بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ގެވެށި އަނިޔާއަކީ، ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގެންފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް. މިއީ ޢާއިލާތައް ހަލާކުވެ، އުފާވެރި ޖީލުތަކެއް ބިނާކުރުމަށް ހުރަސްއަޅާ މައިގަނޑު އެއް މައްސަލަ. ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ގިނަ މީހުންނަކީ އަންހެނުން.

ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އަނިޔާ ލިބޭ އަންހެނުންގެ ޢަދަދު ގިނަވުމަކީ، މުޅި މުޖުތަމަޢަށްވެސް ލިބޭ ބޮޑު ގެއްލުމެއް. ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހެއް.

ފާހަގަކޮށްލަންޖެހޭ މުހިއްމު އެއް ނުކުތާއަކީ، މި މައްސަލައަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުންދާ، ފަނާކުރަނިވި މައްސަލައެއްކަން. އަދި، މުޖުތަމަޢުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާ އެއް ސަބަބު.

އެހެންނަމަވެސް، މި މައްސަލަ ޙައްލުކުރުމުގައި އަޅުގަނޑުމެންގެ މުޅި ދައުލަތް، ޒަމާންތަކެއް ވަންދެން އޮތީ ނުކުޅެދިފައި. މިއީ، އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި، މިކަން ޙައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށްނެތް. އަދި، ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން މިއަދު މި ފަށާ މަސައްކަތަކީ، ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް. މި ކެމްޕެއިންގެ މަޤްޞަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން. މި ކެމްޕެއިންގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެން ދިޔުމަކީ ސަރުކާރުގެ އުއްމީދު.

މިކަން ޙަޤީޤަތަކަށް ހެދޭނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން. ވަކިން ޚާއްޞަ ގޮތެއްގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން މިކަމުގެ މުހިއްމުކަން ދެނެގަނެ، ގަދައަޅައި މަސައްކަތް ކުރަންޖެހޭ. އަދި ހަމައެއާއެކު، އަމިއްލަ ފަރުދުންގެ ބައިވެރިވުންވެސް މިކަމުގައި ފުރިހަމައަށް އޮންނަންޖެހޭ. އެހެންކަމުން، މި ދެންނެވި ހުރިހާ ފަރާތްތަކުގެ އެހީތެރިކަން މި ކެމްޕެއިނަށް ފޯރުކޮށްދެއްވުމަށް، އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު މި ފުރުޞަތުގައި އެދެން.

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިގެންދަނީ އިތުރުކޮށް ހަރުދަނާކުރަމުން. މިގޮތުން ބަލާއިރު، ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރާ ހޭދަ އިތުރުކޮށްފައިވާކަން އަޅުގަނޑު ފާހަގަކުރަން. މި އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އަށް ކަނޑައަޅާފައިވާ ބަޖެޓު މިވަނީ، 294 މިލިއަން ރުފިޔާއަށް އިތުރުކޮށްފައި.

މިއީ، މިދިޔަ ސަރުކާރުގެ އެންމެފަހު އަހަރު، 2018 ވަނަ އަހަރު، އެ މިނިސްޓްރީއަށް ކަނޑައަޅާފައި އޮތް ބަޖެޓަށްވުރެ، 111 މިލިއަން ރުފިޔާ، އިތުރު ބަޖެޓެއް. އެހެންކަމުން، ގެވެށި އަނިޔާގެ މައްސަލަތަކާއި، މިނިސްޓްރީ އޮފް ޖެންޑަރގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް، ދައުލަތުގެ ބަޖެޓުންވެސް ޚާއްޞަ އިސްކަމެއް ދީގެން މިއަންނަނީ މަސައްކަތް ކުރަމުން.

ހަމައެފަދައިން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް މި އަންނަނީ ގެންނަމުން. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުވެސް، 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، 2019 ވަނަ އަހަރުގެ ފަހުކޮޅު ތަޞްދީޤުކޮށް، މި އަހަރުގެ ކުރީކޮޅު ވާނީ ޢަމަލުކުރަން ފަށާފައި.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، މިނިވަން، މުސްތަޤިއްލު "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން"އެއް ޢައްޔަނުކުރުމުގެ ގޮތުން، އެ މަޤާމަށް ޢައްޔަނުކުރުމަށް ބޭނުންވާ ފަރާތުގެ ނަން، އަޅުގަނޑު މިހާރު ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައި. މަޖިލީހުން އެ ނަން ފާސްކުރުމުން، އެ މަޤާމަށް އޭނާ ޢައްޔަނުކޮށް، "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން"ގެ ރަސްމީ އޮފީހެއް ޤާއިމުވެ، އެ އޮފީހުގެ މަސައްކަތްތައް ފަށައި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރާ މިންވަރު ބެލުމުގެ މަސައްކަތްތައް ފެށޭނެ.

