بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިފަހުން، މިއަދުގެ ނިޔަލަށް މިވަނީ އެއްމަހާއި 5 ދުވަސް ފާއިތުވެފައި. މުޖުތަމަޢުގައި މިބަލި ފެތުރެން ފެށުމާއެކު، ބަލި ޖެހިފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓްވި މީހުން ކޮންމެ ދުވަހަކު ދެނެގަނެ، އެމީހުންނަށް ފަރުވާ ދިނުމާއި ކަރަންޓީނު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިއްޖެ.

މި ބަލި މާލޭގައި ފެތުރެން ފެށިފަހުން، މިއަދުގެ މިހާތަނަށް 1186 މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެއްޖެ. އެއީ 420 ދިވެހިންނާއި 766 ބިދޭސީން. އަދި އޭގެތެރެއިން މިހާތަނަށް 91 މީހަކަށްވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ޝިފާ ލިބި، ބަލިން ފަސޭހަވެފައި. އަދި މި ބަލީގައި ދުނިޔެ ދޫކުރެއްވި 4 ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަން.

ރާއްޖޭގައި މި ބަލި ފެތުރޭ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ.

އޭގެ ސަބަބަކީ، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މާލެ ސަރަޙައްދު ފުރަބަންދުކޮށް، ޢާންމު ޙަރަކާތްތަކާއި ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނައުމާއެކު، ރައްޔިތުން އެކަންކަމަށް އިޖާބަދީ ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވުން.

މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުން ފާހަގަކުރެވެނު. ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖް ގޮތެއްގައި ފާހަގަކުރެވެނީ 7 މީހުން.

އެހެންކަމުން، ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަޙައްމަލްކުރައްވައި، މި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން، އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަށް އެނގޭ، އެންމެ ދެ ތިން ދުވަހަށް މާލެ އައިސް، ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން.

ރިޒޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބި. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި.

ހަމައެފަދައިން ރާއްޖެއިން ބޭރުގައި ތިބި ކިތަންމެ ދިވެހިންނެއް ރާއްޖެ ނާދެވިފައި އެބަތިބި. މިފަދަ ޙާލަތްތަކުގައި ތަޙައްމަލް ކުރައްވާ ކެތްތެރިކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

"ކޯވިޑް-19" އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. އޭގެތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރުވަނީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައި.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން، ހާލުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިވަމުން އެބަ ގެންދަން. މީގެ އިތުރުން، ފޯރުންތެރިކަން ނެތް ޢާއިލާތަކާއި، ދޮށީ ޢުމުރުގެ މީހުންގެ އިތުރުން، ހާލުގައި ޖެހިފައި ތިބި މީހުންނަށް، އެހީތެރިކަން އެބަ ފޯރުކޮށްދެވޭ. އޭގެތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭ.

އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކެއިންބުއިމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސައިދީފައި. މިޙާލަތުގެ ސަބަބުން، އެކި ގޮތްގޮތުން އަސަރު ކޮށްފައިވާ މީހުންނަށް، ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން.

ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިޔުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ. އަދި ބާކީތިބި މީހުން، މި މަހުގެ 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ. އަދި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެއަށް އައުމަށް ހުއްދަ ދެވިއްޖެ.

މާލެއިން ރަށްރަށަށްދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުޞަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށްދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން. އެއީ، އެ ރަށްރަށުންވެސް ބޭނުންވާ ގޮތެއް ނޫން.

އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުންވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނަން.

ވިޔަފާރިތަކަށާއި، އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި، ރާއްޖޭގައި ހިންގާ 8 ބޭންކުން މިހާރު ވަނީ ބައިވެރިވެފައި. މި ދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފައި. އޭގެތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް.

ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރުމަށް ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި.

ކުދި ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި، އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ޚާއްޞަ ޕެކޭޖެއް ކަނޑައެޅިފައި އެބައޮތް. އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުން.

މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް. ވަރަށް މަދުން ނޫނީ، ކުރިމަތިވެފައި ނެތް ޙާލަތެއް. މިފަދަ ޙާލަތްތަކުގައި، ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި. އެހެންކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް.

ނުރަނގަޅު އެތައް ކަމެއްވެސް ހިނގަމުން އެބަދޭ. މިއީ އެކަންކަން އިޞްލާޙުކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދެކި، މިއީ ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް. ޢާންމު ޞިއްޙަތަށް ފަރުވާތެރިވެ، މުޅި އިޤްތިޞާދު އާރާސްތު ކުރުމަށާއި، ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއް.

މާތްﷲގެ ރަޙްމަތްފުޅާއެކު، މިދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިޒޯޓްތަކުގެ މި އަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެއިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. އަދި މިނިސްޓްރީ އޮފް ފިނޭންސުން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި.

މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާއިރު، މި ބައްޔަށްފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށްވެސް އަޅުގަނޑުމެން ތައްޔާރުވާންޖެހޭނެ. މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ.

ކޯވިޑް-19 ފެތުރުނަނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު، ހިތްހަމަނުޖެހޭ ބަޔަކުވެސް ތިބެދާނެ. ނަމަވެސް އެ ފިޔަވަޅުތައް އަޅަންޖެހުނީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ޤައުމުތައް އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫންނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާކުރަމުން ދާނީ، ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރެއްވި އެންމެ ނުރައްކާތެރި ޙާލަތު.

ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް މި އަންނަނީ ތައްޔާރުވަމުން.

މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއްދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ.

އެގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި، ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މި ލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ.

މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލުކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެ.

މި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި. އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، ޢާންމު އުޞޫލުން މިސްކިތްތަކުގައި، ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިޔުން.

މި ދެންނެވި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި. އޭގެ އިތުރުން، ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން.

ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާނަމަ، ފުރަބަންދުގެ ޙާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް. ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކުރައްވައިގެން ނުވާނެ.

ކޯވިޑާ ދެކޮޅަށް މި ކުރާ މަސައްކަތުގައި، ރަޙްމަތްތެރި ޤައުމުތަކުންނާއި، އެހީދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ދޭ އެހީތަކާއި އެއްބާރުލުން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތަކުންނާއި، ވަކިވަކި ފަރުދުން ދެއްވާ އެހީތެރިކަމަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ޙިއްޞާދާރުންނަށާއި، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް، ރިޒޯޓްތަކާއި ގެސްޓް ހައުސްތައް ދޫކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ މެނޭޖްމަންޓަށްވެސް ޝުކުރު ދަންނަވަން.

މިވަގުތުވެސް އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރްބާނީ. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، އެޗް.ޕީ.އޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި، ނޭޝަނަލް ކެޑޭޓްކޯ އާއި، ސްކައުޓުންނާއި، ގާރލްގައިޑުން އަދި ރެޑް ކްރެސެންޓާއި، ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާތަކާއި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު، އެ ބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުން، ކެތްތެރިކަމާއެކު ގޭގައި ތިއްބަވާ ތިއްބެވުމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް، އަޅުގަނޑުމެން އެންމެން އެކުގައި މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. މި ބަލި އަޅުގަނޑުމެންގެ ތެރެއިން ނެތިކުރައްވައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި އަޅުގަނޑުމެން ވޭތުކުރަމުންމިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ހެޔޮ ދަރުމައާއި ޘަވާބު، އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه