ދިގު މުއްދަތަށް ކުއްޔަށް ދޫކުރައްވާފައިވާ ރިޒޯޓުތަކުގައި ހުންނަ ބަންގަލޯ ނުވަތަ ވިލާއާއި، ދަނޑުވެރިކަމަށާއި، ޞިނާޢީ އެހެން މަސައްކަތްތަކަށް ދޫކުރައްވާފައިވާ ރަށްރަށުގެ ބިމުގެ ބައިބައި، އެރިޒޯޓެއް ނުވަތަ އެރަށެއް ސަރުކާރުން ކުއްޔަށް ހިއްޕަވާފައިވާ ފަރާތަކުން ވަކިވަކި ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރެވޭގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވައި، މިކަން މިގޮތަށް މިނިންމެވީ، ޓޫރިސްޓް ރިޒޯޓްތަކުގައި ހުންނަ ކޮޓަރި ނުވަތަ ވިލާ، ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅުއްވަމުން ގެންދަވާތީއާއި، ދަނޑުވެރިކަމާއި ޞިނާޢީ މަސައްކަތްކުރާ އެހެން ރަށްރަށުންވެސް މިގޮތަށް ބިން ދޫކުރެއްވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީއާއި ލޯނު ހޯދުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެއްވުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ލިބޭނެ ފުރްޞަތުތައް ދިރާސާ ކުރައްވައި، އެފަދަ އެހީތައް ހޯއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހަމަޖައްސަވާފައިވާ މަސައްކަތްތައް ވިލަރެސް ކުރެއްވުމުގައި، ބައެއް ދަތިތައް ކުރިމަތިވަމުންދާތީ، ބޭރުގެ އެހީއާ ގުޅޭގޮތުން މި ދެމިނިސްޓްރީން ބަލަހައްޓަވަމުން ގެންދަވާ މަސައްކަތްތައް، މިހާރަށްވުރެ ހަރުދަނާ ކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ބޭރުގެ އެހީއާއި ލޯނު ހޯއްދެވުމުގެ މަސައްކަތްތައް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ކަޅުބިލަމަހުގެ ޞިނާޢަތު، އިތުރު އިންވެސްޓަރުންނަށް ހުޅުއްވާލެއްވުމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މި ޞިނާޢަތު އިތުރު އިންވެސްޓަރުންނަށް ހުޅުއްވާލެއްވުމުގެ ކަންތައްތައް، އަލުން ބައްލަވައި ދިރާސާ ކުރެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވެވިއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމް ދީދީއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދާއި، އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީ އާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބެވެ.