ކޯވިޑް- 19 ފިޔަވާ އެހެން ބަލިތަކަށް ފަރުވާދިނުމުގެ އިންތިޒާމްތަކާއި ޞިއްޙީދާއިރާގެ ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތްތަކާ ގުޅޭގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ އިސްފަރާތްތަކާއި، ޞިއްޙީ ދާއިރާގެ އިސްފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، މިއަދު މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން އާއި، އާސަންދަ ކުންފުންޏާއި، ތެލްސީމިއާ ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 ފެތުރިފައިވާ މި ދުވަސްވަރު އެހެން ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކާއި، މިކަންކަމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ. މީގެއިތުރުން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާދިނުމުގެ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައިވާ ގޮތްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅުގެ އެހެން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޢުލޫމާތު ހޯއްދަވާފައިވެއެވެ. އަދި، މާލެއާއި އަތޮޅުތަކުގައި ކޯވިޑް-19 އާއި ގުޅިގެން އެކިއެކި ޙާލާތްތައް މެދުވެރިވެ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އަތޮޅު ހޮސްޕިޓާތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުގެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، މިހާލަތާ ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ޢަދަދު އިތުރުވަމުންދާތީ އެފަރާތްތަކުގެ ކަންކަން މެނޭޖްކުރުމަށް މިހާރު ކުރަމުންގެންދާ އިންތިޒާމުތަކުގެ މަޢުލޫމާތު އިދާރާތަކުން ޙިއްޞާކުރެއްވިއެވެ. ހަމަ އެއާއެކު އެބޭފުޅުން ވަނީ ޚާއްޞަ ބަލިތަކަށާއި އެހެނިހެން އާންމު ބަލިތަކަށް ބޭނުންވާ ބޭހާއި ބައެއް މެޑިކަލް ކޮންސިއުމަބުލް ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ އެކަމާމެދުހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި އުނދަގޫ ޙާލަތުގައި ފަރުވާގެ ކަންކަން މެނޭޖްކުރުމުގައި ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ޞިއްހީ ޚިދުމަތްދޭ ތަންތަނުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 ފެތުރިފައިވާ މި ހާލަތުގައި އުމުރުން ދުވަސްވީ މީހުން، ރައްކާތެރިކަމުގެ ގޮތުން އަމަލު ބަހައްޓަންޖެހޭ ގޮތުގެ މަޢުލޫމާތުފަދަ މަޢުލޫމާތު ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، މާބަނޑު މީހުންނަށާއި، ޑައިލެސިސް ހަދާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންފަދަ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެސްޓީއޯ އާއި ކަމާގުޅުންހުރި އެހެން އިދާރާތަކާއި މަޝްވަރާކުރުމަށްފަހު ހޮސްޕިޓާތަކަށް ދިމާވާތަދިތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.