بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިއްބެވި ހުރިހާ ފުލުހުންނާއި، އެހެނިހެން މުވައްޒަފުން، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމުގެ މި އުފާވެރި މުނާސަބަތުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި ފުލުހުންގެ އިސް އޮފިސަރުންނަށާއި، ހުރިހާ ރޭންކްތަކެއްގެ ފުލުހުންނަށާއި، ފުލުހުންގެ ތެރޭގައި ތިއްބެވި އެހެން މުވައްޒަފުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.


ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުން. މިއަހަރުގެ ފުލުހުންގެ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި.


އާދެ، މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް، އަޅުގަނޑުމެން މި ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއް. މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަން.


މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިޒޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އެ އަންނަނީ ދިވެހި ފުލުހުން. މިއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް. އެހެން ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން އެ ތިއްބެވީ، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި.


މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކުވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަތިބި. އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން.


އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ކުރުމަށް ފުރުޞަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން.


ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވިފަހުން އަދި މިވީ އެންމެ 16 އަހަރު. އެ ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް.


ނަމަވެސް، މި މުހިންމު މަސައްކަތް ކާމިޔާބުކުރުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. މި ހިނގާ 5 އަހަރަށް އެކުލަވައިލާފައިވާ އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނައިރު، ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް، މި މުއައްސަސާއަށް ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން.


ދިވެހި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ. ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ޤާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ.


ހަމައެފަދައިން، މުޖުތަމަޢުގައި އާލާވަމުން އަންނަ އާ ބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ޤާބިލު މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދިޔުމަށް މަގުފަހިކޮށްދޭނެ.


މި ދެންނެވި ބިލް ޤާނޫނަކަށް ވެގެންދާއިރު، ފުލުހުންގެ މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ.


އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭ ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.


ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށްދީ، ޞުލްޙަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖުތަމަޢުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ދިވެހި ފުލުހުން މިހާރަށްވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން.


ފުލުހުންގެ ޚިދުމަތް އެންމެ ބޮޑަށް އަމާޒުކުރަން ޖެހިފައިވަނީވެސް، ކުށް ކުރުން ހުއްޓުވުމަށާއި، ކުށްވެރިން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް. ކުށް ކުރުމުގެ ވައްޓަފާޅިއާއި ބޭނުންކުރާ އުކުޅުތައް، އަދި ކުށުގެ ބާވަތްތައްވެސް އަންނަނީ، ދުވަހުން ދުވަހަށް ބަދަލުވަމުން، އިތުރުވަމުން.


މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންގެ ޢަމަލުތައް އަންނަނީ ފުޅާކުރަމުން. ކުޑަކުދިންނާއި އަންހެނުންނާއި، ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ އެހެން މީހުންނާއި ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެ، އެ މައްސަލަތައް ހައްލުކުރުމަށް ދެވޭ ސަމާލުކަން އިތުރުވެއްޖެ.


ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާ ފެށިގެން އަންނަނީ، ފުލުހުން ކުރާ ތަޙުޤީޤުގެ ތެރެއިން. އެހެންކަމުން، ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި އަޅުގަނޑު ދެކެން. ފުލުހުން ކުރާ އެ މުހިންމު މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތް ކޮށްގެން.


ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް، ފުރިހަމަ ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމަށް، ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެވޭކަން، ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ، ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހުރިހާ ފުލުހުންގެ ފަރާތުން އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް.


ދިވެހި ފުލުހުންނާމެދު ރައްޔިތުން ކުރާ އުންމީދު ވަރަށް ބޮޑު. މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާކުރަމުން އަންނަނީ، ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ، ހަމަ ކޮންމެ ފުލުހެއްގެ ހީވާގި ޤައުމީ ޚިދުމަތް ފާހަގަކޮށް، ހުރިހާ ފުލުހުންނަށާއި، ފުލުހުންގެ ޚިދުމަތުގެ އެހެނިހެން މުވައްޒަފުންނަށާއި، ފުލުހުންގެ ޢާއިލާތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.


ފުލުހުންނާއި ރައްޔިތުންގެ ގުޅުމަކީ، އެއް ޢާއިލާއެއްގެ އެކަކު އަނެކަކާ ދެމެދު އޮންނަންޖެހޭފަދަ ހިތްހެޔޮ، އުފާވެރި ގުޅުމެއް. ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ބޮޑު ކަމެއްގައި، އެންމެ ފުރަތަމަ އެހީތެރިކަމަށް އެދި ގޮވާލަން ތިބޭނެ އެއްބަޔަކީވެސް ފުލުހުން. އެ ގޮވައިލުމަށް އެންމެ އަވަހަށް އިޖާބަދޭން ތިބޭނެ ބަޔަކީވެސް ފުލުހުން.


އެހެންވީމާ، ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ފުލުހުންނަށް އަޅުގަނޑު ކުރާ އިލްތިމާސަކީ، ތިޔަބޭފުޅުންނަކީ، މިހާރަށްވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ރައްޔިތުންނާ މުޢާމަލާތުކުރާ ބަޔަކަށް ވެވަޑައިގަންނަވާށޭ. ޤާނޫނުގެ ބާރަށްވުރެ، ތިޔަބޭފުޅުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވެވަޑައިގަންނަވާށޭ.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކޮށް އަދި އެއް ވާހަކައެއް ދަންނަވާލަން ޤަޞްދުކުރަން. އެއީ، އަޅުގަނޑުމެން މިއަދު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19 އިން ރައްކާތެރިވުމަށް، ޞިއްޙީ ޚިދުމަތްތެރިން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވައި، ގެއިން ބޭރުގައި އުޅުއްވާ ވަގުތު މިހާރަށްވުރެވެސް މަދުކޮށްދެއްވުން. ވީ އެންމެ އަވަހަކަށް އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިޔުމަށްޓަކައި، ހުރިހާ ބޭފުޅުންވެސް މިދުވަސްކޮޅު ގޭގައި މަޑުކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.


ދިވެހި ފުލުހުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ، ކާމިޔާބާއި ކުރިއެރުމަށް.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ފުލުހުންނަކީ، ރައްޔިތުން އިތުބާރުކުރާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ރައްޔިތުން އެދޭފަދަ ޞުލްޙަވެރި އަމާން މުޖުތަމަޢެއް ޤާއިމުކުރުމުގެ ޤާބިލުކަމާއި، ހިތްވަރާއި ފަންވަރު، ދިވެހި ފުލުހުންނަށް އެކަލާނގެ މިންވަރު ކުރެއްވުން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.