ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުން ފަރުވާ ލިބެމުންދާ ކޮންމެ ކުއްޖަކަށް އިތުރު 10 ކުދިން އެމަރްކަޒުން ބޭރުގައި، އެ ފަރުވާއަށް ބޭނުންވެފައި އެބަތިބި ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ 12 ވަނަ އަހަރީ ދުވަހާއި، އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި، ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިން، އެ މަރްކަޒަށް ފަރުވާއަށް ގެންދިއުމަށް މައިންބަފައިންނާއި ބެލެނިވެރިން އެދެމުންދިޔަ ކަމުގައިވިޔަސް، އެމީހުންގެ އާދޭހަށް ޖަވާބެއް ދެއްވަން ދަތިފުޅުވެފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއީ ކުޑަކަމެއް ނޫން ކަމަށާއި، ވަރަށްބޮޑު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން މަސްތުވާތަކެތި މަދުކުރުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ބަޔާންކުރައްވަމުން، ދިވެހި ފުލުހުންނާއި، ކަސްޓަމްސްގެ ބޭފުޅުން މިކަމުގައި ކުރައްވާ މަސައްކަތްތައް ނައިބު ރައީސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތި ކޮންމެވެސް ވަރަކަށް މާރުކޭޓުން މަދުވަމުންދާ ކަމަށާއި، މަސްތުވާތަކެތި މަދުވުމަކީ، އޭގެ ސަބަބުން އަނެއްކާވެސް އިތުރު މައްސަލަތަކެއް ނުކުންނަ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް، އެ ނުލިބުމުން ލިބޭ ހާސްކަމާއި ވޭނާއި، ކުރިމަތިލާންޖެހޭ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި، ހަމައެހެންމެ، އޭގެ އަސަރު، ޢާއިލާތަކަށާއި، މުޅި މުޖްތަމަޢަށްވެސް ފޯރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކަން ޙައްލު ކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ލިބެމުންދާ ކުދިންނާ މުޚާޠަބު ކުރައްވަމުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އެއްވެސް މީހަކީ، ބޭކާރު ގޮތެއްގައި އަޅުގަނޑުމެންގެ ޙަޔާތާއި ޢުމުރު ވޭތުކޮށްލަން ދުނިޔެއަށް އައިސް ތިބި ބައެއް ނޫން ކަމަށާއި، މިކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނުންތެރިކަމާއެކު ޙަޔާތް ވޭތުކުރާނަމަ، އަދި އަޅުގަނޑުމެންގެ ނަފްސާ ދޭތެރޭ ކޮންމެ ދުވަހަކުވެސް ވިސްނާލާނަމަ، މަސްތުވާތަކެތިން ސަލާމަތްވުމަކީ، އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ، ކޮންމެ ކުއްޖަކުވެސް، އެކުއްޖެއްގެ ޙަޔާތާ ދޭތެރޭގައި އަބަދުވެސް ފުންކޮށް ވިސްނަމުން ގެންދިއުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާދޭންޖެހޭ ހުރިހާ ކުދިންނަށްވެސް ފަރުވާ ދެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އިންތިޒާމު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.