بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ވައިސް ޗާންސެލަރ، އިންޑަސްޓްރީ ޕަރޓްނާސް، މިއަދު މިފެށޭ މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ އެންމެހައި ޒުވާނުން، ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހައި ދިވެހިރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމެއް ފެށިގެންދާއިރު، އަޅުގަނޑުމެން ފާހަގަކޮށްލަން މިޖެހެނީ، އާދެ، ކޯވިޑް 19ގެ ސަބަބުން މުޅި ދުނިޔެއަށް މިވަނީ ދުވަހަކުވެސް ކުރިމަތިނުވާފަދަ ދަތި އުނދަގޫ ކަންތައްތަކަކާ ކުރިމަތިލާން ޖެހިފައިކަން.

އާދެ، މިގޮތުން ދިވެހިރާއްޖެއިން ދިވެހިރާއްޖޭގެ ރައްޔިތުންވެސް މިވަނީ މި ދެންނެވި ގޮތަށް ދުވަހަކުވެސް ނުދެކޭފަދަ ދަތި އުނދަގޫ ކަންތައްތަކެއް ތަޙައްމަލު ކުރަން ޖެހިފައި. ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޔަފާރިތައް މިވަނީ މި ދެންނެވި ގޮތަށް، ދުވަހަކުވެސް ނުދެކޭފަދަ އުނދަގޫ ކަންތައްތަކެއްގެ ތެރެއަށް ވެއްޓިފައި.

އާދެ، އަޅުގަނޑު ދަންނަވާލާނީ، މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވާ ގޮންޖެހުންތަކުން ޒުވާނުންނާއި، ވިޔަފާރިތަކާއި، އާންމު ރައްޔިތުންނަށް ދިމާވެފައި މިހިރަ އުނދަގޫ ކަންތައްތަކުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި މިވަގުތު އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިއޮތީ ޒުވާން ވަރކްފޯސްއެއް، އާދެ، ރިސިލިއެންޓް ވަރކްފޯސްއެއް ބިނާކުރުމުގެ މަސައްކަތް ފެށުމޭ.

އަޅުގަނޑުމެން ތަފާތު އެކި ކަންތައްތައް ތަޙައްމަލު އެބަކުރަން. ޙަޤީޤަތަކީ މިއަދު މި ދެންނެވި ފަދައިން، މިކަމުގެ ސަބަބުން އަސަރުނުކުރާ ހަމަ އެންމެ ޢާއިލާއެއްވެސް އޮތް ކަމަކަށް ގަބޫލެއްނުކުރެވޭ.

އަދި މިއަދު ތިން ދިމާއަކަށް ފޯކަސް ކުރެވިގެން، މި ޓްރޭނިންގ ޕްރޮގްރާމް ފެށިގެންދާއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ނަފާއެއް ކުރާ ޓޫރިޒަމް އިންޑަސްޓްރީ މިވަނީ މުޅިން ހުއްޓިފައިކަން. އާދެ، އަޅުގަނޑު އުފާކުރަން މިއަދު އަލުން ޓޫރިޒަމް އިންޑަސްޓްރީ، އާދެ، ދިވެހިރާއްޖޭގެ ބޯޑަރ ހުޅުވިގެންދާކަން. އެއީ އަޅުގަނޑު ދަންނަވާނީ ހަމަ މިއަދު އަޅުގަނޑުމެން އެކަމަށްޓަކައި އުފާކުރަންޖެހޭ ކަމެކޭ.

ހަމައެއާއެކު، ދެން އޮތް އިންޑަސްޓްރީ، އާދެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށްވެސް މިވަނީ ހީނުކުރާފަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި. އާދެ، އެއްވެސްޝައްކެއްނެތް، އަޅުގަނޑުމެން އެބަޖެހޭ، ދިވެހިރާއްޖޭގެ މުސްތަޤްބަލަށް، ޒުވާނުންގެ މުސްތަޤްބަލަށް ވިސްނަން. އެހެން މީހުންގެ މައްޗަށް އަޅުގަނޑުމެން ބަރޯސާވާވަރު، ޑިޕެންޑްވާވަރު ކުޑަކުރަން އެބަޖެހޭ. މި ކަންތައްތައް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ، ހާސިލުކުރެވޭނީ އެއްވެސް ޝައްކެއްނެތްގޮތުގައި އިތުރަށް ޒުވާނުން ބިނާކޮށްގެން.

