بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި އެންމެހައި ސިފައިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް 128 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ސިފައިންގެ އިސް އޮފިސަރުންނަށާއި، ހުރިހާ ރޭންކުތަކުގެ ސިފައިންނަށް މަރުޙަބާއާ ތަހުނިޔާ އަރިސްކުރަން. އަދި ދިވެހި ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަން.

ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަ. ދިވެހި ޢަސްކަރިއްޔާގެ ޢަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވުން. މިއަހަރުގެ ސިފައިންގެ ދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ ޢަޒުމެއްގައި، ޤައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ޚިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި.

އާދެ، މުޅި ދުނިޔެއަށް ފެތުރި، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް މި ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް. މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައި.

އާދެ، ދިވެހި ސިފައިން ޢަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް" މި ޝިޢާރުގެ ތެދުކަން. މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން.

"ކޯވިޑް-19" އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި.

ދިވެހި ޢަސްކަރިއްޔާގެ ޙަޔާތުން ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއް. ޚާއްޞަ ގޮތެއްގައި، މިދިޔަ އަހަރުގެ އަޟްޙާ ޢީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަންކަމުގައި އެކި ފެންވަރުގައި އެކި ގޮތްގޮތުން ބައިވެރިވި ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ވޭތުވެދިޔަ އަހަރަކީ، ދިވެހި ޢަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެއް. ޢާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވެ، ސިފައިންގެ ޤައުމީ ޚިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް. މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުގެ އުންމީދަކީ، މާތްﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް، ދިވެހި ސިފައިން، މި ކާމިޔާބީ ތަކުރާރުކުރަމުން ގެންދިޔުން.

ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަންޖެހޭނެ ކަމަކީ، ތިޔަ ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާއި މަޞްލަޙަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަން. ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ފަޚުރާއި ޝަރަފަކީ، ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް، ތިޔަ ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ ޢަޒުމްކަން.

މި ފުރުޞަތުގައި، ދިވެހި ޢަސްކަރިއްޔާ ޒަމާނީކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކޮށް، އަދި ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ވެށްޓެއް ޤާއިމްކުރުމަށް، ސަރުކާރުން އެކަށައަޅާފައިވާ ތަޞައްވުރު، ޙަޤީޤަތަކަށް ހެއްދެވުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅާއި، އެކަމަނާގެ ހިންގުންތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ހުރިހާ ސިފައިން ޝާމިލްވާ ގޮތަށް ގަތާލެވިފައިވާ ދިވެހި ޢަސްކަރިއްޔާގެ ބަދަހި ސަފުތައް ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް، ތަހުނިޔާ ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޢަސްކަރިއްޔާއަށް އަދަށްވުރެ ފާގަތި ކުރިމަގެއް މާތްﷲ މިންވަރުކޮށްދެއްވުން. އަދި މި ލޮބުވެތި ވަޠަންގެ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމަށް ދިވެހި ސިފައިން ކުރަމުންދާ މަސައްކަތުގައި، ކެތްތެރިކަމާއި ސާބިތުކަމާއެކީ ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ، ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް މިންވަރުކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه