ސިފައިންނާއި ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް އަދި މި ދެ މުއައްސަސާގައި އިޞްލާޙްކޮށް، ބަދަލުގެންނަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ރައްޔިތުންނަށް މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ފުރަބަންދުގެ ޙާލަތައް ލުއި ދިނުމަށްފަހު ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ކޮންމެ ބައެއްގެ ތެރޭގައިވެސް އިޞްލާޙްކޮށް ރަނގަޅުކުރަންޖެހޭ ކަންތައް އަބަދުވެސް ހުންނާނެކަމާ މެދު ޝައްކެއް ނުކުރައްވާކަމަށާއި، އެހެންނަމަވެސް ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން، މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އިޞްލާޙް ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫންކަމުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި، އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފްރަތާއި ބައިބައިވުންކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންނާއި ފުލުހުންނަކީ، ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި، އޭގެ އިތުރުން މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްޢޫލިއްޔަތުތަކެއް އަދާކުރަމުން އަންނަ ދެ މުއައްސަސާކަން ފާހަގަކުރައްވާ އެ ބޭފުޅުންގެ ބުރަ މަސައްކަތްތަކަކީ އަގުނުކުރެވޭނެ މަސައްކަތްތަކެއްކަމުގައިވެސް ސިފަކުރައްވާފައެވެ.