بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ބައިނަލްއަޤްވާމީ ފެންވަރުގައި މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

ދުނިޔޭގެ ފެންވަރުގައި އާބާދީ ދުވަހުގެ ގޮތުގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ، ވަރަށް މުހިންމު މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ބޭނުމުގައެވެ.

މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންމެ ޤައުމެއްގެވެސް އާބާދީއާ ގުޅިފައިވާ މައްސަލަތަކާމެދު، އެ ޤައުމެއްގެ ރައްޔިތުން ހޭލުންތެރި ކުރުމެވެ. އޭގެ ތެރޭގައި އިންސާނީ މުޖުތަމަޢެއްގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންވީ ކަންކަމާމެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

މި އަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރިއިރު، ދުނިޔޭގެ އާބާދީ އަރައިހަމަކޮށްފައި މިވަނީ، އިންސާނީ ތާރީޚުވެސް ނުދެކޭފަދަ، ނުރައްކާތެރި ބިރުވެރި ދުވަސްތަކަކާއެވެ. ހުސްވި 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ފެނުނު "ކޯވިޑް-19"، މުޅި ދުނިޔެއަށް ފެތުރި، މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި، 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. އޭގެ ތެރެއިން ފަސް ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ބައްޔަށް ފަރުވާކުރުމަށް މިހާތަނަށް އެއްވެސް ބޭހެއް، ވެކްސިނެއް ހޯދިފައި ނުވާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ދުވަހެއް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއަށްވެސް، އަދި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނަށްވެސް ލަފާނުކުރެވެއެވެ. ގިނަ ބަޔަކަށް މި ބަލިޖެހި، ބަލީގައި މަރުވާ ޢަދަދު، ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މި އަހަރުގެ އާބާދީ ދުވަހުގެ ޝިޢާރުވެސް އަމާޒުކޮށްފައިވަނީ، މި ބަލީގެ ނުރައްކަލުން، ދުނިޔޭގެ އާބާދީ ރައްކާތެރިކުރުމުގެ މައްޗަށެވެ.

މި އަހަރުގެ އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވަނީ؛
Putting the Brakes on COVID-19: How to Safeguard the Health and Rights of Women and Girls Now?
"ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި ޝިޢާރެވެ.

ކޯވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިޤްތިޞާދެއް ނެތެވެ. ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމަޢެއް ނެތެވެ. ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ ޢާއިލާއެއް ނެތެވެ. އޭގެތެރެއިންވެސް، މި ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުންނެވެ. އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީއެވެ. ރާއްޖޭގައިވެސް ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީންނެވެ. ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވިއެވެ.

ޞިއްޙީ ޚިދުމަތުގެ ނިޒާމަށްވެސް މިއީ ވަރަށް ބާރު ބޮޑު ދުވަސްވަރެކެވެ. އޭގެ ސަބަބުން ޢާންމު ޞިއްޙަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހަމައެފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް، ވަރަށް ނޭދެވޭ އަސަރުތައް ދަނީ ފޯރަމުންނެވެ. ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެއެވެ. މިއީ ޚާއްޞަ އިސްކަމެއްދީގެން ޙައްލުކުރަން ޖެހިފައިވާ ކަންކަމެވެ.

ދިވެހިރާއްޖެއަކީ، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެކެވެ. އެގޮތުން ބަލާއިރު، ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ނަމަވެސް މި ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ، ކޯވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެންނެވެ.

އަޅުގަނޑުގެ ދުޢާއަކީ، ކޯވިޑް-19ގެ ނުރައްކަލުން، ދިވެހިރާއްޖެ ރައްކާތެރި ކުރައްވައި، ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތަކާއިގެން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމުގެ އަވަސް ފުރުޞަތެއް، މާތް ﷲ މިންވަރު ކުރެއްވުމެވެ.