بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން. އަދި ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ނޫސްވެރިން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މިއަދު މި ބައްދަލުކޮށްލަނީ، މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ބައެއް މަޢުލޫމާތު ޙިއްޞާކޮށްލުމުގެ ބޭނުމުގައި.

މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގައި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް، ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތަށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.


ކޯވިޑް-19އާ ދެކޮޅަށް މި ކުރާ މަސައްކަތް ވިލަރެސް ކުރުމުގައި، އެޗް.ޕީ.އޭ އާއި އެން.ޑީ.އެމް.އޭގެ ދަށުން ނޭޝަނަލް ޓާސްކްފޯސްގެ ފަރާތުން، 46 އިދާރާއެއް ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި މި އުނދަގޫ ދަނޑިވަޅުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކެތްތެރިކަމާއި، ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ބައްޔާ ގުޅޭގޮތުން، ރާއްޖޭގެ ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި ފާހަގަކޮށް ޝުކުރު ދަންނަވަން.


ޗައިނާގައި މި ބަލި ފެތުރެން ފެށުމާއެކު، ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން، އަދި ޙާލަތާ ގުޅޭގޮތުން ކަންކަން ބަދަލުކުރަމުން މިއަންނަނީ، ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް. މިކަމުގައި އަޅުގަނޑު ދެކޭގޮތުގައި، އެންމެ އިސް ބަސްވެސް، އަދި އެންމެފަހު ބަސްވެސް ބުނާނީ، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން. ސަރުކާރުން ކުރާ ކަމަކީ، އެ ބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހިކޮށްދިނުން.


އެހެންވީމާ، އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވަން އޮތީ، މިއަދު ތިޔަބޭފުޅުންވެސް ޢަމަލުކުރައްވަންވީ، ޞިއްޙީ ތަޖުރިބާކާރުން އެ ދެއްވާ އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށޭ. އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށްޓަކައި. ތިޔަބޭފުޅުން ކޮށްދެއްވަންވީ ކަމަކީ، ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން.


މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ޢާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭކަން އަޅުގަނޑުވެސް ގަބޫލުކުރަން. ނަމަވެސް، ހުރިހާ ބޭފުޅުންވެސް ޤަބޫލުފުޅުކުރައްވަންވީ، މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން. އަދި ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިހާރުވެސް މި އަންނަނީ އަޅުގަނޑުމެން އަޅަމުން.


އެގޮތުން، މި އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް އަޅުގަނޑު ނިންމައިފިން. އެ މުއްދަތުގެ ތެރޭގައި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުންވެސް ބަންދުވާނެ.


އޭގެ އިތުރުން، މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓައިލެވޭނެ. މާނަޔަކީ އެ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް، ވަކިގޮތަކަށް ނިމެންދެން ރާއްޖެއަށް އެތެރެނުވެވޭނެ. އަދި ރިޒޯޓުތަކުން އެންމެފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިޒޯޓެއްގެ މުވައްޒަފުންނަށް ރިޒޯޓުން ފުރައިގެން އެހެން ތަންތަނަށް ދިޔުމުގެ ފުރުޞަތު ދެވޭނެ.


ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން، މާތް ﷲގެ ރަޙްމަތްފުޅާއެކު، 8 މީހަކު މިހާރުވަނީ ރަނގަޅުވެފައި. މިވަގުތު ފަރުވާދެވެމުން ދަނީ 5 ފަރާތަކަށް. އެ 5 މީހުންވެސް އެ އަންނަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން. އެކަމަކުވެސް މިއީ، މި ބަލި އަޅުގަނޑުމެންގެ ތެރޭގައި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިކަމުގައި އަޅުގަނޑުމެން މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު. މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި މި ބަލި ފެތުރިދާނެ އެންމެހައި ދޮރުތައް ބަންދުކުރުމަށް.


އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ކަންކޮޅުތަކުގައި މި ބަލި މި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން. އެހެން އޮތްއިރުގައި، މުޅި ދުނިޔެއަށް މިކަން ކޮންޓްރޯލް ނުކުރެވެނީސް ރާއްޖެއަށް މިބަލި ނާންނާނެއެކޭ އަދިވެސް އަޅުގަނޑުމެންނަށް ދެންނެވޭކަށް ނެތް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިކަމުގައި އަޅުގަނޑުމެން މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު. މިވަގުތު އެންމެބޮޑު ސަމާލުކަމެއް ދޭންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި މި ބަލި ފެތުރިދާނެ އެންމެހާ ދޮރުތައް ބަންދުކުރުމަށް.


މިކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ވަރަށް ބޮޑު ގެއްލުމެއް މިހާރުވެސް އެބަ ލިބޭ. ޢާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުން. ޖުމްލަކޮށް ދަންނަވާނަމަ، މުޅި އިޤްތިޞާދަށް އަންނަނީ ވަރަށް ބޮޑަށް ގެއްލުންވަމުން.


ނަމަވެސް، ސަރުކާރުން މަސައްކަތް މި ކުރަނީ، މި ޙާލަތުގައި ޢާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ވީވަރަކުން ކުޑަކޮށްދިނުމަށް. އެކަމުގެ ބައެއް ތަފްޞީލުތަކަށް އަޅުގަނޑު ޖެހިލާނަން.


ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެ ބޭންކުން ވަނީ ނިންމާފައި. މާނަޔަކީ 3 އަހަރަށް ދޫކޮށްފައި އޮތް ލޯނެއް ކަމަށްވާނަމަ، ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަސް އިތުރުކޮށްދެވޭނެ. އަދި މި ދެންނެވިހެން ފުރަތަމަ 6 މަސްދުވަހު ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެ. އަދި ފުރަތަމަ 6 މަސް ދުވަހަށްފަހު، ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަންޖެހޭ ފައިސާ، އިތުރު 6 މަސް ދުވަހަށް، 20 އިންސައްތައިން ކުޑަކޮށްދިނުމަށްވެސް ބޭންކުން ވަނީ ނިންމާފައި. މާނަޔަކީ 6 މަސްދުވަހަށްފަހު ލޯނު ދައްކަން ފަށާއިރުވެސް އެއިން 20 ޕަސެންޓް ކުޑަކުރާ ވާހަކަ. 100 ރުފިޔާ ދައްކާނަމަ، ދައްކަންޖެހޭނީ 80 ރުފިޔާ.


ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި އަދި އެނޫން ވިޔަފާރިތަކަށް، ބީ.އެމް.އެލް.ގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް، އެ ބޭންކުންވަނީ ނިންމާފައި.


ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދަނޑުވެރިކަމަށް އެސް.ޑީ.އެފް.ސީ. އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައި. އަދި އިތުރު ލޯނުތައް ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. އަދި އެ ހަ މަސްދުވަހުގެ އިންޓަރެސްޓްވެސް މިހާރު ވަނީ ހަތަރު އިންސައްތައަށް ކުޑަކޮށްދީފައި.


އޭގެ އިތުރުން، އެޗް.ޑީ.އެފް.ސީ. އިން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައި.


ފަތުރުވެރިކަން ދަށްވެ، ރާއްޖެއަށް ބޭރު ފައިސާ ވަނުން މަދުވެފައިވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ޑޮލަރުގެ އަގު މިހާރަށްވުރެ ބޮޑުވިޔަނުދީ ހިފެހެއްޓުމަށް. އެގޮތުން، އެމް.އެމް.އޭ. އިން މިހާރު އަންނަނީ ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުން.


ކުރިން ދެންނެވި މާލީ ލުއިތަކުގެ އިތުރުން، ސަރުކާރުން މިހާރު ވަނީ، 2.5 ބިލިއަން ރުފިޔާގެ އިޤްތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް އެކުލަވައިލާފައި. ކޯވިޑް-19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް.އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ، މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާނު ކުރެވޭނެ.


އޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ، އެޕްރީލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ، އަދި ފެން ބިލުން 30 އިންސައްތަ، ސަރުކާރުން ސަބްސިޑައިޒް ކޮށްދޭނެ. މިވާހަކަވެސް ވާނީ އަޅުގަނޑުމެން ކުރިން އިޢުލާނުކޮށްފައި.


މި ދުވަސްވަރު އިންޓަރނެޓް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ޙިއްޞާކުރާނަން.


ބޮޑުކަންނެލީގެ މަސްވެރިކަމަށް އެހީތެރިވެދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ޕެކޭޖެއް އެކުލަވައިލައި، ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރަން ފަށާފައި. ދޮށީގެ މަސްވެރިކަންވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ވޭތުވެދިޔަ ދެދުވަހުވެސް، ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ ޓަނު، މިފްކޯއަށް ކިރުވިއްޖެ. މި ދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެގޮތަށް، ވީއެންމެ ރަނގަޅަކަށް މަސްވެރިންނަށް ސަރުކާރުން އިރާދަކުރެއްވިއްޔާ ފައިސާ ދޫކުރާނެ.


ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މި ނިންމީ، މިދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކޮށްދީ، އިޤްތިޞާދުގެ ދުވެލި ދެމެހެއްޓުމުގެ މަޤްޞަދުގައި. އަދި ފައިސާ ދައުރުވުން ނުހުއްޓި، އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރުމަށް.


މީގެ އެއް މަސް ފަހުން އަޅުގަނޑުމެންނާ އެ ބައްދަލުކުރަނީ މި އަހަރުގެ ރޯދަމަސް. ދަނޑުވެރިން މިހާރުވެސް އަންނަނީ ރޯދައަށް ދަނޑު ހައްދަމުން. ދަތުރުފަތުރު ކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން، ސަރުކާރުން މިހާރު ޤަޞްދުކުރަނީ، ދަނޑުވެރިން އުފައްދާ ތަކެތި އެސް.ޓީ.އޯ މެދުވެރިކޮށް، ހަލާކުނުވެ ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިންގ ޕްލެޓްފޯމެއް ޤާއިމުކުރުމަށް. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ގޮތުގެ ތަފްޞީލް، އެސް.ޓީ.އޯ. އިން އާންމުކުރާނެ.


މަތީ ތަޢުލީމް ޙާޞިލުކުރުމަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައިވެސް، މިދަނޑިވަޅުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މިހާރުވަނީ ނިންމާފައި. މިހާރުވެސް ސްޓޫޑެންޓް ލޯނު އަނބުރާ ދައްކަން ޖެހިފައިވާ 4000 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވި.


ސަރުކާރުން މިހާރު ނިންމާފައިވަނީ، މި ދެންނެވި ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް. އަދި އޭގެއިތުރުން، މިހާރު އޮތް ސްޓޫޑެންޓް ލޯނު ސްކީމް، ކަނޑައެޅިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށް.


މި ޙާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާ. އެގޮތުން ވަރލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު މިހާރުވަނީ ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ލިބިފައި. މީގެ އިތުރުން، އޭ.ޑީ.ބީ އާއި އޯޕެކް، އައި.ޑީ.ބީ، އޭ.އައި.އައި.ބީ.ފަދަ ބޭންކުތަކާ މި އަންނަނީ މަޝްވަރާ ކުރަމުން.


އެސް.ޓީ.އޯ. އިން މާރިޗު މަހުގެ ތެރޭގައި، ކާޑުގެ ބާވަތްތައް ވިކިފައިވާ ޢަދަދަށް ބަލާއިރު، ކޮންމެ ރަށެއްގައިވެސް މިހާރު އިތުރު އެއް މަސްދުވަހަށް ވާވަރަށް ކާޑުގެ ސްޓޮކެއް ހުންނާނެ. އަދި އެސް.ޓީ.އޯ. އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިހަ މަސް ދުވަހަށްވާވަރަށް ހަނޑޫ، ހަކުރު، އަދި ފަސް މަސް ދުވަހަށްވާވަރަށް ފުށުގެ ސްޓޮކެއް، އަންނަ އެޕްރީލް މަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް ގެނައުމަށް. ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް، އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމުގެ ޔަޤީންކަން އެސް.ޓީ.އޯ އިން ދެއްވާ.


ކޯވިޑް-19އާ ދެކޮޅަށް އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތުގައި އެހީތެރިވެދޭ، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި، ރިޒޯޓް އޯނަރުންނަށާއި، ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މި ފުރުޞަތުގައި ޝުކުރު ދަންނަވަން. އަދި އެކުވެރި ބައެއް ޤައުމުތަކުންވެސް ދެމުންދާ ދީލަތި އެހީތަކަށްޓަކައި، އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.


މިއީ އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. އަޅުގަނޑުމެންގެ ތެރޭގައި ތިބި ޢުމުރުން ދުވަސްވީ މީހުންނަށާއި، ނަފްސާނީ ބަލިތަކުގެ މީހުންނަށާއި، އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ މީހުންނަށާއި ކުޑަކުދިންނާމެދު އޯގާތެރިވެ އަޅާލައި، އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިދުވަސްވަރު ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ.

 އާދެ، މިހާހިސާބުން އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރުޞަތު ހުޅުވާލާނަން.

އަޙްމަދު ޙަމްދޫން - މިހާރު:

އަޅުގަނޑުގެ ދެ ސުވާލު އެބައޮތް މަނިކުފާނަށް. ފުރަތަމަ ސުވާލަކީ، ދެންމެ މަނިކުފާނު ތިޔަ ފާހަގަކުރެއްވީ، މިދަތިކަމުން އަރައިގަތުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި، ބީ.އެމް.އެލް.ގެ ވާހަކަ ތިޔަ ފާހަގަކުރެއްވީ. ދެން އެހެންނަމަވެސް، ރާއްޖޭގައި ހިންގާ ވަރަށްގިނަ ބޭންކްތައް އެބަހުރި. އެސް.ބީ.އައި، ބޭންކް އޮފް ސިލޯން، މިހެންގޮސް ވަރަށްގިނަ ބޭންކްތައް އެބަހުރި. އިސްލާމިކް ބޭންކް. މިތަންތަނުންވެސް ހަމަ ވަރަށްގިނަ ބަޔަކު ލޯނު ނަގާފައި އެބަތިބި. ސަރުކާރަށް ކިހާވަރަކަށް އެތަންތަނުން އެއްބާރުލުން ލިބޭތޯއޭ؟ އެތަންތަނުން ލޯނު ނަގާފައި، އެކި ގޮތްގޮތުން އެތަންތަނުން އެހީތެރިކަން ހޯދާފައި ތިބި މީހުންނަށް ކޮބައިތޯއޭ އޮތް ލުޔަކީ. އަދި ސަރުކާރަށް މިކަމުގެ ތެރޭގައި ކިހާވަރަކަށް އެއްބާރުލުން އެ ބޭންކްތަކުން ދޭތޯ؟

ދެވަނަ ސުވާލަކަށް އަޅުގަނޑު ދަންނަވާލާނީ، މިހާރު ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރެއްވީ. އިންޓްރެސްޓްވެސް ވަރަށްބޮޑު ލުޔެއް ދެއްވައިފި. ދޭއިރުގައި، މާލޭގައި ވަރަށްގިނަ ބަޔަކު މިއުޅެނީ ކުއްޔަށް. އެހެންވީމާ، އެ ލޯނު ދެއްކުން ފަސްކުރުމާއެކު، އެބައި ރެގިއުލޭޓް ކުރުމަށް ވީހާވެސް ބޮޑަކަށް ސަރުކާރުން މަސައްކަތް ކުރައްވާނަންތޯ؟ ކޮބައިތޯ ސަރުކާރުގެ ޕްލޭނަކީ؟ ގިނަ ބަޔަކު ކުއްޔަށް އުޅޭއިރުގައި، މި މަހުގެ މި ޕީރިއަޑްގައިވެސް އެބަހުރި ދަތިތަކެއް ދިމާވެފައި.

އެހެންވީމާ، ސަރުކާރުގެ ވިސްނުން އެބަހުރިތޯއޭ، ކުއްޔަށް އުޅޭ މީހުންނަށް ޚާއްޞަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޙަމްދޫންގެ ފުރަތަމަ ސުވާލަކީ، އެހެން ބޭންކްތަކުން ނަގާފައި އެބަހުއްޓޭ ލޯނު. އެ ބޭންކްތަކުން އެ ލުއި ލިބިދާނެތޯ؟

އެމް.އެމް.އޭ.ގެ ގަވަރނަރ ހުރިހާ ބޭންކްތަކެއްގެ މެނޭޖަރުންނާ ބައްދަލުކުރައްވައިފި. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން ހުރިގޮތް، އަޅުގަނޑުމެން އެދޭގޮތް ބޭންކްތަކަށް މިހާރުވާނީ ހުށަހަޅާފައި. އަޅުގަނޑުމެންނަށް އޭގެ ޕޮޒިޓިވް ޖަވާބު ވަނީ ލިބިފައި. އިރާދަކުރެއްވިއްޔާ، ހުރިހާ ބޭންކްތަކަކުންވެސް އަޅުގަނޑު އުއްމީދު ކުރަނީ، ސަރުކާރާއި އަދި ސެންޓްރަލް ބޭންކުން މި ނެރުނު އުޞޫލުތަކަށް އެއްބާރުލުން ދެއްވައި، ރައްޔިތުންނަށް މިވަގުތު ދިމާވެފައިމިވާ ދަތި އުނދަގުލުން ސަލާމަތްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް.

