بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުންނާއި އެހެނިހެން އޮފިސަރުންނާއި، ހުރިހާ ރޭންކުތަކުގެ އެންމެހައި ސިފައިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މި މަރުކަޒަށް ޒިޔާރަތްކޮށް، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ސިފައިންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި ސިފައިންނަކީ، ހުރިހާ ގޮތަކުން ބަލާއިރުވެސް، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާޢީ އައްޑަނަ.

މިއަހަރު ފެށުނީއްސުރެ އަޅުގަނޑުމެން، މުޅި ދިވެހި ޤައުމު ޝާމިލްވާ ގޮތަށް، ކުރަމުން މިއަންނަނީ ވަރަށް ބުރަ އަދި ވަރަށް އުނދަގޫ މަސައްކަތްތަކެއް. އާދެ! ކޯވިޑް-19އާ ދެކޮޅަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ގިނަ ހުރަސްތަކާއި، ވަރަށް ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިލާން ޖެހިއްޖެ. ނަމަވެސް މާތް اللهُ سُبْحَانَهُ وَتَعَالَىގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ޙާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު.

ކޯވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، ސަރުކާރުން އުފެއްދި ނޭޝަނަލް އިމަރޖެންސީ ސެންޓަރުގައިވެސް، އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ، އެމް.އެން.ޑީ.އެފް. އޭގެ އިތުރުން، ކަރަންޓީން ފެސިލިޓީޒްތަކުގެ އެކި ކަންކަން ބެލެހެއްޓުމުގަޔާއި، ކަރަންޓީން ފެސިލިޓީތައް ޢިމާރާތް ކުރުމުގަޔާއި އެ ފެސިލިޓީޒްތަކަށް މީހުން އުފުލުމުގައި، ތިޔަ ސިފައިން އަދާކުރީ ވަރަށް މުހިންމު ދައުރެއް.

ވަކިން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެއް ކަމެއް އެބައޮތް. އެއީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، އެތަނުގެ މަސައްކަތް ފުރިހަމަކޮށް ނިންމިކަމީ، ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި، ރައްޔިތުންނަށްޓަކައި ޤުރްބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް ޢަޒުމާއި ހިތްވަރު ސާބިތުވާ ކަމެއް. މީގެއިތުރުންވެސް ލޮޖިސްޓިކް ވަރަށް ގިނަ މަސައްކަތްތަކުގައި، ދިވެހި ސިފައިން އަދާކޮށްފައިވަނީ، އަގުނުކުރެވޭ ވަރުގެ ބުރަ މަސައްކަތްތަކެއް.

ތިޔަބޭފުޅުން، އެކަންކަމާ ކުރިމަތިލެއްވީ، އެކަމުގައި ހުރި ނުރައްކާތެރިކަމާއި ދަތިކަން، ވަރަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން. އަމިއްލަ ހަށިގަނޑާއި ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ބެއްލެވުމެއް ނެތި، އެކަންކަމާ ތިޔަބޭފުޅުން ކުރިމަތިލެއްވީ، ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޤައުމީ، ދީނީ އަދި ޤާނޫނީ ވާޖިބު ފުރިހަމަކުރުމުގެ ގޮތުން.

އެކަމަށްޓަކައި، ދިވެހި ސިފައިންގެ ހުރިހާ ޔުނިޓުތަކުގެ ހުރިހާ ރޭންކުތަކުގެ ވަކިވަކި ސިފައިން ޝާމިލުވާ ގޮތަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިންނަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މިކަމުގައި މިނިސްޓަރުގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެކަމަނާއަށްވެސް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިނިސްޓަރ މާރިޔާއަކީ، އާދަޔާ ޚިލާފު ލީޑަރޝިޕް ބޭފުޅެއް. ވަރަށް ގިނަ އަދަދެއްގެ އިދާރާތައް ހިމެނޭ ގޮތުން، އަޅުގަނޑު އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޗެއަރޕަރސަނެއްގެ ހައިސިއްޔަތުން، ކޯވިޑް-19ގެ އެންމެހައި ކަންކަން ވިލަރެސް ކުރެއްވުމުގައި، އެކަމަނާގެ ލީޑަރޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދެއްވައިފި.

ހަމައެފަދައިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އޭނާގެ ދަށުން މަސައްކަތް ކުރެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމާއި، ޖެނެރަލް އޮފިސަރުންނާއި، އެހެނިހެން އޮފިސަރުން އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! ތިޔަބޭފުޅުންގެ ޚިދުމަތް މުޅި ދިވެހި ޤައުމު ބަލައިގަންނާނެ. ދިވެހި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ރައްޔިތުންނަށް މެދުވެރިވާ ދަތި އުނދަގޫ ކޮންމެ ޙާލަތެއްގައި، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި، އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން.
.
ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، މިހާތަނަށް ކުރި މަސައްކަތުގައިވެސް، އަދި މިހާރު ކުރަމުން އަންނަ މަސައްކަތުގައިވެސް، ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތް ކުރުމުގައި، އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބިތަން. އަދި މި ދަތި އުނދަގޫ ޙާލަތުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ސާބިތުވެ ތިއްބެވި ކެތްތެރިކަން ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މި ރާއްޖެ ތަރައްޤީ ކުރުމާއިގެން ކުރިއަށް މިދަނީ، މި ޤައުމުގެ ދިފާޢީ މައި ތަނބަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެން. އެހެންކަމުން، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަށް، އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެން. ސިފައިންގެ ވެލްފެއަރގެ ކަންތައްތައްވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތައް އެބަކުރަން. އޭރުން ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތް، މިހާރަށްވުރެވެސް ފުރިހަމައަށް ދިވެހި ޤައުމަށް ލިބެމުންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

ދިވެހި ސިފައިން ތިޔަ ކުރައްވާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މުޅި ރާއްޖެ ފަޚުރުވެރިވާ ފަދަ ނަމޫނާ ބައެއްގެ ގޮތުގައި ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު، ދިވެހި ސިފައިންނަށް ދެއްވުން އެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه