާނުން އިމްތިޔާޒު ޙާޞިލުކުރި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދެ ދަރިވަރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެކުދިންނަށް މަރުޙަބާ ވިދާޅުވެ، ހިތްވަރު ދެއްވަމުންނެވެ. މީގެ އިތުރުން، އެ ދަރިވަރުންނަށް އެހީތެރިވެދެއްވި މައިންބަފައިންނާއި ބެލެނިވެރިންނާއި ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށް ވެސް އެމަނިކުފާނު މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.