ދެން ރަނގަޅު ވާހަކައެއް ތިޔަ ވިދާޅުވީ. މާލޭގެ ރެންޓްތަކުގެ އަގު ބޮޑު، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް. އެންމެ އަގުބޮޑު ސިޓީތަކާ އެއްވަރު. ސަރުކާރުން އަދިއެއް އަޅުގަނޑުމެންނެއް އެ ރެގިއުލޭޓް ނުކުރަން. އެހެންނަމަވެސް، ޙަމްދޫންގެ ތިޔަ ވިސްނުން، ހުށަހެޅުން އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ތިޔަކަމާ ދޭތެރޭގައި އަޅުގަނޑު ވިސްނާނަން.

ނިޝާން މުޙައްމަދުދީދީ - ޕީ.އެސް.އެމް. ނިއުސް:

އަޅުގަނޑުގެވެސް ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ކޯވިޑް-19 އާ ގުޅިގެން، ބައެއް ވިޔަފާރިތައް ބަންދުކޮށްފައި މިހާރު މިވަނީ. ދެން މިއާއެކު، ޚާއްޞަގޮތެއްގައި ރިޒޯޓްތައް ބަންދުކުރާ ވާހަކަވެސް އަޅުގަނޑުމެންނަށް އަޑުއިވިގެން އެބަދޭ. މިއާއެކު، ރިޒޯޓްތަކުގައި ތިއްބަވާ މުވައްޒަފުން، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް ދަތިތަކާ އެބަ ކުރިމަތިވޭ. އެފަރާތްތަކުން ޢާއިލާތައް ގެންގުޅުމުގައި. ޚާއްޞަ ގޮތެއްގައި މާލޭގައި ދިރިއުޅުއްވާ ބޭފުޅުންވެސް އޭގެތެރޭގައި ހަމަ ގިނަ. ކޮބައިތޯ އެފަދަ ފަރާތްތަކާމެދު، އެފަރާތްތަކަށް އެހީތެރިވެދިނުމަށް ސަރުކާރުގެ ވިސްނުން ހުރީ ކޮންގޮތަކަށްތޯ؟

ދެން ދެވަނަ ސުވާލަކީ، ރާއްޖެއިން ބޭރުގައި އަވަށްޓެރި ޤައުމުތަކުގައި އެބަ ދިރިއުޅުއްވާ، ޚާއްޞަގޮތެއްގައި ސްރީލަންކާއާއި އިންޑިއާގައި ވަރަށްގިނަ އަދަދެއްގެ ދިވެހިން އެބަ ދިރިއުޅޭ. އޭގެތެރެއިން ބައެއް ފަރާތްތަކުން އެބަ ބޭނުންވޭ، މިވަގުތު އެ ޤައުމުތަކުގައި ލޮކްޑައުންތައް އިޢުލާނުކޮށްފައި ވުމާއެކު، ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް އެބަތިބި. އެފަރާތްތަކާމެދު އެއްވެސް ގޮތެއް ނިންމަވާފައިވޭތޯ، އެފަރާތްތައް ރާއްޖެ ގެނައުމާމެދު އެއްވެސްކަހަލަ މަޝްވަރާތަކެއް، ނޫންނަމަ ގޮތެއް ނިންމެވިފައިވޭތޯ؟ އަންނަން ބޭނުންވާ ފަރާތްތަކަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ސްޓިމިއުލަސް ޕެކޭޖެއް ސަރުކާރުން ތައްޔާރުކޮށްފައި، ބޭންކްތައް މެދުވެރިކޮށް، ރިޒޯޓުތަކަށާއި ވިޔަފާރިތަކަށް ދޫކުރުމުގެ ވިސްނުމަކީ އެއީ އިނގޭތޯ. އެނގިވަޑައިގަންނަވާނެ، ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން މި އަންނަނީ.

އެހެންވީމާ، މީގައި އަޅުގަނޑުމެންނަށް ޙައްލެއް ހޯދައިދެވޭނީ، އެންމެން އެކީގައި މަސައްކަތްކޮށްގެން. އަޅުގަނޑުމެން މި ސްޓިމިއުލަސް ޕެކޭޖްގެ ތެރެއިން މި ދޫކުރާ ލޯނު އެހީ، ލުއިގޮތެއްގައި މި ދޫކުރަނީ ވީވަރަކުން ހަމަ ވިޔަފާރިވެރިންގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަކިނުކުރުމަށް. އަދި ދޭންޖެހޭ މުސާރަ، ހަމަ މަހުން މަހަށް ލިބޭގޮތަށް ހެދުން. އަޅުގަނޑުމެން ލޯނު ދޫކުރާއިރުގައި އެކަމަށް އިސްކަންވެސް ދޭނަން.

އެހެންވީމާ، އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ހުރިހާ ވިޔަފާރިވެރިންނަށްވެސް. މި ދަތި އުނދަގޫ ދަނޑިވަޅުގައި، ޢާންމު ރައްޔިތު މީހާއަށް ވީވަރަކުން އެހީތެރިވެދިނުމަށް. ސަރުކާރުގެވެސް ވިސްނުމަކީ އެއީ. އަޅުގަނޑުމެންނަށް ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން އަޅުގަނޑުމެން މިދަނީ އެކަމަށް އެހީތެރިވަމުން.

އަޅުގަނޑަށް ވަރަށްގިނަ ވިޔަފާރިތަކުން އެކަމުގައި އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން މިހާރުވެސް އެބަ ލިބޭ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، ރިޒޯޓުތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެ ލިބެންޖެހޭ އޯވަރޓައިމް އާއި ޓިޕްސް، ޓޫރިސްޓުން ނާންނަންޏަކާ ނުލިބޭނެ. އެހެންނަމަވެސް، ބޭސިކް ސެލަރީ، އަޅުގަނޑު ގަބޫލުކުރަނީ، މިދޭ ޕެކޭޖްގެ ތެރެއިން ހަމަޖެއްސިގެންދާނެ ކަމަށް. އަޅުގަނޑުގެ އިލްތިމާސެއް އެއީ.

ދެން ތިޔަ ވިދާޅުވާހެން ރާއްޖެއިން ބޭރުގައި އެބަތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން. ދިވެހި ރައްޔިތުން އެބައުޅޭ. ޚާއްޞަކޮށް، ސްރީލަންކާ، މެލޭޝިޔާ، އިންޑިއާގައި. މިހާރު ހުރިހާ ޤައުމެއްވެސް އޮތީ ތިޔަ ވިދާޅުވާހެން ލޮކްޑައުންގައި. އަޅުގަނޑުމެން އިވެކްއޭޓް ކުރަން ޖެހިއްޖިއްޔާ، އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭނެ ޚަރަދުތަކާއި އެއްޗެތި ރާވައިގެން މިތިބީ. އިރާދަކުރެއްވިއްޔާ، އެހިސާބަށް ނުގޮސް މިކަން ނިމޭނެކަމަށް އަޅުގަނޑުގެ އުއްމީދަކީ. އެކަމަކު އެހިސާބަށް ގޮސްފިއްޔާ، ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ. ބޮޑު ޚަރަދެއް ސަރުކާރުން ކުރަންޖެހޭނީ. އެހެންނަމަވެސް، އަޅުގަނޑުމެން ޗާޓަރު ފްލައިޓް ބާއްވައިގެން އެކަން ކުރަން ޖެހިއްޖިއްޔާ އަޅުގަނޑުމެން ކުރާނަން. އެނގިވަޑައިގަންނަވާނެ، މިހާރުވެސް ނޭޕާލްގައި އެބަތިބި، 17 ކުއްޖެކޭ އަޅުގަނޑު ހަނދާންވަނީ. އެއަރޕޯޓަށް ގޮސްފައި، ދިޔަތަނުން ފްލައިޓް ކެންސަލްވެގެން ނާދެވިފައި. މިއަދު ފޮރިން މިނިސްޓްރީން އެ ކުދިން ގެނައުމުގެ މަސައްކަތް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. ހަމަ އެގޮތަށް، ފިލިޕީންސްގައި ތިބި ކުދިންނާ ދޭތެރޭގައިވެސް އެގޮތަށް ޢަމަލުކުރަމުން މިގެންދަނީ. އެހެންނަމަވެސް، އެތަންތަނުގެ ބޯޑަރ މިވަގުތު އޮތީ ލޮކް ކޮށްފައި. އެއްވެސް ފްލައިޓަކަށް ފިލިޕީންސަކަށްވެސް މެނީލާއަކަށް ނުވަދެވޭ. ނޭޕާލަކަށްވެސް ނުވަދެވޭ.

އެހެންވީމާ، އެ ހުޅުވުނުހާ އަވަހަކަށް، ނޫނީވިއްޔާ ޚާއްޞަ ގޮތްތަކެއް ހޯދައިގެންވެސް، ޚާއްޞަކޮށް، ނޭޕާލްގައި ތިބި ކުދިން  ނެރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް މިހާރު ޚަބަރު މި ލިބެނީ، މި ކޯވިޑް-19 ފެތުރިގެންދާއިރުގައި، ނޭޕާލް ހަމަ ވަރަށް ގޯސްވެދާނެ ކަމަށް. އެހެންވީމާ، އޭގެކުރިން އެކުދިން އެތަނުން ނެރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން.

އާދެ، ހަމައެގޮތަށް، ސްރީލަންކާގައިވެސް، އިންޑިއާގައިވެސް، މެލޭޝިޔާގައިވެސް ތިބި ދިވެހި ރައްޔިތުންނާ ދޭތެރޭގައި އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދާނީ.

އަޙްމަދު ޒާހިރު - ސަން މީޑިއާ ގްރޫޕް:

 ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް އޯވަރ 80 ޕަސެންޓް މިއޮތީ ޓޫރިޒަމަށް ބަރޯސާވެފައި. އޮއްވާ ހުރިހާ ބޭރު ފައިސާއެއް މި ލިބެނީ ރިޒޯޓުތަކަށް އަންނަ ބިދޭސީންގެ ފަރާތުން. ދެން މި ޙާލަތުގައި އަޅުގަނޑުމެންނަށް ފޮރިން ކަރަންސީގެ ދަތިކަމެއްއަޔަސް، އޮބްވިޔަސްލީ އަންނާނެ. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީއަށް ސަރުކާރުން ވިސްނާފައި އޮތްގޮތަކީ ކޮބައިތޯއޭ؟ ދެން ދެތިން މަހަށްވެސް ދިގުދެމިގެންދާނަމަ، އެއާ ދޭތެރޭ އަޅުއްވަން ގަސްދުކުރައްވާފައި އޮތް ފިޔަވަޅުތަކަކީ ކޮބައިތޯ؟

ދެން ދެވަނަ ސުވާލަކީ ޙަމްދޫންވެސް ކުރެއްވި ސުވާލަކާ ގުޅިގެން މަނިކުފާނު އެ ސުވާލު އެހެން ގޮތަކަށްކަންނޭނގެ ޖަވާބު ދެއްވީ. ސުވާލަށްވުރެ ބޮޑަށް އަޅުގަނޑު އެއަށް އެލަބޮރޭޓް ކޮށްލަން ބޭނުން. މިސާލަކަށް، ގުދަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތައް މި ގަޑީގައި ވަރަށްބޮޑު ތަޙައްމަލުތަކެއް އެބަކުރޭ. ކުލި ދެއްކުމާއި އަދި ގެދޮރާއި ފިހާރަތައް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން. ދެފަރާތަށްވެސް ގެއްލުން ލިބޭ.

އެހެންވީމާ، 2.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި، މި ފަރާތްތައްވެސް ހިމެނޭނެތޯއޭ. އެފަރާތްތަކަށް އެއިން ލިބޭނެ މަންފާއަކީ ކޮބައިތޯއޭ.

އަނެއް ސުވާލަކީ ބޭންކް ލޯނު 6 މަސްދުވަހަށް ފަސްކޮށްލާއިރު، 6 މަސްދުވަސް ފަހުން އަނބުރާ ދައްކަންޖެހެނީ އެހިސާބުން ފެށިގެންތޯއޭ. ނޫނީ 6 މަސް ދުވަހުގެ އިންޓްރެސްޓް ކޮމްޕޯނަންޓަށް ކިހިނެއްތޯއޭ ވާނީ އަދި ހަމަ ރިޒޯޓުތަކުގެވެސް ދެ މިލިއަން ޑޮލަރުގެ ޕެކެޖެއް ދިނަސް، ދެތިންމަސް ފަހުން އަނބުރާ ރިވައިވް ކުރާއިރު، ސަރުކާރުން އެއްވެސްވަރެއްގެ ލޯނެއްގެ އިތުރަށްވުރެ ބޮޑަށް އިކޮނޮމީ ރިވައިވް ކުރަން އެއްވެސްކަހަލަ ބެނެފިޓެއް ލިބޭނެ މެކެނިޒަމަކާ ދޭތެރޭގައި ވިސްނަވާފައިތޯއޭ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ ވިދާޅުވާހެން ރާއްޖޭގެ އިޤްތިޞާދުގެ، ޖީ.ޑީ.ޕީ.ގެ ޑައިރެކްޓްލީ، އޯރ އިންޑައިރެކްޓްލީ މިއީ 80 ޕަސެންޓް، ޓޫރިޒަމަށް އަޅުގަނޑުމެން ބަރޯސާވަނީ. އެއީ ފޮރިން ކަރަންސީ އެންމެ ގިނައިން ވަންނަނީ ޓޫރިޒަމް ދާއިރާއަށް. ޝޯޓޭޖެއް އުޅޭނެ. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ބޮރޯ ކުރަން އިނގޭތޯ. ލޯނު ނަގަން ބޭރުން. އަދި އޭގެއިތުރުން، އަޅުގަނޑުމެންގެ އެބައޮތް، ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް. އެނގިވަޑައިގަންނަވާނެ، އިންޑިއާ އިން ދިން 1.4 ބިލިއަން ޑޮލަރސްގެ ތެރެއިން 400 މިލިއަނަކީ ކަރަންސީ ސްވޮޕަށް އަޅުގަނޑުމެން އެލޮކޭޓް ކޮށްފައި އޮތް 400 މިލިއަން. އޭގެ ބޭނުމެއް އަދިއެއް ނުކުރަން. ބޭނުންވެއްޖެ ހިނދެއްގައި، އޭގެ ބޭނުން އަޅުގަނޑުމެންނަށް ކުރެވޭނެ.

އެހެންވީމާ، ޑޮލަރު ޝޯޓޭޖެއްނެތި، ހަމަގައިމުވެސް ކުރިއަށް މި އޮތް ތިން ހަތަރު މަސްދުވަހު އަޅުގަނޑުމެންނަށް ގެންދެވޭނެ.

މިއީ އެހާ ދުރަކަށް ފޯކަސްކޮށްގެން ކަންތައްތައް ރާވަން އެނގޭ ވަގުތެއް ނޫން. އެނގިވަޑައިގަންނަވާނެ، މިކަން މިއައީވެސް އެއްވެސް މީހަކު މިކަމާ ދޭތެރޭގައި ވިސްނުމެއް ނެތް، ކޯވިޑް-19އާ ކުރިމަތިލުމަށް. އަޅުގަނޑުމެންނަށްވުރެ ބޮޑެތި އިޤްތިޞާދުތަކާއި، ކުރިއަރާފައި ހުރި ޤައުމުތައްވެސް މިދަނީ ހަމަ އެއަށް ކޯޕް ނުކުރެވިގެން. އިކޮނޮމީތައް ހަމަ ފުނޑިގެން އެ ދަނީ. އެމެރިކާ ކަމަށް ބެލިޔަސް، އަދި ޗައިނާ ކަމަށް ބެލިޔަސް، އަދި އެހެންގޮސް ދެންހުރި ޤައުމުތަކަށް ބެލިޔަސް، މިކަމާ ކުރިމަތިލުމަށް ތައްޔާރުވެގެން ތިއްބައެއް ނޫން މި ކުރިމަތިވީކީ. ހަމަ ކޮންމެ ބަޔަކުވެސް އެ ގެންދަނީ އެ ވަގުތަކާއި ޙާލަތަކާޖެހޭ، އެގޮތަށް ކަންތައްތައް ފިޔަވަޅުތައް އަޅަމުން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެމެރިކާގައި، ދެ ޓްރިލިއަން ޑޮލަރސް ޗާޕްކުރާ ތަން. އެމެރިކާގެ އިޤްތިޞާދަކަށް އެއަކުންނެއް ލޮޅުމެއްނާރާނެ. އެއީ ޑޮލަރަކީ ކޮމޯޑިޓީއެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ ދުނިޔޭގައި. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް ނެތް އެހެންވާކަށެއް. އަޅުގަނޑުމެންނަކީ އިމްޕޯޓަށް ބަރޯސާވެފައި އޮތް ޤައުމަކަށްވާތީ، ދަތި އުނދަގޫތަކެއް އެބަހުރި. އެހެންނަމަވެސް، މި ކުރާ މަސައްކަތުން އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ ޑޮލަރު ޝޯޓޭޖެއްނެތި އަދި ހިފަހައްޓައިލެވޭނެ ކަމަށް.

އަދި ފުޑް ސެކިއުރިޓީގައިވެސް އަޅުގަނޑު މި ދެންނެވި ފަދައިން، އެޕްރީލް 15ގެ ކުރިން އަޅުގަނޑުމެން 10 މަސްދުވަހަށް ވާވަރަށް ހަނޑުލާއި ހަކުރުގެ ސްޓޮކެއް އެބަ ގެންނަން. އަދި 5 މަސް ދުވަހަށްވާވަރުގެ ފުލް ސްޓޮކެއް އެބަ ގެންނަން. އެހެންވީމާ، އަޅުގަނޑު ހިތުން ފުޑް ސެކިއުރިޓީއާ ދޭތެރޭގައި، ކުރިއަށް އޮތް 10 މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ހަމަޖެހިލައިގެން ތިބެވޭނެ. ރައްޔިތުން އެއާ ދޭތެރޭގައި ކަންބޮޑެއްވާކަށް ނުޖެހޭނެ.

