بســم اللّـه الرّحمـن الرّحيــم

ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަށް ހީވަނީ ދިހަ މިލިޔަން ރުފިޔާއަކީ، ހަމަ ޙަޤީޤަތުގައިވެސް އެކަށީގެންވާ ޢަދަދެއްހެން. އަދި ރަޝީދު އިތުރަށް ބޮޑުކޮށްދެއްވަންޏާ، ހައްތަހާ އަޅުގަނޑަށް މިފެންނަނީ، މިދަނީ ރަނގަޅުވަމުންނޭ.

މި ސަރުކާރުގެ އަންހެނުންނާ ގުޅޭ ވަރަށް ސާފު ސިޔާސަތެއް އޮވޭ. އަދި އެ ސިޔާސަތަކީ، އަޅުގަނޑުމެން ސަރުކާރު އެކުލަވާލުމުގެ ކުރީގައި، ސަރުކާރެއް އުފެއްދުމުގެ ކުރީގައި، ކުރިއަށް ރައްޔިތުންނަށް ހާމަކޮށްދީ، މަޢްލޫމާތު ފޯރުކޮށްދީ، މިއީއޭ އަޅުގަނޑުމެން އުފައްދާ ސަރުކާރެއްގެ އަންހެނުންގެ ސިޔާސަތަކަށްވާނީ، އެހެން ބުނެ ކަނޑައަޅާފައިވާ ސިޔާސަތެއް. އޭގައި މިވަނީ، އަންހެނުންނަކީ އަންހެނަކަށްވީތީ ވަކި ޚާއްޞަ ތަފާތުތަކެއް ބޭނުން ކަމަށް ސަރުކާރުން ދެކި، ދެން ސަރުކާރުގައިވާ އެހެން ހުރިހާ ސިޔާސަތެއް ތަރުތީބު ކުރުން. މި ސަރުކާރުގެ އަންހެނުންނާ ގުޅޭ ސިޔާސަތަކީ، އަންހެނަކަށްވީތީވެ، ވަކި ޚާއްޞަ ކަންތައްތަކެއް ބޭނުންކަމަށް އަޅުގަނޑުމެން ދެކި، ދެން ސަރުކާރުގައިވާ އެހެން ހުރިހާ ސިޔާސަތެއް އެމަގަށް ތަރުތީބު ކުރުން.

އަޅުގަނޑުމެން ކުރިއަށް މިގެންދަނީ މިދެންނެވި ސިޔާސަތު. އަޅުގަނޑުމެންގެ މި ސަރުކާރަކު ނުހިމެނޭ އަންހެނުންނާބެހޭ ޚާއްޞަ މިނިސްޓްރީއެއް. ނުހިމެނެނީ މިދެންނެވި ސަބަބަށްޓަކައި. އަޅުގަނޑުމެންގެ ނަޒަރުގައި ހުރިހާ މިނިސްޓްރީއަކީވެސް، އަންހެނުންގެ މިނިސްޓްރީ. އަންހެނުންނާބެހޭ މިނިސްޓްރީ. އަޅުގަނޑުމެންގެ ނަޒަރުގައި އަންހެނަކަށްވީތީވެ، ވަކި ޚާއްޞަ ކަންތައްތަކެއް އެބަ ފަހިކޮށްދޭންޖެހޭ. އެކަން ފަހިކޮށްދޭންޖެހެނީ ހުރިހާ މިނިސްޓްރީއެއްގައި.

ޙަޤީޤަތުގައި ސަރުކާރު ހިނގާ ގޮތަށް އަޅުގަނޑުމެން ބަލައިލައިފިނަމަ، ނުވަތަ އެއްވެސް ސަރުކާރެއް ހިނގާ ގޮތަށް ބަލައިލައިފިނަމަ، އަންހެނުންނާ ގުޅޭ މިނިސްޓްރީއެއް ހުރުމުން، އޭގެ ސަބަބުން އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަކަށެއް ނުވިސްނޭ، އެއީ މުޅި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާބެހޭ މިނިސްޓްރީއަކަށް ނުވާނަމަ، އެމިނިސްޓްރީގެ މާބޮޑު ދައުރެއް. އެހެންވީމާ، އަޅުގަނޑުމެން ސިޔާސަތު އެކުލަވާލަމުން އައިއިރުގައި، އަޅުގަނޑުމެން ދުށީ ވަކި ޚާއްޞަ މިނިސްޓްރީއެއް ހުރުމަށްވުރެ މުހިންމީ، ހުރިހާ މިނިސްޓްރީއެއްގެވެސް މަސައްކަތް ކުރާއިރުގައި އެމަސައްކަތްތައް ތަރުތީބުވެގެން، އެމިނިސްޓްރީތަކުގެ ސިޔާސަތުތައް އެކުލަވާލެވިފައި އޮންނަނީ، އަންހެނުންނަށް ކަންކަން ފަހިވާގޮތަށް އޮންނަ ސިޔާސަތުތަކެއްގެ ގޮތުގައި ކަމަށް ހެދުން ކަމަށް.

އެގޮތުން، މިއަދު އަޅުގަނޑުމެންނަށް މިތަނުގައި ރަޝީދު ހުޅުއްވައިދެއްވައިފި، މިސާލަކަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ފަންޑެއް. ރަޝީދު ވިދާޅުވެދެއްވައިފި، އެ ފަންޑުގެ ބޭނުމަކީ އަންހެން ބޭފުޅުން އޮންޓަރޕްރިނިއަރޝިޕަށް ނުވަތަ ވިޔަފާރީގެ ހުނަރުގެ ތެރެއަށް ނެރުމޭ. އަދި އަންހެން ބޭފުޅުންނަށް ވިޔަފާރި ކުރެވޭނޭ މަގުތައް ފަހިކޮށްދިނުމޭ، ފުޅާކޮށްދިނުމޭ.

ޙަޤީޤަތުގައި އަޅުގަނޑުގެ ނަޒަރުގައި އަންހެނުންނާ ގުޅޭ ވަރަށް މުހިންމު ކަންތައްތަކެއް ހުރޭ. ކުނިކޮށީގައި ވަށައިގެން ފާރު ނެތިއްޖެނަމަ، އެއިން އެންމެ އުނދަގޫވަނީ އަންހެންމީހާއަށް ކަމަށް ބެލެވޭ. ހޮސްޕިޓަލްގައި ރަނގަޅު ޚިދްމަތެއް ނުދެވިއްޖެނަމަ، އެއިން އެންމެ އުނދަގޫވަނީ އަންހެންމީހާއަށް ކަމަށް އަޅުގަނޑުމެންނަށް އެބަ ބެލެވޭ. މާލޭގެ މަގުތަކުގެ އަމާންކަން ނުލިބުނީމާ، އެއިން އެންމެ އުނދަގޫވަނީ އަންހެންމީހާއަށް ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ. ޙަޤީޤަތުގައި ކޮންމެ ކަމެއް ގޯހަށް ހިނގީމާ، އެންމެ ފުރަތަމަ ބުރަ އުފުލާން މިޖެހެނީ އަންހެންމީހާއަށް. އެ އަންހެން މީހާއަށް އެންމެ ފުރަތަމަ ބުރަ އުފުލަން މިޖެހެނީ، އަންހެނާ އެއީ، މުޖްތަމަޢުގައި އެމަގާމުގައި އަޅުގަނޑުގެ ނަޒަރުގައި ބަހައްޓާފައި ހުރި މީހެއްކަމުން.

އަޅުގަނޑުމެން މިދެކޭ ދެކުމުގައި، އެއަންހެން މީހާއަށް ޚާއްޞަ ނިވާފަތްގަނޑުތަކެއް، ފުރްޞަތުތަކެއް، މަގުތަކެއް ފަހިވެގެން އެބަދާންޖެހެއޭ. ނުވަތަ އެންމެ ފުރަތަމަ ކޮންމެ ކަމެއްގައި އެންމެބޮޑު ބުރަ އުފުލަން ޖެހޭ މީހާއަކީ، އަންހެންމީހާއަށް ކޮންމެހެންވާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން ރާވާފައި މިވަނީ، މިދެންނެވި ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެމުން. މަދަރުސާއަށް ކުދިން ވައްދާއިރުގައި ނުވަތަ މަދަރުސާއަށް ކުދިން ބަލާދާއިރުގައިވެސް ނުވަތަ ގޯތިގެދޮރު ދޫކުރާ ލޮޓްރީ ނުވަތަ އެޝަރުޠު ހަމަވާގޮތް ކަނޑައަޅާއިރުގައިވެސް އަޅުގަނޑުމެންގެ ސިޔާސަތު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން، އޭގައި އަންހެނުންނަށް ވަކި ޚާއްޞަ ޕޮއިންޓްތަކެއް ނުވަތަ ފަހިކަމެއް ހޯދައިދިނުމަށް. ހަމަ އަންހެނަކަށްވީތީވެ، އޭނާއަށް ޙައްޤޭ މިކަން މިހެން އޮތުމަށް.

އަޅުގަނޑުމެންނަށް މިހެން މިދެކެވެނީ، އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން. އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ، އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައިމީހުން އެކަނި މަސައްކަތް ކޮށްގެންނެއް. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، މުޅި ހުރިހާ އެންމެން ނުކުމެ މަސައްކަތް ކުރެވޭނޭ އިންތިޒާމުތަކެއް ނިޒާމުތަކެއް އަޅުގަނޑުމެންނަށް ރޭވިގެން. އެކަން އެހެން ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އަންހެނުންނަށް ވަކި ކަންތައްތަކެއް ފަހިކޮށްދީފައި ބަހައްޓަން.

އަޅުގަނޑު ހަމަ ކުޑަކުޑަ ދެކަމެއް މިދަންނަވާލީ. އެއްކަމަކީ، މިސާލަކަށް، ގޯތި ދިނުމުގައި ނުވަތަ ފްލެޓް ބެހުމުގައި ޕޮއިންޓްދޭއިރުގައި އަންހެނުންނަށް ފަހިވާނެ. މިސާލަކަށް ރިޒޯޓް ދޫކުރާއިރުގައި، އޭގެ ޓެންޑަރ އިވެލުއޭޓް ކުރާއިރުގައި އަންހެނުންނަށް އިރާދަކުރެއްވިއްޔާ ފަހިވާނެ. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ކަމެއްގައިވެސް ސަރުކާރުގެ ވަކި ކަމެއް ނޫން. ރާނާ ކޮންޓްރެކްޓެއް ދޭއިރުގައިވެސް، އަންހެނުންނަށް އެކަމުގައި ފަހިވާންޖެހޭނެއޭ.

ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި މަސްއޮޑިފަހަރު ރަޖިސްޓްރީ ކޮށްފައި ހުރީ އަންހެނުންގެ ނަމުގައި. ވަރަށް ދާދި ފަހާ ޖެހެންދެންވެސް ރާއްޖޭގެ ގިނަ އޮޑިފަހަރު ރަޖިސްޓްރީ ކޮށްފައި ހުންނާނީ، އަންހެނުންގެ ނަމުގައި. ޙަޤީޤަތުގައި ވިޔަފާރީގެ ވަރަށްބޮޑު ދައުރެއް، ރޯލެއް އަންހެން ބޭފުޅުން އަދާކުރައްވަމުން ވަރަށްފަހާ ޖެހެންދެންވެސް ރާއްޖޭގައި އައި. އަދި މިހާރުވެސް އަޅުގަނޑު ދަންނަވާނީ، ވަރަށް ފުރިހަމަ ދައުރެއް އަންހެން ބޭފުޅުން ގެންދަވަނީ އަދާކުރައްވަމުންނޭ.

އަންހެނުންގެ ތަރައްޤީގައި އަންހެނުން ކުރިއަށް އަރަމުން އަންނަތަން އަޅުގަނޑުމެންނަށް ކިތަންމެ ދިމާއަކުން ފެންނަމުން އެބައާދޭ. އެހެންނަމަވެސް، އަންހެނުންނަށް ގޯނާނުކުރުމާއި، އަންހެނުންނަށް އިހާނާތްތެރިކޮށް ނުހިތުމާއި، އަންހެނުންނަށް ބަދަލު ހޯދައިދިނުމާއި، އަންހެނުންނަށް އަޅާލުމާއި، މިކަންކަން އަޅުގަނޑުމެން އެދޭ މިންވަރަކަށް އަދިވެސް ރާއްޖޭގައި ތަޢާރުފުވެފައެއް ނެތް. ހަމަޖެހިފައެއްވެސް ނެތް. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭނެ، އަޅުގަނޑުމެންނެއް ހަމަގައިމުވެސް މި ސަރުކާރަކުން އަންހެނުންނަށް ގޯނާކުރުން އެއީ އަޅުގަނޑުމެން ހަޖަމު ކުރާނެ ކަމެއް ނޫން. ގަބޫލުފުޅު ކުރައްވާ. ދެވެން އޮތް އެންމެބޮޑު އަދަބެއް، ޝަރީޢަތުން ދެވެން އޮތް އެންމެބޮޑު އަދަބެއް ހޯދައިދިނުމަކީ، މި ސަރުކާރުގެ ފަރާތުން އިރާދަކުރެއްވިއްޔާ އަންހެނުންނަށް ކޮށްދޭނެ ކަމެއް.

އަޅުގަނޑުމެންނަށް އެބޭފުޅުންނަށް މިހާރު ޤާނޫނުއަސާސީ އެބަ ޖާގަދޭ، ޤާނޫނީ އެހީ، އަންހެން ބޭފުޅުންނަށްވެސް އަދި ފިރިހެން ބޭފުޅުންނަށްވެސް ހޯދައިދިނުމަށް. ހަމަ މީގައިވެސް ޤާނޫނީ އެހީ ސަރުކާރުން ރައްދުކޮށްދިނުމުގައި އަޅުގަނޑުމެންނަށް ބޮޑު އިސްކަމެއް، އަންހެނުންނަށާއި ކުޑަކުދިންނަށް ދެވިދާނެ. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑު އެދެން. އަންހެނުން މިހާރަށްވުރެ ބޮޑަށް އިސްނަންގަވައިގެން، ކުރިއަށް ނުކުންނަވަން. ނުކުންނަވައި ތިޔަބޭފުޅުންގެ ޙައްޤުތައްވެސް ތިޔަބޭފުޅުން ހޯއްދަވަން. އަދި ތިޔަބޭފުޅުންވެސް ހިޔަނީގައި ފަރުދާވެގެން ނުތިއްބަވަން. ނުކުންނަވައި ތިޔަބޭފުޅުންގެ ކަންކަމާ ތިޔަބޭފުޅުންވެސް ޙަވާލުވެވަޑައިގަތުމަށް.

އަޅުގަނޑު މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ކިތަންމެ ފަހަރަކު ގޮސްފީމު. އަދި ވަރަށް އުފަލާއެކީގައި ދަންނަވަން. މިއަދު އެކިރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ބޭފުޅުން، އެކޮމިޓީތަކުގެ އިނާމުތަކާ ޙަވާލުވެވަޑައިގެންނެވިއިރުގައި، ގިނަބޭފުޅުންނަކީ އެހެނިހެން ގޮތްގޮތުވެސް އަޅުގަނޑުމެންނާ ދިމާވެފައިވާ ބޭފުޅުން. އަޅުގަނޑުމެންނަށް ފެނުނު، ފަހާފޮށީގެ ވަރަށް ގިނަ ޕްރޮގްރާމްތަކާއި، މާޖެހުމުގެ ކަންކަމާއި، ޖަރީ ޖެހުމުގެ ކަންކަމާ، މިނޫންވެސް މިބާވަތުގެ އަންހެނުންގެ ކަންކަން ކަމަށް އަޅުގަނޑުމެންގެ ހިތްތަކުގައި ވަކިގޮތަކަށް ތަޞައްވުރު ކުރެވިގެން، އެ އަންހެނުންގެ ތެރޭގައި އެކަންކަން ކުރިއެރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ހުރި.

އަޅުގަނޑު ނުދަންނަވަން. އެކަންކަމުން މުޅިން ނާކާމިޔާބުވީ ކަމަކަށް. ވަރަށްގިނަ ރަށްރަށުގައި 20 ފަހާފޮށި ދިނިއްޔާ މިހާރު ފަހާފޮށްޓެއްވަރު އެބަހުރޭ. އަދި ކޮންމެވެސްވަރަކަށް ފަހާވެސް އެބައުޅޭ. އެހެންވީމާ، ދޫކުރެވުނު ހާހެއްހާ ފަހާފޮށީގެ ތެރެއިން މިއަދު ވިއްސަކަށް ފޮށި ނުވަތަ ދިހަވަރަކަށް ފޮށި މަސައްކަތްކުރާކަމީވެސް، އަޅުގަނޑުގެ ނަޒަރުގައި ވަރަށްބޮޑު ކާމިޔާބީއެއް.

އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ އަންހެނުންގެ ދައުރަކީ، މާޖެހުމާއި، ކެއްކުމާއި، ޖަރީކުރުމާއި، ފެހުމާ، މިއީއަކީއެއް ނޫނޭ. ރާއްޖޭގައި މިވަގުތު ހުރި ރިޒޯޓުތަކުގައި މަސައްކަތްކުރާ އެންމެ ތަޖުރިބާކާރު އެންމެ ފަންނީ އަދި އެންމެ ޑެލިވަރ ކުރާ ކަމަށް، އެ ރިޒޯޓްގެ އޯނަރުން ދެކޭ އެއް އިންޖިނޭރަކީ އަންހެނެއް. އަދި މިވަގުތު އަޅުގަނޑުމެންނަށް ވަރަށް ފަޚްރުވެރިކަމާއެކީގައި ބުނަން ކެރިދާނެ، އެއަރ ޓެކްސީގައި އަންހެން ބޭފުޅަކު ކެޕްޓަނެއްގެ ގޮތުގައި އެބަ މަސައްކަތް ކުރައްވައޭ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ، އަޅުގަނޑުމެން ވަކިން އަންހެނުންގެ ދައުރަކީ މިއީއޭ، އަންހެނުންގެ ރޯލަކީ ނުވަތަ އަންހެނުން ކުރަންވީ ވަކިމިބާވަތެއްގެ ކަންކަން ކަމަށް ބުނެ، ހަމައެކަނި އެދިމާއަށް އަންހެނުން ލެނބުން، ނުވަތަ އަންހެނުން އެދިމާއަށް މިޞްރާބު ކުރުވުން އެއީއަކީއެއް އަޅުގަނޑަކަށް ހަމަގައިމުވެސް ނުފެނޭ، މިއީ އަންހެނުން ކުރިއެރުވުމުގައި އަޅުގަނޑުމެންނަށް ޢަމަލު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް. އަޅުގަނޑުގެ ނަޒަރުގައި، އަންހެނުންނަށް ހުރިހާ ދާއިރާއެއްގައި، ކަންކަމުގެ މަގު އެބަ ފަހިކޮށްދޭންޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުންދާނީ، ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް ކަންކަން ފަހިކޮށްދެމުން ގެންދިޔުމަށް. ދެން އޭގެތެރޭގައި އަޅުގަނޑު ޢައްޔަންކުރާ ސިޔާސީ މަގާމުތަކުގައި އަންހެން ބޭފުޅުން ތިއްބެވުން އެއީވެސް، އަޅުގަނޑުމެން ހިތްހަމަޖެހޭމިންވަރަށް އެކަން ނުވިނަމަވެސް، އެކަން ކުރަމުން ގެންދެވޭތޯ އަޅުގަނޑުވެސް އެބަ ބަލަން. އެހެން ނަމަވެސް، އަޅުގަނޑުމެން އެދެން. އެއަށްވުރެ މާގިނަ އަންހެނުން އަޅުގަނޑުމެން ސްކްރީން ކޮށްލައި، ނުވަތަ ބަލާލާ ކޮންމެފަހަރަކު އަޅުގަނޑުމެންނަށް އަޅައިގަންނަ ގޮތުގައި ތިއްބެވުން. އަންހެނުންނަށް ކަންކަމުގައި ދިއްވެ ނުވަތަ ނުކުންނަވައި އަޅައިގަންނަ ގޮތަށް ތިއްބެވީމާ، އަޅުގަނޑުގެ ނަޒަރުގައި ދެނެއް އުނދަގޫވެގެނެއް ނުދާނެ، އެކިއެކި ސިޔާސީ މަގާމުތަކަށް އަންހެނުން ގެނައުމަށްވެސް. އަދި އެމަގާމުތައް ފުރުވުމަކަށްވެސް.

އަޅުގަނޑުމެންނާއެކުގައި މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ، ރާއްޖޭގައި މިފަހަކަށްއައިސް އެންމެ ގިނަ ދުވަހު ސިޔާސީ މަގާމުތައް ފުރުއްވާފައި ހުންނެވި އެއް އަންހެން ބޭފުޅާ، އަނީސާ އަޙްމަދު. އަޅުގަނޑު އެބޭފުޅާއަށް މަރްޙަބާ ދަންނަވަން. އަނީސާއަކީ، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ އެކިއެކި ހިންގުމުގައާއި އަދި ވެރިކަމުގެ އެކިއެކި ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް. އަޅުގަނޑު މުލީއާގެއަށް ބަދަލުވުމުން، މުލީއާގޭގެ ވަރަށް ކުރީގެ މިދައުރުގެ އެންމެ ކުރީގެ ފޮޓޯތައް އަޅުގަނޑު ބަލައިލިއިރުގައި، ހަމަ އެންމެ އުޖާލާކޮށް އަޅުގަނޑުމެންނަށް ފެންނަމުންދިޔަ އެއްބޭފުޅަކީ އަނީސާ. އަންހެނުންނަށްޓަކައި އަދި އަންހެނުންގެ ނަމުގައި އަނީސާ ކުރައްވާފައި ހުރި މަސައްކަތަށް އަޅުގަނޑުވެސް ނުހަނު ޝުކުރު އަދާކޮށް މަރްޙަބާ ދަންނަވަން.

ދަރިން ބެލުމުގެ ނަމުގައި އަންހެންމީހާ ގޭގައި ބައިންދާފައި، އަދި ގޭގައި ހުންނަން ޙުއްޖަތު ދެއްކުން އެއީކީއެއް މިއަދު އަޅުގަނޑުމެންނަކަށް ކުރެވެން އޮތް ކަމެއް ނޫން. ހަމަ ދަރިން ބެލުމުގެ ނަމުގައި ފިރިހެން ބޭފުޅަކުވެސް ގޭގައި ހުންނެވުން އޭގައި ގޯހެއް ނޫން. ކޮންމެހެނެއް އެކަމަށްޓަކައޭ އަޅުގަނޑުމެން ބުނެ، އެއީ ޢުޒުރަކަށް ހަދައިގެން އަންހެން ބޭފުޅުން ގޭގައި ތިއްބެވުން އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ، މަދަރުސާތަކުންވެސް ޙަޤީޤަތުގައި ކިޔެވުމުގައިވެސް އަދި ހުނަރެއް ދަސްކުރުމުގައިވެސް ފިރިހެނުންނަށްވުރެ އަންހެނުން ކުރިއަށްއަރާތަން ކިރިޔާވެސް ފުރްޞަތެއްވެސް ލިބިއްޖިއްޔާ.

އަޅުގަނޑުމެންނާ އެކީގައި މަދަރުސާގައި އުޅުއްވި ގިނަ އަންހެން ބޭފުޅުންނަކީ، ވަރަށް ހުނަރުވެރި އަދި ވަރަށް ކުޅަދާނަ އަދި ކަންކަމުގައި ޤާބިލުކަމާއެކީގައި ބައިވެރިވެވަޑައިގެން ނަތީޖާ ނެރުއްވޭނެ ބޭފުޅުން. އެހެންވީމާ، އެބޭފުޅުން ގޭގައި ބައިތިއްބައިގެން، އަޅުގަނޑުމެންނަށް ރާއްޖޭގެ ތަރައްޤީގެ މަސައްކަތް ކުރެވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ މިކަން ކުރެވިދާނެ ގޮތް ކަމަށް އަޅުގަނޑުމެން އެކަކުވެސް ދެކިއްޖެނަމަ، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ ނުވަތަ އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް، ޚާއްޞަކޮށް ފިރިހެން ބޭފުޅުންނަށް ދަންނަވަން. އަންހެން ބޭފުޅާ، އަންހެނުން ފިއްތުމާއި، އެއްކައިރި ކުރުމާއި، ބާކީ ކުރުމާއި، ހުރަސް އެޅުމާއި، މިބާވަތުގެ ނޭއްގާނީ ކަންކަމުން ދުރުވެވަޑައިގަތުމަށް. އަޅުގަނޑުމެންނަށް ހަމަ ފައިދާއެއް ނޫން ކަމެއް ނުލިބޭނެ އަންހެނުން ނުކުންނަވައި ކަންކަމުގައި އުޅުއްވީމާ. އެއިން ފިރިހެންމީހާއަށްވެސް އަދި މުޅި ޤައުމަށްވެސް ލިބޭނެ ފައިދާ މާބޮޑު. އާމްދަނީވެސް އިތުރުވެގެންދާނެ.

އަޅުގަނޑުގެ ނަޒަރުގައި ޙަޤީޤަތުގައި ދަރިންނަށް ދައްކައިދޭންވީ ފިލާވަޅަކީ، މަންމައާއި ބައްޕައާވެސް ހެނދުނާ ހޭލައިގެން އޮފީހަށްދާ މަންޒަރު. ގޭގައި ތިބޭ މަންޒަރެއް ނޫން. އެކުދިންވެސް ބޮޑެތިވެގެންދާންވީ އޮފީހަށް. މަންމަވެސް ހެނދުނު ހޭލައިގެން އޮފީހަށްދާ މަންޒަރު ދަރިފުޅަށް ފެނުން، އެއީ އަޅުގަނޑުގެ ނަޒަރުގައި ދަރިން ރަނގަޅަށް ބޮޑެތި ކުރުމަކީ. ދެން ދަރިން އެކަނިވެސް ގޭގައި ތިބޭނެ. ތިބޭއިރުގައި އަދި ބޭރު މީހުންވެސް ދަރިން ބަލާނެ. އެހެންނަމަވެސް، ކުދިން، އަންހެން މީހާ ނުކުމެގޮސް ބޭރުގައި އެބަ ގަދައަޅާ މަސައްކަތް ކުރަންޖެހެއޭ. ނުކޮށެއް އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެންވީމާ، އަޅުގަނޑެއް ހަމަ އެއްވެސް ޙާލެއްގައެއް ނުދެކެން، ދަރިން ބެލުމުގެ ނަމުގައި، އެ ޙުއްޖަތުގައި އަންހެންމީހާ ގޭގައި ބޭންދުމުގެ ވިސްނުން އެއީ އަޅުގަނޑުމެންނަށް ގެންގުޅެވެން އޮތް ވިސްނުމެއް ނޫން. ދެން އެއާ ވިދިގެން ނުކުންނަ މައްސަލަތައް ހުންނަ ކަމަށް ވެދާނެ. އަދި ހުރެވެސްދާނެ. އެހެންނަމަވެސް، އަންހެން ބޭފުޅުން ނުނުކުންނެވީމާ، ދިމާވާ މައްސަލަ އަޅުގަނޑުގެ ނަޒަރުގައި މާބޮޑު. އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބެނީ.

މިވަގުތު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ، ދެ އަންހެން ބޭފުޅުން. އެއިން އެއްބޭފުޅަކީ، މަޖިލީހުގެ ޢިއްޒަތްތެރި ނާއިބު ރައީސް އަނީސާ އަޙްމަދު. އަނެއް ބޭފުޅަކީ، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން މާރިޔާ އަޙްމަދުދީދީ. ދެން އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ބާރުވެރި މަގާމުގައި އެ ހުންނެވީ އަންހެން ބޭފުޅެއް. އެއީ، ހަމަގައިމުވެސް މި ސަރުކާރުގެ އަންހެނުންނާ ގުޅޭ ވިސްނުން. އަޅުގަނޑުމެން ބޭނުންވަނީ ފިސާރި އަންހެނުން ނުކުންނަން. އެއަންހެނުން ނުކުމެ ގަދަ ބާރުން ކާމިޔާބުކޮށްގެން ކަންކަމާ ޙަވާލުވާން. މިހާރު މިއޮތް މަޖިލީހުގައި މިތިއްބަވަނީ އަންހެން ބޭފުޅުންގެ ގޮތުގައި ދެބޭފުޅުން ތިއްބެވީމާ އެއީ މަޖިލީހުގެ ހަތަރު ޕަސެންޓް.

9 މެއިގައި އާ މަޖިލީހެއް ހުޅުވޭއިރު، އަޅުގަނޑަށް ހީވަނީ މިފަހަރު މި އިންތިޚާބުގައި ތިންސަތޭކައެއްހާ މީހުން ވާދަކުރާނެހެން. 78 ގޮނޑިއަށް. މިހާރު ފެންނަގޮތުން އޭގެތެރޭގައި ވިއްސަކަށް އަންހެން ބޭފުޅުން ފަހަރެއްގައި އުޅުއްވަފާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ މި ހުރިހާ ޕާޓީތައް އެކުގައި. އެމް.ޑީ.ޕީ.ވެސް، ޑީ.އާރު.ޕީ.ވެސް އަދި ޤައުމީ ޕާޓީވެސް، ހުރިހާ ޕާޓީއެއްވެސް އެކުގައި. އަޅުގަނޑަށް ލަފާކުރެވޭ މުޅި ޖުމްލަ ވިއްސަކަށް އަންހެން ބޭފުޅުން ވާދަކުރައްވާނެ ކަމަށް. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ބޭނުން. ދިހަ އަންހެން ބޭފުޅުންނަށް އަޅުގަނޑު ކެމްޕޭން ކޮށްދޭން. އެންމެ މަދުވެގެން ދިހަ ބޭފުޅުން އިންތިޚާބުވޭތޯ. އަޅުގަނޑު މިކަމުގައި ޕާޓީއަކަށް ނުބަލާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ދިހަ އަންހެން ބޭފުޅުން އިންތިޚާބުވޭތޯ. އޭރުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ އެއީ ބާރަވަރަކަށް ޕަސެންޓްހެން އަންހެން ބޭފުޅުން މަޖިލީހުގައި ތަމްސީލުވީ.

ދެން އެ ކެމްޕޭނުގައި ތިޔަބޭފުޅުން ނުކުމެވަޑައިގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މަގާމަކަށް އައުން އެއީކީއެއް ފަސޭހައިން މިހާރަކު ވާނެ ކަމެއް ނޫން. މަސައްކަތުން ވާނެ ކަމެއް. މަސައްކަތް ކުރީމާ އެކަންވާނެ އިނގޭތޯ ހަމަ. އޭގެ ބޭނުންވަނީ މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް ޔަޤީން ގަދައަޅާ މަސައްކަތް ކުރީމާ، އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެންނަށް ކަންކަން ދާނީ ވަމުންކަން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް މިއޮތް މަޖިލީހުގައި، އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑަކަށް ނުވިސްނޭ، ދިހަ އަންހެން ބޭފުޅުން ނުހިމެނޭންވީ ގޮތެއް. އެހެންވީމާ، ދިހަ ގޮނޑި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. ދެން ވަރަށްދެރަ. އަޅުގަނޑުގެ ޕާޓީން ދިހަ ބޭފުޅުން ކުރިމައްޗެއް ނުލައްވާ. އަންހެން ބޭފުޅުންނެއް. އެހެންނަމަވެސް، އަޅުގަނޑު ކްރޮސް ޕާޓީކޮށްވެސް މީގައި އެހީތެރިވެދޭނަން. އަންހެން ބޭފުޅުން މި އިންތިޚާބުވުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. އަންހެން ބޭފުޅުން އަދި އިންތިޚާބު އެކަނިވާނީ ނޫންކަމަށް. ހަމަ އަނީސާއެކޭ އެއްފަދައިން، އަޅުގަނޑުމެންނާ ވާދަކުރައްވާނެ ކަމަށް. އަދި އެނަމޫނާ މިނުގައި އަޅުގަނޑުމެންނާ ޖަދަލުވެސް ކުރައްވަމުން ގެންދަވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑަށް ވަރަށް އުނދަގޫ. އަނީސާއާއި މާރިޔާއާ ދެބޭފުޅުން، އެންމެބޮޑު ސިޔާސީ ޕާޓީގެ ފަރާތުން ތަމްސީލު ކުރައްވަމުން ގެންދަވާއިރުގައި، ދެން މި ރާއްޖޭގެ އެހެން އަންހެނުންނަށް ތަންކޮޅެއް ފަހަތުގައި މިއުޅެވެނީ މިދެބޭފުޅުންނާ އަޅާބަލާއިރު. އެހެންވީމާ، ފައިހަމަކުރެއްވުމަށް ނަމޫނާއެއް ނެތިގެނެއް ނޫން މިއުޅެނީ. ހަމަ މިކަމަކީ ނުވާނެ ކަމެއް ކަމަށް ދެކެވޭކަށްވެސް ޖާގައެއް ނެތް. އެބޭފުޅުންނަށް އެބަ އެކަން ކުރެއްވޭ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މިކަންކަން މިހެން ހިނގައިދާނެ ކަމަށް.

އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، ޒަމާނުއްސުރެ ފަށައިގެން، ރާއްޖޭގައި އަންހެނުންނަށް ދެވިފައި އޮތް ދައުރު ޙަޤީޤަތުގައި، އެހެން ބައެއް މުޖްތަމަޢުތަކަށްވުރެ މާ ފުޅަލޭ. މާ އުހޭ. އަޅުގަނޑުމެންނަކީ މެޓްރިއާކިކް ނުވަތަ އަންހެން ފަރާތް އިސްކޮށްގެން އޮންނަ މުޖްތަމަޢެއް. ތިޔަބޭފުޅުން އިސްދޫ ލޯމާފާނު ނުވަތަ ރާދަވަޅި ނުވަތަ އިހުގެ ބައެއް ފަތްކޮޅު ވިދާޅުވެއްޖެނަމަ، ރަސްރަސްކަލުންގެ ރަސްކަން ޙައްޤުވާ އުޞޫލު ބަޔާންކޮށްފައި ހުންނާނެ. އޭގައި އޮންނާނީ، އިންނެވި ރަދުންގެ ދޮށީ މަނިއްޕުޅަކަށް ރަސްކަން ޙައްޤުވާ އުޞޫލެއް ނޫން. އޭގައިވާނީ އިންނެވި ރަދުންގެ، ރަސްކަން ކުރައްވާ ރަދުންގެ ދައިތާފުޅުގެ ދޮށީ ފިރިހެން ދަރިއަށް ރަސްކަން ޙައްޤުވާ ގޮތަށް. އެދައިތާފުޅުގެ ހިރިޔާފަތުރާ ދަށުން ފިރިހެންބޭފުޅާ ރަސްކަން ކުރައްވަނީ. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި މިކަން ހިނގަމުން އައިގޮތް.

