ކޯޕަންހޭގަންއަށް ތައްޔާރުވުމާ ގުޅޭގޮތުން އިނގިރޭސި ބޮޑުވަޒީރު ގޯޑަން ބްރައުން ހުށަހެޅުއްވި ރޯޑްމެޕަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބޮޑުވަޒީރު ބްރައުނަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރުގެ ހުށަހެޅުއްވުންތައް ވެގެންދާނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގައި ކުރެވެމުންދާ ބަހުސަށް ލިބިގެންދާ އަގުހުރި ޙިއްޞާއަކަށް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކޯޕަންހޭގަންއަށް ތައްޔާރުވުމުގެގޮތުން ކުރެވޭ މަޝްވަރާތަކަށް އިތުރު ބާރެއްލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރުދުވަހު ލަންޑަންގައި ބޮޑުވަޒީރު ގޯޑަން ބްރައުންވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި މިކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފަޤީރު ޤައުމުތަކަށް އެހީތެރިވެ ދިނުމަށްޓަކައި އަހަރަކު 100 ބިލިއަން ޑޮލަރު ހޭދަކުރުމަށް ދުނިޔޭގެ މުއްސަނދި ޤައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. މި ފައިސާއަކީ އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކަށާއި، އަދި ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށްޓަކައި، ދުނިޔޭގެ އެހީދޭ ޖަމާޢަތްތަކުގައި މިހާރު ހުރި ފައިސާގެ އިތުރުން ހޭދަކުރެވޭ މުޅިން އާބަޖެޓަކަށް ވާންޖެހޭނެކަމުގައިވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ފަޤީރު އަދި ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ހިތްވަރުދެއްވައި އެކަމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވައި ބޮޑުވަޒީރަށް ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި، ކޯޕަންހޭގަންގައި އެއްބަސްވުމަކަށް އައުމަށް އިނގިރޭސިވިލާތުން ކުރަމުންގެންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ރާއްޖެ ތައްޔާރަށް އޮތްކަންވެސް ރައީސްގެ ސިޓީފުޅުގައި ހާމަކުރައްވާފައިވެއެވެ.