ދެން ވިދާޅުވި، 2.5 ބިލިއަން ރުފިޔާގެ މި ޕެކޭޖްގެ ތެރެއިން ކުދި ވިޔަފާރިތަކަށާއި އަދި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް އެއިން އެބައޮތްތޯ. ކުރިމަތިލެވޭނެ އިނގޭތޯ. އަދި އަޅުގަނޑުމެން ބަލާނަން އެކަމުގައި އެ ހުރިހާ ފަރާތަކަށް ބީ.އެމް.އެލް.ގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭތޯ. އެއްވެސް ހާލެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަޅުގަނޑުމެން އެކަހެރިއެއް ނުކުރާނަން. އަދި އެސް.އެމް.އީ ބޭންކްތެރެއިންވެސް އަޅުގަނޑުމެން އެބަ ކަނޑައަޅަން ރަނގަޅު އަދަދެއް. އޭގެތެރެއިންވެސް ކުއްޔަށް ހިފައިގެން އުޅޭ މީހުންނާއި، އަދި ކުދި ވިޔަފާރިތަކަށް އެއިން ލުއި ލޯނު ލިބޭގޮތް އަޅުގަނޑުމެން ހަމަޖައްސާނަން.

ދެން 6 މަސްދުވަސް މިދެނީ. ދޭއިރުގައި އިންޓަރެސްޓާއި، ދައްކަންޖެހޭ އަޞްލު ޢަދަދުވެސް ނުދައްކާގޮތަށް މި ނިންމަނީ. ނިންމާފައި، 6 މަސްދުވަސް ފަށާއިރުގައި، އަނެއްކާ ދައްކަންޖެހޭ ޢަދަދުގެ ޓުވެންޓީ ޕަސެންޓް އެއިން އަޅުގަނޑުމެން ކަނޑާލަނީ. އެހެންވީމާ، އަޅުގަނޑު ދެންނެވީ އެއްހާސް ރުފިޔާ ދައްކަންޖެހޭ ބަޔަކަށް، އެ މަސްދުވަހުގެ ތެރޭގައިވެސް ދައްކަންޖެހޭނީ އަށްސަތޭކަ ރުފިޔާ. ދިހަހާސް ރުފިޔާ ވެއްޖިއްޔާ އޮންނާނީ އަށްހާސް ރުފިޔާ ދައްކާގޮތަށް. އެހެންވީމާ، އެއަށްވެސް ލުއި ދީފައި، އަނެއްކާ ލޯނުގެ މުއްދަތު އިތުރަށް 6 މަސް ދުވަހަށް އެބަ އިތުރުކޮށްދޭ.

އެހެންވީމާ، ވަރަށް ރަނގަޅު ފުރުޞަތެއް، ވަރަށް ރަނގަޅު އެހީތެރިކަމެއް މި ދެނީ. އަނެއްކާ އިންޓަރެސްޓް އެއިން ވަރަށްބޮޑުތަން، 6 ޕަސެންޓޭ އަޅުގަނޑު ހަނދާންވަނީ. އެހެންވީމާ، އެއީ ވަރަށްކުޑަ އިންޓަރެސްޓެއް.

އަޅުގަނޑު ހިތުން ސަރުކާރުގެ ފުދުންތެރިކަން ހުރިވަރުން މިއީ މިވަގުތަށް ކޮށްދެވޭނެ ހަމަ ވަރަށް ރަނގަޅު އެހީތެރިކަމެއް.

އާއިދު - ސްކުން ޕްލޭ:

އަޅުގަނޑުގެ މައިގަނޑު ދެ ސުވާލެއް އެބައުޅޭ. ފުރަތަމަ ސުވާލަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެބަ ވިދާޅުވޭ، މިކަމުގައި ސަރުކާރުން އެއްވެސްވަރަކަށް އެބޭފުޅުންނާ މަޝްވަރާ ކުރައްވަންތޯ؟

ދެން ދެވަނަ ސުވާލަކީ، ރާއްޖެ ފުލް ލޮކްޑައުންއަކަށް ދާންޖެހިއްޖެ ޙާލަތެއްގައި ކިހާވަރަކަށް ރާއްޖެ ތައްޔާރުތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އިދިކޮޅު ހުރިހާ ފަރާތްތަކަށް އެބައޮތް ފުރުޞަތު މިކަމުގައި ބައިވެރިވާން. ވަކިވަކި ހުރިހާ ރައްޔިތުންނަށްވެސް އެބައޮތް. ހުރިހާ ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް މިކަމުގައި ބައިވެރިވާން ފުރުޞަތު އެބައޮތް. ވަކި ކުލަޔަކަށް، ވަކި ޕާޓީއަކަށް، ވަކި ރަށަކަށް އަޅުގަނޑުމެން ބެލުމެއް ނެތް. މިއީ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެއް. މިތަނުގައި މިހާރުވެސް ވޮލަންޓިއަރުންނަށް ހުޅުވާލާފައި އެބައޮތް. ހަމަ ނޯޓް ކުރަމުން ގެންދަންވީ. އަޅުގަނޑުމެން ސަރުކާރުގެ ތެރެއިންވެސް މިއުޅެނީ ވޮލަންޓިއަރުން ނަގައިގެން. އެހެންވީމާ، ވަޑައިގެން، އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަށް އަންގާލީމާ އެކަމުގައި ބައިވެރިވެވޭނެ.

ރާއްޖެ ލޮކްޑައުންއަކަށް މިއޮތީ ގޮސްފައި. މިއަށްވުރެ ބޮޑު ލޮކްޑައުންއަކަށް އަޅުގަނޑަކަށް ހިއެއްނުވޭ ދެން ދާނެހެނެއް. ރާއްޖެއިން ބޭރު މީހަކަށް މީގެ 24 ގަޑިއިރު ފަހަކުން ނާދެވޭނެ. ރިޒޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަށަކަށް ނުދެވޭނެ. އެހެންވީމާ، މިވަގުތު މިއޮތީ ބުނެވިދާނެ، ލޮކްޑައުންއެއްގައޭ. އެކަމަކު އެނޫން ގޮތެއް ނެތް މިވަގުތަކު އަޅުގަނޑުމެންނަކަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިތިބީ ތައްޔާރަށް.

ކުރިންވެސް ދެންނެވި ފަދައިން ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަނުދީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރުން މަސައްކަތްކޮށްދޭނަން. އެއީ ކަރަންޓް ކަމަށްވިޔަސް، ފޯނު ކަމަށްވިޔަސް، އަދި ކާބޯތަކެތި ކަމަށްވިޔަސް. އަދި ދަތުރުފަތުރުގެ ޚިދުމަތް ކަމަށްވިޔަސް. ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭނަން.

މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، އިޤްތިޞާދަށް ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެހީތެރިކަން ހޯދަމުން އަންނަކަން. ފަހުން ރައީސް، ޤައުމުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއިރު ފާހަގަކުރެއްވި، ދިވެހިރާއްޖެއަށް އެހީތެރިކަން ލިބޭނެކަމުގެ ފެހި ސިގްނަލް ޤައުމުތަކުން ދެއްވާފައިވާ ކަމަށް. ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާއިރު، އެ ޤައުމުތަކުގެ ޙާލަތުވެސް މިވަނީ ވަރަށްބޮޑަށް ގޯސްވެފައި. ކޮރޯނާ ވައިރަސްއާ ގުޅިގެން ހަމަ ލޮކްޑައުންއަކަށް ގޮސްފައި މިވަނީ. އެހެންކަމުން، އެ ޤައުމުތަކުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްނުދެވިއްޖެ ޙާލަތެއްގައި، ކޮބައިތޯ ދެވަނަ އޮޕްޝަނަކީ. އެއްވެސްކަހަލަ ދެވަނަ ޕްލޭނެއް އެބައޮތްތޯ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށްޓަކައި، އެހީތެރިކަން ހޯދުމަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފައިނޭންޝަލް އިންސްޓިޓިއުޝަންތައް. އައި.އެމް.އެފް، ވާރލްޑް ބޭންކް، އޭ.ޑީ.ބީ، އައި.ޑީ.ބީ. އެހުރިހާ ތަނަކަށް އެދިގެން އަޅުގަނޑުމެން މިތިބީ. އަޅުގަނޑު ހިތުން މިގަޑީގައި އެ ހުރިހާ އިންސްޓިޓިއުޝަންތަކުން އަދި މިއަދު އޮތް މި ރީޖަންގެ ހުރިހާ ފައިނޭންސް މިނިސްޓަރުންނާ އެކީގައި ވާރލްޑް ބޭންކް ޓެލެ ކޮންފަރެންސެއް. އޭގައިވެސް ދެއްކީ ހުރިހާ ޤައުމުތަކަށް އެހީވުމާ ބެހޭގޮތުން. ތިޔަ ވިދާޅުވާހެން މިކަމުގެ ދަތި އިޙްސާސް ކުރަންނުޖެހޭ، އުނދަގޫ ތަޙައްމަލު ކުރަންނުޖެހޭ އެއްވެސް ޤައުމެއް ދުނިޔޭގައި މިވަގުތު ނެތް. މިކަމުން އަރައިގަނެވޭނީ މުޅި ދުނިޔެ އެކީގައި މަސައްކަތްކޮށްގެން. އެއްބަޔަކު އަނެއް ބަޔަކަށް އެހީވެދީގެން. އެނޫންގޮތަކަށް މިކަމަކުން އަރައެއްނުގަނެވޭނެ. އެހެންނަމަވެސް، މީގައި އުއްމީދު ގެއްލުވާލާކަށްނުވޭ. މިއުޅެނީކީ ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެނެއް ނޫން. ފައިސާ އެބަހުރި ބޭންކްތަކުގައި. ޤައުމުތަކުގައިވެސް އެބަހުރި. އެހެންނަމަވެސް، އެހެންކަމެއް މީގެތެރެއަށް ދިމާވެގެން މިއުޅެނީ. ބައްޔެއް ފެތުރިގެން. އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ދިމާވެގެން މިއުޅެނީ. މިކަމުން އަރައިގަތުމާ އެކީގައި، އަޅުގަނޑަށް ފެންނަނީ އިޤްތިޞާދަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ތަން. އެނގިވަޑައިގަންނަވާނެ، މިކަމުގެ އެކްސްޕަރޓުން ވިދާޅުވާ ގޮތުގައިވިއްޔާ، މި އަހަރުގެ ފަހު ކްއާރޓަރ އާއި، މި އަންނަ އަހަރުގެ ފުރަތަމަ ކްއާރޓަރގައި އިކޮނޮމިކް ބޫމެއް އަންނާނެ ކަމަށް.

އެހެންވީމާ، އަޅުގަނޑުމެން ކެތްކޮށްލައިގެން މި ގަޑީގައި ހިފަހައްޓާލައިގެން ތިބެންޖެހޭނީ. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ފަހުކޮޅުގައި އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް، މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑު ބަދަލުތަކެއް އަންނާނެ. އަޅުގަނޑަށް މަންޒަރު ފެންނަނީ ރާއްޖޭގެ ޓޫރިޒަމް ރިޒޯޓުތައް ހަމަ ފުރިގެންދާނެތަން.

ފާޠިމަތު އަޖްފާން - ދަ ޕްރެސް:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މިހާތަނަށް ކިތައް ރިޒޯޓް ބަންދުކުރެވިފައިވޭތޯ؟ އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވަނީ ފަންސާހަށްވުރެ ގިނަ ރިޒޯޓް ބަންދުވެފައިވާކަން. އެހެންކަމަށްވާނަމަ، ވިޔަފާރިތަކާއި ރިޒޯޓް ހުއްޓޭ ކަމަށްވާނަމަ، އެތައް ބައިވަރު މުވައްޒަފުންނެއްގެ ވަޒީފާ ގެއްލިގެން އެދަނީ. މިހާރު ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އިންސައްތައަކީ 6.4 ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އެހެންކަމުން، މި އަދަދު މައްޗަށް އަރައި، އިންފްލޭޝަންވެސް މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށް ލަފާކުރެވޭ. އެކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވަން ގަސްދުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިހާތަނަށް 50 ރިޒޯޓުގެ އޮޕަރޭޝަންސް ސަސްޕެންޑް ކޮށްފައި އެބައޮތް ތިޔަ ވިދާޅުވާހެން. އަދި އަޅުގަނޑުމެން މިއަދު މި އިޢުލާނު ކުރި ކުރުމާ ގުޅިގެން ހުރިހާ ރިޒޯޓެއް، ކުރިއަށް އޮތް ހަފްތާ، ދެހަފްތާގެ ތެރޭގައި ބަންދުވެގެންދާނެ. ޓޫރިސްޓުން ނާންނަންޏާ އެތަންތަނެއް ނުހިންގޭނެ. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ރިޒޯޓެއް، ހުރިހާ ހޮޓަލެއް ބަންދުވުމަކަށް މި އަންނަނީ ކުޑަ ވަގުތުކޮޅަކަށް. އެކަމަކު އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިގަޑީގައި އެބަޖެހޭ މިކަން ކުރަން. މިކަން ރަނގަޅަށް ކުރެވިއްޖިއްޔާ އަޅުގަނޑަށް ފެންނަނީ، ހަމަ ކުރިންވެސް ދެންނެވި ފަދައިން އަހަރު ނިމޭ ތަނުގައި އަޅުގަނޑުމެންނަށް ހަމަ އުޖާލާކޮށް.

އަޅުގަނޑުގެ ހަމަ އެދުމަކީ، ރިކްއެސްޓަކީ މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން. އަޅުގަނޑުމެން މި ދޭ އެހީ މިދެނީވެސް އެ ބޭނުމުގައި. އެހެންވީމާ، އަޅުގަނޑު ވަރަށް އުއްމީދު ކުރަން، ވަރަށް ޔަޤީންކަން އެބައޮތް، ގިނަ ފަރާތްތަކުން މިކަމަށް ޢަމަލުކޮށް އިޖާބަ ދެއްވާނެ ކަމަށް. އެކަމަކުވެސް ކުރިންވެސް ދެންނެވި ފަދައިން، ވިޔަފާރިތަކަށްވެސް މިއީ ދަތި އުނދަގޫ ދުވަސްތަކެއް. އެނގިވަޑައިގަންނަވާނެ، އެމެރިކާގައި ވަޒީފާ ގެއްލިގެންދާވަރު. މިލިއަނުން އެދަނީ ދުވާލަކު. ނުހިފެހެއްޓިގެން ދޫކުރަނީ. އެކަމަކު ރާއްޖެއަކު އަދި އެވަރުގެ ބަދަލެއް އަންނަ ތަނެއް އަޅުގަނޑަކަށް އަދިއެއް ނުފެނޭ. އެހެންނަމަވެސް، ބައެއް ދިމަދިމާއިން މުސާރަ ކުޑަކޮށް، ނޯޕޭލީވް ދޭ ޚަބަރު އެބަލިބޭ. އަޅުގަނޑު މި ދެންނެވިހެން މި އަންނަ ހަފްތާގެ ތެރޭގައި، މި ދޫކުރާ ޕެކޭޖްގެ ތެރެއިން މިއަށް ކޮންމެވެސްވަރެއްގެ ލުޔެއް އަންނާނެ. އަޅުގަނޑަށް އެނގޭ، 2.5 ބިލިއަން ރުފިޔާއަކީ ބޮޑު އެއްޗެއް ނޫން، މިވަގުތަށް ބަލާއިރު. އެކަމަކުވެސް އަޅުގަނޑުމެން އަދި ފަހަތަށް ވިސްނާނަން.

