ހެންވޭރު އަތިރީގޭ އަންނަބީލާ އަމީނާ މުޙައްމަދު އަމީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްޙޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނުއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކި 85 އަހަރެވެ. އަމީނާ މުޙައްމަދު އަމީނަކީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދަރިކަނބަލެކެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީން، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފަށްޓަވާފައިވަނީ 23 ޖުލައި 1955ގައި މަދްރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނާއިބު ކަމުގެ މަގާމުންނެވެ. 17 ޑިސެންބަރު 1957 ގައި އެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ދެން ޚިދުމަތް ފެށްޓެވީ 21 މެއި 1961 ގައި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓެރީ ކަމުގެ މަގާމުންނެވެ. އޭގެފަހުން، ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ސެކްރެޓެރީކަމާއި، ވަޒީރުލްއަޢުޒަމްގެ ސެކްރެޓެރީކަން ކުރައްވާފައިވެއެވެ. 16 ޖަނަވަރީ 1968ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ ރައީސް މައުމޫނުގެ ދައުރުގައި 10 ފެބުރުވަރީ 1980 ގައެވެ. އޭރު ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމަށެވެ. އެ މަގާމުގައި 8 އަހަރު ދުވަހު ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ ޑިރެކްޓަރ އޮފް ސޯޝަލް ސަރވިސަސް ކަމުގެ މަގާމު ފުރުއްވާފައިވެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ 1 މާރިޗު 1992 ގައެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.