ނަމަވެސް، މިއީ މި ހިސާބުން ނިންމައިލެވޭނެ ކަމެއް ނޫން. ގެވެށި އަނިޔާގެ މައްސަލަތަކާއި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތައް ނައްތައިލުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އަޅުގަނޑު ގަބޫލުކުރަން.

މިކަމުގައި، މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށްލަން. އެކި، ޖަމުޢިއްޔާ ޖަމާޢަތްތަކުން، ޖިންސީ ގޯނާގެ މައްސަލަތައް، ސަރުކާރާއި މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އަޅުގަނޑު ތަޢުރީފު ކުރަން. އަދި، މިފަދަ މަސައްކަތްތަކުގެ ފަހަތުގައި ތިބެ، އަޑު އުފުލަމުންދާ ޒުވާނުންގެ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑަށް ހިތްވަރު ލިބޭ.

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރަ ތަޙައްމަލު ކުރަންޖެހޭ މީހުން، އެ މައްސަލަތައް ރިޕޯޓް ކުރުމަކީ، މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ލިބޭ ފުރުޞަތެއް. އަޅުގަނޑުގެ އުންމީދަކީ، މިފަދަ މައްސަލަތަކުގެ މަޢުލޫމާތު، ކަމާބެހޭ އިދާރާތަކާ ޙިއްޞާ ކުރުން އަދިވެސް އިތުރުކުރުން. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެންނަށް، އެ މައްސަލަތައް ރިޕޯޓުކޮށް، އިންސާފު ހޯދުމަށް ހިތްވަރު ލިބޭގޮތަށް، މުޅި މުޖުތަމަޢާއި މުޅި ދައުލަތް ބައްޓަންވެގެން ދިޔުން.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް، އެއްވެސް ޙާލެއްގައި، އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެ. އެ މީހުން އަލުން "ވިކްޓިމައިޒް" ވިޔަދީގެން ނުވާނެ. އަދި، އެ މީހުންނަށް އިންޞާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ތިބިކަން، އަޅުގަނޑުމެންގެ ޢަމަލާއި ބަހުން ދައްކަން ޖެހޭނެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ، ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށް ވީހިނދު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން. "ނޫނެކޭ" ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއް. އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ، އަނެކާއަށް އޮތް ޙައްޤެއް ނޫން. އަދި، އެފަދަ ޢަމަލެއް ހިންގާ އެއްވެސް މީހަކު، އިންސާފުގެ ކުރިމަތީގައި އިސްތިސްނާ ވެގެންނުވާނެ.

އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުންވާނީ މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައި. ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި، އަންހެނުންގެ ދައުރު އިތުރުކުރުމަށް މިހާރު ކުރެވިފައިވާ ހެޔޮ މަސައްކަތްތަކުގެ އިތުރުންވެސް ޝަރުޢީ ނިޒާމުގެ ތެރެއިންނާއި، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި، ވިޔަފާރީގެ ރޮނގުން ކުރިއަށްދިޔުމުގައި މި ސަރުކާރުން މި އަންނަނީ އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން.

ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުމަށް، 5 ބޭފުޅެއްގެ ނަންފުޅު މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އޭގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނޭނެ. އެ ބޭފުޅުންނަށް ރުހުން ލިބި، މަޤާމަށް ޢައްޔަނުކުރުމުން، ދިވެހި ސަފީރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ ޢަދަދު ހަމަހަމަވެގެންދާނެ. މިއީވެސް އަންހެނުން ބާރުވެރިކުރުވުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން.

ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުމަށް އަޅުގަނޑު ވީ ވަޢުދު އަޅުގަނޑު ހަނދާނެއް ނުނެތޭ. ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭ، އަދި އެ ޙައްޤު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާކުރުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެއް ވާޖިބު.

އަޅުގަނޑުގެ ދުޢާއަކީ، ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން މި ފެށި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުން. އަދި، މި މަސައްކަތުގެ ސަބަބުން އެތައް ބަޔަކަށް ރައްކާތެރިކަން މިންވަރު ކުރައްވައި، މުޅި މުޖުތަމަޢުން ހެޔޮ ބަދަލުތަކެއް ފެނިގެން ދިޔުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.