އިބްރާހީމް ޒަކީ - ވަން އޮން ލައިން:

އަޅުގަނޑުގެވެސް އެބައޮތް ދެ ސުވާލެއް. އާދެ، ފުރަތަމަ ސުވާލަކީ، މަނިކުފާނުވެސް ފާހަގަކުރައްވައިފި، ރާއްޖެއަށް މިވަގުތު މިވަނީ ބޮޑު އިޖުތިމާޢީ މައްސަލައެއް ދިމާވެފައި. އެހެން އޮތްއިރު، އަޅުގަނޑުމެން އެބަވޭ، ބޭރު ޤައުމުތަކުން ލޯނުތަކެއް ނަގާފައި، ޑޮލަރުން ދައްކަންޖެހޭ. ކިހިނެއްތޯ އެކަންތައްތައް އޮތީ. އެއްވެސް ޤައުމަކާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވައިފިތޯ އަދި ލުޔެއް ލިބޭނެގޮތެއް އޮތްތޯ؟

ދެވަނަ ސުވާލަކީ، މަނިކުފާނުވެސް ފާހަގަކުރައްވައިފި 2.5 ބިލިއަންގެ އިޤްތިޞާދީ އެހީތެރިކަމުގެ ބަޖެޓެއް މިއޮތީ ކަނޑައަޅާފައިކަން. އެކަމަކު އަޅުގަނޑުމެން އެންމެންވެސް  މަސައްކަތް މިކުރަނީ ކުރިއަށް އޮތްތާނގައި މިކަން އިތުރަށް ގޯސްވެދާނެތީ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގައި. ކިހިނެއްތޯ އޮތީ އެކަމަށް ސަރުކާރުގެ ފައިނޭންޝަލް އިތުރު ބެކަޕެއް އެބައޮތްތޯ އިތުރަށް ގޯސްވެއްޖެނަމަ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ބޭރުގެ ލޯނުތައް އެބަހުރި. އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ތަނުގައި ފުދޭވަރެއްގެ ގިނަ އަދަދެއްގެ ލޯނު ނަގާފައި އޮތީ ރާއްޖެއިން. އެންމެބޮޑު އަދަދެއް މިއޮތީ ޗައިނާއިން. އެއީ އެންމެ ގިނަ އިޤްތިޞާދީ ޕްރޮޖެކްޓްތައް ހިންގަމުން ގެންދިޔައީ ޗައިނާއިން ކަމަށްވާތީ. މި އަހަރު އެކަނިވެސް އެޗް.ޑީ.ސީ. ތްރޫކޮށް އަޅުގަނޑު ހަނދާންވާގޮތުގައި، 100 މިލިއަނާ ކައިރިއަށް އެޗް.ޑީ.ސީ އެކަނި ޗައިނާގެ ލޯނުތަކެއް ދައްކަންޖެހޭ. ދެން މީގައި ލުއިގޮތެއް ހޯދުމުގެ މަޝްވަރާ، އަޅުގަނޑުމެން ފަށައިގެން މިގެންދަނީ. އަޅުގަނޑު ހިތުން ޗައިނާ ސަރުކާރުން މިކަމުގައި ހަމަ ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އުއްމީދު އަޅުގަނޑުގެ އެބައޮތް. އަޅުގަނޑު ސީދާ ސިޓީއެއް ފޮނުވައިފިން، ޗައިނާގެ ރައީސަށް، މިކަމުގައި އެހީތެރިކަމެއް ހޯދުމަށް، ލޯނުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް. ދެން އަޅުގަނޑުމެންނަކަށް އަދި ޖަވާބެއް ނުލިބޭ. އެންމެބޮޑު އެއްޗެއް ދައްކަން އޮތީ ޗައިނާއަށް. އަޅުގަނޑު އުއްމީދުކުރަނީ މިކަމުގައި އަޅުގަނޑުމެންގެ ގާތް ރަޙްމަތްތެރި ޤައުމެއްގެ ގޮތުން، ހެޔޮއެދޭ ޤައުމެއްގެ ގޮތުގައި މިކަމުގައި ލުއިތަކެއް އެ ސަރުކާރުން އަޅުގަނޑުމެންނަށް ފޯރުކޮށްދޭނެކަމަށް. އަޅުގަނޑު އުއްމީދު ކުރަނީ މިކަމުން އަރައިގަނެވޭނެ ކަމަށް، އަޅުގަނޑުމެންނަށް މިގޮތަށް ހިފަހައްޓާލެވިއްޖެ ކަމަށްވާނަމަ، ކުރިއަށް އޮތް މަހެއްހާ ދުވަހު.

އެނގިވަޑައިގަންނަވާނެ، ޗައިނާގެ ވޫހާން އެ ސަލާމަތްވީ. ހަމައެކަނި އަޅުގަނޑުމެންނަށް ފެންނަން އޮތީ ޗައިނާ އެގްޒާމްޕަލަކަށް މިކަމުގައި. ބަލި ޖެހިފައި ރަނގަޅުވި ޤައުމެއްގެ ގޮތުގައި. އެންމެންނަށް އާ އެކްސްޕީރިއަންސެއް މި ކުރެވުނީ. ޗައިނާ ނެގީ ތިންމަސް ދުވަސް މިކަމުގައި. އެޕްރީލް 8 ގައި މިހާރު ވޫހާން ހުޅުވާ ވާހަކަ އެ ދައްކަނީ. އެ އިޢުލާނު ކުރަނީ. ގާތްގަނޑަކަށް ތިންމަސް އެބަ ނަގާ. މިސާލަކަށް، ބަލަމާ ހިނގާ. އަޅުގަނޑުމެންނަށް ރާއްޖޭގައި ފުރަތަމަ ބަލިޖެހުނު މީހެއް ކަމަށް އެ ފެނުނު ޓުއަރިސްޓް މީހާ. އެ ގެސްޓް އައީ މިދިޔަ ފެބުރުވަރީ މަހުގެ 26 ގައި ކަމަށް. އެއީ އޭނާ ބަލިވެގެން އެތާހުރި ޑޮކްޓަރަށް ދެއްކި ދުވަސް. އެހެންކަމަށްވާނަމަ، މާރިޗު، އެޕްރީލް، މޭ މަހާ ހިސާބަށް މި ހިނގައިދާނެ ކަމަށް އަޅުގަނޑުމެން ބަލަންވާނީ. އެހެންނަމަވެސް، އެހެން ޤައުމުތަކާ ޚިލާފަށް، އަޅުގަނޑުމެންނަށް މިވަގުތު އެޅިފައި ހުރި ފިޔަވަޅުތަކުން އަދި ރާއްޖެ މި އޮތްގޮތުން، އައިސޮލޭޓް ކުރުމުގައި ފަސޭހަތަކެއް ހުރުމާއެކީ، އެއަށްވުރެ އަވަހަށް އިރާދަކުރެއްވިއްޔާ ރާއްޖެއަށް ސަލާމަތްވެވިދާނެ. އެހެންނަމަވެސް، ދުނިޔޭގައި މި ފެތުރިގެންދާ ކަމަށްވާނަމަ، އެ މުޅިން ހުއްޓުމަކަށް ގެނެވޭނީ، މުޅި ދުނިޔެ ހަމަޔަކަށް އެޅިގެން. އަޅުގަނޑުމެންގެ ރާއްޖެއަށް މީހުން އެންމެ ގިނައިން އަންނަ ޤައުމުތަކަށް މިކަން ކޮންޓްރޯލް ކުރެވިގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާރު މި އަޅާފައި ހުރި ފިޔަވަޅުތަކުން އަދި މިއަދު އިތުރަށް މި އެޅި ފިޔަވަޅުތަކާ އެކީގައި މިކަމުން އަރައިގަނެވިދާނެ. އެހެންނަމަވެސް، އަދިވެސް ހަމަ އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މީގައި ފަރުވާކުޑަކޮށްގެންނެއް ވާކަށްނެތް.

އަމަން ޙަލީމް - ރާއްޖެ ޓީ.ވީ:

ދެތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކަށް، އިންކަމް ޓެކްސް އަދި މިނިމަމް ވޭޖްގެ ވާހަކަ. މިހާރު އިންކަމް ޓެކްސް ޤާނޫނު ފާސްކުރެވިފައި ވަނީ. މިކަންކަން ތަންފީޒު ކުރަން ސަރުކާރުގެ އެއްވެސްކަހަލަ ވިސްނުމެއް އެބައޮތްތޯ؟ ދެން އޭގެއިތުރަށް، މަނިކުފާނު ފާހަގަކުރައްވައިފި ވާހަކަފުޅުގައި، އިންޓަރނެޓް އަގުހެޔޮކުރަން، ނޫނީ އެކަހަލަ ލުއިތަކެއް ދެއްވާ ވާހަކަ. މިއީ ސަރުކާރުން އެއްވެސްވަރަކަށް މާލީ ބުރައެއް އުފުލައިގެންތޯ، ނޫނީ ހަމަ ކުންފުނިތަކުން އަމިއްލައަށް ކޮށްދޭ ކަމެއްގެ ގޮތުގައިތޯ ކޮށްދޭން ނިންމާފައިވަނީ؟

ތިންވަނަ ސުވާލަކަށް ފަސްޓް ކޭސް ސިނާރިއޯއަކަށް ތައްޔާރުވެގެން ޑްރިލްތަކާއި އެއްޗެތި ހިނގާ މަންޒަރު އެބަ ފެނޭ. ދެން މިކަމުގެ ތެރޭގައި އެއްވެސްވަރަކަށް މި ބަލިމަޑުކަން ރާއްޖޭގައި ފެތުރިއްޖެ ޙާލަތެއްގައި ތައްޔާރަށް އޮތް މިންވަރާ ބެހޭގޮތުން އެޕިޑެމިއޮލޮޖިކަލް ރިސަރޗެއް ކަހަލަ އެއްޗެއް ހެދިފައި އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަލު ޞާލިޙް:

އާދެ، އެބައޮތް ހެދިފައި އިނގޭތޯ. ފުރަތަމަ ދުވަހުވެސް އެބައޮތް. ޖަނަވަރީ 6 ވަނަ ދުވަހު އަޅުގަނޑުމެން މަސައްކަތް ފަށައިގެންއިރުވެސް އަޅުގަނޑުމެންނާ ހިސާބަށް މިކަމުގެ ޓެކްނިކަލް ޓީމުން އެ ގެނެސްދިން. އެއަށްފަހު މިހާރު ތިންވަނަފަހަރަށް ރިވައިޒްކޮށްފައި އަޅުގަނޑުމެންނާ އެ ޙިއްޞާކޮށްފި. އިރާދަކުރެއްވިއްޔާ، ރާއްޖޭގައި އެކަރވް އަރައިގެނެއްނުދޭ. އަޅުގަނޑުމެންނަށް އެބަ ހިފެހެއްޓޭ. އެހެންވީމާ، ޓެކްނިކަލް ޓީމުން އެ ދެއްވި ލަފަޔާ އެއްގޮތަށް، އެދުވަހުން ފެށިގެން އަޅުގަނޑުމެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިވަނީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކަށްވުރެ ބޮޑަށް ހިފެހެއްޓިފައޭ އަޅުގަނޑު ދަންނަވާނީ. ހަމައެކަނި މުޅި ދުނިޔެއަށް އެހެން ބަލައިލާއިރުގައި، ޖަޕާން އެބައުޅޭ އެއްވަރެއްގައި ހިފެހެއްޓިފައި. އަދި ސިންގަޕޫރުވެސް. އެއްގޮތެއްގައި ބަލާއިރު، އޭޝިއާ، ސައުތު އީސްޓް އޭޝިއާ، މިކަމަށް މާބޮޑަށް ދުރާލާ ތައްޔާރުވެގެން އައިސްފައި އޮތްތަން މި ފެންނަނީ. ހަމައެގޮތަށް، ކުރިއަރާފައި ހުރި ޤައުމުތަކުން އިސްވެ ފިޔަވަޅު އެޅިނަމަ، މިހާހިސާބަކަށް މިކަމެއް ނުދާނެ. ޔޫރަޕްވެސް، އެމެރިކާވެސް އަޅަންވާ ފިޔަވަޅު އެވަގުތު އެޅިނަމަ، މިހިސާބަކަށް ދުނިޔެ ނުދިޔައީސް. އެއީ ހިތާމަހުރި ކަމެއް. އެހެންނަމަވެސް، މިއަދު މިއޮތީ އެހިސާބުގައި. އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ.

ވަރސްޓް ސިނާރީއޯއަށް އަޅުގަނޑުމެން ތައްޔާރުވެ މިތިބީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ލިބިފައިވާ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި މިހާރު އަޅާފައި މިހިރަ ފިޔަވަޅުތައް ރަނގަޅަށް އެޅިއްޖިއްޔާ ހިފެހެއްޓޭނެ. އެކަމަކު އެ ދެ ސިނާރިއޯގައި، އެންމެ ގޯހަށް ހިނގައްޖިއްޔާ ޖެހޭނެ އަދަދުވެސް އެބައޮތް. އަޅުގަނޑުމެން މި ތައްޔާރުވަނީ އެގޮތަށް. އެހެން ވެއްޖެނަމަ، އައި.ސީ.ޔޫ ފެސިލިޓީޒްގައި 200 އެނދު ހުންނަންޖެހޭތީ، އަޅުގަނޑުމެން ވެންޓިލޭޓަރާ އެކީގައި 200 އެނދު ތައްޔާރުކުރަމުން މިގެންދަނީ. އައިސޮލޭޝަނަށް، ކަރަންޓީން ފެސިލިޓީޒަށް 1000 ބަހައްޓައިގެން އަޅުގަނޑުމެން މިގެންދަނީ. މިހާރު އެބަހުރި 2000 އިތުރަށް. އައި.ސީ.ޔޫ ވެންޓިލޭޓަރާ އެކީގައި 200 އެނދަށް މި ތައްޔާރުވަނީ. އެއީ ވަރސްޓް ސިނާރިއޯގައި އަޅުގަނޑުމެން ކުރިމަތިލާން ޖެހިދާނެ ޙާލަތަށް ބަލައިގެން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ޓެކްނިކަލް ޓީމުން ޑޮކްޓަރުންގެ ފަރާތުން ވަރަށް ރަނގަޅު ލަފާ އަޅުގަނޑުމެންނަށް އެބަ ލިބޭ. އެއާ އެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުންދާތީ، އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް އުޖާލާކޮށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުން ވަރަށް އަވަހަށް ސަލާމަތްވާނެ.

ޠަހާރަތު މުޙައްމަދު ވަޙީދު - ހާމަ ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުން ރިޒޯޓްތަކުގެ ކުލި ލަސްކުރަން އުޅޭއިރުގައި، ކުއްޔަށް އުޅޭ ޢާންމު ރައްޔިތުންގެ ގޭގެ ކުލި ފަސްކުރަން މަނިކުފާނުގެ ވިސްނުންފުޅެއް އެބަހުރިތޯ؟ އެހެން މި ދެންނެވީ، ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއްގައި ރެންޓް ފްރީޒްކޮށް، އަދި ލޯނު ފްރީޒްކޮށް އެކަންތައްތައް ކޮށް ތަންފީޒުކޮށްފައި މިވަނީ. ރާއްޖޭގައި މިކަން ކުރައްވާނަންތޯ؟

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ބީ.އެމް.އެލް.ގެ މި ނަގާފައިވާ ލޯނުތައް 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާއިރު، ދިވެހި ވަރަށްގިނަ ރައްޔިތުން ޑިޕެންޑްވާ ބޭންކެއް އިސްލާމިކް ބޭންކަކީ. ގެދޮރު އިމާރާތް ކުރުމާއި، ޟަރޫރީ އެކި ބޭނުންތަކަށް އިސްލާމިކް ބޭންކުން ލޯނު ނަގާފައިވޭ. އިސްލާމިކް ބޭންކުން ލޯނު ނަގާފައިވާ ރައްޔިތުންނަށް އެއްވެސް ލުއި ފަސޭހަ ގޮތެއް އެބައޮތްތޯ؟

އެއާއެކު، ކޯވިޑް-19އާ ގުޅިގެން ބޭރުގެ ޤައުމުތަކުން ދޭން ނިންމާފައިވާ ފައިސާގެ އަޕްޑޭޓަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ގޭގެ ކުލި މިއީ ޕްރައިވެޓް ތަންތަން އިނގޭތޯ. ތިޔަ ވިދާޅުވީ ސަރުކާރުގެ ފްލެޓްތަކުގެ ކުލީގެ އަގުތޯ ފަސްކުރަން. ތިޔައީ ރަނގަޅު ވާހަކައެއް. ތިޔައީ ރަނގަޅު ކަމެއް އަޅުގަނޑުމެން މަޝްވަރާކޮށްލަން. މަޝްވަރާކޮށްފައި ޙިއްޞާކުރާނަން. ހަމައެއާއެކީގައި، ތިޔަ ވިދާޅުވާހެން ޕްރައިވެޓް ސެކްޓަރުން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށްވެސް ލުއިތަކެއް ލިބިއްޖިއްޔާ އެއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ނެރެފައި މިއޮތް ސްޓިމިއުލަސް ޕެކެޖުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް އެއަށް އެޕްލައިވެސް ކުރެވޭނެ އިނގޭތޯ.

ދެން އޭގެއިތުރުން، އިސްލާމިކް ބޭންކުގެ ލޯނާ ބެހޭގޮތުން އެންމެ ފުރަތަމަ ޙަމްދޫންގެ ސުވާލަށް ޖަވާބުދެމުން އަޅުގަނޑު ދެންނެވިން، އެމް.އެމް.އޭ، ސެންޓްރަލް ބޭންކުގެ ޙައިޘިއްޔަތުން ހުރިހާ ބޭންކްތަކާ މަޝްވަރާކޮށްފައޭ އޮތީ. އޭގެތެރެއިން އަޅުގަނޑު އުއްމީދު ކުރަނީ، ހުރިހާ ބޭންކަކުން މިއަށް ޢަމަލުކުރާނެ ކަމަށް. އެކަން ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އިނގޭތޯ.  އަޅުގަނޑު ހިތުން ކުރަންވެސް ކުރާނަން.

