بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ހުރިހާ ނޫސްވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކޯވިޑް-19އާ ގުޅިގެން މާލެ ސިޓީ، ފުރަބަންދުގައި 42 ދުވަސް ވަންދެން އޮތުމަށްފަހު، މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިވަނީ، ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް ލުއިތަކެއް ދޭން ފަށާފައި. މި ދަތި އުނދަގުލުން އަރައިގަތުމަށް، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި، އަލިމަގެއް ފެންނަމުންދާތީ، އެކަމަށްޓަކައި އެންމެ ފުރަތަމަވެސް اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން.

42 ދުވަސް ވަންދެން ގެއިން ނުނިކުމެ، މުޅި ރޯދަމަސްވެސް ހިމެނޭގޮތަށް، ތުއްތުތުއްތު ދަރިންނާއި، ދުވަސްވީ މައިންބަފައިންނާއި، މުޅި ޢާއިލާ އެކުގައި، ގޭ ބަންދުގައި ހޭދަކުރުމަކީ، ދަތި އުނދަގޫ ކަމެއް. މިއީ ތިޔަ ހުރިހާ ބޭފުޅުން، އާދެ! ވަކިވަކި ފަރުދުން މުޅި މުޖްތަމަޢުގެ ރައްކަލަށްޓަކައި ވެވަޑައިގެންނެވި ވަރަށް ބޮޑު ޤުރުބާނީއެއް. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކޯވިޑް-19 ދިން ޙަމަލާއަކީ، ދުނިޔޭގެ ކޮންމެ ޤައުމެއްގެ ޞިއްޙީ ނިޒާމު ހުއްޓުމަކަށް ގެނުވި ޙަމަލާއެއް. ހުރިހާ ޤައުމަކަށްވެސް މި ބައްޔާ ދެކޮޅަށް ކުރަން ޖެހުނީ، މުޅިން އާ ތަޖުރިބާތަކެއް. ފަރުވާއެއް ހޯދިފައިނުވާ މި ބައްޔާ ކުރިމަތިލުމަށް، ކޮންމެ ޤައުމަކުންވެސް ހޯދަންޖެހުނީ އާ ގޮތްތަކެއް. މިކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ބޮޑެތި ޤައުމުތައްވެސް އިސްތިސްނާއެއް ނުވޭ. ކޮންމެ ޤައުމަކުންވެސް ދިޔައީ، އެކްސްޕެރިމެންޓް ކުރަމުން، އައު ގޮތްތައް ހޯދަމުން، ބަދަލުކުރަމުން.

ރާއްޖެވެސް މި ބައްޔާ ކުރިމަތިލީ ހަމަ މި ޙާލަތުގައި. ރާއްޖޭގައިވެސް މި ބައްޔަށް ޝައްކުވެގެން ފުރަތަމަ ނެގި 7 މީހުންގެ ސާމްޕަލްވެސް ޓެސްޓުކުރަން ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށް. މީގެ އިތުރުންވެސް ކިތަންމެ ކިތަންމެ ގޮންޖެހުންތަކެއް އަޅުގަނޑުމެންނާވެސް ކުރިމަތިވި.

އެހެން ނަމަވެސް، މާތް اللهُގެ ރަޙްމަތްފުޅާއެކު، އެތައް ބައެއްގެ ބުރަ މަސައްކަތުން މިއަދު އަޅުގަނޑުމެންނަށް މިވަނީ، މި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާދެވޭވަރަށް ތައްޔާރުވެވިފައި. މިއަދު އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ދުވާލަކު 1000 އަށްވުރެ ގިނަ ޓެސްޓް އެބަ ހެދޭ. އައްޑޫގައި މި މަހުގެ 21 ވަނަ ދުވަހު ވަނީ ޕީ.ސީ.އާރް ޓެސްޓް ހަދަން ފަށާފައި. އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގައިވެސް، އަންނަ ހަފުތާގެ ތެރޭގައި، ކޯވިޑަށް ޓެސްޓް ކުރަން ފެށުމަށް ވަނީ ތައްޔާރުވެފައި. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 2217 މީހުންނާ ގުޅިގެން، 17605 މީހުން ކޮންޓެކްޓް ޓްރޭސް ކުރެވިފައިވޭ. އަދި ޖުމްލަ 8328 މީހަކު، ފެސިލިޓީގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ވަނީ ދޫކުރެވިފައި.

މިހާރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު، މި ސަރަޙައްދުގައި އެންމެ ގިނައިން ކޮވިޑަށް ޓެސްޓު ކުރާ ޤައުމު. މިހާތަނަށް ރާއްޖޭގައި 41699 ޕީ.ސީ.އާރް ޓެސްޓް ހެދިއްޖެ. މާލޭގެ އިތުރުން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި، ކޯވިޑް 19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް، 250 އައި.ސީ.ޔޫ އެނދު، އަދި 655 އައިސޮލޭޝަން އެނދު މިހާރު އެބަހުރި.

މި ކުރެވުނު ބުރަ މަސައްކަތާއެކު އަޅުގަނޑުމެން މިވަނީ، ޢާންމު ދިރިއުޅުމަކަށް އެނބުރި ދިޔުމަށްޓަކައި، ދެވަނަ މަރުޙަލާއެއް ފަށަށް ތައްޔާރުވެފައި. އެގޮތުން އަންނަ ޖުލައި މަސް ފެށުމާއެކު، އިތުރު ލުއިތަކަކާއެކު، ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތައް ހުޅުވައިލުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަދި މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުންވެސް، ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ ދަށުން ހަމަޖެހިގެންދާނެ.

މީގެ އިތުރުން، ޖުލައި މަހުގެ 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ބައިނަލްއަޤްވާމީ ދަތުރުތަކަށް، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހުޅުވައިލެވޭނެ. ހަމައެއާއެކު، ރާއްޖޭގެ ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި، ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް މި އަންނަނީ މަސައްކަތް ކުރަމުން.

ބޯޑަރު ހުޅުވައިލާއިރު، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ޤައުމެއް ކަމަށް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ޤައުމު ކަމަށްވާ ޖަރުމަނުވިލާތުން ކަނޑައަޅާފައިވުން. މިއީ މި ސަރަޙައްދުން މިގޮތަށް ފާހަގަކުރެވޭ ހަމައެކަނި ޤައުމު. އަދި އޭގެއިތުރުން، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ޤައުމެއް ކަމަށް ދުބާއީންވެސް މިހާރު ވަނީ ކަނޑައަޅާފައި.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވިސްނާއިރު، އަޅުގަނޑުގެ ވިސްނުން ހުރީ އިޤްތިޞާދީ އަވަސް ރިކަވަރީއަކަށް ވާޞިލުވުމަށް. އެކަމަށްޓަކައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި، ޚިޔާލާއި، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާއި އަދި މިކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މިހާރުވަނީ ނޭޝަނަލް ޓާސްކްފޯސްއެއް އެކުލަވައިލާފައި. މި މަސައްކަތަކީ ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާއި، ސިވިލް ސޮސައިޓީ އާއި، އަދި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ ޤައުމީ މަސައްކަތެއް.

ކޯވިޑާ ދެކޮޅަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ރަޙްމަތްތެރި ޤައުމުތަކުންނާއި، އެހީދޭ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ދޭ އެހީތަކާއި އެއްބާރުލުން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް، އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތަކުންނާއި، ވަކިވަކި ފަރުދުން ދެއްވާ އެހީތެރިކަމަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ޓްރީޓޮޕް ހޮސްޕިޓަލާއި، އޭ.ޑީ.ކޭ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ރިޒޯޓުތައް ދެއްވި ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިވަގުތުވެސް، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރްބާނީ އަޅުގަނޑު ފާހަގަކުރަން. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، އެޗް.ޕީ.އޭ. އާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި، ނޭޝަނަލް ކެޑޭޓް ކޯ އާއި، ސްކައުޓުންނާއި، ގާރލްގައިޑުން އަދި ރެޑް ކްރެސެންޓާއި، މާލޭ ސިޓީ ކައުންސިލާއި، ލޯކަލް ކައުންސިލްތަކާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާތަކާއި، މިކަމުގައި އެހީތެރިވެދެއްވާ ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު، އެ ބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުން، ކެތްތެރިކަމާއެކު ގޭގައި ތިއްބަވާ ތިއްބެވުމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެ އިތުރުން، ކޯވިޑް-19ގެ މި ޙާލަތުގައި، ދީނީގޮތުން ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާއި، ހެލްތު ސެންޓަރުތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ މުވައްޒަފުންނާއި، ޓޫރިޒަމް މިނިސްޓްރީ އާއި، ޓޫރިޒަމް ދާއިރާގެ އަމިއްލަ ފަރާތްތަކުން ދެއްވާ އެހީތެރިކަމަށްވެސް ޝުކުރު ދަންނަވަން. މީގެ އިތުރުން، ފޮރިން މިނިސްޓްރީ އާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެހައި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން، ނޫސްވެރިން މިކަމުގައި ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ފުރުޞަތު ދިނުމުގެ ކުރިން އަދި އެއް ވާހަކައެއް އަޅުގަނޑު ދަންނަވާލަން ގަސްދުކުރަން. ސަލާމަތީ ޚިދުމަތްތަކަކީ، އާދެ، ސިފައިންނާއި ފުލުހުންނަކީ، ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި، އޭގެ އިތުރުން މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން އަންނަ ދެ މުއައްސަސާ. ކޯވިޑްގެ ބަލިމަޑުކަމުގައި މިހާރު ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގައިވެސް ރެޔެއް ދުވާލެއް ބެލުމެއްނެތި، އަތްވާއި ހޫނުގައި މި ދެ މުއައްސަސާގެ ބޭފުޅުން ކުރައްވަމުން އެ ގެންދަވަނީ ވަރަށް ބުރަ އަދި އަގުނުކުރެވޭވަރުގެ މަސައްކަތްތަކެއް.

ކޮންމެ ބައެއްގެ ތެރޭގައިވެސް އިޞްލާޙުކޮށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް އަބަދުވެސް ހުންނާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. ނަމަވެސް ވަކި ފަރުދަކު ނުވަތަ ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން، މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އަޅުގަނޑު ދެކޭގޮތުގައި އިޞްލާޙު ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން. އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފްރަތާއި ބައިބައިވުން.

ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، މި ދެ މުއައްސަސާގައިވެސް އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ވާހަކަ. އަދި ހަމައެއާއެކު، ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަންވެސް އަޅުގަނޑު ކުރާނެކަމުގެ ޔަޤީންކަން އަރުވަން.

އާދެ، އަޅުގަނޑުގެ އަތުގައި ވަރަށްގިނަ މަޢުލޫމާތު އެބަހުރި. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް ފުރުޞަތު އެރުވުމަށްފަހު ދެން އަޅުގަނޑު ކުރިއަށްދާނީ.

ނަޒާހަތު އިބްރާހީމް ރަޝީދު - ވަގުތު:

މަނިކުފާނު ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި، ކޯވިޑް-19 އާ ގުޅިގެން މިހާރު ދިނުމަށް ނިންމާފައިވާ ލުއިތަކާ ގުޅޭގޮތުން. އަޅުގަނޑުގެ ސުވާލަކީ، ކޯވިޑް 19 އާ ގުޅުންހުރި ސުވާލެއް ނޫން. ކޯވިޑް-19 އަށް އެންމެބޮޑު ފޯކަސްއެއް، މަނިކުފާނުގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، ފުލުހުންނާއި ސިފައިންވެސް ހަމަ ވަރަށްބޮޑު ފޯކަސްއެއް އެކަމަށް ބަހައްޓައިގެން މަސައްކަތް ކުރަމުންދާއިރުގައި، މީގެކުރީގައި ހޯމް މިނިސްޓަރވެސް، އަދި ފުލުހުންވެސް އަދި ޑިފެންސް މިނިސްޓްރީން، އެމް.އެން.ޑީ.އެފް. އިންވެސް ފާހަގަކުރައްވާފައިވޭ، ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށް ބޮޑުކަން. އަދި އެފަދަ ބައެއް ރޭވުންތައް ރާވަމުންދާކަން ފާހަގަކުރައްފައި އެބަހުރި.

މިއަދުވެސް މަޑުއްވަރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވޭ. މީގެކުރީގައިވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ހިނގައްޖެ. މަޑުއްވަރިން ބަޔަކު ހައްޔަރުކުރި ހަމަ މިފަދަ މައްސަލައެއްގައި. ކީއްވެގެންތޯ ހަމައެކަނި މަޑުއްވަރިން މިގޮތަށް މީހުން
މި ހައްޔަރުކުރެވެނީ؟ އެއީ އެހިސާބުގައި ވަކި އެފަދަ ފިކުރުގެ މީހުން ތިބިކަމަށް ފާހަގަކުރެވެނީތޯ، ނޫނީވިއްޔާ އެހެން ހިސާބުތަކުގައި އެފަދަ މައްސަލަތައް ހުރިކަމަށް ފާހަގަކުރެވެނީތޯ؟ ނަމަވެސް ހެކިނެތީތޯ؟

ދެން ހަމަ އެއާއެކުގައި، ޓެރަރިޒަމްގެ ވާހަކަ ދެކެވޭއިރުގައި، ހައްދުފަހަނައެޅުމުގެ ވާހަކައާ ވަރަށްބޮޑަށް ގުޅިގެންދާ ވާހަކައަކަށް މި ވެގެންދަނީ. ވެގެންދާއިރުގައި، ދެގޮތަކަށް ހައްދުފަހަނައެޅުމުގެ ވާހަކަ ދެކެވިގެން އެބަދޭ. ހަމަ ކަމާބެހޭ ފަރާތްތަކުގެ ވާހަކައިންވެސް ފާހަގަކުރެވިގެން އެބަދޭ. ދީނަށް ފުރައްސާރަ ކުރުމާއި، އަދި ހަމައެއާއެކުގައި، ދީނުގެ ނަމުގައި ހިނގާ ނުރަނގަޅު ކަންތައްތަކެއްގެ ސަބަބުން ހިނގާ ކަންކަމުގެ ވާހަކަ. މިއީ ޓެރަރިޒަމާ ގުޅިގެން މީހުން ހައްޔަރު ކުރުމުގެ ކަންކަން ހިނގާއިރުގައި، ހުރިހާ ކަމެއްގެ ބާރު އޮވެމެ، ކީއްވެގެންތޯ ދީނަށް ފުރައްސާރަކުރާ މީހުން ހައްޔަރު ނުކުރެވިގެން އުޅެނީ؟ އެ ހެކި ނެތީތޯއޭ، ނުވަތަ އެ ޤާނޫނީ ބާރުވެރިކަން ނެތީތޯ.

ހަމައެއާއެކުގައި، ފުލުހުންނަށް ވަކިކަހަލަ އޮޕަރޭޝަންތަކެއްގައި ޓޭސަރގަން ބޭނުންކުރުމުގެ ފުރުޞަތު ދިނުމުގެ ވާހަކަ ދައްކާއިރުގައި، ރައްޔިތުންގެ މަޖިލީހުގައިވެސް މިކަމާ މެދުގައި ޚިޔާލު ތަފާތުކަން ފާހަގަކޮށްލަން. މަނިކުފާނުގެ ޚިޔާލު ކިހިނެއްތޯ މިކަމުގައި ހުރީ، ފުލުހުންނަށް އެފަދަ ބާރެއް ދިނުމާ މެދުގައި؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ފުރަތަމަ ކަމަކަށް، ޓެރަރިޒަމްގެ ޙަރަކާތްތަކުގައި، ޢަމަލުތަކާ ގުޅިގެން މަޑުއްވަރިން އެކަނި މީހުން ހައްޔަރު ކުރަނީ، ނޫނީވިއްޔާ ފުލުހުން ނުކުމެ ކަންތައް ކުރަނީ ކީއްވެގެންތޯ، ތިޔަ ކުރެއްވި ސުވާލު.

މަޑުއްވަރީން އެކަންޏެއް ނޫން އިނގޭތޯ މިކަމާ ގުޅިގެން. ރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ބަޔަކު އެބައުޅޭ. ބޭރުގެ މިފަދަ ޖަމާޢަތްތަކާ ގުޅިފައި ތިބި މީހުން އެބަތިބި. މީގެތެރޭގައި، އެކިގޮތްގޮތުން ހައްދުފަހަނައަޅާފައި ތިބި މީހުން އެބަތިބި. ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް އެކަންކުރާ މީހުންވެސް އެބަތިބި. އަޅުގަނޑުމެންގެ މަސައްކަތް އަމާޒު ކޮށްފައި މިއޮތީ ޓެރަރިޒަމާ ގުޅުންހުރި ހުރިހާ އެންމެން، ހުރިހާ ޢަމަލުތަކެއް ހުއްޓުވައި، އެފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނައުން. މަޑުއްވަރި އެކަންޏެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ލ.އަތޮޅުންވެސް
މި ދޭތެރެއިން ބަޔަކު ހައްޔަރުކުރި. މާލެއިންވެސް ހައްޔަރުކޮށްފި.

އެހެންވީމާ، މިއީކީ ހަމައެކަނި މަޑުއްވަރިއަށް އަމާޒުކޮށްގެން ހިންގޭ ޢަމަލެއް ނޫން. މިއީ ޓެރަރިޒަމާ އިދިކޮޅަށް ހިންގޭ ޢަމަލެއް. ހިންގާ ކަންތައްތަކެއް. އެކަން ހުއްޓުވުމަށްޓަކައި ކުރާ ކަންތައްތައް. މިކަމުގައި ވަކި ރަށެއް، ވަކި އަތޮޅެއް، ވަކި ބައެއް އަޅުގަނޑުމެން ނުބަލާނަން އިނގޭތޯ.

ދެން އޮތީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލައާއި، ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދާ މީހުންގެ ވާހަކައާ ބެހޭގޮތުން ތިޔަ ދެއްކެވި ވާހަކަ.

އަޅުގަނޑު ހިތުން ރަނގަޅަށް ތިޔަބޭފުޅުން ބައްލަވައިފިއްޔާ އެނގިވަޑައިގަންނަވާނެ، މީގައި ދެފަރާތަށްވެސް، ދެކަމުގައިވެސް ހައްދުފަހަނައަޅާ ގޮސްފައި ތިބި މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅައި، ޝަރީޢަތާ ހިސާބަށްވެސް މިހާރުވެސް ގެންގޮސްފައި އެބަހުރި.

އެހެންވީމާ، ވަކިފަރާތަކަށް ބުރަވެގެން، ވަކިބަޔަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން، އަޅުގަނޑުމެން މިކުރަނީކީ. އަޅުގަނޑުމެން ކުރަމުން މިގެންދާ ކަމަކީ، ހަމަ ކުރިންވެސް މި ދެންނެވި ފަދައިން، ޓެރަރިޒަމްގެ ޢަމަލުތައް ރާއްޖޭގައި ހުއްޓުވައި، އަދި ޓެރަރިސްޓް ޖަމާޢަތްތަކާ ރާއްޖޭގައި އޮތް ގުޅުން ހުއްޓުވުމަށް ކުރާ މަސައްކަތެއް.

ފުލުހުންނަށް ބާރުދިނުމުގެ ގޮތުން ޓޭސަރގަން ބޭނުންކުރުމުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެކަން ކުރަންވާނީ ކަނޑައެޅިފައި އޮތް ޤާނޫނާއި ގަވާއިދުގެ ތެރޭގައި. އެހެންވީމާ، މިވަގުތު އެންމެ ރަނގަޅު ގޮތަކީ، މިހާރު މަޖިލީހަށް ހުށަހެޅިފައި މިއޮތް ޤާނޫނު ފާސްވެގެންދާއިރުގައި، އޭގައި
އެ ޢަމަލު، އެކަން ކުރެވޭނެގޮތެއް ކަނޑައެޅިފައި އޮތުން. އަޅުގަނޑު ހިތުން ފުލުހުން އެކަން ކުރާނީ އެގޮތަށް.

ޝިފްޒާން އަޙްމަދު - ދިޔަރެސް:

އަޅުގަނޑުގެ ސުވާލު ބޮޑަށް މި އަމާޒުކޮށްލަނީ، އިޤްތިޞާދީ ދާއިރާއިން. ދިވެހިރާއްޖޭގެ ބަޖެޓް، މިއަހަރު، 2020ގެ ބަޖެޓް އެކުލަވައިލިއިރުގައި، ބަޖެޓުގެ ޑެފިސިޓް ރަނގަޅު ކުރުމަށްޓަކައި، ފައިނޭންސް ކުރުމަށްޓަކައި އެބައޮތް ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސޮވަރރީން ބޮންޑެއް ވިއްކަން ނިންމާފައި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭގޮތުގައި، އިޤްތިޞާދަށް މި އައި ބަދަލާއި، މާލީ ބާޒާރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އެ ބޮންޑް އެގޮތަށް އިޝޫކުރެވޭނެ ކަމަކަށް ލަފައެއްނުކުރެވޭ. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި، ސަރުކާރުން 500 މިލިއަން ޑޮލަރުގެ ބޮންޑެއް ހެޝް ފަންޑަކަށް އިޝޫ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. ރައީސަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި މޫޑީސްއާއި ފިކްސްޗަރ މިތަންތަނުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިހާރު މިވަނީ ވަރަށްބޮޑަށް ދަށްކޮށްފައި.

އެހެންވީމާ، އޭގެ ސަބަބުން ދިވެހިރާއްޖެއިން މިގޮތަށް އަޅުގަނޑުމެން ވަރަށްބޮޑު ބޮންޑްތަކެއް އިޝޫކުރާއިރު، އެ ބޮންޑްތަކުގެ ކޫޕަން ރޭޓްތައް ވަރަށް ބޮޑަށް އުފުލިގެން ހިނގައިދާނެކަމުގެ ލަފާ އެބަކުރެވޭ. ރައީސް ގަބޫލުކުރައްވަންތޯއޭ، މިގޮތަށް މިފަދަ ދަނޑިވަޅެއްގައި، މިހާބޮޑަށް އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިންގވެސް ދަށްވެފައިވާ ދަނޑިވަޅެއްގައި، އަޅުގަނޑުމެން ބޮންޑް އިޝޫކުރުމަކީ އެންމެ ރަނގަޅު، އެންމެ ހަރުދަނާ ސިޔާސަތު ކަމުގައި. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ ވިދާޅުވާހެން އަޅުގަނޑުމެން ކުރިން ބަޖެޓުގައި ހިމަނައިގެން ހޯދަން އުޅުނު ސޮވަރީން ބޮންޑް މިވަގުތަކު ކުރިއަކަށްނުދޭ. ކޯވިޑާ ގުޅިގެންނާ އެކީގައި އެއަށް ހުއްޓުމެއް އައިސްފައި އޮތީ. އެހެންކަމުން، އަޅުގަނޑުމެން ދައުލަތަށް، ބަޖެޓަށް މި ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް އެކިގޮތްގޮތުން ކުރަމުން އެބަގެންދަން. އެގޮތުން، 300 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދޭ.

ހަމަ ދެންމެ ތިޔަ ވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ ރޭޓިންގ، ބީގައި ކުރިން ހުރީ މި ފެށިގެން އައިއިރުގައި. މިހާރު ބީ ނެގެޓިވްގައި މިއޮތީ. އެއީ ހަމައެކަނި ރާއްޖެއަށް ދިމާވި ކަމެއްނޫން. ހުރިހާ ޤައުމެއްގެ ފައިނޭންޝަލް ރޭޓިންގ މިހާރުހުރީ ދަށުގައި. އަނެއްކާ އެ ރޭޓިންގ ދަށްކުރުމުގައި މޫޑީސުން ބުނެފައި އެބައޮތް، މިއީ މިވަގުތަށް، ކޯވިޑާ ގުޅިގެން ދިމާވެފައި ހުރި މާލީ ދަތިތަކުގެ ސަބަބުން އަޅަންޖެހުނު ފިޔަވަޅުތަކެކޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ފައިނޭންޝަލް ސްޓޭޓަސް ބަދަލުވުމާ އެކީގައި ރޭޓިންގ ބަދަލުވެގެންދާނެ. މިހާރު ތިޔަ ވިދާޅުވާހެން، އިންޓްރެސްޓް ރޭޓް ކުރިއަށްވުރެ ބޮޑު. ބައެއް ތަންތަނުން ހަ ޕަސެންޓް، އަށް ޕަސެންޓުގައި ހުރީ. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތްކުރާ ސުކޫކް، 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ހަމަ ރަނގަޅު ރޭޓެއްގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ ފައިސާއެއް. ލިބިއްޖެ ކަމަށްވަންޏާ، ކުރިއަށް އޮތް ހައެއްކަ މަހު އަޅުގަނޑުމެންނަށް ދައްޗެއްނެތި ކުރިއަށް ގެންދެވޭނެ. އަދި އެނޫނަސް އަޅުގަނޑުމެންގެ ދޭދޭ އަވަށްޓެރި އަދި ގާތް ޤައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.

އެހެންނަމަވެސް، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ކުރިއަށް މިއޮތް ހައެއްކަ މަސްދުވަހަކީ ދަތި އުނދަގޫ ހަ މަހަކަށް ވެގެންދާނެއޭ. ހަމައެކަނި ދައުލަތުގެ ޚަރަދުތަކަށް އެކަންޏެއް ނޫން. ބަޖެޓަކަށް އެކަންޏެއް ނޫން. މީގައި ޢާންމު ރައްޔިތުންނަށާއި، ޢާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ. އެހެންވީމާ، ކުރިންވެސް ދެންނެވި ފަދައިން، މިކަމަށް އަޅުގަނޑުމެންނަށް ޙައްލެއް ހޯދެން އަންނާނީ، ހަމަ އެންމެން އެކީގައި މަސައްކަތް ކޮށްގެން.

އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ކުރިންވެސް ދެންނެވި ފަދައިން، އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އެން.ޖީއޯތަކާ، ހުރިހާ އެންމެން އެކީގައި.

ނާޒިމް ޙަސަން - އަވަސް އޮންލައިން:

ދެންމެ ރައީސް ފާހަގަކުރައްވައިފި، ޢާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް އަންނާނެ ކަމަށް. ދެން އަލުން މި އިޤްތިޞާދީ ޙަރަކާތް ފަށަން މަސައްކަތް ކުރަމުންދާއިރު، ޢާންމު ވިޔަފާރިތަކުގެ ޑިމާންޑް ބޮޑުކުރުމަކީ، މިހާރު ވަރަށް ބޭނުންޖެހިފައިވާ ކަމެއް. ދެން އެކަން ކުރުމަށް ޢާންމު ރައްޔިތުން ހޭދަކުރާ މިންވަރު އެބަޖެހޭ އިތުރުކުރަން. ދެން އެހެން އިޤްތިޞާދީ މާހިރުން އެބަ ދެކެވަޑައިގަންނަވާ، ޢާންމު ރައްޔިތުން ހޭދަކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ ޢިނާޔަތެއް، ވަކިވަކި ގޭބީސީތަކަށް ނުވަތަ ފަރުދުންނަށް ދިނުން މުހިންމު ކަމަށް. އެއީ މިކަމުގައި އޮތް އެންމެ ރަނގަޅު ޙައްލު ކަމަށް. ދެން ސަރުކާރުގެ ވިސްނުންހުރީ ކިހިނެއްތޯ؟ އެފަދަ ޢިނާޔަތެއް ދިނުމާމެދުގައި، ނުވަތަ ޢާންމު ވިޔަފާރިތަކުގެ ޑިމާންޑް އިތުރުކުރުމަށް އޮތް ޕްލޭނަކީ ކޮބައިތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ރަނގަޅު ވާހަކައެއް އިނގޭތޯ. މި ދަނޑިވަޅަކީ ދައުލަތުން ޢާންމު ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ވެވެން އޮތް އެހީ ވާންވީ ވަގުތު. އަޅުގަނޑުމެންގެ ރިޒަރވްގައި، އަޅުގަނޑުމެންގެ މާލިއްޔަތުގައި ހުރި މިންވަރަކުން އަޅުގަނޑުމެން މިދަނީ އެކަން ކުރަމުން.

އެގޮތުން، މިހާތަނަށް ކަންތައްތަކެއް ކުރެވިއްޖެ. އެގޮތުން، ފުރަތަމަ ކަމަކަށް، ބޭންކްތަކުން ނަގާފައި ހުރި ލޯނުތައް ފަސްކުރުމަށް އެދުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 20,973 ފަރާތެއްގެ ލޯނު ފަސްކުރުމަށް އަޅުގަނޑުމެންނަށް އެދިފައި އޮތް. އެއީ ގާތްގަނޑަކަށް 16.6 ބިލިއަން ރުފިޔާގެ ލޯނު. އޭގެތެރެއިން 16,168 ލޯނެއް މިހާރުވަނީ ފަސްކުރެވިފައި. އެއީ ގާތްގަނޑަކަށް 13.4 ބިލިއަން ރުފިޔާގެ ލޯނު.

އޭގެއިތުރުން، ބީ.އެމް.އެލް މެދުވެރިކޮށް، ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން، 244 ފަރާތަކަށް 305 މިލިއަން ރުފިޔާ، 5 މިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެން މިހާތަނަށް ދީފިން. އަދި އެސް.ޑީ.އެފް މެދުވެރިކޮށް، އެތަނަށް ހުށަހަޅާފައި އޮތް 2370 ފަރާތުގެ ތެރެއިން 1382 ވިޔަފާރިއަކަށް، އާދެ، 988 ފަރުދުންގެ ތެރެއިން މިއީ ހުށަހެޅި ފަރާތް. އޭގެތެރެއިން، 1356 ފަރާތަކަށް 245 މިލިއަން ރުފިޔާގެ ލޯނު އަޅުގަނޑުމެން ހަމަޖައްސައިދީފިން. އެގޮތުން 981 ވިޔަފާރިއަކަށާއި، 375 ފަރުދުންނަށް މިހާތަނަށް ލޯނު ދެވިއްޖެ. އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް، އޭގެތެރޭގައި މިއުޒިޝަނުންނާއި، ޓެކްސީ ޑްރައިވަރުންނާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ޖުމްލަ 238 މީހަކަށް، 7 މިލިއަން ރުފިޔާގެ ލޯނު މިހާރުވަނީ ދޫކުރެވިފައި. މިއީ މިހާތަނަށް އަޅުގަނޑުމެންނަށް މާލީގޮތުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކޮށްދެވުނު އެހީތެރިކަން. އަދި މީގެއިތުރަށް، ކުރިއަށް މިއޮތް ތަނުގައި މިކަހަލަ އިތުރު ފެސިލިޓީޒްތައް ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން ބަލަމުން މި އަންނަނީ. އަޅުގަނޑު ހިތުން މިއީކީއެއް އެކަށީގެންވާ އަދަދެއް ނޫން. އެކަމަކު ހަމަނޭވާލުމަށްޓަކައި އަޅުގަނޑު ހިތުން ކޮންމެވެސް އެއްޗެއް ދިއްކޮށްލުމުގެ ގޮތުން އަޅުގަނޑުމެންނަށް ބަޖެޓުގެ ތެރެއިން މިވަގުތު ކޮށްދެވެން އޮތްވަރެއް މިކޮށްދިނީ. މިކަން މިކުރީވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، 4 ބިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓެއް، އެމް.އެމް.އޭ ތްރޫކޮށް ނަގައި، އޭގެތެރެއިން ޚަރަދުކުރަމުން މިގެންދިޔައީ. ދައުލަތުގެ ރިޒަރވަކު އެވަރެއް ނެތް. ޔޫޒަބްލް ރިޒަރވްގައި ޢާންމުކޮށް ހުންނަނީ 200 މިލިއަން ޑޮލަރު. އެއީ އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީވިއްޔާ އަޅުގަނޑުމެން ނުކުރަން ބަހައްޓާފައި ހުރި ފައިސާ.

އެހެންވީމާ، ކުރަން އޮތް ކަމަކީ ފައިސާ ހޯދުން. ބޭރުން ހޯދުން. އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހޯދުން. ހެޔޮއެދޭ ޤައުމުތައް މެދުވެރިކޮށް ފައިސާ ހޯދުން. މިކަމުން އަރައިގަނެވޭނީ އަޅުގަނޑު ހިތުން އަދި ގާތްގަނޑަކަށް 900 މިލިއަނާއި 1 ބިލިއަން ޑޮލަރުގެ ފައިސާ، އަޅުގަނޑުމެންގެ މާލިއްޔަތުގެ ތެރެއަށް ވަދެގެން.

މަރްޔަމް ނިމާ - ދަ ޕްރެސް:

އާދެ، ފުލުހުންގެ ޤާނޫނު އަދި ޞިއްޙީ ކުއްލި ނުރައްކަލާ ގުޅިގެން މަޖިލީހަށް ބޮޑެތި ބާރުތަކެއް ނެގުމާބެހޭ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި، މަޖިލީހަށް މިފަދަ ބާރުތަކެއް ނެގުމާމެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުލުހުންގެ ޤާނޫނު، ސަރުކާރުން ހުށަހަޅާފައި އެއޮތީ ހަމަ ރަނގަޅު އިންސްޓިޓިއުޝަނެއް ބިލްޑް ކުރުމުގެ ބޭނުމުގައި. އެއަށް އެބަހުރި ތަފާތު ޚިޔާލުތައް އިނގޭތޯ. އަޅުގަނޑު ގަބޫލުކުރަން. މިއަދުވެސް ޕޮލިސް ކޮމިޝަނަރާއި ފުލުހުން، ހޯމް މިނިސްޓްރީގެ ބޭފުޅުން މަޖިލީހުގައި ކޮމިޓީއާ އެކުގައި މަސައްކަތް ކުރައްވަމުން މިހާރުވެސް އެބަ ގެންދަވާ. އަޅުގަނޑު ހިތުން އެ ބިލު ނިމިގެންދާއިރުގައި އޮންނާނީ ރައްޔިތުން އިތުބާރުކުރާ، އިތުބާރުކުރެވޭ ހަރުދަނާ ފުލުހުންގެ މުއައްސަސާއެއް ޤާއިމުކުރެވިފައި.

ދެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ބާރުތައް ނަގާ ވާހަކަ. އަޅުގަނޑު ހިތުން މަޖިލީހުން އެކަހަލަ ކަމެއް، މަޖިލީހަށް ނެތް ބާރެއް ނުނަންގަވާނެ އިނގޭތޯ. މަޖިލީހުގެ އިމުގެ ދާއިރާއިން މަޖިލިސް ނުކުންނަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން.

ޢަޒްމީ ޢަލީ - ދުވަސް ނޫސް:

މި ދެކެވެނީ އިޤްތިޞާދު ރަނގަޅުކުރާ ވާހަކަ. އިޤްތިޞާދު އަލުން ބިނާކުރާ ވާހަކަ. ދެން މި ހީނަރުކަމުގެ ތެރޭގައި ވަރަށްބޮޑު ގޮންޖެހުމަކަށްވާނެކަންނޭނގެ، ޗައިނާއިން ނަގާފައި މިހިރަ ލޯނުތައް. ދެން މިޙާލަތުގައި، އަދި ކުރިއަށް އޮތް ޙާލަތުގައި، މި ލިބެންހުރި އެއްޗަކަށްވެސް ބަލާފައި، އެ ލޯނުތައް ދެއްކޭނެ ޤާބިލުކަން ސަރުކާރުގައި އެބަހުރިތޯ؟ އަދި މިއީ ކިހާބޮޑު ގޮންޖެހުމަކަށް ވެގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޗައިނާއިން އަޅުގަނޑުމެން ނަގާފައި ހުރި މުޅި ޖުމްލަ ލޯނުގެ ޢަދަދު އެބައަރާ، ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރަށް. އޭގެތެރޭގައި، ސީދާ ދައުލަތަށް، ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައި ހުރި ލޯނާއި، ކުންފުނިތަކަށް ނަގާފައި ހުރި ލޯނު އެބަހުރި. އެނގިވަޑައިގަންނަވާނެ، ޖީ ޓުވެންޓީގެ ނިންމުމެއް އެބައޮތް. އޭގައި މިއޮތީ، ޖީ ޓުވެންޓީގައި ހިމެނޭ ޤައުމުތަކުން ދޫކޮށްފައި ހުރި ލޯނުތަކަށް ލުއިދިނުމަށް އެއްބަސްވުމެއްވެފައި. އެގޮތުން، ޗައިނާ ސަރުކާރުން މިހާރު އަޅުގަނޑުމެންނަށް ޔަޤީންކަން ލިބިފައި އޮތީ ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައި ހުރި ލޯނުތަކަށް އަޅުގަނޑު ހިތުން ތިނެއް، ނޫނީ ހަތަރު އަހަރަށް އެ ފަސްކޮށްދިނުމުގެ ވާހަކަ ދެކެވިފައި އޮތީ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު އޭގައި މިއުޅެނީ. ސަރުކާރުން ސަރުކާރަށް ނަގާފައި މިއޮތީ. ދެން މިހުރީ ކުންފުނިތަކަށް، އެޗް.ޑީ.ސީ. އަށް ނޫނީވިއްޔާ އެހެން ކުންފުނިތަކަށް މެދުވެރިކޮށް ސޮވަރރީން ގެރެންޓީ ދީގެން، ކޮމާޝަލް ލޯނުގެ ގޮތުގައި ނަގާފައި ހުރި ލޯނު ބާކީ މި ހުންނަނީ. ޗައިނާ ސަރުކާރުން އެންމެފަހުން އަޅުގަނޑުމެންނަށް އެމްބެސެޑަރު ވިދާޅުވި، އެއާ ބެހޭގޮތުން ތިމަންނާމެން މިތިބީ މަޝްވަރާ ކުރަން ތައްޔާރަށޭ. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ދައްކަން އޮތީ 100 މިލިއަން ޑޮލަރު، އަޅުގަނޑު ހަނދާންވާގޮތުގައި. އޭގެތެރެއިން ޖީ ޓުވެންޓީގެ މި އެއްބަސްވުމުގެ ދަށުން 25 މިލިއަން ޑޮލަރުގެ ވޭވްއޮފެއް އެބައާދޭ. އެހެންވީމާ، މިހާރު އޮތްގޮތުން، މި އަހަރުގެ ތެރޭގައި ދައްކަން މިޖެހެނީ 75 މިލިއަން ޑޮލަރު. އެއާ ބެހޭގޮތުންވެސް ޗައިނާ ސަރުކާރުން މަޝްވަރާ ކުރަން ތައްޔާރަށް ތިބިކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިފައި އޮތީ.

އަޅުގަނޑު ހިތުން މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ވަރަށް ދީލަތި އެހީތަކެއް މީގެކުރިންވެސް ވެފައިއޮތީ. މިސާލަކަށް ދަންނަވާނަމަ، ސުނާމީއާ ގުޅިގެން، އޭރު ސަރުކާރުން ނަގާފައި ހުރި ހުރިހާ ލޯނެއް، ޗައިނާ ސަރުކާރުން މަޢާފުކޮށްދިން.

އެހެންވީމާ، މި ދަނޑިވަޅުގައި އަޅުގަނޑު ގަބޫލުކުރަނީ، ދިވެހިންނަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި ޗައިނާ ސަރުކާރުން ރަނގަޅު ކަންތައްތަކެއް ކޮށްދޭނެކަމަށް.

މާޙަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، ދައުލަތުގެ ތިން ބާރު އެބަވޭ، ވަރަށް ސާފުކޮށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި. ދެން މި މަޖިލީހުގެ މަސައްކަތްތަކަށް ބަލާކަމުގައިވާނަމަ، މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދައުލަތުގެ ބާރުތަކުގެ ތެރެއަށް ވަންނަމުންދާ މަންޒަރު. ދެން އޭގެތެރޭގައި، އެކިކަންކަމަށް ފާޑުކިޔުމާއި، ޝަރުޢީ ނިޒާމުގެ ތެރެއަށް ވަނުމާއި، އަދި އޭގެއިތުރުން، އެކި ޙުކުމްތައް ރިވިއު ކުރުންފަދަ ކަންތައްތަކެއް މީގެތެރޭގައި އެބަ ހިމެނޭ. މަނިކުފާނަށް އެއްވެސްކަހަލަ ގޮތަކަށް މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެއްވެސްކަހަލަ ހުރަހެއް އޮތީތޯ، ނުވަތަ މަޖިލީހުގެ ތެރެއިން އެކި ބާރުތަކުގެ ތެރެއަށް ވަންނަމުންދާއިރު، ބަރުލަމާނީ ނިޒާމެއްގެ ސިފައެއް ކަމަށްވުމުން، މިއީ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވިސްނުންފުޅެއް އޮތީތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު އެއްވެސްއިރެއްގައި ގަބޫލެއްނުކުރަން، ރައްޔިތުންގެ މަޖިލިސް، ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން ލިބިދީފައި އެ އޮތް ޙުދޫދުގެ ބޭރަށް ދާނެކަމަކަށް. އަޅުގަނޑު ހިތުން މިހާރުވެސް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އެގޮތަށް. ރައްޔިތުންގެ މަޖިލީހަކީ، ސަރުކާރު ޖަވާބުދާރީކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރަންޖެހޭ ތަނެއް. އެގޮތުން ސަރުކާރުން ކުރާ ކަންތައްތައް މަޖިލީހުން ބަލައި ފާރަވެރިވާންޖެހޭނެ. އަޅުގަނޑުމެން ޖަވާބުދާރީވެސްވާންޖެހޭނެ. އެގޮތުން ކުރާ ކަންތައްތަކަށް ސަރުކާރުން ހަމަ އެއްބާރުލުންވެސް ދޭނެ.

މިހާރު ޤާނޫނުއަސާސީ އޮތްގޮތުން، އެބައޮތް ތިޔަވިދާޅުވާހެން ތިން ބާރަށްވެސް ޖާގަދީފައި، މަސައްކަތް ކުރާނެ ޙުދޫދެއް ކަނޑައަޅާފައި. އަޅުގަނޑުގެ އެދުމަކީ މި އިމުގެ ތެރޭގައި ހުރިހާ ބާރުތަކެއް، ސަރުކާރު ހިންގުމުގެ ބާރުވެސް، ޖުޑީޝަރީވެސް، ރައްޔިތުންގެ މަޖިލިސްވެސް މަސައްކަތް ކުރުން. އަޅުގަނޑަށް އަދި ފެންނަމުންދަނީ އެގޮތަށް މަސައްކަތްކުރާތަން. 

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އަޅުގަނޑުގެ ސުވާލަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެބަ ދެކެވޭ، މިނިމަމްވޭޖްގެ ވާހަކަ މިދުވަސްކޮޅު. ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ، މިއީ އެންމެ ރަނގަޅު ވަގުތުތޯ؟ އަދި އެއާއެކު ދެންމެ ކުރި ސުވާލަށް ސާފު ޖަވާބެއް އަޅުގަނޑުވެސް ބޭނުންވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެބަހުރި ގޮވާލައްވާފައި ބަރުލަމާނީ ނިޒާމަކަށް. މަނިކުފާނުގެ ވިސްނުންފުޅަކީ ކޮބައިތޯ؟ ސީދާ ސާފުކޮށް ރައްޔިތުންނަށް ސާފުކޮށްދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިޔަ ނިންމި ހިސާބުން އަޅުގަނޑު ފަށްޓާނަން އިނގޭތޯ. ބަރުލަމާނީ ނިޒާމާ ބެހޭގޮތުން.

އަޅުގަނޑު މި މަޤާމުގައި މިހުރީ ވަރަށްގިނަ ވަޢުދުތަކެއް ރައްޔިތުންނަށް ވެގެން. މި ސަރުކާރު ވެރިކަމަށް އައީ ވަރަށްގިނަ ވަޢުދުތަކެއް ރައްޔިތުންނަށް ވެގެން. އަޅުގަނޑުގެ ހުރިހާ ވަގުތެއް އަޅުގަނޑު ހުސްކުރަން ބޭނުންވަނީ މި ވަޢުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑިއަށް އަޅުގަނޑުގެ ވަގުތު އެހެން ކަމަކަށް އަޅުގަނޑު ޖާގަދޭކަށެއް، ވަގުތު ހޭދަކުރާކަށެއް އަޅުގަނޑު ބޭނުމެއްނުވޭ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި ދަނޑިވަޅުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ އަޅުގަނޑު ދެއްކުމަކީ އެއީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއްނޫން. އެއީ ފުރަތަމަ ވާހަކަ.

ދެވަނައަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ޤާނޫނުއަސާސީ އެކުލަވައިލިއިރުގައި، ނިޒާމުގެ ވާހަކައަކީ ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުންގެ އަޑުއަހައިގެން ނިންމާފައި އޮތް ނިންމުމެކޭ. އެއަށްފަހުގައި ޤާނޫނުއަސާސީގައި ނިޒާމުގެ ވާހަކަ ދެން އިތުރަށް ލިޔެފައި ނެތީ. ދެންވެސް އެއްވެސް ޒަމާނެއްގައި، އެއްވެސްއިރެއްގައި ނިޒާމާ ބެހޭގޮތުން ގޮތެއް ނިންމާކަމަށްވަންޏާ، ފުރަތަމަ އަހަންޖެހޭނީ ރައްޔިތުންގެ ކައިރީގައި. ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ޤާނޫނުއަސާސީގައި ބަދަލެއް ގެންނަންޏާ ގެންނަންވާނީ. އެއީ ކުރިންވެސް އެކަން ކުރެއްވި ގޮތް. އަޅުގަނޑަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އޭރު މިކަމުގައި މަސައްކަތްކުރި މީހަކަށްވާތީ، އެތައް އެތައް ބަޙުޘެއް ކުރުމަށްފަހުގައި، އަޅުގަނޑުމެން ދިޔައީ ރައްޔިތުންގެ ކައިރިއަށް. ގޮސްފައި ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް އެ ބަދަލުގެނައީ. އެހެންވީމާ، އެއްވެސް ޒަމާނެއްގައި މިކަން ކުރާކަމަށްވަންޏާ، ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ކައިރިއަށް. ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށްފަހުގައި، އެ ގެންނަ ބަދަލެއް ގެންނަންވާނީ.

ދެން މި ދެންނެވިހެން އަޅުގަނޑުގެ ވަގުތު، މިވަގުތު ހުސްކުރަން ބޭނުންވަނީ، ވިސްނުން ބަހައްޓަން ބޭނުންވަނީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގައި ކުރިއަށްދިޔުމަށް.

މަރްޔަމް އިސާދާ އިސްމާޢީލް - ޗެނަލް 13:

އާދެ، ޝުކުރިއްޔާ އިނގޭތޯ ދެއްވި ފުރްޞަތަށް.

މަނިކުފާނުގެ ވާހަކަފުޅުގައި ތިޔަ ފާހަގަކުރެއްވީ، ރައްޔިތުންނަށް ވަރަށްގިނަ ވަޢުދުތަކެއް ވެގެންނޭ މަނިކުފާނު ތިޔަ ވަޑައިގެންނެވީ. ކޯލިޝަން ސަރުކާރުން ވަޑައިގަތީ ވަރަށް ބައިވަރު ވަޢުދުތަކެއް ރައްޔިތުންނަށް ވެވަޑައިގަންނަވަމުން. މިއަދާ ހަމަޔަށް އައިއިރުވެސް އޭގެން ބައިކުޅަބައިވެސް ފުއްދާ މަންޒަރެއް ފެނިގެން ގޮސްފައެއްނުވޭ. ފަހަރުގައި މަނިކުފާނު މިކަމާ އެއްބަސްވެވަޑައިނުގެންފާނެ.

އާދެ، އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖެއް ނުވަތަ އިކޮނޮމިކް ރިލީފް ފަންޑުގެ ބޭނުން ރައްޔިތުންނަށް އެދެވޭގޮތެއްގައި ލިބިފައިނުވާއިރު، ވަޢުދުތައް ފުއްދުމުގައިވެސް އަދި ލަސްތަކެއް އައިސްފައިވާއިރު، ވަޒީފާތައް ގެއްލި، ކުލި ނުދެއްކި، ޢާންމުން ބިކަވެފައި މިވަނީ. އިޤްތިޞާދު ވީރާނާވެއްޖެ. މަސައްކަތްތެރިން އަޑުއުފުލަމުން މިގެންދަނީ، އެމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި. ދައުލަތުގެ އާމްދަނީ ލިބޭނެކަމަށް ތިޔަބޭފުޅުން އަންދާޒާ ކުރެއްވި ވަރަށްވުރެވެސް ދަށްވެފައި މިވަނީ އާމްދަނީވެސް.

ކަން މިހެން ހުރިއިރު، މި ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އޮތް ޕްލޭނަކީ ކޮބައިތޯއޭ؟ އަދި މިއަދު ސަރުކާރު މިއޮތް ފިނޭންޝަލް ޙާލަތަށް ބަލާފައި، މަނިކުފާނުގެ ކޯލިޝަން ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަން ކިހާ މުއްދަތެއް ނަގާނެތޯއޭ؟ ނުވަތަ އެކަން ކަވަރ ކުރުމަށްޓަކައި ތިޔަބޭފުޅުންނަށް ގޮންޖެހުންތަކެއް ހުންނާނެތޯއޭ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ކޯވިޑާ ގުޅިގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 6 މަސްދުވަސް ގެއްލިއްޖެ، މި އަހަރުގެ ތެރޭގައި. އަދި ކުރިއަށް އޮތީވެސް އަޅުގަނޑު މި ދެންނެވި ފަދައިން ދަތި ދުވަސްތަކެއް. އެހެންކަމުން، އަޅުގަނޑުމެން ވެފައިހުރި ވަޢުދުތައް ފުއްދުމުގައި ވަރަށް ވިސްނުންތެރިކަމާއެކުގައި ތަރުތީބަށް ބަދަލުތަކެއް ގެންނަން މިވަނީ ޖެހިފައި.

މި އަހަރު ފެށުނުއިރުގައި އަޅުގަނޑުމެން ބަޖެޓުގައި ހިމަނާފައި އޮންނާނެ، 1006 ޕްރޮޖެކްޓް. އޭގެތެރެއިން މިހާރު ކުރިއަށް އެބަދޭ، 163 ރަށުގައި 291 ޕްރޮޖެކްޓް. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަމުން އެދަނީ އިންޓަރނޭޝަނަލް ޓަރމިނަލް. މާލޭ ގުޅީފަޅު ބްރިޖުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އޭގެއިތުރުންވެސް، މިހާރު ހިނގަމުންދާ، ފެށިފައި ހުރި ހުރިހާ މަސައްކަތްތަކެއް މަޑުނުޖެހި އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވަޢުދަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން. އެ މަސައްކަތް އަޅުގަނޑުގެ 5 އަހަރުގެ ދައުރު ނިމޭއިރުގައި، އެކަން ކޮށް ނިންމޭނެ ކަމުގެ ޔަޤީންކަން އަދިވެސް އަޅުގަނޑަށް އެބައޮތް.

ދެން އޮތީ ބޯހިޔާވަހިކަމުގެ، ޚާއްޞަކޮށް، މާލޭ ސަރަޙައްދުގައި އޮތް، މާލެއަށް ދިމާވެފައި މިއޮތް ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުން. އެގޮތުން، ކޯވިޑާ ގުޅިގެން މިކަމަށް ހުއްޓުމެއް އައިއިރުގައި، 1700 ސޯޝަލް ހައުސިންގ ޔުނިޓުގެ ސޮއިކުރެވި، މަސައްކަތް ފަށަން ތައްޔާރުވެފައި އޮތީ. އިރާދަކުރެއްވިއްޔާ ހުޅުވުމާ އެކީގައި، އެ 1700 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ. އޭގެއިތުރުން، 4000 ހައުސިންގ ޔުނިޓުގެ މަސައްކަތަށް ސޮއިކުރަން ޓީމް އަންނަން އޮތް ދުވަހު ބޯޑަރު ބަންދުކުރަންޖެހުނީ. އެހެންނަމަވެސް، މިހާރު މަސައްކަތްކޮށް، ހަމަ ހުޅުވުމާއެކީގައި، މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އަދި އޭގެއިތުރުން، 3000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރުވެސް ޗައިނާ ދެ ކުންފުންޏަކާ އެކީގައި މަޝްވަރާ ކުރަމުން އެބަދޭ.

އެހެންވީމާ، މާލޭ ސަރަޙައްދަށް މި ބޭނުންވާ 10,000 ހައުސިންގ ޔުނިޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދައުރުގައި ނިންމޭނެކަމުގެ އަދިވެސް ޔަޤީންކަން އެބައޮތް. އަޅުގަނޑުމެން ކުރިން ވިސްނައިގެން ތިބީ އަޅުގަނޑުމެން މި މަސައްކަތްތައް 2022 ވަނަ އަހަރުގެ ތެރޭގައި ނިންމައިލެވޭނެކަމަށް. އެހެންނަމަވެސް، މިހާރު 2022ގެ މެދުތެރެއަށް، ނޫނީވިއްޔާ ނިމޭ ހިސާބަށް މި ހުރިހާ ޕްރޮޖެކްޓެއް ދާނެ. އެގޮތުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ނިންމަން އަޅުގަނޑުމެން އޭރު ވިސްނާފައި އޮތީ، 2021 ވަނަ އަހަރު ފެށޭއިރު. އެހެންނަމަވެސް، މިހާރު 2021 ވަނަ އަހަރުގެ މެދުތެރެއަށް އެ ދާނެ. ޓަރމިނަލް އެއީ އަޅުގަނޑުމެން 2021 ވަނަ އަހަރު ނިމޭއިރަށް ނިންމަން އަމާޒު ހިފައިގެން ކުރި މަސައްކަތެއް. އެއަށްވެސް އިތުރު 6 މަސް އެބައާދޭ. އެހެންވީމާ، 2022 ވަނަ އަހަރުގެ މެދުތެރެއަށް އެއަރޕޯޓް ޓަރމިނަލް ނިމިގެންދާނެ.

ދެން ކުރަމުން މިގެންދާ އެންމެބޮޑު ދެ މަސައްކަތަކީ، މާލޭ ސީޕޯޓް ގުޅީފަޅަށް ބަދަލުކުރުމާއި، ކަނެކްޓިވިޓީގެ މަސައްކަތް. އެ މަސައްކަތަށްވެސް ފަސްޖެހުމެއް އަންނާނެ އިނގޭތޯ. އެއީ ހަމަ ޔަޤީންކަމެއް. އެއީ އަޅުގަނޑުމެންނަށް މި ގެއްލުނު 6 މަސްދުވަސް އަނބުރާ ހޯދަން އިތުރު ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ. އެހެންނޫނީ އަޅުގަނޑު މި ދެންނެވިހެން، މަސައްކަތްތައް ފަސްޖެހުނުނަމަވެސް، ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގައި، ކުރިންވެސް ދެންނެވިހެން އަޅުގަނޑު ދެމިހުންނާނަން.

އަޙްމަދު މިޒްޔަލް - ސަން އޮންލައިން:

ރައީސް ވިދާޅުވެއްޖެ، ޖުލައި 15 ގައި ކަމަށް ބޯޑަރު ހުޅުވައިލާނީ. ބޯޑަރު ހުޅުވައިލާނެގޮތުގެ ތަފްޞީލެއް ދެއްވަފާނަންތޯ؟ މި ދެންނެވީ ވަކިވަކި ޤައުމުތަކަކަށްތޯ، ނޫނީ ހަމަ އެއްވެސް ޤައުމެއް އިސްތިސްނާނުކޮށް ހުރިހާ ޤައުމަކަށްތޯ؟ ދެން ދޭދޭ ޤައުމުތަކާއެކު އެއްވެސްކަހަލަ ޓްރެވަލް ބަބްލްއެއް ނޫނީ ޓޫރިސްޓުން ގެނައުމަށް އެއްބަސްވުމެއް ހަދާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ބޯޑަރ ހުޅުވައިލާއިރުގައި އަޅުގަނޑުމެން މި ހުޅުވައިލަނީ ހަމަ ހުރިހާ ޤައުމުތަކަށް. އެކަމަކު ބައެއް ޤައުމުތަކުން އެބަހުރި، އެ ޤައުމުތަކުން ބޭރަށް ދަތުރުކުރުމުގައި ނިންމާފައި ހުރި ނިންމުންތަކެއް، އުޞޫލުތަކެއް. ބައެއް ޤައުމުތަކުން ބޭރަށް އައިސްފައި، އެނބުރި ގޮސް 14 ދުވަހުގެ ކަރަންޓީނެއްގައި ތިބެން އެބަޖެހޭ. އަނެއްބައި ޤައުމުތަކުން ބޭރަށް ގޮސްފައި އަންނައިރުގައި، ވަކި މުއްދަތެއް، 120 ގަޑިއިރު، ނޫނީވިއްޔާ 14 ދުވަސް ޕީ.ސީ.އާރް ޓެސްޓެއްގެ ރިޒަލްޓްސް އަތުގައި އޮންނަން އެބަޖެހޭ. މިސާލަކަށް، ޗައިނާ. ޗައިނާއިން ރާއްޖެއަށް މީހުން ފޮނުވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް މިހާރު އޮތީ ދީފައި. އެހެންނަމަވެސް، ޗައިނާއަށް އެނބުރިދާ ކޮންމެ މީހެއްގެ އަތުގައި އޮންނަން އެބަޖެހޭ، އެތެރެވާ ކޮންމެ މީހެއްގެ އަތުގައި 120 ގަޑިއިރުގެ ހަމަނުވާ ޕީ.ސީ.އާރު ޓެސްޓެއްގެ ނަތީޖާ. އެއީ ޕޮޒިޓިވްތޯ، ނެގެޓިވްތޯ. އެއީ ގާތްގަނޑަކަށް 4 ދުވަހުގެ ކުރިން، 4 ދުވަސްނުވާ. އެކަން ކޮށްދޭ ކަމަށްވަންޏާ، ޗައިނާ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ.

އެހެންވީމާ، އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ޔަޤީންކަން ދީފިން، އެ އެދޭގޮތަށް ޗައިނާ ޓޫރިސްޓުން ރާއްޖެއިން ފުރާއިރުގައި، ޓެސްޓް ހެދޭނެ އިންތިޒާމުތައް އަޅުގަނޑުމެން ހަމަޖައްސާނެކަމުގެ. އެއާއެކީގައި، ޗައިނާ ސަރުކާރުން އޭގެ ސިސްޓަމެއް، ޓެސްޓިންގ ސިސްޓަމެއް މާލޭ އެއަރޕޯޓުގައި އެބަ ތައްޔާރުކޮށްދޭ.

އެހެންވީމާ، ޗައިނާއާ އެކީގައި އަޅުގަނޑުމެން ގެންދާނީ އެގޮތަށް. އެގޮތަށް ހަމަ އެހެން ޤައުމުތަކާ އެކީގައިވެސް، އެ ޤައުމުތަކުން އެދޭ ގޮތްތައް އަޅުގަނޑުމެން ހޯދައިދޭނަން. ޖުމްލަކޮށް އަޅުގަނޑުމެން މިއޮތީ ބޯޑަރ ހުޅުވާލާފައި. އެކަމަކު ޚާއްޞަކޮށް، ވަކި ޤައުމަކުން ވަކި ކަމެއް، ވަކިގޮތަކަށް ކުރަން ބުނެފިއްޔާ، އެކަމެއް އަޅުގަނޑުމެން ކުރެވޭތޯ ބަލާނަން. ދެން ގައިޑްލައިން، އެސް.އޯ.ޕީ މިހާރު އޮތީ ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ އެ އެސް.އޯ.ޕީ މިއަދުގެ ކޮންމެވެސް ގަޑިއެއްގައި، ނޫނީވިއްޔާ މާދަމާ ހުރިހާ ބޭފުޅުންނަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ޙިއްޞާ ކުރައްވާނެ.

ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް:

އާދެ، ރައީސް ވިދާޅުވެއްޖެ، ކުރިއަށް އޮތް 6 މަސްދުވަހުވެސް ހަމަ އަދި އިޤްތިޞާދީ ޙަރަކާތްތައް ފަށައިގެން ކަމުގައިވީނަމަވެސް، ކުރިއަށް އޮތް 6 މަސްދުވަހަކީވެސް ރައްޔިތުންނަށް ވަރަށްދަތި ދުވަސްތަކަކަށް ވެގެންދާނެ ކަމަށް. ކޯވިޑާ ގުޅިގެން ފާއިތުވި މުއްދަތުގައިވެސް ރައްޔިތުން ވަރަށްދަތި ދުވަސްތަކެއް މިހާރުވެސް މި ހޭދަކުރަމުން މިދަނީ. ވަރަށްގިނަ ޢާއިލާތައް މިހާރުވެސް މިވަނީ ދިރިއުޅެމުންދާ ތަން ދޫކޮށްފައި ރަށްރަށަށްވެސް ބަދަލުވެގެން ގޮސްފައި. މިއާއެކުގައި މަޖިލީހުގައިވެސް މިކަން ޙައްލުކުރުމަށްވެސް ބިލެއް ހުށަހަޅާފައި އޮތްކަންވެސް ހަމަ ފާހަގަކޮށްލަން. އެހެންނަމަވެސް، އަޅުގަނޑު ހިތުން ރައީސް ވިދާޅުވެއްޖެ، 6 މަސްދުވަސް ދަތިކަމެއްގައި ރައްޔިތުން އުޅެންޖެހިދާނެ ކަމަށް ވިދާޅުވީމާ، ކޮބައިތޯއޭ އެކަން ޙައްލުކުރުމަށް ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތަކަކީ؟ މި ދެންނެވީ ޑޮލަރަށް ބަލައިލާ ކަމުގައިވަނީނަމަ، އަދި ބޯޑަރު ހުޅުވާލާ، އަދި ފަތުރުވެރިކަން ފަށައިގެން ކަމުގައިވީނަމަވެސް، ޙަޤީޤަތުގައި ޑޮލަރުގެ ތާށިކަން އަދި އޮތުމަކީ އެކަށީގެންވާ ކަމެއް. ހަމައެހެންމެ، ވަރަށްގިނަ ރައްޔިތުން މާލެ ދޫކޮށްފައި ރަށްރަށަށްވެސް ބަދަލުވެއްޖެ. އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތް.

އެހެންވީމާ، މިފަދަ މިފަދަ ކަންކަން ޙައްލުކުރުމަށް ކޮބައިތޯއޭ، ރައީސް އަޅުއްވަން ވިސްނަވާފައިވާ ފިޔަވަޅުތަކަކީ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން ސަރުކާރުގެ ޚަރަދުތައް ވަރަށްބޮޑުތަން އެބަ ކުޑަކުރަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ދައުލަތުގެ ބަޖެޓުގައި، ފެށުނުއިރުގައި އޮންނާނެ، 29 ބިލިއަން ރުފިޔާ، ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް. އެހެންނަމަވެސް، މިހާރު މި އަންދާޒާ ކުރެވެނީ، 15 ބިލިއަން ރުފިޔާ ލިބޭނެކަމަށް. އެއީ މާނައަކީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އެބައުޅޭ. އެހެންވެގެން އަޅުގަނޑު މި ދެންނެވީ، ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ، 900 އާއި 1 ބިލިއަން ޑޮލަރުގެ ފައިސާ، އަޅުގަނޑުމެން މި ހުރިހާ ކަމަކަށް އިތުރަށް އެބަ ބޭނުންވެއޭ.

އެހެންނަމަވެސް، އަޅުގަނޑުމެން ޔަޤީންކޮށް ބާއްވަން ބޭނުންވަނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހަމަޔަށް ލިބޭނެގޮތަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން.

ދެން އޮތީ މި ދެންނެވިހެން ފައިނޭންސް ހޯދުން. އޭގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މިދަނީ. މިހާތަނަށް އައިއިރުގައި، 120 މިލިއަން ޑޮލަރުގެ އެހީއާއި ލޯނު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އަދި އޭގެއިތުރުން، މި ހަފްތާގައި މިއަދު އަޅުގަނޑު ހަނދާންވާގޮތުން، ސަޢޫދީ ޢަރަބިއްޔާ އިން އެވަނީ 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް އަޅުގަނޑުމެންނަށް ދޭން ނިންމާފައި. އެއީ ފިޝަރީޒަށާއި ހައުސިންގ އަށް އަމާޒުކޮށްގެން ދޭ ލޯނެއް. އަދި އޭގެ އިތުރުން، އަބޫދާބީން އެބައޮތް 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް. އެ ރިއަލައިޒް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އޭގެއިތުރުންވެސް، ވަރލްޑް ބޭންކާ އެކީގައި، އިއްޔެވެސް ފައިނޭންސް މިނިސްޓަރު ބައްދަލުވުމެއް ބޭއްވި. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ، މި ދެންނެވިހެން ބަޖެޓް ފޫބެއްދުމަށްޓަކައި މި ބޭނުންވާ ފައިސާ، ލޯނާއި އެހީގެ ގޮތުގައި ހޯދުން. އިރާދަކުރެއްވިއްޔާ އޭގެ ހަމަ ބޮޑު ބައެއް އަޅުގަނޑުމެންނަށް ހޯދޭނެ. ދެން އޮންނާނީ ޓީ-ބިލް ބޮންޑް އިޝޫކުރުން. 42.07

ފަޒީނާ އަޙްމަދު - މިހާރު:

ކޯވިޑް-19 އިން އަރައިގަތުމަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އެޅިކަމަށް ޑަބްލިޔޫ.އެޗް.އޯ. ފަދަ ތަންތަނުން ގަބޫލުކުރޭ. އެކަމަކު އެ ފިޔަވަޅުތަކާ އެއްވަރަށް އިޤްތިޞާދީ ގޮތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތައް ނުވަތަ ކުރަމުން އަންނަ މަސައްކަތްތައް މާ ލަސްކަމަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަހުރި.

ދެން ބޯޑަރު ހުޅުވާލާއިރުގައި، އެންމެންގެވެސް ސުވާލަކީ، ކުރީގެ ޙާލަތަށް، ނޫނީ އެ ޢަދަދަށް ޓޫރިސްޓުން އަންނާނެތޯ. މަނިކުފާނުގެ އަންދާޒާއަކީ ކޮބައިތޯ؟ ޓޫރިޒަމް މުޅިން ރަނގަޅުވެ، ޢާންމު ޙާލަތަކަށް ދެވޭނެކަމަށް ލަފާކުރެއްވެނީ ކިހާތާކުތޯ؟ ދެން މިހާރުގެ އަންދާޒާއާ އެއްވަރަށް ޓޫރިސްޓުން ނާންނަނަމަ، ދެން ކޮބައިތޯ އިޤްތިޞާދީ ގޮތުން އޮތް ޕްލޭނަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ ވިދާޅުވާހެން އަޅުގަނޑުމެންގެ އިޤްތިޞާދު ޑިޕެންޑްވެފައި މިއޮތީ ޓޫރިޒަމަށް. ސީދާގޮތުންނާއި ނުސީދާގޮތުން ގާތްގަނޑަކަށް 75 ޕަސެންޓްވަރު މި ޑިޕެންޑް ވަނީ ޓޫރިޒަމަށް. ޓޫރިޒަމްގެ ރެވެނިއު މިހާރު މިއޮތީ ހަމަ ސުމެއްގައޭ ދެންނެވިދާނެ. އެއީ ޓޫރިސްޓުން ނާދޭ. ނާންނަންޏަކާ އެއިން ވަންނަ ޓެކްސްއެއް ޓީ.ޖީ.އެސް.ޓީ. އެއް ނުވަންނާނެ. އަދި ޖީ.އެސް.ޓީއެއްވެސް ނުވަންނާނެ އެއާ ގުޅިފައި ހުރި. އޭގެއިތުރުން، ކުރިއަށް އޮތް ދެ ކުއަރޓަރގެ ލޭންޑް ރެންޓް އަޅުގަނޑުމެން މިވަނީ ފަސްކޮށްދީފައި.