ދިވެހިރާއްޖެ އިސްލާމްދީނަށް ބަދަލުވުމުގައި، އަންހެނުން ވަރަށް ބޮޑަށް ޤުރްބާން ކުރަން ޖެހުން. ޚާއްޞަކޮށް، ޒުވާން ބިކުރުވެރި އަންހެނުން ޤުރްބާން ކުރަން ޖެހުން އެއީ، އެގާރަ ސަތޭކައިގެ ދުވަސްވަރުގައި ބައެއް ވެޑިކް ދީންތަކުގައި ހިންގަމުން އައި ކަމެއް. ދީނީ ޙަފްލާއެއްގެ ގޮތުގައި ކުރަމުން ގެންދެވުނު ކަމެއް. އެކަންކަމާ އެންމެ ބޮޑަށް އިދިކޮޅު ހަދައި އިންކާރުކޮށް ހެދީ އިސްލާމްދީން. އެހެންވީމާ، ދިވެހިންނަށް އޭރުގައި އިސްލާމްދީން ބަލައިގަންނަން ވަރަށް ފަސޭހަވި. އޭރު އަދި އަޅުގަނޑު އަޑުއަހާ ގޮތުގައި އެދުވަސްވަރު ބަކަޓި މޫވްމަންޓް ކިޔާ ސައުތު އިންޑިއާގައި ހިނގަމުންދިޔަ ޙަރަކާތެއްދިޔަ, އަންހެނުންނަށް ކުރި ހޯދައިދިނުމަށް. އަދި އަންހެނުން ޤުރްބާން ކުރުމުގައި އިންކާރު ކުރުމަށް. ހަމައެއާއެކުގައި، އިސްލާމްދީން އެއީ، ޅަފަތުގައި އަންހެންކުދިން މެރުމާ ވަރަށް ބޮޑަށް އިދިކޮޅު ހަދައި ޖަދަލުކޮށް އަދި އެކަން ކާމިޔާބު ކުރަމުން އައި ދީނެއް. އައި ފަލްސަފާއެއް. އެހެންވީމާ، ދިވެހިންގެ ތެރޭގައި އޭރުގައި ވަރަށް ފަސޭހަވި އަންހެނުންގެ ޙައްޤަށްޓަކައި މިކަންކަން ބަލައިގަންނަން. ދިވެހިން އިސްލާމްދީނަށް ފުރޮޅިގެން އައީވެސް, މިދެންނެވިހެން އަންހެނުންގެ ދައުރު އޭގައި ވަރަށް ބޮޑުކޮށް ހިމެނިގެން. ވަރަށް ބޮޑުކޮށް އޮވެގެން.

ރާއްޖޭގެ އަންހެންނުންގެ ދައުރު ބަދަލުވަމުން އައީ، ވެރިކަމުގެ ދައުރު ނުވަތަ ވެރިކަމުގެ ބާރުވެރިކަން އަންހެނުންގެ އަތުން ކެހިގެންދިޔަ މިންވަރަށް. ދައިތާފުޅުގެ ދޮށީ ފިރިހެންދަރި ރަސްކަން ކުރުމުގެ ފުރްޞަތު ގެއްލެން ފެށުމުން އެންމެފަހުން އައިސް ދައިތާފުޅު އެއީ, އަޅުގަނޑުމެންނަށް ޚަދީޖާ ރެހެންދި، ކަނބާއައިސަ. މިއިން ކިތަންމެ އަންހެން ބޭފުޅުންނެއް، އެބޭފުޅުން ސީދާ ރަސްކަން ކުރައްވާފައި އެބަ ހުންނެވި. މީގެ އެއްސަބަބަކަށްވެގެން ދިޔައީ، އަޅުގަނޑު މިދެންނެވި ދައިތާފުޅުގެ ދޮށީ ފިރިހެން ދަރިން ނުވަތަ އެ އުޞޫލުން މިހާރު މިއޮތް، ފަހުން އައިސް އަޅުގަނޑުމެންނަށް ފެންނަން ފެށި ވިރާސީ ރަސްކަމުގެ އުޞޫލަށް ބަދަލުވަމުން އައިއިރުގައި، މުޅިން އެބަދަލު ހަޖަމު ނުކުރެއްވުނު ބައެއް އަންހެން ބޭފުޅުން ސީދާ ރަސްކަމަށް އެހިނދުގައި ވެޑުވި އެތިއްބެވީ. ދިވެހި ވެރިކަން އަބަދުވެސް ހިނގަމުން އައީ، ކޮއިލުގެ ތެރޭގައި އަންހެން ބޭފުޅަކު އިންނަވައިގެން. އެނގިވަޑައިގަންނަވާނެ، ޢަލިރަސްގެފާނުގެ އަނބިކަނބަލުންނަކީވެސް ކަނބާއައިސަ. ވިޔަޒޯރުގެ އަނބިކަނބަލުންނަކީވެސް ކަނބާއައިސަ. ބޮޑުތަކުރުފާނުގެ އަނބިކަނބަލުންނަކީވެސް ކަނބާއައިސަ. ޕިރާޑް ފިއްކަނޑައިގެން ގޮސްފައި ހުރީ ކަލާފާނުގެ ރަސްކަމުގައިވެސް ހަމަ ކަނބާއައިސަ ގަނޑުވަރުގައި އިންނެވީތީ. އަޅުގަނޑުމެންނަށް މާބޮޑަކަށެއް ވެރިކަން ހިނގާ އުޞޫލު ނުވަތަ ވެރިކަމުގެ ބާރުވެރިކަން ހުރިގޮތެއް އޮޅިގެން އުޅޭކަށް އަޅުގަނޑުމެންނެއް ނުވާނެ. އަދި ދިވެހި އަންހެނުންގެ ދައުރު އަޅުގަނޑުމެންނަކަށް ހަނިކުރެވޭކަށެއްވެސް ނެތް.

އަޅުގަނޑު މާދިގު ވާހަކަތަކެއް ނުދައްކާނަން. އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެންނަށް މިގެންގުޅެވޭ ވިސްނުމުގައި، ތިޔަ އެންމެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ އަންހެނުންނަށް މިއަދަށްވުރެ ބައިވެރިވެވޭނެ މާ ފާގަތި ދުވަސްތަކެއް ދެއްކެވުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!