ދެން ބޭރުގެ އެކި ފަރާތްތަކުން އެހީދޭ ޤައުމުތަކުގެ ވާހަކަ. އަދި އެއްވެސް  ޤައުމަކުން ފައިސާގެ އެހީއެއް ކަށަވަރުކޮށް އަޅުގަނޑުމެންނަކަށް ނުލިބޭ. އެނގިވަޑައިގަންނަވާނެ، ހުރިހާ ޤައުމެއްވެސް މިއޮތީ މިޙާލަތުގައި. އަޅުގަނޑުމެން އަދި މި އެޕްރޯޗްކުރީ، މަސައްކަތްކުރީ ހަމަ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލޯނު ހޯދުމަށް. ދެން އޭގެއިތުރުން، ސަޢޫދީން އޭރު އަޅުގަނޑުމެންނަށް ކަނޑައަޅާފައި އޮތް 50 މިލިއަން ޑޮލަރެއް އޮތް. އޭގައި ސޮއިކުރަން ފޮރިން މިނިސްޓަރ ފުރާވަޑައިގަންނަވަން އޮތް ދުވަހު ސަޢޫދީ ލޮކްވެގެންދިޔައީ. އެހެންވީމާ، ވަޑައެއްނުގެންނެވުނު. އިރާދަކުރެއްވިއްޔާ ހުޅުވޭހާ އަވަހަކަށް އެ ޤައުމުގެ އެހީ ލިބޭނެ. އަޅުގަނޑުމެން އެ އިންވެސްޓް ކުރަން ނިންމާފައި އޮތީ، ހައުސިންގއަށާއި މަސްވެރިކަމަށް.

ޙައްވާ މުޙައްމަދު - ސީ.އެން.އެމް:

މަނިކުފާނު ގާތްގަނޑަކަށް ހަތްވަރަކަށް މަސްކޮށްލާފައި އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވީމާ، ވަރަށްގިނަ ސުވާލުތަކެއް އެބަހުރި މަނިކުފާނާ ކޮށްލަން.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނުގެ ވާހަކަފުޅުގައި އިޤްތިޞާދީ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ބޮޑަށް ވާހަކަފުޅު ދައްކަވާފައި ވިދާޅުވެފައިވަނީ، ލޯނުތަކާ ގުޅޭގޮތުން. ލޯނުތަކެއް ނެގުމުގެ ވާހަކަތަކެއް ދައްކަވާފައިވަނީ. މިހާރަށް ބަލާއިރުގައި، ކުދި ވިޔަފާރިތަކަށް ބަލާއިރުގައި އެބަހުރި ލޯނުތައް ނުނަގާ ވިޔަފާރިތައް ފަށާފައި ހުރި ވިޔަފާރިތައް. އެފަރާތްތަކުން މިސާލަކަށް، ހަމަ މި ދެތިން މަހުވެސް މުވައްޒަފުންގެ މުސާރަވެސް ދޭންޖެހޭނެ. އަދި ކުލިވެސް ދައްކަންޖެހޭނެ. ބިލުތަކަށްވެސް ފައިސާ ދައްކަންޖެހޭނެ. އެހެންވެއްޖިއްޔާ އެފަރާތްތަކަށް މަނިކުފާނުގެ މި އޮތް ޕެކޭޖުގެ ތެރެއިން އޮތް ލުއިގޮތަކީ ކޮބައިތޯ؟ އެފަރާތްތައް ހިމެނޭނެތޯ؟

ދެން އަޅުގަނޑުގެ އަނެއް ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖެ، މަނިކުފާނުގެ އިޤްތިޞާދީ ޕްލޭނުގެ ތެރެއިން ޑޮލަރުގެ ރޭޓަކަށް އެއްވެސް ބަދަލެއް ނުގެންނަވަން ވިސްނަވާފައި އޮތްކަމަށް. އަޅުގަނޑު ހަމަ ބުނެލަން ބޭނުން، މިހާރު މިއޮތް ޙާލަތަށް ބަލާއިރުގައި، ރޭގައި ވިޔަފާރިތަކުން އެބަހުރި، ޑޮލަރު ބޮޑުވެއްޖެ ކަމަށް ބުނެ، ހޯލްސޭލްކޮށް ތަކެތި ވިއްކާ ފަރާތްތަކުން އެބަހުރި، އަގުތައް މައްޗަށް ޖައްސާފައި. މިހެން ޑޮލަރު ބޮޑުނުކުރާނެ ކަމަށް މަނިކުފާނު ވިދާޅުވުމަކުން ނުއެއްފުދޭ. ތަންފީޒީ އިދާރާތަކުން ބަލަން އެބަޖެހޭ. ކުދި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް މަސައްކަތް ކުރަން އެބަޖެހޭ. ޕްރެސްއަކަށް މަނިކުފާނު ވަޑައިގެން، މިހެން ނަހައްދަވާނެ ކަމަށް ވިދާޅުވުމަކުން އަދި ފުދުނީކީ ނޫން. ތަންފީޒީ އިދާރާތަކުން، ތަންފީޒީ މަރުޙަލާތަކުން ކުރައްވަންޖެހޭ މަސައްކަތް ކުރަން އެބަޖެހޭ. ހަމަގައިމުވެސް އިއްޔެއިން ފެށިގެން ތަކެތި އަގުބޮޑުކުރުމުގެ މަސައްކަތް ވިޔަފާރިވެރިން ފަށާފައި އެބަވޭ.

އަނެއް ސުވާލަކީ، ޗައިނާ ސަރުކާރުން ރާއްޖެއަށް މިއޮތް ޙާލަތުގައި ޗައިނާއިން އެހީވުމުގެ ވާހަކަތަކެއް އަޅުގަނޑުމެންނަށް އިވިފައިވޭ. އަދި އެ އެހީތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި މިވަނީ. ކީއްވެގެންތޯ ލަސްތަކެއް މިއުޅެނީ. ލަސްތަކެއް އުޅޭނަމަ، ދެން މަނިކުފާނުމެންގެ ޕްލޭނަކީ ކޮބައިތޯ އެ އެހީތައް ހޯދުމުގައި. ކޮންމެގޮތެއްވިޔަސް، ވަރސްޓް ކޭސް ސިނާރިއޯގައި މަނިކުފާނު ތިޔަ ގެންދަވަނީ ހަމަ ރާއްޖެ ތައްޔާރު ކުރަމުން ގެންނައިރު، އަންނައިރުގައި އެފަދަ ޙާލަތެއްގައި ލިބޭ އެހީއެއް ވީ އެންމެ އަވަހަކަށް ހޯދަންޖެހޭ. އޭގެ ޕްލޭނަކީ ކޮބައިތޯ؟

އާދެ، އަޅުގަނޑުގެ އަނެއް ސުވާލަކީ އިޤްތިޞާދީ ގޮތުން މިފަދަ ދަނޑިވަޅެއްގައި އަދިވެސް ހަމަ ލޯނެއް ނަގައިގެން ބްރިޖުގެ ކަންތައް މަނިކުފާނުމެންގެ މިހާރުގެ ޕްލޭންގައި ބްރިޖުގެ ކަންތައްތައްވެސް ހަމަ ކުރިއަށް ގެންދަވާގޮތަށްތޯއޭ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ލޯނު ނުނަގާ ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކެއް ތިބި ވާހަކަ ތިޔަ ވިދާޅުވީ. މި ޕެކޭޖަށް އެޕްލައި ކުރެވޭނެ އިނގޭތޯ. މި ގަޑީގައި ރަނގަޅުވާނީ މީގެ އެހީ ހޯއްދެވުން. ހޯއްދަވައިގެން އަލުން ވިޔަފާރި ރަނގަޅު ކުރުން. އަހަރެއްހާ ދުވަހަށް މި ދާނެކަމަށް ބައްލަވާ ހުރިހާ ވިޔަފާރިވެރިންވެސް. މުޅިން ހަމަޔަކަށް އެޅޭނެކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އަހަރެއްހާ ދުވަސް މިކަމުގައި ދާނެ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން މިބޭންކް ތްރޫކޮށް މިދޭ ފެސިލިޓީޒަކީ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލެވިގެން ދޫކުރާ ފެސިލިޓީއެއް. އަދި އެސް.އެމް.އީ ފަންޑުވެސް އޮތީ. ބޭންކްވެސް އޮތީ. އޭގެތެރެއިންވެސް ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އަޅުގަނޑުމެން އެބަ ދޫކުރަން.

ދެން ވިދާޅުވީ ޑޮލަރު ރޭޓް ދޮގެއްތޯ. އަޅުގަނޑު ހަމަ ކޮންމެ ދުވަހަކުހެން އެމް.އެމް.އޭ ގަވަރުނަރާ މިކަމާ ވާހަކަ ދައްކަން. ފުރަތަމަ ދުވަހު މި އިޢުލާނު ކުރުމާ ގުޅިގެން، ފުރަތަމަ ދުވަހު ޑޮލަރުގެ ރޭޓް، ބޭރުގައި ސޯޅަ ރުފިޔާ ހަތްދިހަ ލާރިއަށް އެރިކަމަށް އެމް.އެމް.އޭ ގަވަރުނަރު އަޅުގަނޑު ގާތު ވިދާޅުވި. އެއާ ގުޅިގެން ގަވަރުނަރާއި އަޅުގަނޑާ މަޝްވަރާ ކޮށްފައި ނިންމީ، ގަވަރުނަރު ނިންމެވީ ބޭންކްތަކަށް އިތުރަށް ޑޮލަރު ދޫކުރަން. ކޮންމެ ދުވަހަކު ގާތްގަނޑަކަށް ރާއްޖެއަށް ޑޮލަރު ބޭނުންވާނެ އަދަދު އެމް.އެމް.އޭ އަށް އެނގޭ. މިވަގުތަކީ ރާއްޖެއަށް އިމްޕޯޓް މަދުވެފައި އޮތް ދުވަސްވަރެއް. ބޭރުގައި ތަކެތީގެ އަގު ކުޑަވެފައި އޮތީ. ދަށަށް ގޮސްފައި އޮތީ.

އެހެންވީމާ، ކުރިއާ އަޅައިބަލާއިރުގައި، ޑޮލަރު ބޭނުންވާވަރު، މާރކެޓަށް ބޭނުންވާވަރު މިހާރު މަދުވާނެ. އެހެންވީމާ، ކުރީގައި ދޫކުރާވަރަށް ޑޮލަރު ދޫކުރިޔަސް، ޑޮލަރުގެ އަގު މައްޗަށް ގޮސްގެނެއް ނުވާނެ މިހާރު. އެހެން އަޅުގަނޑު ދަންނަވާނީ. މިހާރު އިތުރަށް ދޫކުރީމާ އެ އަގުގައި ހިފެހެއްޓެންޖެހޭނެ. ޑޮލަރު އަގުބޮޑުވެގެންނޭ ކިޔާފައި އަޅުގަނޑު ދަންނަވާނީ އެއްޗެތީގެ އަގު ބޮޑުކުރާކަށް އަދިއެއްނުވެއޭ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ބަލަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ މި ދެންނެވިހެން ޑޮލަރުގެ އަގު މައްޗަށްދިޔަނުދީ ހިފެހެއްޓުމަށް އެމް.އެމް.އޭ ތްރޫކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

ޗައިނާއިންވެސް އެހީ ދޭނެކަމަށް ވިދާޅުވެފައި އެބައޮތް. އަޅުގަނޑު މިއަދުވެސް ޗައިނާ އެމްބެސެޑަރާ ވާހަކަދެއްކިން. ވިދާޅުވީ، މިކޮޅުން ބޭނުންވާ ތަކެތި ތައްޔާރަށް ހުރި ވާހަކަ. އަދި އެނގިވަޑައިގަންނަވާނެ ޢަލީބާބާގެ ސީ.އީ.އޯ ދޭ އެހީއެއްވެސް މާދަމާ ސިންގަޕޯރ އާ ހިސާބަށް އަންނާނެ ވާހަކަ އެމްބެސެޑަރު ވިދާޅުވި. ޗައިނާ ސަރުކާރުން ދޭ އެހީ ތައްޔާރުވެފައި ހުރިކަމާއި އެކަމަކު ޓްރެވަލް ރެސްޓްރިކްޝަންތަކެއް ހުރުމާއެކީގައި އެ ގެނެވޭނެ ގޮތެއް، މިހިސާބަށް ފޯރުވައިދެވޭނެ ގޮތެއް ނެތް ވާހަކަ ވިދާޅުވި. އަޅުގަނޑު ގަބޫލުކުރަނީ ޗައިނާއިން އެ އެހީ އަޅުގަނޑުމެންނާ ހިސާބަށް އިމަރޖެންސީކޮށް ގެންނަން ޖެހުނީމާ އެ ބޭފުޅުން ފްލައިޓެއްވެސް ފޮނުއްވާނެއޭ. އެހެން ޤައުމުތަކަށްވެސް އެބޭފުޅުން ފޮނުއްވި. އިޓަލީއަށްވެސް އަދި އެހެން ގައުމުތަކަށްވެސް ފޮނުއްވި. އެހެންވެ އަޅުގަނޑުމެން އިމަރޖެންސީ ހާލަތަށް، ބޭނުންވާ ހާލަތަށް ދިޔައިމާ ޗައިނާއިން ގެނެސްދޭނެ. އެއަކު އަޅުގަނޑުގެ ޝައްކެއް ނެތް. އަޅުގަނޑުމެންނަށް އެބޭފުޅުންގެ އެހީތެރިކަން އެގޮތަށް ލިބިގެންދާނެ.

ބްރިޖަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އަޅުގަނޑުމެން އަޅަން ނިންމާފައި އޮތް މަސައްކަތެއް. ބްރިޖްވެސް، އިރާދަކުރެއްވިއްޔާ ޕޯޓް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދާ ގޮތަށް އަޅުގަނޑުމެން ނިންމާފައި އޮތީ. އަޅުގަނޑު ހިތުން އެއިން އިޤްތިޞާދަށް ރަނގަޅުވާނެ.

އާމިނަތު އަމީނާ - ވީ. މިޑިއާ:

އަޅުގަނޑުގެ ސުވާލަކީ މިހާލަތަކީ ގައުމީ އެއްބައިވަންތަކަން ވަރަށް ބޮޑަށް އިސްކޮށް ތަފާތު ޚިޔާލުތައް އެކަހެރިކުރަންވީ ވަގުތު. އެ ނަމޫނާ މިވަގުތު އަޅުގަނޑުމެންގެ ރާއްޖެއިން ހަމަ ފެނިގެން އެބަދޭ، ކޮބައިތޯ މިހާތަނަށް ދިވެހި ރައްޔިތުން ދެއްކެވި މިސާލާމެދު މަނިކުފާނުގެ ޝުޢޫރުފުޅަކީ.

ދެން އަޅުގަނޑުގެ އިތުރު ސުވާލެއްވެސް އެބައޮތް. މީ ތަންކޮޅެއް ލައިޓް ސުވާލެއް. އެހެންނަމަވެސް އިންޓަރނޭޝަނަލް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިނގިރޭސިވިލާތުގެ ވަލީ ޢަޙުދު ޗާލްސް މިވަނީ ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައި. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަނިކުފާނަކީ. ދިވެހިރައްޔިތުންގެ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައިހުންނާނެ، މަނިކުފާނުގެ ރައްކާތެރިކަމާމެދު. ކޮބައިތޯ މަނިކުފާނު ޒާތީގޮތުން، އަދި ދައުލަތުން މަނިކުފާނުގެ ރައްކާތެރިކަމަށް، އަދި ޖުމުލަކޮށް ދިވެހިރައްޔިތުންގެ ރައްކާތެރިކަމަށް، އަދި ޚާއްޞަކޮށް ރާއްޖެއަކީ ޖަޒީރާ ރާއްޖެއެއްވީމާ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް، މާލޭގައި މިއޮތް ހާލަތަށް ބަލާއިރު، މާލޭގައި ހުރިހާ ކަމެއް ހިނގަމުންދާއިރު ރަށްރަށުގެ ރައްޔިތުންގެވެސް ކަންބޮޑުވުންތަކެއް އެބަހުރި. ޖުމުލަކޮށް ރާއްޖޭގެ ރައްޔިތުންނަށް މަނިކުފާނު މިވަގުތު ދެއްވާނެ އުންމީދީ ޝުޢޫރުފުޅަކީ ކޮބައިތޯ އަޅުގަނޑުގެ ސުވާލަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ރައްޔިތުން މިހާތަނަށް، ދަތި އުނދަގޫ ދަނޑިވަޅުގައި ކެތްތެރިކަމާއެކުގައި އެ އުފުއްލަވަމުން ގެންދަވާ ދަތިތަކާއެކުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށް އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާއެކުގައި ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު ކުރިންވެސް ދެންނެވިން ވަކި ރަށެއް، ވަކި ޕާޓީއެއް، ވަކި ކުލައެއް ނެތި މިކަމުގައި އެހީތެރިކަން ލިބެމުން އެބަދޭ. އަޅުގަނޑު އެކަމަށްޓަކައި އިޚްލާޞްތެރިކަމާއެކުގައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޞިއްޙީ ހާލު އަދި ރަނގަޅު. ދެން އަޅުގަނޑު ހުންނާނީ ރައްޔިތުންނާއެކީގައި، ރައްޔިތުންނަށް ވާގޮތެއް ވާން އިނގޭތޯ. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ، ރައްޔިތުންގެވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު. އެއީ އެކަމުގައި އަޅުގަނޑު މަސައްކަތްކުރަމުން މިއަންނަ ގޮތަކީ.