އެހެންވީމާ، މި އަހަރު ޓޫރިޒަމް ސެކްޓަރއިން އަޅުގަނޑުމެންނަށް ލިބޭނެކަމަށް ކުރިން އަންދާޒާކުރިވަރާ ކައިރިއަށްވެސް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

ރާއްޖެއަށް، ބޯޑަރު ހުޅުވާލުމާއެކީގައި ޖުލައި، އޮގަސްޓުގައި ފަތުރުވެރިން އަންނާނެ އިނގޭތޯ އިރާދަކުރެއްވިއްޔާ. މިހާރުވެސް ބައެއް ރިޒޯޓްތަކުން 30 ޕަސެންޓްގެ އޮކިއުޕަންސީގައި ހިފެހެއްޓޭނެ ކަމަށް އެބަ ބުނޭ. އެއީ ދެން ރަނގަޅު ސައިނެއް، އެކަން އެގޮތަށް ކުރެވިއްޖެ ކަމަށްވަންޏާ. އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް މުޅި ޖުމްލަ 850,000 ޓޫރިސްޓުން، މި އަހަރުގެ ތެރޭގައި ގެނެވޭނެކަމަށް. މިހާތަނަށް 3 ލައްކަ ކޮންމެވެސްވަރެއް އަތުވެއްޖެ. އެހެންވީމާ، 5 ލައްކައާއި 6 ލައްކައާ ދޭތެރޭގެ އަދަދެއް، ކުރިއަށް މިއޮތް 6 މަސްދުވަހުގެ ތެރޭގައި އަންނާނެ ކަމަށް އަޅުގަނޑު މި އަންދާޒާ ކުރަނީ.

މިކަމާ ގުޅިގެން ބޭއްވުނު ފުރަތަމަ ޕްރެސްގައިވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވި ފަދައިން، އަހަރުގެ ފަހުކޮޅުގައި ޓޫރިޒަމް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. އަދިވެސް އަޅުގަނޑު އުއްމީދު ކުރަނީ އެގޮތަށް. މި ފެންނަ މަންޒަރުން ހަމަ ރާއްޖޭގެ ރިޒޯޓުތަކަށް އިރާދަކުރެއްވިއްޔާ، ޓޫރިސްޓުން އަންނާނެ އިނގޭތޯ. އެކަމަކު އޭގެ މާލީ ފައިދާ ލިބެން ފަށާނީ މި އަންނަ އަހަރުގެ ތެރޭގައި. ޓެކްސް ދައްކަން ފަށްޓާނީ މަސް ނިމުނީމާ. ޖަނަވަރީގައި، އެ ނިމޭ މަހުގެ ބީ.ޕީ.ޓީ.އާއި އާއި ޓީ.ޖީ.އެސް.ޓީ ދައްކާނީ. އެހެންވީމާ، ބަޖެޓަށް ފައިސާ ވަންނަން ފަށްޓާނީ، ރަނގަޅަށް ވަންނަން ފަށްޓާނީ އަހަރު ނިމޭތަނުން.

ދެން އޮތީ އިޤްތިޞާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުމުގެ ބަދަލުގައި އެ ޑައިވަރސިފައި ކުރުން. އެގޮތުން، މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރިއަށް. އޭގެއިތުރުން، ދަނޑުވެރިކަމަށް ޚާއްޞަކޮށްގެން، ލޯނުދޫކޮށް، އެ ފުޅާކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން.

އަޅުގަނޑު ހިތުން ކުރިން ކޮންމެވެސް އެއް ބޭފުޅަކު މިނިމަމްވޭޖާ ބެހޭގޮތުން ކުރި ސުވާލެއް އެބައޮތް އަޅުގަނޑަށް ޖަވާބުނުދެވި. އަޅުގަނޑު ބޭނުން ވީހާވެސް އަވަހަކަށް އެކަން ކުރަން. އެއީ އަޅުގަނޑުގެ ވަޢުދެއް އިނގޭތޯ. ވީހާވެސް އަވަހަކަށް އެކަން ކުރަން އަޅުގަނޑު ބޭނުން. އަޅުގަނޑުމެން ނިންމައިގެން ތިބީ މި އަންނަ އަހަރު އެކަން ފަށާގޮތަށް. އެއީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވިއިރުގައި، އަންދާޒާކޮށްފައި އޮތްގޮތް. މިހާރު އެނގިވަޑައިގަންނަވާނެ، އޭގައި ތިން ދަރަޖައެއް މިނިމަމް ވޭޖާ ބެހޭގޮތުން މުސާރަ ދިނުމުގައި އެބަ ގެންގުޅޭ. އެއީ ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށް އަށްހާސް ރުފިޔާ. ދެން އެހެން ވިޔަފާރިތަކުގައި، އެހެން މަޤާމުތަކުގައި އުޅޭ ފަރާތްތަކަށް ހަހާސް އަޅުގަނޑު ހަނދާންވާގޮތުން. ދެން ހަތަރުހާސް މި އޮންނަނީ.

ހަހާސް ރުފިޔާ ދޭކަމަށްވިޔަސް، ދައުލަތުގެ ބަޖެޓަށް ވަރަށްބޮޑު އިމްޕެކްޓެއް އެބައާދޭ. އެއީ ގާތްގަނޑަކަށް 5 ލައްކަ، 500 މިލިއަން ރުފިޔާ ބަޖެޓަށް އެބަ އިތުރުވޭ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އެހިސާބަށް ޖައްސާނަމަ އަދި ވިސްނަންޖެހޭ އެއްކަމެއް، މިހާރުވެސް ތިބޭނެ ހަހާސް ރުފިޔާ ލިބޭ ބަޔަކު. ދެން މީގެކުރިން ދެހާސް، ތިންހާސް، ނޫނީ ހަތަރުހާސް ރުފިޔާ ލިބޭ މީހުންނަށް ހަހާސް ރުފިޔާ ޖެއްސުމާއެކީގައި، އެ ކުރިން ހަހާސް ރުފިޔާ ލިބޭ މީހުންގެ ޑިމާންޑްތަކެއް އަންނާނެ. ބަދަލުތަކެއް ކުރަން އެދޭނެ. އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އެހެންވީމާ، މި އަންނަ އަހަރު ފެށޭއިރުގައި، ދައުލަތުގެ ބަޖެޓުން އެވަރު ކުރެވޭނެއެކޭ އަޅުގަނޑަކަށް މިވަގުތަކު ދަންނަވާކަށް ނުކެރޭނެ. އެހެންވީމާ، ޓޫރިޒަމް ހިނގައިގަނެ، ދައުލަތުގެ ރެވެނިއު ވަންނަން ފެށީމާ، ކުރިއަށް އޮތް ތިން ހަތަރު މަހަށްފަހުގައި އޭގެ އެދެވޭ ޖަވާބެއް އަޅުގަނޑަށް ދެވޭނީ. ހަމަ އެގޮތަށް ޓޫރިޒަމް ސެކްޓަރގައިވެސް މިވަގުތު އަދި އެ ފަށައިގަންނަނީ. އެހެންވީމާ، މިކަން އަޅުގަނޑުމެން ނިންމާނީ، ވަޒީފާ އަދާކުރާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ސަރުކާރާ އެންމެން މަޝްވަރާކޮށްގެން، އަޅުގަނޑު ބޭނުން މި އަހަރުގެ ތެރޭގައި އޭގައި ގޮތެއް ނިންމާފައި ބާއްވަން މި އަހަރު ނިމެންވާއިރަށް. ކަނޑައެޅޭނެ ޢަދަދެއް، ދެވެން ފަށާނެ ޢަދަދެއް، ދެވެން ފަށާނެ ދުވަހެއް ނިމިފައި ބާއްވަން. އޭރުން އެއަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ.

ޝަފްރާޒް އަޙްމަދު - ވޮއިސް:

ޝުކުރިއްޔާ ރައީސް. މިހާރު ކުރިއަށް އޮތް 6 މަސް، ދަތި އުނދަގޫ 6 މަހެއް ކަމުގައި މިހާރު ވިދާޅުވެފައިވާއިރު، މިހާރުވެސް މާލޭގައި ކުލި ނުދެއްކި، ގިނަ ބަޔަކު މިދަނީ މަގުމަތިވަމުން. މި ސަރުކާރުން އަޅާ ފްލެޓްތަކެއްގެ ވާހަކަވެސް ދެންމެ މެންޝަން ކޮށްލައްވައިފި. ކޮބައިތޯ ހިޔާ ފްލެޓާ ބެހޭގޮތުން ކީއްވެތޯ އެހާވަރަށް، މިހާރު ހިޔާ ފްލެޓާ ބެހޭގޮތުން ސަރުކާރު ޕޮލިސީ ލެވެލްގެ ބޭފުޅުން މިހާތަނަށްވެސް ދައްކަނީ ސައިޒެއްގެ ވާހަކަ. ކީއްވެތޯ އޭގެ އަޕްޑޭޓެއްގެ ވާހަކަ ނޭނގެނީ. މިހާރު 7000 ފްލެޓެއްގެ ވާހަކަ އެބަ އިނގޭ. އަދި އޭގެއިތުރުން ކުންފުނިތަކުންވެސް އަޅާ ބައިވަރު ފްލެޓްތަކެއް އެބަހުރި. އޭގެއިތުރުން، ވަންރޫމް އެޕާޓްމަންޓްތައް އެބަހުރި. ތްރީރޫމް އެޕާޓްމަންޓްތައް އެބަހުރި، ހިޔާ ފްލެޓަށް ނިސްބަތްވާ. ކީއްވެތޯ ހަމަ މީގެ އަޕްޑޭޓް ސަރުކާރުގެ މުއައްސަސާތަކުން ހަމަ ފޯރުކޮށްދިނުމުގައިވެސް ވަރަށްބޮޑަށް ޑިލޭތަކެއް އެބަހުރި. އަނެއްކާ އެ މަޢުލޫމާތު ރައްޔިތުންނަށް ނޭނގި މިވަނީ. ކީއްވެތޯ މި މަޢުލޫމާތުތައް އެހާވަރަށް ރައްޔިތުންނަށް ފޯރުނުކޮށްދެވެނީ. ކޮބައިތޯ މިހާރު ހިޔާ ފްލެޓަށް ރައްޔިތުންނަށް ވަދެވޭނެ ޑޭޓަކީ އިނގޭތޯ.

ދެން އަނެއް ސުވާލަކަށް މިއޮތީ މަނިކުފާނު އިންތިޚާބު ދުވަސްކޮޅު، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގައި ކުރި ވަޢުދުތައް އެއްވެސްވަރަކަށް މިހާރު ބަދަލުގެންނަމުން އެބަދޭތޯ؟ އެއީ އެޖެންޑާ 19 ކެމްޕެއިންގައި ރ. އަތޮޅުގައި އިތުރު އެއަރޕޯޓް އަޅާނެ ވާހަކަ މަނިކުފާނު ވަނީ ވިދާޅުވެފައި. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މި ހާމަކުރައްވަނީ މިހާރު އެއަރޕޯޓް އަޅާގޮތަކަށް ނޫނޭ މިވަނީ. އެއީ ކީއްވެތޯ؟ މި ވަޢުދުތަކަށް ބަދަލުތަކެއް އަންނަމުންތޯ ދަނީ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ހިޔާ ފްލެޓްތަކުގެ، 7000 ފްލެޓްގެ މަސައްކަތްތައް، އެންމެފަހުގެ މަސައްކަތްތައް ކޮށް ނިންމަމުން މިހާރު އެގެންދަނީ. މިހާރު ނުނިމިހުރީ ވަރަށްމަދު މަސައްކަތްތަކެއް. އެތަން ނިމޭއިރުގައި، އެތާ އެތެރެއަކު ނުހުރޭ ޓައިލްސްއެއް ޖަހާފައެއް. އެތެރެއަކު ދޮރުތަކެއް ނުހުރޭ ލާފައެއް. އެއީ އެ ނިމުނުކަމަށް އޭރު ނިންމާފައި އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެން އޭރު ވިސްނިން ހަމަ، އެކަމަށް އިތުރަށް ފައިސާ ހޯދައިގެން، އެތާ އެތެރޭގައި ޓައިލްސް ޖަހައި، ދޮރުފަތްތަކާ އެއްޗެތި ކޮޓަރިތަކުގައި ލައި، ފާޚާނާގައިލާ ކަންތައް ކުރަން. ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު ބޭނުންވޭ އެކަމަށް. އެކަން ކުރަންޏާ ނަގާނެ ވަގުތު. އަޅުގަނޑުމެން މިހާރު ވިސްނީ، މިހާރު އެހުރިގޮތަށް އެ ނިންމިގޮތަށް އެ ޙައްޤުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން. އެއީ ހިޔާ ފްލެޓްތަކާ ބެހޭގޮތުން އަޅުގަނޑުމެން ނިންމީ. އެހެންނަމަވެސް، ގަބޫލުކުރައްވައްޗޭ، އެތަނަށް ވަންނައިރަކު ކޮޓަރިއެއްގައި ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސްއެއް އެއްޗެއް ނޯންނާނެ. އެ ޙާލަތުގައި އެތަން ހުންނާނީ އިނގޭތޯ.

ދެން އޮތީ ވަދެވޭނީ ކޮންއިރަކުންތޯ. އަޅުގަނޑުމެންގެ 7000 ފްލެޓަށް 23000 އެތައް ފަރާތެއް ކުރިމަތިލާފައިވޭ. އޭގެ އެތައްއެތައް ޝަކުވާތަކެއް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އައިކަން. އެންމެފަހު ގަޑީގައި ދަފްތަރުގައި އެތައް ބައެއް ޖައްސައިގެން، އެއަށް ކުރިމަތިލައްވައި، އަދި ފޯމުތަކުގައި ހަމައެކަނި ނަން ޖަހާލާފައި ހުރި ފޯމާއި، ފޯމުނުލާ ފަރާތްތަކަށް ލިބޭނެކަމުގެ ޔަޤީންކަން ދިނުމާ، އެކަހަލަ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އެކަން އޮތީ އިނގޭތޯ. އެ އެއްޗެތިތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން ގޮސް ނިމުމަކާ ހިސާބަށް، ގާތްގަނޑަކަށް 90 ޕަސެންޓް މަސައްކަތް ނިމިފައި އޮއްވައި ކޯވިޑްގެ ކަންތަކާ ގުޅިގެން މަސައްކަތްތައް ހުއްޓާލަންޖެހުނީ.

ގޭގެޔަށް ގޮސް، މިއީ ފްލެޓް ޙައްޤުވާ މީހެއްތޯ ބެލުމުގެ މަސައްކަތް އޭރު ކުރަމުން ގެންދިޔައީ. ކޯވިޑްގެ މި ލޮކްޑައުންއާ އެކީގައި ގޭގެޔަށް ދިޔުމަކީ ރަނގަޅު ކަމަކަށްނުވި. އެކަމަކު މިހާރު އިރާދަކުރެއްވިއްޔާ، ހުޅުވާލުމާ އެކީގައި އަޅުގަނޑުމެން މަސައްކަތްކޮށް، ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމައި، އެ ޙައްޤުވާ ފަރާތްތަކަށް އަޅުގަނޑުމެން އެ ޙަވާލުކުރާނަން. އެހެންނަމަވެސް، އަޅުގަނޑުގެ ހިތެއްނުބުނޭ، އެތަނަށް ވަދެފައި، އޭގެތެރެއިން 80 ޕަސެންޓް މީހުންވެސް އެތަނުގައި ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލުކުރާނެއެކޭ. އަދިވެސް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވެގެން އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން. ތިޔަބޭފުޅުންނަށް އެތަން ދައްކާލަން އަޅުގަނޑުމެން ގެންދާނަން. ބޭރަށް ވަރަށްރީތި. ފޮޓޯ ނަގަން ވަރަށްރީތި އިރުއޮއްސިގެން އަންނަ ގަޑީގައި. އެހެންނަމަވެސް، މީހުން ދިރިއުޅޭކަށް އެންމެ ރަނގަޅު ތަނެކޭ އަޅުގަނޑު އަދިވެސް ނުދަންނަވާނަން.

ދެން އޮތީ ރ. އަތޮޅު އެއަރޕޯޓުގެ ވާހަކަ. ރ. އަތޮޅު އެއަރޕޯޓުގެ ވާހަކަ، އަޅުގަނޑު ސީދާ ބުނެފައި އޮތް ކަމަށްވަންޏާ، އެކަން ވާނެ އިނގޭތޯ. އެކަމަކު ތަރުތީބު ބަދަލުވެދާނެ. ތަރުތީބު ކުރަން އޮތް ވަގުތު ބަދަލުވެދާނެ. އެހެންނަމަވެސް، ވަގުތާ އެއްގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނީ އިނގޭތޯ.

ޝައުފާ ޙުސައިން - މޯލްޑިވްސް ބިޒްނަސް ސްޓޭންޑަރޑް:

އަޅުގަނޑުގެ ސުވާލަކީ، މިހާރު ޖުލައި 15 ގައި ބޯޑަރ ހުޅުވާކަމަށް އިޢުލާނު ކުރައްވާފައިވާއިރު، ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ އެބައޮތް. ގެސްޓްހައުސް އޮގަސްޓު 1 ގައި ހުޅުވަން ހުއްދަ މިއޮތީ. ވަރަށްގިނަ ރިޒޯޓްތައް އެބަހުރި، ސެޕްޓެންބަރު، އޮކްޓޫބަރު ހިސާބުގައި، މިހާރު ބަންދުކޮށްފައި ހުޅުވާނެކަމަށް އިޢުލާނުކޮށްފައި. އަދި ވަރަށްގިނަ ރިޒޯޓްތަކުގެ ދިވެހި މުވައްޒަފުން، ދިވެހިން އެކަންޏެއް ނޫން، ވަރަށްގިނަ މުވައްޒަފުން ކަނޑާލަމުން މިދަނީ.

ސަރުކާރުން މިކަމަށް ކޮންކަމެއްތޯ ކުރައްވަނީ؟ މި ސުވާލު އަޅުގަނޑު މި ދެންނެވީ، ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ރިޒޯޓްތަކަށްވެސް ޚާއްޞަ ޢިނާޔަތެއްގެ ގޮތުގައި ލޯނު ދޫކޮށްފައި އެބަވޭ. އެހެންވީމާ، ކިހާވަރަކަށް މިކަން އެބަ ބައްލަވަންތޯ؟ ޚާއްޞަކޮށް، ދިވެހި މުވައްޒަފުން ކަނޑަމުންދާއިރުގައި، މިކަމަށް ސަރުކާރުން ކުރާނެ ކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، މި ދޫކުރާ ލޯނު މި ދޫކުރަނީ ޝަރުޠުތަކާއެކު. އޭގެތެރެއިން އެއް ޝަރުޠެއް އެއީ ދިވެހިން ވަޒީފާއިން ވަކިނުކުރުން. އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި އޮވެއްޖެ ފަރާތަކަށް އަޅުގަނޑުމެން އެ ލޯނެއް ނުދެން. އެހެންވީމާ، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެޅި ފިޔަވަޅަކީ އެއީ.

ދެން އޭގެއިތުރުން، ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަޅުގަނޑުމެން ތިންމަސް ދުވަހުގެ އެހީތެރިކަމެއް އެބަ ފޯރުކޮށްދެން. ކޮންމެ ފަރާތަކަށް މަހަކު ފަސްހާސް ރުފިޔާ ކޮންމެ ފަރާތަކަށް. އެކަން އަޅުގަނޑުމެން މި ކުރަނީ އެމް.އީ.ޑީ. ގައި ޕޯޓަލަށް ރަޖިސްޓްރީ ކުރީމާ، އެފަރާތެއް ބަލާފައި ވެރިފައި ކޮށްފައި ދެމުން މިގެންދަނީ. އަޅުގަނޑުމެން މިހާރުވެސް ޓޫރިޒަމް މިނިސްޓްރީން ޓޫރިސްޓް ރިޒޯޓްތަކާއެކީގައި ވާހަކަ ދައްކަމުން އެގެންދަނީ، ރިޒޯޓްތަކުގައި މަސައްކަތްކުރާ ޕަސެންޓޭޖް. އެނގިވަޑައިގަންނަވާނެ، މިހާރު މިއޮތީ 45، 65 ޕަސެންޓް. އެ ދިވެހިންނަށް އިތުރުވާގޮތަށް، ޕަސެންޓް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް މަޝްވަރާ ކުރަމުން އެބަގެންދޭ. މާނަޔަކީ ދެބައިކުޅައެއްބައި، ފިފްޓީ ވަން، 51 ޕަސެންޓަށް ނަމަވެސް އެ ގެންދޭ. ވަކި ކުއްލިއަކަށް ނޫން އެކަން ވާނީ. ހަމައެއާއެކީގައި، މީހުން ތައްޔާރުކުރަންވެސް އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ޕްރޮގްރާމެއް ރާވައިގެން، ޔުނިވަރސިޓީއާ އެކީގައި، އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. ރިޒޯޓްތަކުގައި އެހެންހުރި މަޤާމުތަކަށް ބޭނުންވާ މީހުން ޓްރެއިން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން އެބަ ގެންދަން.

އެހެންވީމާ، އެއަށްފަހުގައި އަޅުގަނޑުމެން އުޞޫލުތަކެއް ކަނޑައަޅާނަން. އެކަމަށް ޓްރެއިންވެފައި ތިބި ދިވެހިންނަށް އިސްކަންދެވޭނެ އުޞޫލުތަކެއް ކަނޑައަޅައިގެން ވަޒީފާތަކަށް މީހުން ފޮނުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން.

ފާޠިމަތު ރިފާތު - ވީ ޓީ.ވީ:

އާދެ، ދެންމެ ނޫސްވެރިޔަކު ހިޔާ ފްލެޓާ ގުޅޭގޮތުންވެސް ސުވާލެއް ކުރައްވައިފި. މަނިކުފާނު ދެއްވި ޖަވާބުން އަޅުގަނޑުމެންނަށް ބޮޑަށް ސިފަވެގެން މިދިޔައީ [ހިޔާ ފްލެޓް] މި މަޝްރޫޢަކީ، ކުރީ ސަރުކާރުން ކުރި ވަރަށްބޮޑު ވޭސްޓެއްގެ ގޮތުގައި މަނިކުފާނުގެ ވާހަކަފުޅުން ދޭހަވެގެން މިދިޔައީ. ފާހަގަކުރައްވައިފި، ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަށް ދިރިނޫޅެވޭވަރުގެ ތަނެއްގެ ގޮތުގައި ތިޔަ ސިފަކުރެއްވީ ދޮގެއްތޯ.

އެހެންވީމާ، ކޮބައިތޯ އަޅުގަނޑުމެންނަށް މި ހިޔާ ފްލެޓާ ގުޅިގެން މިހާބޮޑު ކޮންސަރންއަކަށް މިކަން ވެފައި މިއޮތީ. ކޯވިޑް 19އާ އެކީގައި ވަރަށްގިނަ ބަޔަކު މަގުމަތިވެ، އަދި ހަމައެއާއެކުމެ، ފްލެޓް ލިބިފައިވާ ފަރާތްތައް ވަރަށްބޮޑު އިންތިޒާރެއްކުރި، މި ސަރުކާރު އައުމާ އެކީގައިވެސް އޭގެ ޙައްޤުވެރިންނަށް ފްލެޓް ލިބޭނެ ދުވަހެއްގެ އިންތިޒާރު ވަރަށް ބޮޑަށް ކުރަނިކޮށް ކޯވިޑް 19ވެސް މިބައްދަލުކުރީ ދޮގެއްތޯ. ދެން މިއާއެކީގައި އިޤްތިޞާދު ދަށަށްދިޔަދިޔައީނުން ކުލި ނުދެއްކިގެންނާ އެއްކޮށް މީހުން މަގުމަތިވެ، މިކަހަލަ އެތަކެއް ކަންތައްތަކެއް ވެގެންދާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށްވެސް އޭރުގެ ހައުސިންގ މިނިސްޓަރ ޢާޠިފާ ޙާޒިރު ކުރައްވައިގެންވެސް ވަރަށްގިނަ ސުވާލުތަކެއް އެކަމުގައި ކުރައްވައި، އަދި އޭގެ ނަތީޖާ އަޅުގަނޑުމެންނާ ހަމަޔަށް ނުލިބެނީސް އެކަމަނާވެސް އިސްތިޢުފާ ދެއްވީ. އެއާއެކު ދެން ވުޒާރާވެސް އުވާލެއްވީ ދޮގެއްތޯ.

އެހެންވީމާ ކޮބައިތޯ، ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވެދެއްވަފާނަންތޯ، މިވަގުތު އެ ހިޔާ ފްލެޓްގެ ޙައްޤުވެރިންނަށް އެ ކިހާތާކުތޯ ލިބޭނީ. ތިޔަގޮތަށް ވޭސްޓެއްގެ ގޮތުގައި ސިފަކުރެއްވީމާ، ލިބެން ތިއްބަވާ ބޭފުޅުންނަށްވެސް ވަރަށްބޮޑު ހިތްދަތިކަމަކަށް ދޮގެއްތޯ ވެގެންދާނީ. އިތުރު ތަފްޞީލު ދެއްވަފާނަންތޯ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ފެށުނީއްސުރެ، މިއަދަކު ދައްކާ ވާހަކައެއްނޫން މިއީ. އެ އަޅާފައި ހުރި 7000 ފްލެޓަކީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ނޫނޭ. މިއަދުވެސް އަޅުގަނޑު މި ދަންނަވަނީ އެހެން. އެތަނަށް ވަންނަ މީހުންގެ ތެރެއިން ހަމަ އެތަން ދޫކޮށްފައި ނުކުންނާނެ. އެހެން ގޮތެއް ނެތިއްޔާ އެތާ އެތެރޭގައި ތިބޭނެ. އެކަމަކު އެއީކީއެއް މީހުން ދިރިއުޅެން، މިސާލަކަށް، އެއިން ޓަވަރެއްގައި އުޅޭނެ، ފަސްހާހަށްވުރެ ގިނަ މީހުން. ތިން ލިފްޓް އެހެރީ މީހުން އަރައި ފައިބަން. ޓަވަރެއްގައި ހުރީ. އޮފީސް ގަޑިއެއްގައި، ސްކޫލަށް މީހުން ކުދިންގެންދާ ގަޑިއެއްގައި، އެ ލިފްޓްތައް ބޭނުންކުރާނީ ކިހިނެއްތޯ ގަޑިއަށް މީހުން ދާން. ދެ ގަޑިއިރު ކުރިން ކިއު ޖައްސަންޖެހޭނެ. ދެ ގަޑިއިރު ކުރިން ކިއު ނުޖައްސައެއް ލާހިކެއްނޫން އެތަނުން މީހުން ފައިބައިގެން އޮފީހަށް އަންނާކަށެއް. ފުރަތަމަ މައްސަލަ މިއީ. މިހެން ގޮސް ހުރި އެތައްއެތައް ކަންތައްތަކެއް. އަނެއްކާ އޭގެ އަގުވެސް އެބޭފުޅުން އެ ވިދާޅުވަނީ ނޫންތޯ، ހަހާސް ނޫނީ ހަތްހާސް ރުފިޔާއަށް ދޭނަމޭ ބުނާއިރުގައި މިހާރުވެސް އެހެރީ ޖެހިފައި ހުރި އަގު. މިހާރު އެހުރިގޮތަށް، މިހާރު އެހުރިގޮތަށް އޭގެ ކޮސްޓް ޕްރައިޒްގައި އަގުގައި ދޭކަމަށްވަންޏާވެސް އެގާރަހާސް ރުފިޔާ އެބައަރާ. ކިހިނެއްތޯ މީހުން އެ ފައިސާ ދައްކާނީ؟ އެހެންވެގެން އަޅުގަނޑު މި ދެންނެވީ އެއީ ދެކޮޅުޖެހޭ ކަމެއްނޫނޭ ކުރައްވާފައި އެއޮތީ. އަދިވެސް މި ދަންނަވަނީ އެއީ ދެކޮޅުޖެހޭ ކަމެއްނޫނޭ. އަޅުގަނޑުމެން ވަރަށް މަސައްކަތް މިކުރަނީ، އެކަން ވީހާވެސް އަވަހަކަށް ނިންމައި، އެ ޙައްޤުވާ ފަރާތްތަކަށް އެ އަޅުގަނޑުމެން ދޭނަން. އަޅުގަނޑުމެން އޭގައި ހިފަހައްޓައިގެން ނުތިބޭނަން. ހުރިގޮތަށް އަޅުގަނޑުމެން ރައްޔިތުންނާ ހަވާލުކުރާނީ. އަޅުގަނޑު ގެންދާނަން ތިޔަބޭފުޅުން އެތަން ދައްކަން އިނގޭތޯ. އެތަން މީހުންނާ ހަވާލުކުރުމުގެ ކުރިން. މިދޭތެރެއިން އިހަށްދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކޮޅެއްވެސް އެތަނަށް ގެންގޮސްފިން. އެބޭފުޅުންނަށްވެސް އެތަނަށް ވެދެވަޑައިގަތީމާ އެތަން ހުރިގޮތް އެނގިވަޑައިގަތީ. އެއީ ލަސްވެގެން ވާހަކަ ދެކެވޭތީ، އެ ކޮމިޓީގެ މެންބަރުންނާ އެކީގައި އެޗް.ޑީ.ސީ އިން ގެންގޮސް ދެއްކީ.

އަޅުގަނޑު މި ދަންނަވާހެން ބޭރަށް ވަރަށް ރީތި އިނގޭތޯ. އެކަމަކުވެސް އެއީ ހަމަ ކުރައްވާފައި އޮތް ބޭކާރު ބޮޑު ޚަރަދެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ.

މުޙައްމަދު އަފްރާޙް - ދިވެހި ޗެނަލް:

ވަރަށް ބޮޑަށް ޝުކުރިއްޔާ، މަނިކުފާނު ހަމަ ޤައުމާ މުޚާޠަބު ކުރައްވައި ތިޔަފަދަ މަޢުލޫމާތު ދެއްވާތީވެ.

މަނިކުފާނު މީގެކުރިން ވިދާޅުވެފައިވަނީ މި ޙާލަތުގައި ހުރިހާ ކަމެއްވެސް މަނިކުފާނު ނިންމަވާނީ، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިންނޭ. މިހެން ވިދާޅުވެފައިވާއިރުގައި، ބައެއްފަހަރު އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވިގެންދޭ، އެއްކަމެއްގައި ތިން ހަތަރު ގޮތަކަށް މަޢުލޫމާތު ޙިއްޞާ ކުރަމުންދާތަން. މިސާލަކަށް، އަޅުގަނޑުމެންނަށް ޕީކަކަށް އަންނައިރުގައި، އެވަރަށް ޓެސްޓް ނުކުރިޔަސް ރަނގަޅުވާނެއޭ، ޓެސްޓް ކުރަންޖެހޭނެއޭ. މިފަދަ މޭރުމަކުން، ސީދާ އެބަހެއް ނޫން އަޅުގަނޑު މި ދަންނަވާލީ. އެހެންނަމަވެސް، މިފަދަ ގޮތްގޮތަށް ބަސްތައް އައިސްފައި ހުރީމާ، މިފަހަރު މަނިކުފާނު ތިޔަ ނިންމެވީ، ކޮންފަދަޔަކުން މަޝްވަރާ ކުރައްވާފައިތޯ، ކިހާވަރަކަށް މަޝްވަރާ ކުރައްވާފައިތޯ، ޞިއްޙީ މާހިރުންނާ.

ހަމައެއާއެކީ އަޅުގަނޑު އަހާލަން ބޭނުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް މި ކޯވިޑް 19 އާ ގުޅިގެން ކޮންކަހަލަ އެހީތަކެއްތޯ ލިބިފައި ހުރީ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު ހަމަ ކުރީ ދުވަހުވެސް ދެންނެވި ފަދައިން، މިއަދުވެސް މި ޢަމަލުކުރަމުން މިގެންދަނީ ޞިއްޙީ މާހިރުންގެ ލަފަޔާ އެކީގައި. އަޅުގަނޑުމެންގެ އެބައޮތް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕޭ ކިޔާ ގްރޫޕެއް. އޭގައި ޑޮކްޓަރުން، ޕްރޮފެޝަނަލް ޑޮކްޓަރުން އެބަ ތިއްބަވާ. އެބޭފުޅުންގެ މަޝްވަރާތައް ބައެއް ކަންތައްތަކުގައި ހަމަ އެބޭފުޅުން އެބޭފުޅުންނަށް ވަރަށް ބޮޑަށް ޚިޔާލުތަފާތުވާ ކަމަށް ވިދާޅުވޭ. އެހެންނަމަވެސް، އެންމެފަހުން އަޅުގަނޑުމެންނާ ހިސާބަށް، ޕޮލިސީ ލެވެލްއަށް އެގެންދަނީ ހުރިހާ ބޭފުޅުން އެއްބަސްކިޔައިގެން ކަމަށް ވިދާޅުވަނީ. އެއަށްފަހުގައި އަޅުގަނޑުމެން އެއަށް ބުރަވެ މި ޑިޒިޝަންތައް ނަގަނީ. ކުރިއަށް މި އޮތް ތަނުގައިވެސް އަޅުގަނޑު މިކަމުގައި، ކޯވިޑް ބަލީގެ ކަންތައްތަކުގައި ޢަމަލުކުރަމުން ގެންދާނީ ޑޮކްޓަރުންގެ ލަފަޔާއި މަޝްވަރާއާ އެކީގައި.

