ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު މިއަދު އަލުން ކިޔެވުން ފެށުމާއި ގުޅިގެން އެކަމަށްޓަކައި ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަނީ ޙިއްޞާކުރައްވާފައެވެ. އަދި އާ ޢާންމު ޙާލަތު ނުވަތަ ނިއު ނޯމަލްގައި ކިޔަވަން ފެށުމުން މިއަދުގެ ކިޔެވުން ކުރިއަށްދިޔަ ގޮތާއިބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޢުލޫމާތު ހޯއްދެވިއެވެ.

ސްކޫލުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައިވެސް ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ޓެލިކްލާސްގެ ނަމުގައްޔާއި، އެހެނިހެން އޮންލައިން ކްލާސްތައް ހިންގުމުގައި އެބޭފުޅުންކުރެއްވި ބުރަ މަސައްކަތް ބަލައިގަންނަކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި، މިއަދު ސްކޫލް މާޙައުލަކީ ރައްކާތެރި މާޙައުލަކަށް ހެދުމަށް ބެލެނިވެރިންނާއި، މުދައްރިސުންނާއި، މިނިސްޓްރީއިން ކުރެއްވި ބުރަ މަސައްކަތް ފެނިގެން ހިނގައްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރިންސިޕަލުންނާއި، މުދައްރިސުންނަކީ މި ޤައުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވައިގެން ތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޤައުމުގައި އެންމެ އިސްކަމެއް ދޭ އެއްކަމަކީ ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުންކަމުގައި ވިދާޅުވެފައެވެ. އަދި، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ކަނޑައެޅިފައި އޮތް އުޞޫލުތަކާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮއްދެވުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުގެ ސްކޫލުތަކުން ވެފައިވާ ތައްޔާރީތައް ޙިއްޞާކުރައްވަމުން އެބޭފުޅުން ވިދާޅުވީ ސްކޫލްތައް ހުޅުވުމުގެ ކުރިން އެބޭފުޅުންވަނީ އެޗް.ޕީ.އޭގެ އުޞޫލުތަކާ އެއްގޮތަށް އެސް.އޯ.ޕީ ތައްޔާރުކޮށް ޢަމަލުކުރަން ފަށާފައިކަމުގައެވެ. އެގޮތުން ސްކޫލުތަކުގައި 3 ފޫޓު ދުރުމިނުގައި ފާހަގަތައް ޖަހާ، ހޭންޑް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްތަކާއި، އަތް ދޮވެވޭނެ އިންތިޒާމްތައް ސްކޫލުގެ އެކި ސަރަޙައްދުގައި ޤާއިމުކޮށްފައިވާނެކަމުގައި ކަމާގުޅޭ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު ވަކިވަކި ދަރިވަރުންގެ ޙަރަކާތްތައް މޮނިޓަރ ކުރުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ބެލެނިވެރިންނާއި، ޓީޗަރުން ޙަރަކާތްތެިވަމުންދާނެކަމުގައި އެބޭފުޅުން ވިދާޅުވިއެވެ. އަދި، މިއަދުގެ ކިޔެވުން ދިޔަ ގޮތާއި ބެހޭގޮތުން އެބޭފުޅުން މަޢުލޫމާތުދެއްވި ގޮތުގައި މިއަދު ވަނީ ގާތްގަނޑަކަށް ހަމަ ކުރިއެކޭ އެއްގޮތަށް ކުދިން ސްކޫލަށް ޙާޒިރުވެފައިކަމަށެވެ. އަދި، އެކަމުން ދޭހަވަނީ ވެފައިވާ ތައްޔާރީތަކަށް ބެލެނިވެރިން އިތުބާރު ކުރައްވާކަމުގައި އުފަލާއެކު ްެބޭފުޅުން ފާހަގަކުރެއްވެވިއެވެ. މި ބައްދަލުވުމުގައި ސްކޫލުތަކުގެ ވެރިންވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތަކާއި ޝުޢޫރުތައްވެސް ފާޅުކުރައްވާފައެވެ. އެގޮތުން، މިއަދުގެ ކިޔެވުން މިހާ ފުރިހަމަކޮށް ދިޔައީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ސްކޫލުތަކުން ވެފައިވާ ތައްޔާރީތައް މިއަދު އެނގިގެން ހިނގައްޖެކަމަށާއި، އަދި އެ ތައްޔާރީތަކުގެ ފުރިހަމަކަމުން އެކަމަށްޓަކައި އުފާފުޅުކުރައްވާކަމަށެވެ. އަދި އެހާފުރިހަމައަށް ތައްޔާރީތައް ކުރެއްވުމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށާއި، ޙާއްޞަކޮށް މިނިސްޓަރ އޮފް އެޑިއުކޭޝަންއަށާއި ތަޢުލީމީ ދާއިރާ ހިންގުމާ ހަވާލުވެތިއްބެވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރުއަދާކުރެއްވެވިއެވެ.