އާދެ، ތިޔަ ވިދާޅުވާހެން މާލެއަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން މިދެނީ އެހެން ތަންތަން، އެހެން ރަށްތައް އިހުމާލުކުރާކަށް ނޫން. އެނގިވަޑައިގަންނަވާނެ މާލޭގެ އާބާދީ މިއޮތްގޮތާ، މާލެ ތޮއްޖެހިފައި އޮތްގޮތުން މާލޭ ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖިއްޔާ އެކަކުގެ ގައިން އަނެކަކު ގަޔަށް މި ބަލި ފެތުރެން ފަށައިފިއްޔާ ކޮންޓްރޯލްކުރަން ވަރަށް ވަރަށް ދަތިވާނެ. އެހެންވީމާ، ޚާއްޞަ ސަމާލުކަމެއް ދީގެން، މާލެއަށް މިއަޔަނުދިނުމަށްޓަކާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ. ހަމައެއާއެކީގައި ރަށްރަށަށް މި ބަލި ދިޔަނުދިނުމަށްޓަކައި ވެސް އަޅުގަނޑުމެން އަޅާފައި ހުރި ފިޔަވަޅުތައް އެބަހުރި. ކޮންމެ ރަށެއްގައި މިހާރު އޮންނާނެ ޓާސްކްފޯހެއް އުފައްދާފައި. ކޮންމެ ރަށެއްގައި ހުރި ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކުގެ ސްޓޮކް، ކޮންމެ ދުވަހަކުހެން ނަގަމުން އަޅުގަނޑުމެން މިގެންދަނީ. ކޮންމެ ރެޔަކު އޭގެ އަޕްޑޭޓެއް އަޅުގަނޑަށް މިރެއިން ފެށިގެން ލިބެމުންދާނެ. މަދުވާވަރު އަޅުގަނޑުމެން ފޯރުކޮށްދެމުން ގެންދާނަން. އަދި ދަތުރުފަތުރުކުރުމުގައިވެސް ޢަމަލުކުރާ ގޮތްތައް ބަލަމުން އަޅުގަނޑުމެން މިދަނީ. އެލް.ޖީ.އޭ ގެ ފަރާތުން ހުރިހާ ކައުންސިލްތަކާއެކީގައި ކޮންމެ ދުވަހަކުހެން ފޯނުގެ ޒަރީޢާއިން ބައްދަލުކޮށް މަޢުލޫމާތުތައް ނަގައި އަޕްޑޭޓް ހޯދަމުން އަޅުގަނޑުމެން މިގެންދަނީ. އެހެންވީމާ، އެއްވެސް ރަށެއްގެ ރައްޔިތަކަށް، އެއްވެސް ރަށަކަށް އިހުމާލުނުވެ އިރާދަކުރެއްވިއްޔާ މިކަމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނެ. މާލެއަށް މި ދޭ ޚާއްޞަ ސަމާލުކަމަކީ، މާލެއަށް މި ފެތުރިއްޖިއްޔާ އަޅުގަނޑުމެންނަށް މި ކޮންޓްރޯލްކުރަން ވަރަށް ވަރަށް ވަރަށް ދަތިވާނެ. އެއީ އިނގޭތޯ.

މަރްޔަމް -  ޗެނަލް 13:

އަޅުގަނޑުގެވެސް ދެ ސުވާލެއް އެބައޮތް، ފުރަތަމަ ސުވާލަކީ، މަނިކުފާނު މި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެ. ހުރިހާ އެންމެންނަށްވެސް ސަރުކާރާއެކު މަސައްކަތްކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް އިނގޭތޯ. އެގޮތުން އިދިކޮޅުގެ ވާހަކަވެސް ފާހަގަކުރެއްވި. އެހެން ކަމަށް ވަނީނަމަ އިދިކޮޅަށް މި ފުރުޞަތު އޮތް ކަމަށް ތިޔަ ވިދާޅުވަނީ.

އިދިކޮޅުގައި ހުރީ ހަމަ އެންމެ ލީޑަރެއް. މި ވަގުތު ހުންނެވީ ޖަލުގައި. މަނިކުފާނުގެ ވިސްނުންފުޅު އެބަހުރިތޯއޭ ޖަލުގައި ހުންނެވި ބޭފުޅާއަށް ލުޔެއް ދެއްވައި، ގެޔަށް ބަދަލުކުރެއްވުމަށް. އަދި އެމަނިކުފާނާއެކު މަޝްވަރާތަކެއް ކުރައްވައިގެން ޤައުމު މިއޮތް ހާލަތުން އަރައިގަތުމަށް. ދެން ފަހަރެއްގައި ވިދާޅުވެދާނެ، މިއީ ކޯވިޑާ ގުޅުންހުރި ކަމެއް ނޫނޭ. އެހެންނަމަވެސް، ކޯވިޑާ ގުޅިގެން ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު، ކުރީގެ ޕްރައިމް މިނިސްޓަރ ބޭގަމް ޚާލިދާ ޒިޔާވެސް މިވަނީ ގެޔަށް ބަދަލުކުރެވިފައި، ހަ މަސްދުވަހަށް އިނގޭތޯ.  މިސާލު ނަންގަވާ ކަމުގައިވާނަމަ އެ މިސާލު ނެންގެވިދާނެ. ދެން އިދިކޮޅާއެކު މަޝްވަރާ ކުރައްވައިގެން ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވި. އިދިކޮޅުން އެބަ ތުހުމަތުކުރޭ އިނގޭތޯ، މަނިކުފާނުގެ ފަރާތްޕުޅުން އަދި މަނިކުފާނުގެ ސަރުކާރުންވެސް އެ ބޭފުޅުންގެ ވާހަކަފުޅުތަކަށް އިޖާބަ ނުދެއްވާ ވާހަކަ. މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް ސީދާ މަނިކުފާނާ އެ ބޭފުޅުންނާ މަޝްވަރާތަކެއް ކުރެވިފައިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިކަމުގައި އަޅުގަނޑު މަޝްވަރާ މި ހޯދަނީ ޞިއްޙީ އެކްސްޕާޓުންގެ، ޚިދުމަތްތެރިންގެ ފަރާތުން. އެއަށް އަޅުގަނޑު ޢަމަލު މިކުރަނީ. އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުންވެސް، ހުރިހާ ޕާޓީތަކުންވެސް މިކަމުގައި ޓެކްނިކަލް ޓީމުން އެ ދެއްވާ މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރެއްވުން. ގޭގައި މަޑުކުރެއްވުން. ގެއިން ނުކުމެވަޑައިނުގެން ކޮންމެ ބޭފުޅަކުވެސް ގޭގައި މިވަގުތު މަޑުކޮށްލެއްވުން.

ދެން ޖަލުގައި ތިއްބެވި ފަރާތްތަކަށް، ޖަލުގައި ތިބި ފަރާތްތަކަށާއި، ތިއްބެވި ފަރާތަކަށް މާފު ދިނުމުގެ އިޚްތިޔާރު މި އޮންނަނީ ޤާނޫނުގެ ތެރެއިން، ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެގޮތުގެ މަތިން އަޅުގަނޑު ޢަމަލުކުރަމުން މިގެންދަނީ. އެހެންވީމާ، އެގޮތަށް އަޅުގަނޑު ޢަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. މަރިޔަމް. ދެން އިދިކޮޅު ފަރާތްތަކާ އަޅުގަނޑަށް ގުޅޭ. އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނާ ފޯނުން ހަމަ ގުޅޭ. ދޭތެރެއަކުން ހަމަ ގުޅަމުން ގެންދޭ. އެކަމަކު ދެން މިދޭތެރެއިން ޢަބްދުއްރަޙީމް ކުރެއްވި ދެ ކޯލެއް އަޅުގަނޑަށް ނުނެގި ދިޔަ. ޢަބްދުއްރަޙީމަކީ ބަރާބަރަށް އަޅުގަނޑާ، އެއީ ޕީ.ޕީ.އެން.ސީ.ގެ ނައިބު ރައީސް. ބަރާބަރަށް އަޅުގަނޑާ ވާހަކަދައްކަމުން ގެންދޭ. މިދިޔަ ދެ ދުވަހު އަޅުގަނޑަށް އެބައޮތް ދެ މިސް ކޯލު. ނުނެގިއްޖިއްޔާވެސް އަޅުގަނޑު ފަހުން ގުޅަން. އެހެންވީމާ، އަޅުގަނޑާ ބަރާބަރަށް އެ ބޭފުޅުންނާ ވާހަކަ ދެކެވޭ.

އަޙްމަދު އަޒާން - ދިޔަރެސް:

ކުރީ ސަރުކާރުގައި އެބަ އޮވޭ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑެއް ހަދާފައި. އެ ފަންޑުގެ ބޭނުމަކީ މިކަހަލަ ހާލަތްތަކުގައި އެ ފައިސާ ބޭނުންކުރުން. އެ ފަންޑުގައި މިހާރު ބާކީ ހުރީ ކިހާ ފައިސާއެއްތޯ؟ އެ ފަންޑުގެ ސްޓްރަކްޗަރއަށް އެއްވެސް ކަހަލަ ބަދަލެއް މި ސަރުކާރުން ގެނެއްސިތޯއޭ، އެއީ ސިންގަޕޫރު އެ ފަންޑު ހެދުމަށް މަޝްވަރާ ހޯދި ކުންފުނިން ލަފާ ދީފައި ވަނީ ޓޫކީ ސިސްޓަމް. އެއީ، މަޖިލީހާއި ސަރުކާރު ގުޅިގެން އެ ފަންޑު ހިންގުމަށް. އެހެންވީމާ، އެއަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ؟

އަޅުގަނޑުގެ އަނެއް ސުވާލަކީ ރައީސް ވިދާޅުވެއްޖެ ބައިނަލްއަޤްވާމީ ބައެއް އިދާރާތައް، މިސާލަކަށް، އައި.އެމް.އެފް، ވަރލްޑް ބޭންކު ފަދަ ތަންތަނުން ވެސް އެހީ ހޯއްދަވާ ވާހަކަ. އެކަހަލަ އިދާރާތަކުން އެހީ ހޯއްދަވާއިރު ވަރަށް ގިނަ ކޮންޑިޝަންސްތައް އެބަ އާދޭ. އެނގިވަޑައިގަންނަވާނެ، ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އައި.އެމް.އެފް.އިން ޕެކޭޖެއް ހޯއްދެވި. އެ ޕެކޭޖުގެ ކޮންޑިޝަނެއްގައި އޮވޭ، ވަރަށް ގިނަ ސްޓޭޓް އެސެޓްތައް ޕްރައިވެޓައިޒްކުރުމަށާއި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް. މިއަދު މިއޮތް ހާލަތުގައި އެފަދަ އެހީއެއް ހޯއްދަވައިފިނަމަ ދައުލަތުގެ އެއްވެސް އެސެޓެއް ޕްރައިވެޓައިޒް ނުކުރައްވާނެ ކަމުގެ ޔަގީން ކަމަކީ ކޮބައިތޯއޭ؟ އެ ޔަގީންކަން ދެއްވިދާނެތޯ ރައީސަށް؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އައި.އެމް.އެފް.ގެ ލޯނެއް ނަގާކަށް އަޅުގަނޑު އަދި ގަސްދެއް ނުކުރަން. ފުރަތަމަ ކަންތައް އިނގޭތޯ. އައި.އެމް.އެފް. އެ ޕެކޭޖް ތެރެއަށް އަޅުގަނޑު ވަންނާކަށް އަދި ގަސްދެއް ނުކުރަން. އަޅުގަނޑަށް އެނގޭ، އައި.އެމް.އެފް.ގެ ލޯނެއް ނަގައިފިއްޔާ އަންނާނެ ރެސްޓްރިކްޝަން. ފުރަތަމަ އަންނާނެ ކަމަކީ ސަރުކާރުން މުވައްޒަފުން މަދުކުރުން. އަޅުގަނޑަކަށް، އަޅުގަނޑަށް އެކަން ކުރެވޭނެ. މިހާރު އެތިބަ ސައްބީސް ހާސް ސިވިލް ސަރވަންޓުން މަދުކުރަން، ކުރީ ފަހަރުވެސް އެ ބޭފުޅުން އެންގި. މުސާރަވެސް ކުޑަކުރަން އެންގި. މި ދަނޑިވަޅަކީ އެކަން ކުރަންވީ ވަގުތު ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، އައި.އެމް.އެފް.ގެ އެ ޕެކޭޖާ އެއްގޮތަށް ލޯނެއް ނަގާކަށެއް އަދި އަޅުގަނޑު ނުވިސްނަން. އެހެންވީމާ، ޕްރައިވެޓައިޒް ކުރުމުގެ ހިސާބަކަށް ދާކަށެއް އަޅުގަނޑަކަށް ނުޖެހޭނެ. ދެން އޮތީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެމް.އެމް.އޭ.ގައި. އޭގެ ބޮޑުބައި ހުރީ މިހާރުވެސް އިންވެސްޓް ކޮށްފައި. ބޭރުގެ އެކިއެކި ތަންތަނުގައި. އެ ހަމަ އިންޓްރެސްޓާއެކުގައި ފައިދާ ލިބެމުންދާނެ. ދެން އޭގެ ޓޫކީ، މަޖިލިހާ އެކީގައި، އަޅުގަނޑަކަށް ހިއެއްނުވޭ އެހެންހެނެއް އޮތީއަކީ. އަޅުގަނޑު ޗެކުކޮށްލާނަން އިނގޭތޯ. އެ ފަންޑުގެ ބޭނުމެއް އަދި އަޅުގަނޑުމެން ނުކުރަން. ތިޔަ ވިދާޅުވާހެން އެއީ ޑޮލަރު ފަންޑެއް. އަޅުގަނޑު ހިތުން މިދިޔަ މަހު ހުރީ، ބޭނުންނުކޮށް ހުރީ 190 މިލިޔަން ޑޮލަރޭ، އަޅުގަނޑު ހަނދާންވަނީ. މުޅިއެކު ތްރީ ހަންޑްރެޑް ކޮންމެވެސްވަރެއް އެބަހުރި. އޭގެ ބޮޑު ބައި ހުރީ ބޭރުގައި އިންވެސްޓްކޮށްފައި. ހަމަ ފައިދާ ލިބޭގޮތަށް. އެހެންވީމާ، އެ ދަނީ އިތުރުވަމުން. އެ އަސްލު، އަޅުގަނޑު ހިތުން އޭރު ހެދީ، އޭރު އޮތް ނަގާފައި، ރައީސް ޔާމީންގެ ވެރިކަމުގައި 200 މިލިޔަން ޑޮލަރުގެ ބޮންޑެއް ވަރަށް ބޮޑު އަގުގައި. ޓެން ޕަސެންޓް އިންޓްރެސްޓްގައިހެން އަޅުގަނޑަށް ހީވަނީ. އެ ދައްކަންޖެހޭ ބްލަޑް ޕޭމަންޓެއްގެ ގޮތުގައި 2022 ވަނަ އަހަރު. އެއަށް ފައިސާ އެއްކުރަންވެގެން ކުރެއްވި ކަމެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމާ، އެހާތަނަށް އެއަރޕޯޓުން އެ ލިބޭ، އެރައިވަލަށް ލިބޭ ކޮންމެވެސް ހަ ޑޮލަރެއްކަންނޭނގެ، ކޮންމެ ޕަސެންޖަރެއްގެ އަތުން ނަގާ، އެ މި އެއަށް ލަމުން މިގެންދިޔައީ. ޙަޤީޤަތުގައި އެއީ، ޤާނޫނު އޮންނަ ގޮތުން އެމް.އޭ.ސީ.އެލް.އަށް ލިބެންޖެހޭ ފައިސާ. އެހެންނަމަވެސް، އެ ފައިސާ އޮތީ ވަކިން، އެމް.އޭ.ސީ.އެލް އަށް ނުލިބި، ވަކިން އެމް.އެމް.އޭ.ގެ ފަންޑަކަށް ލާފައި. އެ ފައިސާ ހުރި ގޮތް މިދެންނެވީ. އަދި އަޅުގަނޑުމެން އޭގެ ބޭނުމެއް ނުކުރަން. އޭގެ މިހާރު ހުރި ބެލެންސް އަޅުގަނޑު ބަލާލާފައި، އަޒާނަށް މާދަމާގެ ޕްރެސް ކޮންފަރެންސްގައި އަޅުގަނޑު ހިއްސާކޮށްލަން ދަންނަވާނަން އިނގޭތޯ.

ނާޒިމް ޙަސަން - އަވަސް:

މަނިކުފާނު ދެންމެ ތިޔަ އިޢުލާނުކުރެއްވި ރާއްޖޭގެ އެއަރޕޯޓް، މައި އެއަރޕޯޓް ބަންދުކުރާ ވާހަކަ. ދެން އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މުއްދަތެއް ނެތްގޮތެއްގައި ހުއްޓިގެން މިދަނީ. ދެން ޓޫރިޒަމަކީ ރާއްޖެއަށް އާމްދަނީ ވަންނަ މައި މަގު. ދެން އެ މަގު އެއްކޮށް ހުއްޓުމާއެކު ރާއްޖެއަށް މިޖެހުނީ ބޭރުގެ އެހީތައް ހޯދަން، އެކި ޤައުމުތަކުންނާއި ބޭންކުތަކުން. އެހެންވީމާ، މިއީ ފިލާވަޅެއްކަމަށް ދެކިގެން، މި ސަރުކާރުގެ އެއްވެސް ވިސްނުމެއް އެބަހުރިތޯ ރާއްޖޭގެ އިތުރު އިންޑަސްޓްރީތައް ފުޅާކޮށް ރާއްޖެއަށް އާމްދަނީ ވެއްދޭނެ އެހެން މަގުތައް ހޯދުމުގެ ވިސްނުމެއް އެބަހުރިތޯ؟ ދެން އޭގެ އިތުރަށް ސަރުކާރުން ތަޢާރަފުކޮށްފައި މިވާ އިކޮނޮމިކް ޕެކޭޖް، އޭގެ އެންމެ ޙައްޤުވެރިންނަށް ލިބޭނެކަން ޔަގީން ކުރުމަށް ސަރުކާރުން ކުރައްވާނީ ކޮން ކަމެއްތޯ؟ އަދި އެކަން މެނޭޖްކުރާނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަދި އެއްފަހަރު އެންމެ ފަހު ސުވާލު.

ނާޒިމް ޙަސަން -  އަވަސް:

އިކޮނޮމިކް ޕެކޭޖް އޭގެ އެންމެ ޙައްޤުވެރިންނަށް ދެވޭނެކަން ޔަގީންކުރާނީ ކިހިނެއްތޯ؟ އަދި އެކަން މެނޭޖްކުރާނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝުކުރިއްޔާ އިނގޭތޯ. ތިޔަ ވިދާޅުވާހެން ޓޫރިޒަމްގެ މައްޗަށް ވަރަށް ބޮޑަށް މިއޮތީ ޑިޕެންޑްވެފައި، ބަރޯސާވެފައި އަޅުގަނޑުމެން. އެއިޓީ ޕަސެންޓް މިދަނީ، އެހެން އިންޑަސްޓްރީތަކަށް، ޞިނާޢަތްތަކަށް އިންވެސްޓްކުރަންޖެހޭނެ. އަޅުގަނޑުމެން ވެރިކަމަށް އައިސްފައި، އަޅުގަނޑުމެންގެ މެނިފެސްޓޯ ބައްލަވައިލެއްވީމާވެސް އެނގިވަޑައިގަންނަވާނެ. ދަނޑުވެރިކަމަށް، މަސްވެރިކަމަށް އިންވެސްޓްކުރަން ނިންމާފައި އޮތްވަރު. އެގޮތުން އަޅުގަނޑު މިދެންނެވީ، ރާއްޖެއަށް މި ބާނާ މަސް އެކީގައި ގަނެ، ސްޓޯރ ކުރެވޭވަރުގެ ކެޕޭސިޓީ އުފެއްދުމަށްޓަކައި، އަޅުގަނޑުމެން މިއަހަރު ބަޖެޓުކޮށްފައި އޮންނާނެ. އަޅުގަނޑުމެންނަށް ރަނގަޅަށް މަސައްކަތް ގެންދެވިއްޖިއްޔާ ބާރަހާސް ޓަނު، އަށްހާސް ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ، ރާއްޖޭގައި ފެލިވަރުގައާއި ކޫއްޑޫގައި ހުންނާނެ. އޭރަށް ރާއްޖެއަށް މި ބާނާ މަސް ފްރީޒްކޮށްގެން، ސްޓޯރކޮށްގެން ބެހެއްޓޭނެ. މިހާރު އޭގެ ބަދަލުގައި މީގެ އަގު ކަނޑައަޅާ ކަންތައް ކުރަނީ ބޭރުގެ ފަރާތްތަކުން. އަޅުގަނޑުމެންނަށް މި ރައްކާކުރެވިއްޖިއްޔާ މީގެ އަގު އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ. އެހެންވީމާ، އެކަން ކުރުމަށް އަޅުގަނޑުމެން އޮންނާނެ. އިރާދަކުރެއްވިއްޔާ އެކަން މިއަހަރު އަޅުގަނޑުމެން ކުރާނަން. އޭގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، އެ ޞިނާޢަތް ފުޅާކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހުންނާނެ. އަދި އޭގެ ތަފުސީލުތައް އަޅުގަނޑު މި ޕެކޭޖް ތެރޭގައި، އަދި އިތުރު ޕެކޭޖެއް އެބަ އާދޭ ފިޝަރީޒް، ދަނޑުވެރިކަމާ ބެހޭގޮތުން އަޅުގަނޑުމެން ނިންމާފައި ހުރި އެއްޗެހިތައް އަޅުގަނޑު ހާމަކުރާނަން. އޭގެ އިތުރުން ޝިޕިންގ ކުރިއެރުވުމަށްޓަކައި އަލުން އެ ޞިނާޢަތް ކުރިއެރުވުމަށްޓަކައި މަސައްކަތް ފަށައިގެން އެސް.ޓީ.އޯ.އިން އެ ދަނީ. އެސް.ޓީ.އޯ.އިން ސަބްސިޑިއަރީ ކުންފުންޏެއް ހަދައިގެން ސްޓޭޓް ޝިޕިންގ ކޮމްޕެނީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމް.އެސް.އެސް. ފުރަތަމަ ބޯޓު ރާއްޖެއަށް އަންނާނެ، މި މަހުގެ 30 ވަނަ ދުވަހު. އިރާދަކުރެއްވިއްޔާ، އެއާއެކީގައި އަޅުގަނޑުމެން އެއަށް އިންވެސްޓްކޮށް، އަނެއްކާވެސް ރާއްޖޭގައި ކުރީގައި އޮތް ޝިޕިންގގެ ފަޚްރުވެރި ތާރީޚު އަނބުރާ ގެނައުމަށް މަސައްކަތްކުރާނަން. 

އަދި އޭގެއިތުރުންވެސް ކުރެވޭނެ ކަންތައްތައް އެބަހުރި ތިޔަ ވިދާޅުވާހެން. އަޅުގަނޑުމެން އެބަޖެހޭ އިކޮނޮމީ ޑައިވަރސިފައި ކުރަން. ވަރަށް ރަނގަޅު ވާހަކައެއް ތިޔަ ވިދާޅުވީ. އެކަންތައްތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން.

ދެން މިދޭ ޕެކޭޖް ރައްދުވަނީ ރަނގަޅު ފަރާތަށްތޯ ބެލުމަށްޓަކައި ސަރުކާރުން، ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުން ގެންދާނެ. ބީ.އެމް.އެލް.އިން އެ ދޫކުރާނީ. ދޫކުރާއިރުގައި އޭގެ ޙައްޤުވެރިންނަށް، އެންމެންނަށް ވީހާވެސް ބޮޑަކަށް ގިނަ ބަޔަކަށް ލިބޭގޮތަށް އެ ރައްދުކޮށްދިނުމަށްޓަކައި ކުރަންހުރި ކަންތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން. ތިޔަބޭފުޅުންވެސް ބައްލަވަންވާނެ.

ޒަހީން ޢަބްދުﷲ - ވަގުތު ނޫސް:

ވަރަށް ބޮޑަށް ޝުކުރިއްޔާ ދެއްވި ފުރްޞަތަށް. އަޅުގަނޑުގެ މައިގަނޑު ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ކޯވިޑް-19 އާ ގުޅިގެން ދުނިޔެއަށާއި، ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެނީ. އެމް.އެމް.އޭ.ގެ މިނިމަމް ރިޒަރވް، ފަސް ޕަސެންޓަށް މިހާރު ދަށްކުރެވިފައި މިވަނީ. ދިވެހިރާއްޖޭގައި މިހާރު މި ދައުރުވާ ޑޮލަރު ހިފެހެއްޓުމުގައި، ކޮބައިތޯ ކުރައްވާނެ މަސައްކަތްތަކަކީ، ޑޮލަރު ރާއްޖެއިން ބޭރަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި؟

ދެވަނަ ސުވާލަކީ، ކުރިން މަބްރޫކާވެސް އަޅުގަނޑު މި ސުވާލު އަމާޒުކުރިން. އެހެންނަމަވެސް، ހަމަ މިއަދުގެ މިވަގުތާ ހިސާބަށް އަންނައިރު ބަދަލުތަކެއް އައިސްފައި އޮވެދާނެ ކަމަށް ބަލާފައި އަޅުގަނޑު މި ސުވާލު ކުރަން ބޭނުންވީ. ވިދާޅުވެއްޖެ، މަނިކުފާނުގެ ވާހަކަފުޅުގައި، ރިޒޯޓުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ޤަބޫލުކުރެވޭ ބޭސިކް ސެލެރީއެއް މުވައްޒަފުންނަށް ލިބޭނެ ކަމަށް. ދެން، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ވަރަށް ކުޑަ މިންވަރެއް ބޭސިކް ސެލެރީގެ ގޮތުގައި ރިޒޯޓުތަކުގެ މުވައްޒަފުންނަށް މި ލިބެނީ. ގާތްގަނޑަކަށް ގިނަވެގެން ހަތަރުހާހެއްހާ ރުފިޔާ މި ލިބެނީ. ދެން އެފަރާތްތަކުގެ އަދި ޚާއްޞަކޮށް، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކުގެ ޕެންޝަން ފަންޑުގައި މި ހުންނަ ފައިސާ އެފަރާތްތަކަށް ބޭނުންކުރެވޭނޭ އުސޫލެއް ހަމަޖެއްސުމުގައި ސަރުކާރުގެ ވިސްނުންފުޅެއް އެބަހުރިތޯ އަދި މަސްތަކަކަށް ބަހާލައިގެންވެސް، އެފަރާތްތަކުގެ ޢާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އެފަދަ ވިސްނުމެއް އެބަ ގެންގުޅުއްވަންތޯ؟ ޝުކުރިއްޔާ ދެއްވި ފުރުޞަތަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އެމް.އެމް.އޭ.ގައި ބޭންކުތަކުން ބަހައްޓާފައި މި ހުންނަ އެމް.އާރު، މިނިމަމް ރިޒަރވް މިހާރު ޓެން ޕަސެންޓް ދޮގެއްތޯ؟

ފައިވް ޕަސެންޓަށް ދަށްކުރަން ނިންމައި އަދި ދަށެއްނުކުރޭ އިނގޭތޯ؟ އެ ހާލަތު އަތުވެއްޖިއްޔާ ޑޮލަރު މާކެޓްގައި ދަށްވެއްޖިއްޔާ އެމް.އެމް.އޭ.ގެ ވިސްނުމަކީ ފައިވް ޕަސެންޓަށް ދަށްކޮށްފައި. އެ ޑޮލަރުވެސް ޕަމްޕްކުރަން ބޭންކްތަކަށް. އެ ހިސާބަށް ގޮސްފީވިއްޔާ، ވަގުތީ ކަމެއްގެ ގޮތުގައި އެކަން ކުރައްވާނީ. އެއީ ގާތްގަނޑަކަށް ސަތޭކަ ފަންސާސް މިލިޔަން ޑޮލަރު އިތުރަށް އަނެއްކާވެސް މާކެޓަށް ނިކުންނާނެ. ރާއްޖެއަށް މި ލިބޭ އާމްދަނީ، ޑޮލަރުން މި ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ، ވަޒީފާތަކަށް ދިވެހިން އަހުލުވެރިކުރުވައި، ވަޒީފާތަކަށް ނެރުން. އެނގިވަޑައިގަންނަވާނެ، ޓޫރިޒަމް ދާއިރާގެ ބޮޑެތި އިސް މަޤާމުތަކުގައި މި ވަގުތުވެސް ގިނައިން މި ތިއްބެވީ ބޭރުގެ ފަރާތްތައް. އަޅުގަނޑުމެން އެބަޖެހޭ، އެފަދަ މަޤާމުތަކަށް ދިވެހިން ގެނައުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރަން. ސަރުކާރުގެ އެބައޮތް މީހުން ބިނާކުރުމުގެ ސިޔާސަތުތަކުގެ ތެރޭގައި، އަޅުގަނޑަށް ކުއްލިއަކަށް ނަންބަރސްއެއް. މިވަގުތު އަދަދެއް ދަންނަވާކަށް ނެތް ހަނދާނަކު. އެހެން ނަމަވެސް އަޅުގަނޑު ބަލާލާނަން. އަހަރެއްގެ ތެރޭގައި ވަކިވަރެއް ވަކިކަމަކަށް ތައްޔާރުކޮށް ނެރެން އަޅުގަނޑުމެން ނިންމާފައި އޮންނާނެ މާކެޓަށް. އޭރުން އެ ޑޮލަރު ރާއްޖެއިން ބޭރުވާ މިންވަރު ހަމަ ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ. އެނގިވަޑައިގަންނަވާނެ، މިހާރުވެސް ބޭރަށް އެބަ ބޭރުކުރެވޭ މަހެއްގެ މައްޗަށް އަޅުގަނޑު ހަނދާންވާގޮތުގައި ތިންސަތޭކަ މިލިޔަން ޑޮލަރު، ބޭރުގެ މީހުން. ރާއްޖޭގައި މިއުޅޭ. މި ރާއްޖޭގައި ހިފެހެއްޓިއްޖިއްޔާ އެއީ ވަރަށް ބޮޑު ފައިދާއަކަށް ވެގެންދާނެ.

ދެން ހަމަ އެއާއެކުގައި އަޅުގަނޑު މި ދައްކަނީ މިނިމަމް ވޭޖްގެ ވާހަކަ. މިއީ އެ ޕްލެޓް ފޯމެއްވެސް ނޫން ދައްކާކަށް. އެ ދިހަހާސް ރުފިޔާއަށް މިސާލަކަށް ބޮޑުކޮށްފީވިއްޔާ އިތުރު ދުއިސައްތަ މިލިޔަން ޑޮލަރު މަހެއްގެ މައްޗަށް އަޅުގަނޑުމެންގެ އަތުން ބޭރަށް އެބަދޭ. ބޭރު މީހުންނަށް އެކަން ކޮށްފިއްޔާ. އެއީ އަޅުގަނޑުމެންގެ ޔޫޒަބަލް ރިޒާވްގައި ދެމަހުއްސުރެ ގާތްގަނޑަކަށް ހުރި ފައިސާ.

އެހެންވީމާ، މިހިރީ އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ޗެލެންޖަސްތައް. ގޮންޖެހުންތައް. އެހެންވީމާ، ކުރަންވީ ކަމަކީ މަސައްކަތްކުރަން އަޅުގަނޑުމެން ނުކުންނަންވީ. ހީވާގި ކެރޭ ބަޔަކަށް އަޅުގަނޑުމެން ވާންވީ. މުރާލި ބަޔަކަށްވާންވީ. އެ ވަޒީފާތަކަށް، ބޭރު މީހުން އަދާކުރާ ވަޒީފާތަކަށް އަޅުގަނޑުމެން ނުކުންނަންވީ. އޭރުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑުބަދަލެއް އަންނާނެ.

ޕެންޝަން ފަންޑު، ޤާނޫނެއްގެ ދަށުން އުސޫލުތަކެއް ކަނޑައަޅާފައި މި ހުންނަނީ، އެކަން ކުރާކަމަށްވަންޏާ އަޅުގަނޑުމެން ޖެހޭނީ، އެ ޕެންޝަން ޤާނޫނަށް ބަދަލުތަކެއް ގެންނަން. ދެން ތިޔަ ވިސްނުން އަޅުގަނޑު ވަޒީރުންގެ މަޖިލީހަށް ގެންދާނަން. މަޝްވަރާ ކުރާނަން. ޤާނޫނަށް ބަދަލު ނުގެނެސް ޕެންޝަން ފަންޑަކަށް އަޅުގަނޑުމެންނަކަށް އެހެން ގޮތެއް ނުހެދޭނެ. އެނގިވަޑައިގަންނަވާނެ، ޙައްޖަށް މީހުން ފޮނުވުމަށްވެސް އަޅުގަނޑުމެންނަށް ޖެހުނީ މަޖިލީހަށް އެ ފަންޑު ބޭނުންކޮށްގެން ޙައްޖަށް ދާން ބޭނުންވާ މީހާއަށް ލާރި ނެގޭގޮތަށްވެސް ހެދުނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ޤާނޫނު ބަދަލުކޮށްގެން.

އެހެންވީމާ، ޤާނޫނެއްގެ ތެރެއިން އުސޫލުތަކެއް ކަނޑައަޅާފައި އޮންނަ ފަންޑެއް އެއީ. އެހެންވީމާ، އެއަށް ބަދަލުގެނެވޭނީ، އެ ޤާނޫނަށް ބަދަލުގެނެސްގެން. އެހެންނަމަވެސް، ވިސްނާލަން ރަނގަޅު މި ގަޑީގައި އިނގޭތޯ. ވަރަށްބޮޑަށް ޝުކުރިއްޔާ.

