ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވައި އެ ސެންޓަރުގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެތަނުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ބައްދަލުކުރައްވައި، ޚިދުމަތް ހޯދުމުގައި އެ ބޭފުޅުންނަށް ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ސާފު ކުރައްވާފައެވެ.

މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގެ ފަރާތުން އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިއަދުގެ ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.