ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ދައުލަތުން އަރުވާފައިވާ މަރޮށީ ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު) ރޭ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، ޙުސައިން ޢަބްދުﷲ އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށާއި، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަށް އަދި އެނޫން އެހެން ރޮނގުތަކުން އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަބަދަށް ދެމިހުންނާނޭ މަންފާކުރަނިވި ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

 

މަރޮށީ ޙުސައިން ޢަބްދުﷲ އަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

މަރޮށީ ޙުސައިން ކަލޭފާނަކީ، މަޝްހޫރު އެމް.އެޗް.އޭ.ގެ ބާނީއެވެ. ތަޢުލިމީ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންވެސް އެމަނިކުފާނު ވަނީ އުފަން ރަށް މަރޮށްޓަށް ގިނަގުނަ ހޭދަތަކެއް ކުރައްވާފައެވެ.

11 ނޮވެމްބަރ 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، [އަލްމަދްރަސަތުލް މުނައްވަރާ]ގެ ނަމުގައި އެމަނިކާނުގެ އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލްގެ ހިޔާވަހިކަން ހިލޭ ސާބަހަށް ފޯރުއްވައިދެއްވަން ފެށްޓެވުން އެމަނިކުފާނުގެ ޚިދުމްތަތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. 27 އަހަރު ސްކޫލް ހިންގެވުމަށްފަހު، ސްކޫލްގެ ޢިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަފުޅު ޚަރަދުގައި ބަދަލުކުރެއްވިއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުވެސް ބައެއް ކުދިންނަށްވަނީ ހޯއްދަވައިދެއްވާފައެވެ.

މަރޮށީ ޙުސައިން ކަލޭފާނަކީ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައިވެސް އެފަދަ ދެވަނައެއްނުވާ ޚިދުމަތްތެރިއެކެވެ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި މިސްކިތްތައް ބިނާކޮށްދެއްވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު މަރޮށީ ޙުސައިން ކަލޭފާނަށްވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އަދި އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ އަރުވާފައެވެ. ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް (ނ.ކ.ޝ.ޢ) އެމަނިކުފާނަށް އަރުވާފައިވަނީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހުއެވެ.

 

________________________