އިންޑިއާ ސަރުކާރުން މި ކޯވިޑާ ބެހޭގޮތުން އެންމެބޮޑު އެހީއެއް، މިހާތަނަށް އެންމެބޮޑު އެހީއެއްވީ ފަރާތަކީ އިންޑިއާ ސަރުކާރު. އެކަމަށްޓަކައި އަޅުގަނޑު ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން. އެއީ ފައިސާގެ ގޮތުން ކަމަށްވިޔަސް، ކާބޯތަކެތީގެ ގޮތުން ކަމަށްވިޔަސް، ބޭހުގެ ގޮތުން ކަމަށްވިޔަސް، އެންމެބޮޑު އެހީއެއް އަޅުގަނޑުމެންނަށް ވެފައި އޮތީ އިންޑިއާ. އަދި އެނގިވަޑައިގަންނަވާނެ، މި ފުރަބަންދުގެ ސަބަބުން، ދަތުރުފަތުރުތައް ހުއްޓުމުގެ ސަބަބުން ކޮންމެހެން ބޭރަށް ބޭހަށްދާން ޖެހިފައި ތިބި 37 މީހެއް މިވަގުތު އެބަތިބި. އިންޑިއާއަށް ބޭހަށް ނުދެވިފައި. އެހެންނަމަވެސް، އިއްޔެ އަޅުގަނޑަށް ވަނީ އެ 37 މީހުންނަށް ރާއްޖެއިން އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން ހައިކޮމިޝަނުން ދެއްވާފައި. އިރާދަކުރެއްވިއްޔާ، ދެން ރާއްޖޭގައި ކެންސަރާއި އަދި އެހެނިހެން ބަލިތަކަށް ބޭރުން ފަރުވާހޯދަންޖެހޭ ފަރާތްތަކަށް ދަތިކަމެއްނެތި އިންޑިއާއަށް ދަތުރުކުރެވޭނެ.

އަދިވެސް ކުރިއަށް މިއޮތް ތަނުގައި އިންޑިއާއިން ބޮޑެތި އެހީތަކެއް ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އިންޑިއާއަކީ އަޅުގަނޑުމެންގެ ވަރަށްގާތް، އެންމެގާތް އެއް އެކުވެރި ޤައުމު. އެކަން އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް.

އަމަން ޙަލީމް - ރާއްޖެ ޓީ.ވީ:

އަޅުގަނޑު ކޮށްލަން ބޭނުންވި ސުވާލަކީ، މޯލްޑިވްސް ބިޒްނަސް ސްޓޭންޑަޑްގެ ޝައުފާވެސް ކުރި ސުވާލާ ގުޅުންހުރި ސުވާލެއް. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެބައޮތް ޕެޓިޝަނެއް ހުށަހަޅާފައި ރައްޔިތުންގެ މަޖިލީހަށް. އަލަށް ރިޒޯޓްތައް ހުޅުވިގެން އަންނައިރުގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މިހާރު 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާފައި އޮތް ރޭޝިއޯއާ އެއްގޮތަށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ނިސްބަތް، ދިވެހި، ބިދޭސީ މަސައްކަތްތެރިންގެ ނިސްބަތް ކަށަވަރު ކުރުމަށާއި، އަދި މިހާރު މި ގެއްލިފައިވާ ވަޒީފާތަކަށް ދިވެހިން ނެގުމުގައި އިސްކަންދިނުމަށް.

ދެން މިއަދު އެ ކޮމިޓީއަށް ވަޑައިގަންނަވައިގެން، ޕެޓިޝަން ކޮމިޓީއަށް ވަޑައިގަންނަވައިގެން، ޓޫރިޒަމް މިނިސްޓަރ ދެއްކެވީ އަނެއްކާވެސް ބޮޑު ވިޔަފާރީގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭކަހަލަ ވާހަކައެއް. ޚާއްޞަގޮތެއްގައި ލުއިތަކެއްދޭ ވާހަކަ. މިގޮތަށް ރޭޝިއޯ ބަދަލުކުރާއިރުވެސް. ޙަޤީޤަތުގައި މިވަގުތުވެސް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވިފައި އޮތް އިޞްލާޙުތަކާ ގުޅިގެންވެސް މަސައްކަތްތެރިންގެ، ޚާއްޞަގޮތެއްގައި 21 ވަނަ މާއްދާއަށާއި، އަދި ސިކްލީވާއި، އޯފްޑޭޒާ ގުޅޭގޮތުން މި ގެނެވިފައި އޮތް ބަދަލުތަކަށް ވަރަށް ބޮޑެތި ޝަކުވާތަކެއް ހުރިއިރުގައި، ދިވެހިންގެ ވަޒީފާގެ މަޞްލަޙަތު ކަށަވަރުނުކޮށް، މިކަހަލަ ލުއިތަކެއް ދިނުމުގެ ކަންތައްތައް ކުރުމުގެ ވާހަކަ ދެކެވޭއިރުގައި، އެއްވެސްކަހަލަ ޕްލޭނެއް އެބައޮތްތޯ، ސަރުކާރުގެ، ތިޔަ ވިދާޅުވިގޮތަށް، ރޭޝިއޯ ބަދަލުކުރުމަށް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތަމްރީނު ކުރެވިގެން، ޤާނޫނެއްގެ ތެރެއިން އެކަންތައްތައް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހޭނެތޯ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިހާރުވެސް ޓޫރިޒަމްގެ ޤާނޫނުގައި އޮންނަ ރޭޝިއޯއެއް އެއީ. 45، 65. އެއްވެސް ސަރުކާރަކުން މިހާތަނަށް އައިއިރުގައި، އެކަން ތަންފީޒު ކުރޭތޯއެއް ބަލަމުންނެއް ނުދޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރު އައުމާއެކީގައި، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ އިސްނެންގެވުމާއެކުގައި ވަރަށްބުރަ މަސައްކަތެއްކޮށް، މި އަހަރުގެ ޖަނަވަރީއާ ހިސާބަށް، މިދިޔަ ޖަނަވަރީއާ ހިސާބަށް އެބައޮތް ދަފްތަރެއް އެކުލަވައިލާފައި. އޭގައި އެނގެން އެބައޮތް، އެއީ ކޮންމެ ރަށެއްގައި، ކޮންމެ ރިޒޯޓެއްގައި ތިބި މުވައްޒަފުންގެ ޢަދަދާއި، އޭގެ ރޭޝިއޯއާ ހުރިހާ އެއްޗެއް. އެގޮތުން، ބަލާއިރުގައި ގިނަ ރިޒޯޓްތަކުގައި އެ ޙާޞިލުވެފައި ހުރީ. މަދު ރިޒޯޓެއް ފިޔަވައި އެވްރެޖްކޮށް 46 ޕަސެންޓް، 47 ޕަސެންޓްގައި ދިވެހިން ވަޒީފާ އަދާކުރާ ކަމަށް އެ ރިޕޯޓުގައި ދައްކާ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މީގެކުރިންވެސް ދެންނެވި ފަދައިން، އެއީ ޓޫރިޒަމް ސެކްޓަރއާ އެކީގައި މަޝްވަރާކޮށްގެން، އެ ޢަދަދު 51 ޕަސެންޓަށް ބަދަލުކުރުމުގެ މަސައްކަތް. އެއާއެކުގައި، ދައުރު ނިމޭއިރުގައި، އެ ޢަދަދު 60 އިން މައްޗަށް ގެންދެވޭނެ. މިކަން ކުރެވޭނީ ހަމަ މިކަމަށް ޓްރެއިން ކޮށްފައި ތިބި މީހުންވެސް ހޯދައިގެން. އެކަމަށް އެބަޖެހޭ އަޅުގަނޑުމެން މަސައްކަތް ކުރަން.

އިހަށްދުވަހު އަޅުގަނޑުމެން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވި ވާހަކައެއް. ޓޫރިޒަމް ސެކްޓަރގެ ވަކިކަހަލަ މަޤާމުތަކަކަށް ޓްރެއިން ކުރަންވެގެން ހުވަދޫއާއި ފުވައްމުލަކަށް ހުޅުވާލި ކޯސްތަކެއްގެ ވާހަކަ. އެ ކޯސްތަކަށް 100 އަށްވުރެ ގިނަ މީހުން ޓްރެއިން ކުރަމޭ. 5 ފަރާތެކޭ ކުރިމަތިލީ. އެންމެ 5 މީހުންނޭ ކުރިމަތިލީ. ކައުންސިލްތަކާވެސް ތިމަންނާމެން ވާހަކަ ދެއްކީމޭ. އެއީ ތެދެއް ކަމަށްވަންޏާ، ދެން އަޅުގަނޑަކަށް ނޭނގެ މީގައި ދައްކާނެ ވާހަކައެއް.

އެހެންވީމާ، އަޅުގަނޑުމެން އަދި މަސައްކަތް ކުރާނަން. ވިލިނގިލީގައި އަޅުގަނޑު ހިތުން އެ ކޯސް ހިންގަން ފަށްޓަން އޮތީ. އެހެންނަމަވެސް، މި ދެންނެވިހެން ކުދިން މަދުވެގެން އެކަން އޮތީ މިހާރު މަޑުޖެހިފައި. އެކަމަކު އެއަށް ބަދަލުތަކެއް ގެނެސް، އޭގައި އެ ދިމާވަނީ ކޮންކަމެއްތޯ އަޅުގަނޑުމެން އެބަޖެހޭ ބަލަން. ވަޒީފާއަށް ދިވެހި ޒުވާނުން ނުނުކުންނަނީތޯ، ނޫނީވިއްޔާ ވަޒީފާ ނެތީތޯ، އެބަޖެހޭ ބަލަން.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ތަނުގައި މި ޓްރެއިނިންގތައް ކުރިއަށް ގެންދާނަން.

ޒަހީނާ ރަޝީދު - އަލްޖަޒީރާ އިންގްލިޝް:

އަޅުގަނޑު އަޞްލު ކުރަން ބޭނުންވާ ސުވާލަކީ، ރިޟްވާނުގެ ތަޙްޤީޤާ ގުޅިގެން އިއްޔެ ފެތުރުނު ޚަބަރާ ބެހޭގޮތުން އިނގޭތޯ. ރިޟްވާނުގެ ޢާއިލާއާއި، ދެން ހެޔޮއެދޭ އިތުރު ފަރާތްތަކުގެވެސް އެންމެބޮޑު ކޮންސަރންއެއް ނުވަތަ ބިރުވެރިކަމަކީ މިހާރު އެ މައްސަލަ، ނޫނީ އެ ތަޙުޤީޤު، އެކަމުގައި ހިމެނޭ އެއްވެސް މީހަކު ކޯޓުގެ މަރުޙަލާއަށް ނުގޮސް، ތަޙުޤީޤު ނިންމާލާފާނެތީ އިނގޭތޯ.

ދެން ކޮބައިތޯ މިކަމުގައި ހިމެނޭ މީހުން ޝަރީޢަތާ ހަމަޔަށް ގެންދެވޭނެކަމުގެ ޔަޤީންކަން މަނިކުފާނު ދެއްވާނީ ކިހާވަރަކަށްތޯ؟

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އިތުރު 5 ލައްކަ ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ވިދާޅުވަނީ، އެއީ ކޮން އަސާސަކަށް ބިނާކޮށްފައިތޯ؟ އަޅުގަނޑު މިހެން މި ސުވާލު މި ކުރަނީ، ކޯވިޑްގެ ދެވަނަ ވޭވެއް ނޮދަން ހެމިސްފިއަރ އަށް ވިންޓަރގައި އައިސްފާނެކަމުގެ ބިރުވެރިކަން އޮތީމާ. ދެން އަދި އޭގެއިތުރުން، އެ އަންދާޒާ ކުރެވޭވަރަށް ޓޫރިސްޓުން ނައިސްފިނަމަ، ކޮބައިތޯ ވަރސްޓް ކޭސް ސިނާރީއޯއަކީ؟ އަދި ސަރުކާރުން އެ ވަރސްޓް ކޭސް ސިނާރީއޯއަށް ތައްޔާރުވުމަށް ކުރާ ކަންތައްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އަޅުގަނޑުމެން އުފައްދައި، ވަރަށް ހެޔޮ ނިޔަތުގައި، ޙަޤީޤަތުގައިވެސް މި ދަންނަވަނީ ވަރަށް ހެޔޮނިޔަތުގައި އަޅުގަނޑު ކުރަން ފެށި މަސައްކަތެއް. އެ މަސައްކަތް ފަށައިގެން، ތިޔަ ވިދާޅުވާހެން ރިޟްވާނުގެ މައްސަލައަށް އިސްކަމެއްދީގެން ބެލުނު. ރިޟްވާނުގެ މައްސަލައާއި، ޑޮކްޓަރ އަފްރާޝީމުގެ މައްސަލައާއި، ޔާމީން ރަޝީދުގެ މައްސަލަ އަދި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މައްސަލަ.

އޭގެއިތުރުންވެސް 28 މައްސަލައެއް ކޮމިޝަނުން ބަލަން ފެށި. އޭގެތެރެއިން ދެ މައްސަލައެއް މުޅިން ނިންމާލެވުނު ކަމަށް އެ ކޮމިޝަނުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. 9 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ރިޕޯޓް ލިޔުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވަނީ. އެގޮތުން، ފުރަތަމަ ކަމަކަށް ޑޮކްޓަރ އަފްރާޝީމުގެ މައްސަލައިގެ ފައިނަލް ރިޕޯޓް ތައްޔާރުކުރި. ކޮށްފައި އޭގެއިތުރަށް، ދަޢުވާކުރަން ފޮނުވަންޖެހޭ މީހުންގެ ނަންތަކެއް ފާހަގަކޮށް، ޕީ.ޖީ އޮފީހަށް ފޮނުވުނު. އެހެންނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލަށް އެވަގުތު ފެނިވަޑައިގަތީ، ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމަށް އަދި އިތުރު މަޢުލޫމާތު ބޭނުންވާކަމަށް. އެހެންކަމުން، އިތުރަށް ތަޙުޤީޤު ކުރަން ފެންނަ ކަމަށް. އެހެންވީމާ، އެއާ ގުޅިގެން އިތުރު ތަޙުޤީޤުތަކެއް ފެށްޓުނީ ހަމަ އެ ކޮމިޝަނާއި ޕޮލިހުގެ ތަޙުޤީޤު ކޮމިޓީއާ އެކީގައި. އެހެންވީމާ، އެ އަދި ނުނިމިއޮތީ.

ރިޟްވާނު މައްސަލައިގެ ފުރަތަމަ ޑްރާފްޓް ރިޕޯޓެއް ތައްޔާރުކޮށް، އަޅުގަނޑާ ހިސާބަށް ގެނައި. ދެން އެއާ ގުޅިގެން ތިޔަ ވިދާޅުވާހެން ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ހޯދަން އެދުމުން، ސިޓީއެއް ފޮނުވި. ފޮނުވާފައި އޮތް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ އިނގޭތޯ. އެ ސިޓީގައި ރިޟްވާނުގެ މައްސަލައާ ބެހޭގޮތުން ވިދާޅުވެފައި މިއޮތީ، [އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓް ޢާންމުވުމާ ގުޅިގެން ކޮމިޝަނަށް ހެކިބަސްދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސް ދިނުމަށް އިންކާރުކޮށްފައިވާތީ، އެކަން ކޮމިޝަނުން ފާހަގަކުރަމެވެ.] އަދި ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުން ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އޮތްކަން ފެންނަފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓްތަކުން ފެންނާތީ، މިކަމުގެ ސަބަބުން، ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާ މެދުގައި ޢާންމުން ދެކޭގޮތް ބަދަލުވެގެންދާކަންވެސް ތިމަންނާމެންނަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ތަޙުޤީޤު ކުރިއަށްގެންދާ ވާހަކަ އެބައޮތް.

އެހެންވީމާ، އަޅުގަނޑުގެ ހުރިހާވެސް މަސައްކަތަކީ، އުއްމީދަކީ، އަޅުގަނޑު ބޭނުންވަނީ އިނގޭތޯ އިރާދަކުރެއްވިއްޔާ، މިކަމުގައި ޝާމިލުވާ މީހުން ހޯދައި އަވަހަށް ޝަރީޢަތުގެ ކުރިމައްޗަށް ގެންދިޔުން. އެ މަސައްކަތުގައި އަޅުގަނޑު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މިއަދުވެސް ތިޔަބޭފުޅުންނަށް އަރުވަން އިނގޭތޯ.

ދެން އޭގެއިތުރުން، ޔާމީން ރަޝީދުގެ މައްސަލަވެސް އެބައޮތް. އެއީވެސް ހަމަ އެހާ މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން ބަލަމުން އައީ. ޔާމީން ރަޝީދުގެ މައްސަލައިގައި ބުނެފައި މިއޮތީ، މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކަށް ދަޢުވާކޮށް، ޝަރީޢަތް ކުރަމުންދާތީ، ޝަރީޢަތާމެދު ސުވާލު އުފައްދަފާނެތީ، މައްސަލައާ ގުޅިގެން ކުރަންޖެހޭ މަސައްކަތް މަޑުޖައްސާލާފައި އޮތް ކަމަށް. ނަމަވެސް ޔާމީން ރަޝީދުގެ މައްސަލައިގެ ޝަރީޢަތް ލަސްވަމުންދާތީ، އެކަމާ ކޮމިޝަނުން ކަންބޮޑުވާ ކަމަށް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ޔާމީން ރަޝީދުގެ މައްސަލަ ތަޙުޤީޤުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް ހުށަހަޅައި، މައްސަލަ އޭރު ކުރިއަށްދަނީ. އެހެންކަމާއެކީގައި، މި އުފެއްދި ކޮމިޝަނުން އެ މައްސަލަ އިހަށް މަޑުޖައްސާލާފައި އޮތް ވާހަކަ އެއޮތީ. އެކަމަކު ތަޙުޤީޤު ކުރެވިފައި އޮތީ އިނގޭތޯ. ފައިނަލް ރިޕޯޓް ތައްޔާރުނުކޮށް އެއޮތީ، އެ މައްސަލައިގައި ކޯޓުން ވަކިގޮތަކަށް ނިމެންދެން.

އެހެންވީމާ، ރިޟްވާނުގެ މައްސަލައިގައި މިހާރު ގޮސްފައި އޮތް ހިސާބަކީ މިދެންނެވީ. އެއާ ބެހޭގޮތުން ކޮމިޝަނުން އަތޮޅުތެރެއަށް ކުރަންޖެހޭ ބައެއް ދަތުރުތަކާއި، ސުވާލުކުރަންޖެހޭ ބައެއް ފަރާތްތަކާ ސުވާލުކުރުން މަޑުޖެހިފައިވަނީ ކޯވިޑާ ގުޅިގެންނޭ. އެހެންނަމަވެސް، އަނެއްކާވެސް އޭގެ މަސައްކަތް ފަށައި، ނިމުމަކާ ހިސާބަށް ގެންދާނަމޭ. އަޅުގަނޑު މިއަދުވެސް ޗެކްކުރިން، މި މަސައްކަތްތައް ނިންމާލެވޭނީ ކިހާތާކުތޯ. އަޅުގަނޑަށް ލިބުނު ޖަވާބަކީ، އޮގަސްޓުގެ ނިޔަލަށް މީގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ދެކޭކަމަށް.

އެހެންވީމާ، އަޅުގަނޑު ބުރާސްފަތި ދުވަހު އަނެއްކާވެސް ކޮމިޝަނާ ބައްދަލުކޮށްފައި، މި މަސައްކަތް އަވަސްކުރުމަށް އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނަން. އެއްވެސް ހާލެއްގައި މީގައި ތުހުމަތު ކުރެވޭ، ނޫނީ ޝަރީޢަތަށް ފޮނުވަންޖެހޭ އެއްވެސް މީހެއްގެ މައްސަލައެއް މަޑުޖައްސާފައި، ވަކިމީހަކަށްވެގެން އެކަން ނުކޮށް އަޅުގަނޑު ދުލެއްނުކޮށްލާނަން.

ޝިފްޒާން އަޙްމަދު - ދިޔަރެސް:

ރައީސް ވިދާޅުވެއްޖެ، 900 މިލިއަން ޑޮލަރާއި 1 ބިލިއަން ޑޮލަރާ ދޭތެރޭގެ ޢަދަދަކަށް ފައިސާ އެބަ ބޭނުންވެއޭ. އަޅުގަނޑުމެން އެކަން، އިޤްތިޞާދު ރަނގަޅަށް ހަމަޖައްސާލައިގެން ކުރިއަށް ގެންދިޔުމަށްޓަކައި. އަޅުގަނޑުމެންނަށް މި ފާއިތުވި ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ފާހަގަވެގެން މިދިޔައީ، އަޅުގަނޑުމެން ދިވެހިރާއްޖެއިންވެސް އެ ބޭންކެއް އުފެއްދުމުގައި ފައުންޑަރެއްގެ ގޮތުގައި ބައިވެރިވި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން ވަރަށްބޮޑެތި ޢަދަދުތަކުގެ ލޯނުތައް އަވަށްޓެރި އިންޑިއާއަށް، ލަންކާއަށް، ބަންގްލަދޭޝަށް އަދި ޕާކިސްތާނަށްވެސް ދިންތަން. ޕާކިސްތާނަށް 500 މިލިއަން ޑޮލަރު. އިންޑިއާއަށް އެންމެ ފުރަތަމަ 500 ފަހުން 700 މިލިއަން ޑޮލަރު. އިންޑޮނީޝިއާއަށް 1 ބިލިއަން ޑޮލަރުދީފި.

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެންވެސް މާލީ މުއައްސަސާތައް މެދުވެރިކޮށް، މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރުގައި، މިދިމާލުން އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް ނުލިބި، އަޅުގަނޑުމެންނަށް މާލީ އެއްވެސް އެހީތެރިކަމެއް އަދި ނުލިބި އޮތީ ކީއްވެގެންތޯ؟ އަދި އަޅުގަނޑުމެން އެކޮޅުން ހޯދަން އުޅެނީ ކިހާ މިންވަރެއްގެ ފައިސާއެއްތޯ؟ އަދި އެންމެފަހުން ރައީސް އަޅުގަނޑުމެންނާ ބައްދަލުކުރެއްވި ދުވަހު ވިދާޅުވި، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންއަށް ރައީސް ސިޓީފުޅެއް ފޮނުއްވި ވާހަކަ. ސިޓީފުޅުގެ ޖަވާބު މިހާރު ލިބިވަޑައިގެންފިތޯ؟ އަދި ޖަވާބުގައި އޮތީ ކޯއްޗެއްތޯ؟ ޝުކުރިއްޔާ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެކަމާ ގުޅިގެން އެމްބެސެޑަރ އަޅުގަނޑާ ބައްދަލުކުރެއްވި އިނގޭތޯ. ބައްދަލުކޮށްފައި ދެއްކެވި ވާހަކަ އަޅުގަނޑު މި ދެންނެވީ. ޗައިނާ ސަރުކާރަށް އަޅުގަނޑު ފޮނުވި ސިޓީގެ ރަސްމީ ޖަވާބެއް، ލިޔުމުގެ ސިފައިގައި ލިބިފައި އޮތް ކަމަކަށް އަޅުގަނޑުގެ ހަނދާނަކު ނެތް އިނގޭތޯ. އެހެންނަމަވެސް، އެމްބެސެޑަރާ އޭގެފަހުން ތިންފަހަރު އެކަމާ ގުޅިގެން މަޝްވަރާ ކުރެވި، ކުރިއަށް ގެންދާނެގޮތުގެ ވާހަކަ ވިދާޅުވި.

އޭ.ޑީ.ބީ.ގެ ވާހަކަ އަޅުގަނޑު ބަލައިލާނަން އިނގޭތޯ. އަޅުގަނޑުގެ ނޯޓްތެރެއަކު ނެތް. އެހެންވީމާ، ހޯދާލާފައި އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނަން އިނގޭތޯ.

ޒަހީނާ ރަޝީދު - އަލްޖަޒީރާ އިންގްލިޝް:

އަޅުގަނޑުގެ ސުވާލަކީ، އަޞްލު އަޅުގަނޑުމެންގެ ބިރަކީ މިހާރު ޕީ.ޖީ އޮފީހުންވެސް ރިޟްވާނުގެ މައްސަލައިގެ ހެތްކެއް ނެތޭ، ކޮމިޝަނުންވެސް ކުރިއަށް ނުގެންދެވި. ދެން އެ މައްސަލަ އެގޮތަށް މަޑުޖެހުން، އެއްވެސް މީހަކު ކޯޓަށް ނުގެންގޮސް. ރައީސް ކޮމިޝަނަށް އަންގަފާނަންތޯ، އެ ޙާލަތުގައި މަސައްކަތް ރެޕަޕްކޮށްލަން، ނޫނީ ހުއްޓާލަން، ނޫނީ އިންވެސްޓިގޭޝަން، ކޮމިޝަންގެ މަސައްކަތް ހުއްޓާލަން އަންގާފާނަންތޯ އެކަހަލަ ޙާލަތެއްގައި.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އެއްކަލަ 5 ލައްކަ މީހުން ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާކުރާ އަންދާޒާ ކުރުން އެއީ ކޮން އަސާސަކަށް ބިނާކޮށްފައިތޯ. ދެން ވަރސްޓް ކޭސް ސިނާރީއޯއަކީ، އިޤްތިޞާދީ ވަރސްޓް ކޭސް ސިނާރީއޯއަކީ ކޮބައިތޯ؟ އަދި އެއަށް ތައްޔާރުވާން ކޮން މަސައްކަތްތަކެއްތޯ ކުރެވެނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ކޮމިޝަނުގެ މަސައްކަތް، މީގައި ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދަން އަޅުގަނޑު ދަންނަވާނަން އިނގޭތޯ. އަޅުގަނޑު ހިތުން އޭގައި އަޅުގަނޑުމެންނަށް ހޯދޭނެ އިނގޭތޯ، އެ މަސައްކަތް ކުރެވިއްޖިއްޔާ. މަސައްކަތް ކުރެވޭނެ. ދެން މިއަށް ބޭނުންވަނީ، އެއީ ހަމަ ފެސިލިޓީޒް ބޭނުންވާނެ. ދެން ކޮމިޝަނަށް އަޅުގަނޑު ގަސްދެއްނުކުރަން، ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އިތުރަކަށް ދެން މީހުން ޢައްޔަނުކުރާކަށެއް. އެހެން ވެއްޖިއްޔާ އަނެއްކާވެސް އިތުރު ފެށުމަކުން ފަށަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އެހެންވީމާ، މިހާރުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައި އޮތީމާ، އެކަން ކޮންޓިނިއުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑު އެދޭނީ އިނގޭތޯ.

ދެން 5 ލައްކަ މީހުން ރާއްޖެއަށް އަންނާނެ ކަމަށް އަޅުގަނޑު މި ބެލީ، ހައި ސީޒަނުގައި ރާއްޖެއަށް އެވްރެޖްކޮށް އެބައާދޭ، މަހެއްގެ މައްޗަށް ދެލައްކައެއްހާ ޓޫރިސްޓުން. އޭގެ ޕަސެންޓޭޖަށް އަޅުގަނޑު ބަލާފައި، އޭގެ ޓުވެންޓީ، ތަރޓީ ޕަސެންޓް އަންނާނެ ކަމަށް އަޅުގަނޑު މި ބަލަނީ އިނގޭތޯ.

ދެން ވަރސްޓް ކޭސް ސިނާރީއޯގައި އޮންނާނީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރުން. ކޮށްފައި ޑައިވަސިފައި ކުރުން އިޤްތިޞާދު. ކޮށްގެން އެހެން ގޮތްގޮތުން ފައިސާ ލިބޭނެ ގޮތްތައް ހޯދުން. އެއީ ޚަރަދުތައް ކުޑަކުރުން، އެންމެ މުހިއްމު އެއްކަމަކަށްވާނީ އިނގޭތޯ.

ނާޒިމް ޙަސަން - އަވަސް އޮންލައިން:

އަޅުގަނޑު ސުވާލުކޮށްލަން ބޭނުމީ، ސިޔާސީ މަޝްރޫޢުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން. އަޅުގަނޑުމެންނަށް އެބަ ފެނޭ، މިނިސްޓަރުން ޖަވާބުދާރީކުރުވާއިރުވެސް ކޯލިޝަނާމެދު ނުތަނަވަސްކަމެއް އުފެދޭފަދަ ވާހަކަތަކެއް އެބަ ދެކެވޭ. ދެން މަނިކުފާނުވެސް ކައިރި މުސްތަޤްބަލެއްގައި ނުވޭ، މި ލީޑަރުންނާ ބައްދަލުކުރައްވާފައެއް. އެކިއެކި ތާރީޚުތައްވެސް މަނިކުފާނު ދެއްވާފައިވޭ. އެހެންނަމަވެސް، ބައްދަލުވުމަކާ ހަމަޔަށް ގޮސްފައެއްނުވޭ.

ދެން ހައުސިންގ މިނިސްޓްރީ އުވާލުމުގެ ކަންތައްތައް ވެގެންދިޔަގޮތުންވެސް އެބަ ބެލެވޭ، ކޯލިޝަން ރޫޅުމާ ކައިރިއަށްދާކަމަށް. ނޫނީވިއްޔާ މަގުމަތީގައި އުޅޭކަމަށް. ކޮބައިތޯ މަނިކުފާނު ދެކޭގޮތަކީ؟ ކޯލިޝަން ރޫޅެނީތޯ، ނުވަތަ ކޯލިޝަންގެ މުސްތަޤްބަލަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން، ކޯލިޝަން ދެމިއޮންނާނެ އިނގޭތޯ. ރައްޔިތުން އިންތިޚާބުކުރީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި. އިރާދަކުރެއްވިއްޔާ ކޯލިޝަން ދަމަހައްޓައި، ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަދި މި ސަރުކާރު ދެމިއޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި.

ހައުސިންގ މިނިސްޓްރީ އަޅުގަނޑު އުވާލީ، މަޝްވަރާ ކުރުމަށްފަހުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ގާތްގަނޑަކަށް އެއް މަސައްކަތްތަކެއް، ހައުސިންގ މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީތެރޭގައި ކުރަމުން މިގެންދަނީ. އޭގެތެރެއިން ހައުސިންގގެ ބޮޑުބައި ކުރަމުން މިގެންދަނީ އެޗް.ޑީ.ސީ. އިންނާއި އަދި އެފް.ޑީ.ސީ ކިޔާ ކުންފުންޏެއްގެ ތެރެއިން. ދެން ހަމައެކަނި ޕްލޭނިންގގެ މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީގެ ތެރޭގައި މިއޮތީ. އެހެންވީމާ، އެއީ މި މަސައްކަތް ހަލުވިކުރުމަށްޓަކައި ކުރަން ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ފެނުނީ.

މި ފުރުޞަތުގައި ހަމަ އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެން، ޢާޠިފާ ކޮށްދެއްވި ހަމަ އިޚްލާޞްތެރި މަސައްކަތަށް އަޅުގަނޑުގެ ނަމުގައި ޢާޠިފާއަށާއި، އެމް.އާރް.އެމް އަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ކޯލިޝަންތެރޭގައި ޕާޓީތަކުގެ ޙިއްޞާ އަޅުގަނޑު ދަމަހައްޓައިދޭނަން. އެހެންވީމާ، މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނީ އެގޮތަށް.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

މިވަގުތުކޮޅު ތިޔަބޭފުޅުން ތިޔަ ކުރެއްވި ގިނަ ސުވާލުތަކަށް އަޅުގަނޑަށް ޖަވާބު ދެވިއްޖެ ކަމުގައި އަޅުގަނޑު ޔަޤީންކުރަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އަދިވެސް ތިޔަބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރާނަން. ދެން އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދަތި އުނދަގޫ ދުވަސްތަކުގައި ހުރިހާ ބޭފުޅުންވެސް އެކަމަށް ވިސްނާވަޑައިގެން، ޢާންމު ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުން.

އަދި ހަމައެއާއެކީގައި، ކޯވިޑުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ޑޮކްޓަރުން އެ ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުން. ޒަހީނާ ދެންމެ އެ ވިދާޅުވިފަދައިން، އަދިވެސް ދުނިޔެއިން މި ކޯވިޑް ފިލައިގެންދިޔައީކީނޫން. އަދި ދެވަނަ ވޭވެއް ނޮދަން ހެމިސްފިއަރ އަށް އައުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ވިދާޅުވީ. ހަމަގައިމުވެސް ދުނިޔޭގައި މި ބަލި އުޅޭކަމަށްވަންޏާ ރާއްޖެއަށް އަބަދުވެސް އައުމުގެ ފުރުޞަތު އޮންނާނެ. އަޅުގަނޑުމެންނަކަށް އަބަދަކު އަޅުގަނޑުމެންގެ ބޯޑަރުތައް ބަންދުކޮށްގެނެއް ނުތިބެވޭނެ.

އެހެންވީމާ، ބޯޑަރުތައް ހުޅުވާލުމާއެކީގައި، މި ފުރުޞަތު އޮންނާނެ އަބަދުވެސް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިކަމަށް ފަރުވާދިނުމަށް، މި ބަލީގައި ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް އިރާދަކުރެއްވިއްޔާ މިއަދުވަނީ ޤާއިމުކުރެވިފައި.

ދެން އޮތީ އާ ނޯމަލްގައި، ނިއު ނޯމަލްގައި އަޅުގަނޑުމެން ދިރިއުޅެން ދަސްކޮށް، އަޅުގަނޑުމެންގެ މަސައްކަތާއިގެން ކުރިއަށްދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.