އާދެ، މިއަދު ދިވެހި ސަރުކާރުގެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އެއް އަމާޒެއްގެ ގޮތުގައި މިވަނީވެސް ދިވެހި އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް. މުޅި ދިވެހި ސަރުކާރުން އެއްދިމާއަކަށް ބަލައިފި ކަމަށްވަންޏާ، އެންމެ ބޮޑު ހޭދައެއް ކުރެވެމުން މިދަނީ މި ދެންނެވިފަދަ ޒުވާނުން ބިނާކުރުމަށްޓަކައި.

އާދެ، މި ދަނޑިވަޅުގައި، ދަތި އުނދަގޫ ގޮތަކަށް ކަންތައްތައް އޮތް ވަގުތެއްގައި، މިފަދަ ޕްރޮގްރާމެއް ފެށްޓެވީތީވެ، އަޅުގަނޑު ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި، މިނިސްޓްރީގެ އެންމެހައި މުވައްޒަފުންނާއި، އަދި ސަރުކާރުގެ އެހެން އިދާރާތަކާއި، އަމިއްލަ ފަރާތްތަކުން މިކަމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު މިކަން ފެށްޓެވީތީވެ، އަދި މިކަމަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިވެދެއްވީތީވެ، އެ ފަރާތްތަކަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މަސައްކަތުގެ މައިދާނަށް ޒުވާނުން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން އެންމެން އެއްކޮށް ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮވޭ. ޒުވާނުން ބިނާކޮށް، ޒުވާނުންނަށް އަޅުގަނޑުމެން ތަމްރީނުދީ، މަސައްކަތުގެ އެކިއެކި ދާއިރާތަކާއި، މަސައްކަތުގެ މާޙައުލަށް ނެރޭއިރު، އެ މާޙައުލު ވާން އެބަޖެހޭ، އުފަލާއެކު ހިތްހަމަޖެހުމާއެކު، ހުރިހާ އެންމެންނަށް މަސައްކަތް ކުރެވޭނެފަދަ މާޙައުލަކަށް ވާން.

އާދެ، އަންހެން ބޭފުޅުންނާއި އަދި ފިރިހެން ބޭފުޅުން ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެފަދަ ގޮތަކަށް މަސައްކަތުގެ މާޙައުލު އޮތުމަކީ އެއީ އަޅުގަނޑު ދަންނަވާނީ އެކުރާ މަސައްކަތެއް، އެކުރާ މީހަކު އެފިޝަންޓްވުމަށްވެސް ވަރަށް މުހިންމު ކަމެކޭ.

އާދެ، މިއަދު މި ޕްރޮގްރާމް ފެށިގެން ދިޔައިރު، އަޅުގަނޑަށް މި ފާހަގަކުރެވުނީ މި ދާއިރާގެ، އާދެ، ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ފެށިގެންދާއިރު، ވަރަށް ބޮޑު ސަމާލުކަމެއް ނުވަތަ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އަޅުގަނޑުމެންނަށް އެބައޮތް، އަންހެން ބޭފުޅުންގެ ފަރާތުން. އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ އެއް އަމާޒު، މަސައްކަތުގެ މާޙައުލުގައި ހުރި ތަފާތުކުރުން ކުޑަކުރުން. އަޅުގަނޑުމެން ބޭނުންވާގޮތަށް އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަރުވައި، އަޅުގަނޑުމެންނަށް ހަމަޖެހިގެން ދިރިއުޅެވެން އޮތީ، މި ދެންނެވި ގޮތަށް އެ ފުރުޞަތު ހަމަހަމަގޮތެއްގައި ފޯރުކޮށްދީގެން.

އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މިފެށޭ ކޯހުގައި، އާދެ، ބޮޑު ބައެއް އަޅުގަނޑުމެންނަށް މި ފެންނަނީ އަންހެން ބޭފުޅުންގެ ބައިވެރިވުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އުފާކޮށް، އެ ފަރާތްތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

އާދެ، މަސައްކަތުގެ މައިދާނުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ޓީމްވަރކަށް. އަޅުގަނޑުމެން އެކަކު އަނެކަކާއެކު ރަނގަޅަށް ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. އަލަށް މަސައްކަތަށް އަންނަ ފަރާތަށް، އަންނަ މީހާއަށް އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭން އެބަޖެހޭ. އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވުމަށްޓަކައި އަޅުގަނޑުމެން އެ ޢަޒުމުގައި މަސައްކަތް ކުރަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި އަޑުއިވެނީ "ގުޑް ތިންގްސް ޑޯންޓް ކަމް އީޒީ. ޔޫ ހޭވް ޓު ވަރކް ސުޕަރ ހަރޑް ޓު އެޗީވް ސަމްތިންގ ގުޑް".

އެހެންވީމާ، އަޅުގަނޑު މިއަދު ދިވެހި ޒުވާނުންނަށް ގޮވާލަން އޮތީ، ޅަޢުމުރުގައި ޗެލެންޖް ނަންގަވާށޭ. ޅަޢުމުރުގައި ރިސްކް ނަންގަވާށޭ. ކަންތައްތައް ރަނގަޅަށް ދަސްކޮށް، ކަންކަމަށް ރަނގަޅަށް ފޯކަސްކުރާ ބަޔަކަށް ދިވެހި ޒުވާނުން ވަމާ ހިނގާށޭ. އެކަކު އަނެކަކަށް، ތިމަންނާއަށް އެނގިފައި ހުރި އެއްޗެއް ކިޔައިދީ، އިޙްތިރާމުކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާށޭ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ކޮންމެ ޙަފްލާއެއްގައިވެސް، ދެކެވޭ އެއް ވާހަކައަކީ އިޖުތިމާޢީ މައްސަލަތަކުގެ ވާހަކަ. އަޅުގަނޑުމެން ފުންކޮށް ވިސްނަން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ މައްސަލަތަކެއް ހުރީ ކީއްވެގެންކަން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، އަޅުގަނޑުމެން ބައްޓަންކުރަން މިޖެހެނީ، އެ ކަންތައްތައް ޙައްލުކޮށް، މުޖުތަމަޢުގެ ތެރޭގައި ހުރިހާ އެންމެންނަށް ހިތްހަމަޖެހިގެން އުޅެވޭނެފަދަ ގޮތަކަށް.

އާދެ، އާންމުގޮތެއްގައި އިންސާނުންނަށް އަބަދުވެސް އިސްކަންދެވެނީ އެއްޗިއްސަށް. އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން ހުންނަ ރީތި ބޮޑެތި ބިލްޑިންގތަކާއި ނުވަތަ ލޮލަށް ފެންނަ ބޮޑެތި އެއްޗިއްސަކީ އެއީ އަބަދުވެސް އަޅުގަނޑުމެންނަށް އެކަމެއްގެ އަގުވަޒަންކޮށް، ވަރަށް ދެކެން ބޭނުންވާ އެއްޗިއްސަށް ވެގެންދޭ. އެހެންނަމަވެސް، ޙަޤީޤަތަކީ އަޅުގަނޑުމެންނަށް ނުފެންނަ އެއްޗެއްގެ ގޮތުގައި މި އޮންނަނީ އަޅުގަނޑުމެންގެ ގައިގައި ހުންނަ ރީތި ސިފަތަކާ، މި އެއްޗިއްސަކީ މިއީ ފެންނަ އެއްޗިއްސަށް ނުވާތީވެ، ބައެއްފަހަރު އަޅުގަނޑުމެންނަށް އެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި، ގައިގައި އަށަގެންނެވުމަށްޓަކައި އެ ދެވޭ ސަމާލުކަން ކުޑަވެގެން އެބަދޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، ހުރިހާ ކަމެއްގައިވެސް ކާމިޔާބަކީ އަޅުގަނޑުމެން އުޅޭގޮތް، އަޅުގަނޑުމެން އެކަކު އަނެކަކާ ދޭތެރޭގައި ދެކޭގޮތް، އެކަކު އަނެކަކަށް އަޅާލާ މިންވަރު. ކުޑަކުދިންގެ ޙައްޤުތަކުން ފެށިގެން، ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާ، އެދޭތެރޭގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް.

އާދެ، އަޅުގަނޑުމެން މިއަދު މި ޕްރޮގްރާމް ފެށިގެންދާއިރު، ހަމަ ވިސްނާލަންޖެހޭ ކަންތައްތަކެއް އަދިވެސް އެބަހުރި. ދިވެހިރާއްޖޭގައި އެންމެ ކުރިއަރާފައިވާ އިންޑަސްޓްރީއަށް ބަލައިފި ކަމަށްވަންޏާ، ހިތާމައާއެކު ދަންނަވާލަންޖެހެނީ އަދިވެސް އަޅުގަނޑުމެންނަށްވުރެ، ދިވެހިންނަށްވުރެ ޚާއްޞަކޮށް މަތީ ވަޒީފާތަކުގައި ޖުމުލަގޮތެއްގައި ގިނައީ ބޭރު މީހުންނޭ. މިއީ އަޅުގަނޑުމެން މިއަދު މަސައްކަތުން، އަޅުގަނޑުމެން ބަދަލުކުރަންޖެހޭ ކަމެއް. މިއަދު ކޯވިޑް 19ގެ މި ކަންތައްތައް އަޅުގަނޑުމެން ތަޙައްމަލު ކުރަމުންދާއިރު، ވަކިން ޚާއްޞަކޮށް، މީގެ ސަބަބުން އަޅުގަނޑުމެންނަށް، އިޤްތިޞާދަށް ވަކިން ޚާއްޞަކޮށް ކުރާ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް އެބަފެނޭ.

އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެކިއެކި ޞިނާޢަތަށް ދިވެހި ޒުވާނުން އިތުރަށް އިތުރުކުރެވި، ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާވެގެންދިޔުން.

އާދެ، މިއަދު އަޅުގަނޑުމެންނަށް މި ކަންތައްތަކުގެ ތެރެއިން ވަރަށް ތަފާތުގޮތަކަށް އަޅުގަނޑުމެންގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރަންޖެހިފައި މިހުރީ. އާދެ، މިއަދުވެސް އަޅުގަނޑުމެންގެ ޙަޤީޤީ މިކަމުގެ ބައިވެރިން ތިބީ ދުރުގައި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތީ، އެ ވަގުތެއްގައި އަޅުގަނޑުމެންނަށް އެ ކުރެވެން އޮންނަ ކަމެއް އަޅުގަނޑުމެން ނުކޮށް ހުއްޓާލައިގެން ތިބެގެންނެއް ނުވާނެއޭ.

އާދެ، ކޯވިޑް 19ގެ ސަބަބުން ދުނިޔޭގެ އަޅުގަނޑުމެން ކިޔަވައިދިނުމުގެ ދާއިރާއަށް، މި ދަސްކޮށްދިނުމުގެ، ޓްރޭނިންގ ދާއިރާއަށް ބަލައިފި ކަމަށްވަންޏާވެސް ވަރަށް ބޮޑު އިންސައްތައެއް މިވަނީ މިކަމުން އުނދަގޫތަކަކާ ކުރިމަތިވެފައި. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން، އާ އާންމު ހާލަތަކަށް ރުޖޫޢަވެވެންދެންވެސް އަޅުގަނޑުމެން ހުއްޓާނުލައި، އަޅުގަނޑުމެންގެ މި މަސައްކަތްތައް މިވަގުތު އަޅުގަނޑުމެންނަށް ކުރެވެން އޮތްގޮތަށް ކުރަން އެބަޖެހެޔޭ.

ހަމައެއާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިގޮތަށް އަޅުގަނޑުމެން ކުރިއަށްދާއިރު، ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. މިހާރު ޞިއްޙީ އިދާރާތަކުން އަޅުގަނޑުމެންނަށް އަބަދު އެ ދެއްވާ އިރުޝާދުތަކަށް އަޅުގަނޑުމެން ބޯލަނބައި، ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، އަޅުގަނޑުމެން އަބަދުވެސް އެކަން ގަބޫލުކޮށް، އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު އެދެނީ، ދިވެހި ޒުވާނުން ސީރިއަސްކަމާއެކު މި ކަންތައްތަކުގައި ބައިވެރިވެ، އަޅުގަނޑުމެން މިދެކޭ ދުވަސް ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުން. އަދި ދިވެހި ޒުވާނުންނަށް ކާމިޔާބާއި ކުރިއެރުން ލިބުމަކީ އެއީ އަޅުގަނޑުމެން އެންމެންގެ އެދުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މުރާލި، ކެރޭ ޒުވާން ޖީލެއް އުފެއްދުމަށްޓަކައި މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަދި ކޯވިޑް 19ގެ ސަބަބުން، އާދެ، މި ބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން ސަލާމަތްކުރައްވައި، އާ އާންމު ހާލަތަކަށް އަޅުގަނޑުމެން އަވަސް މުއްދަތެއްގެ ތެރޭގައި ރުޖޫޢަކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.