ޝަފްރާޒް އަޙްމަދު - ވޮއިސް އޮން ލައިން:

ކުލީގެ ވާހަކަވެސް ދެކެވިއްޖެ. ދެން ލޯނު ލުއިކޮށްދިނުމުގެ ވާހަކަ ދެކެވިއްޖެ. ދެން މިއީ އަމިއްލަ ފަރާތްތަކާ ގުޅުންހުރި ކަންތައްތައްވީމާ، މާބޮޑު ކަމެއް ނުކޮށްދެވޭނެ. އެކަމަކު ސަރުކާރުން މި ބޯހިޔާވަހިކަމުގެ ގޮތުން މިހާރު ކުރިއަށް ގެންގޮސްފައި މި އޮތް ހިޔާ ފްލެޓް ދިނުމުގެ ކަންތައް، ދެން މިއަހަރު ކުރިއަށްދާނެ ކަމަށް ކުރިން އިޢުލާނު ކޮށްފައި މިއޮތީ. އެކަމަށް ކިހާވަރެއްގެ މަޑުޖެހުމެއް އަންނާނެތޯ؟ ނޫނީ ނިމިފައި ހުރި ފްލެޓުތަކަށް މީހުން ވެއްދުމުގެ އެއްވެސް އަވަސް ކަމެއް ގެންނަވަން ވިސްނުމެއްވޭތޯ؟ ދެން އެއަށް ސަރުކާރުން މި ދައްކަންޖެހޭ ޕޭމަންޓްތަކަށް މިހާރު މި ހާލަތާ ގުޅިގެން ބަދަލުތަކެއް އަންނާނެތޯ؟

ދެން ދެވަނަ ސުވާލެއްގެ ގޮތުން ކުރަން ބޭނުންވަނީ، މިހާލަތުގައި މި ވަޒީފާ ގެއްލޭ ބޭފުޅުންނާމެދު ސަރުކާރުން ކަންތައް ކުރަން ވިސްނާފައި އޮތްގޮތް ސާފުކޮށްލަން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މި ހިޔާ ފްލެޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގޮސް މިމަހުގެ ނިޔަލަށް މި އަންނަ މަހުގެ ކުރީކޮޅުގައި އެކަން ނިންމާލެވޭ ވަރަށް ގޮސްގޮސް އޮއްވައި، މިކަން މިދިމާވީ އަޅުގަނޑުމެންނަށް. މިވަގުތު އޮތީ އިހަށް މަޑުޖައްސާލާފައި. އަޅުގަނޑު ހިތުން ދެ ސެކްޓަރއެއްކަންނޭނގެ މިހާރު ނުނިމި އޮތީ އިނގޭތޯ؟ އޭރުން އެނިންމާލެވުނީސް އަޅުގަނޑުމެންނަށް މަހެއްހާ ދުވަސް ލިބުނުނަމަ. އޭރުން އެކީގައި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނަށް އެ އޮންނަ ޝަރުޠުހަމަވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ފެށުނީސް. އެހެންނަމަވެސް، ޑިލޭއެއް މިކަމުގައި އަތުވެއްޖެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިކަން ހަމަ ނިމުމާ އެކީގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. މިހާރު ފްލެޓްތައް އެހުރީ ނިމުމުގެ މަރުޙަލާގައި. އަދި އެކަމަކު މުޅިއަކުން ނެތް މީހުން ވަންނަ ހިސާބަކަށް ނުދޭ. އެހެން ނަމަވެސް އެ މަސައްކަތް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް މިކޮޅުން ނިންމައި، އެ ލިބޭ ފަރާތްތައް ކަނޑައެޅިގެންދާނެ. ދެން ޕޭމަންޓަށް އަދި އަޅުގަނޑުމެން ދައްކަންޖެހޭ ޕޭމަންޓަށް ބަދަލެއް ގެނައުމުގެ ގޮތްތަކެއް އަދި ނުނިންމަން.

ތިޔަ ވިދާޅުވީ އެ ކުއްޔަށް ބަދަލު ގެނައުންތޯ؟

އަދިއެއް ބަދަލެއް ނުގެންނަން. އެ ދަތިތަކެއް ކުރިމަތިވާނެ ދޮގެއްތޯ. މިހާރުވެސް އޮންނާނެ، ވަޒީފާ ގެއްލޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ނޯޓުކުރަން (އެމް.އީ.ޑީ.)ގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އިޢުލާނެއް ކޮށްފައި. އެހެންވީމާ، އެ ފަރާތްތައް އޭގައި ރަޖިސްޓްރީ ކުރަމުން ގެންދަވާ.އޭރަށް ދެން އަޅުގަނޑުމެން އޭގެތެރެއިން ހެދެން ހުރި ގޮތްތައް ހަދައިދޭނަން.

މުޙައްމަދު އަފްރާޙް -  ދިވެހި ޗެނަލް:

މިފަދަ ޙައްސާސް ވަގުތެއްގައި މަނިކުފާނު ދިވެހި ޤައުމާ ތި ޔަދައްކާ ވާހަކަފުޅުތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. ޚާއްޞަކޮށް މީޑިއާ މެދުވެރިކޮށް ތިޔަ ދައްކަވާތީ. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، އަޅުގަނޑުމެންނަށް މި ދިމާވެފައިމިވާ ޙާލަތުން އަރައިގަނެވެންދެން ސިޔާސީ މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުން މަޑުޖައްސާލަން ވިސްނުންފުޅެއް އެބަހުރިތޯ؟ އެކަމުގެ ޔަގީންކަމެއް ދެއްވަފާނަންތޯ؟

ދެވަނަ ސުވާލަކީ، ރާއްޖެއިން ބޭރުގައި ތިބި ކިޔަވާކުދިން، ނުވަތަ ރާއްޖެއިން ބޭރުގައި ތިބި މީހުން ރާއްޖެ އައުމަކީ މިއީ ހުރިހާ މީހުންވެސް ކުރާ އުންމީދެއް. އެ ފަރާތްތަކުގެ އިޙްސާސް ރައީސް އެބަ ބައްލަވަންތޯ؟ ކޮބައިތޯ އެކުދިންގެ ޙާލަތު، ކިހާ ގާތަކުން ބައްލަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސިޔާސީ މަގާމުތަކަށް މީހުން ޢައްޔަނުކުރުން އަޅުގަނޑު ވަގުތީގޮތުން ހުއްޓާލައިގެން މިއުޅެނީ. ތިޔަ ވިދާޅުވާހެން އިތުރު ބުރައެއް މި ގަޑީގައި އުފުލުމަކީ، ދަތި ބަޖެޓަށް ބުރަބޮޑުވެގެން ދާނެ ކަމަކަށްވާތީ، އަޅުގަނޑު އިހަށް މަޑުކޮށްލައިގެން މިއުޅެނީ. އަދިވެސް ބައެއް މަގާމުތައް އެބަހުރި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އެ އަދަދުގެ ތެރޭގައި. އެހެން ނަމަވެސް މިވަގުތަށް މަޑުޖައްސާލައިގެން މި އުޅެނީ.

ބޭރުގައި ތިބި ކިޔަވާ ކުދިންނާއި ހުރިހާ ރައްޔިތުންގެ ޙާލަތު ފޮރިން މިނިސްޓްރީން އެބަގެންދަވާ އެމްބަސީތައް މެދުވެރިކޮށް ބައްލަވަމުން ވަރަށް ގާތުން. ހަމައެގޮތުން ނޭޕާލްގައި ފުރަން ގޮސްފައި ނުފުރި ތިބި ކުދިންނަށްވެސް އެކޮމަޑޭޝަނާ ހުރިހާ އެއްޗެއްދީފައި ހޮޓަލެއްގައި މިވަގުތު ބައިތިއްބާފައި އެތިބީ. ފިލިޕީންސްގައި ތިބި ކުދިން ގެނައުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ އެހީއެއް ދީގެން އެކޮޅުން ނެރެވޭތޯ. ހަމައެގޮތަށް އިންޑިޔާގައި ނާދެވިފައި އެތިބި ސަތޭކަ އަށްޑިހަވަރު އެބައުޅޭ. އެމީހުންނަށްވެސް ތިބުމުގެ ޚަރަދު އަޅުގަނޑުމެން ދީގެން ބަލަހައްޓަމުން މި ގެންދަނީ. ބޯޑަރުތައް ހުޅުވުމާ އެކީގައި އޭގެތެރެއިން އަންނަން ބޭނުންވާ ބަޔަކު ރާއްޖެއަށް ގެންނަން ޖެހިއްޖެ ޙާލަތެއްގައި ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. ޗާޓަރު ފްލައިޓެއް ބާއްވައިގެން ނަމަވެސް.

އެހެންވީމާ، އެއްވެސް ރައްޔިތަކަށް ދައްޗެއް އުނދަގުލެއް ވާކަމަށްވަންޏާ، އެ ޤައުމެއްގައި ހުރި ރާއްޖޭގެ އެމްބަސީއަށް އަންގަވައިދެއްވުން އެދެން. އަދި އޭގެ އިތުރުން އެމްބަސީ ނެތް ތަންތަނުންވެސް ރާއްޖެއަށްވެސް އަޅުގަނޑުމެންނާ ހިސާބަށް އެކަން ގެނެސްދިނީމަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ހުރިހާ ކަމެއް މި ދަނޑިވަޅުގައި ކޮށްދެމުން ގެންދާނަން. އެއްވެސް ބޭފުޅަކު އުނދަގުލެއް، ތުރަޔެއް އުފުއްލަވަން ނުޖެހޭގޮތަށް ވީހާވަރަކުން އެކަން ކުޑަކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. ވަރަށްބޮޑު، ވަރަށްބުރަ މަސައްކަތެއް ކުރަމުން މި ގެންދަނީ މިދަނޑިވަޅުގައި. އެހެންނަމަވެސް މިއީ ކުރަންޖެހޭ ކަމެއް އަޅުގަނޑު ދެކޭގޮތުގައި.

މުޙައްމަދު ނަސީމް -  މިހާރު ނޫސް:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މިހާރު މިހާބޮޑު ސްޓިމިއުލަސް ޕެކޭޖެއް ތަޢާރުފް ކުރާއިރު، ބޭންކް އޮފް މޯލްޑިވްސް އެކަންޏަށް މިކަން ވާނެކަމަށް، ބޭންކް އޮފް މޯލްޑިވްސް  އެ ކެޕޭސިޓީ ހުންނާނެ ކަމަށްތޯ ސަރުކާރުން ގަބޫލުކުރަނީ؟

ދެން ދެވަނަ ސުވާލަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެބަފެނޭ ޞިއްޙީ ޚިދުމަތްތެރިންނަށް ދޭ ޢިނާޔަތްތައް އިތުރުކުރާތަން. މިފަދަ އުނދަގޫ ޙާލަތެއްގައި. ދެން ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިން މިހާބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، މި ޙާލަތު ރަނގަޅުވުމަށްފަހުގައިވެސް އެބޭފުޅުންނަށް ކޮބައިތޯ ސަރުކާރުން ދޭނެ އުފާވެރި ޚަބަރަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަށް ގަބޫލުކުރެވެނީ، ބީ.އެމް.އެލް. އަށް އެވަރުގެ ބުރައަކަށް ނުވާނެކަމަށް އިނގޭތޯ. އަޅުގަނޑުމެންނަށް ރަނގަޅަށް ބަލަހައްޓައިގެން އެކަން ކުރެވިއްޖިއްޔާ. އަޅުގަނޑުމެންނަށް އެނގޭ އެހެން ބޭންކްތައްވެސް ކެޕޭސިޓީ ހުންނާނެ. އެހެން ނަމަވެސް، ސަރުކާރުގެ މެޖޯރިޓީއޮތް ބޭންކަކަށް އޮތީ ބީ.އެމް.އެލް. އަދި އެންމެ ގިނަބަޔަކު އަޅުގަނޑު މިދެންނެވި ބޮޑެތި ލޯނުތަކެއްނޫން ގިނަބަޔަކު ލޯނު ނަގާފައި އޮތް ހަމައެކަނި ބޭންކަކީ އެއީ. އެންމެގިނަ ކަސްޓަމަރުން ތިބި ބޭންކަކީ އެއީ ލޯނު ނަގައިގެން. އެހެންވީމާ، ގިނަބަޔަކަށް މި ފޯރުކޮށްދެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބީ.އެމް.އެލް. ކަހަލަ ބޭންކެއްގެ ތެރެއިން. އެހެންނަމަވެސް އެހެން ބޭންކްތަކާ ދޭތެރޭގައިވެސް ވިސްނުން އެއީ ރަނގަޅު ކަމެއް.

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްޞަކޮށް ކޯވިޑް-19 އާ ގުޅިގެން އިސް ސަފަށް ނުކުމެ މި އުޅުއްވާ، ޞިއްޙީ ދާއިރާގެ ބޭފުޅުންނަކީ، ވަރަށް ބުރަކޮށް ވަރަށްބުރަ މަސައްކަތްތަކެއް ފުރާނަ އަތްމައްޗަށްލައިގެން ކުރައްވަމުން ގެންދަވާ ފަރާތްތަކެއް. އަޅުގަނޑުމެންގެ އެފަރާތްތަކަށް ޚާއްޞަ ގޮތްތަކެއް އެބަ ރާވަން. އިރާދަކުރެއްވިއްޔާ ރަނގަޅު އެހީތެރިކަމެއް އަޅުގަނޑު ފޯރުކޮށްދޭނަން. މިއަހަރު އަޅުގަނޑުމެން ރާވާފައި އޮތް އެއް ރޭވުމެއް މިއީ، ހުރިހާ މުސާރަތަކެއް ހާމަނައިޒްކުރުން ސަރުކާރުން. އެ ސްޓަޑީކޮށް ނިންމާފައިއޮތީވެސް. އެހެން ނަމަވެސް މިޙާލަތުގައި އެ އިޢުލާނު ކުރުން ފަސްކޮށްލަން އަޅުގަނޑަށް ޖެހެނީ. އެ ހާމަނައިޒް ކުރީމަވެސް ސަރުކާރުގެ ބަޖެޓަށް އެބައަރާ މަހެއްގެ މައްޗަށް، މުޅިއެކު ހަތް ބިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓަށް. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ރާވާފައި އޮތް ކަމެއް. އެހެންނަމަވެސް މި ދަނޑިވަޅުގައި އެއީއަކީއެއް ކުރެވޭނެކަމެއް ނޫން. އެވެސް ޖެހޭނީ މިވަގުތަށް ފަސްކޮށްލަން. އެހެންނަމަވެސް ޞިއްޙީ ދާއިރާގައިވެސް އަދި ތަޢުލީމީ ދާއިރާގައިވެސް  އެ ތިއްބެވި ޚިދުމަތްތެރިންނަކީ ރަނގަޅު ޢިނާޔަތެއް، ރަނގަޅު މުސާރައެއް ލިބެންޖެހޭ ބަޔެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

މުޙައްމަދު މުޒައްޔިން -  ސަން އޮންލައިން:

މިދިޔަ ހަފްތާގައި އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް ވިދާޅުވެފައި އެބައޮތް، އިޤްތިޞާދު  މި ޙާލަތުން ރާއްޖެ ޢާންމު ޙާލަތަކަށް އައުމަށްޓަކައި، ހަ މަސް ދުވަސްވަރު ނަގާފާނެ ކަމަށް. ނަމަވެސް މިހާރު ޙާލަތު ބަދަލުވެއްޖެ. އިތުރު ފިޔަވަޅުތަކެއް މިވަނީ އަޅާފައި. ކޮބައިތޯ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި އިޤްތިޞާދީގޮތުން ރާއްޖެ ޢާންމު ޙާލަތަކަށް އައުމަށް ކިހާދުވަހެއް ނަގާފާނެތޯ؟ އަދި ސަރުކާރުގެ ސްޓޭންޑަކީ އަދިވެސް މުވައްޒަފުންގެ މުސާރަތައް ކުޑަނުކޮށް އަދި މަޝްރޫޢުތައްވެސް މަޑުޖައްސާނުލައި ކުރިއަށް ގެންދިއުންތޯ؟ ދެން އަމަން ކުރެއްވި ސުވާލަށް މިނިމަމް ވޭޖް އަދި އިންކަމް ޓެކްސް އެ ސުވާލަށް ރައީސް ޖަވާބެއް ނުދެއްވާ. ކޮބައިތޯ ސަރުކާރުގެ ވިސްނުމަކީ އިންކަމް ޓެކްސް އަދި މިނިމަމްވޭޖް ތަންފީޒު ކުރުން ފަސްކުރެއްވުންތޯ؟ ދެން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، މިނިމަމްވޭޖް ބިދޭސީންނަށް ކަނޑައަޅައިފިނަމަ، ވަރަށް ބައިވަރު ފައިސާ ބޭރުވެގެންދާނެކަމަށް. ކޮބައިތޯ ރައީސްގެ ޚިޔާލުފުޅަކީ، މިކަމުގައި މިނިމަމްވޭޖެއް ކަނޑައަޅާއިރު ބިދޭސީންނާއި ދިވެހިންނާ އެއްވަރެއްގައިތޯ ކަނޑައަޅުއްވާނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ފުރަތަމަ އަންދާޒާކުރީ މިނިސްޓަރ ފައްޔާޟް އެ ވިދާޅުވި ފަދައިން ހަމަސް ދުވަހުގެ ތެރޭގައި ހަމައަކަށް އެޅިގެންދާނެ ކަމަށް. އަޅުގަނޑަށް އަދިވެސް ގަބޫލުކުރެވެނީ، ހަމަސް ދުވަހުގެ ތެރޭގައި ރާއްޖެ ހަމައަކަށް އެޅޭނެ އިނގޭތޯ އިރާދަކުރެއްވިއްޔާ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައި ބަޔަކީ، ބޮޑު ބަޔަކީ، ޓޫރިޒަމް ކަމަށްވާއިރުގައި ޓޫރިސްޓުން ރާއްޖެއަށް މި އަންނަ ޤައުމުތަކުގެ ޙާލަތު މިހާރު އޮތްގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އިޓަލީ، ޖަރމަނީ މިހާރު އެބޭފުޅުންނަށް މިހާރު އެވިދާޅުވަނީ ކޮންޓެއިން ކުރެވިއްޖޭ. ޖަރުމަނު ސަރުކާރުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ. އެހެންކަމަށްވަންޏާ ދެން އިތުރުވިޔަކަނުދޭނެ. ދެން ދާނީ ދަށަށް. އެހެންވެއްޖިއްޔާ އެއީވަރަށް ރަނގަޅު މެސެޖެއް އެ ލިބުނީ. އަޅުގަނޑުމެންނަށް ބައެއް ޓުއަރ އެޖެންސީތަކުން އެބަ ޚަބަރު ލިބޭ މީގެ ތިންމަސްފަހަށް ބުކިންގ ހަދަން ޖަރމަން ޓުއަރ އޮޕަރޭޓަރުން އެދެމުންދާ ވާހަކަ. އެހެންވެއްޖިއްޔާ އެއީ ހަމަ ރަނގަޅު. ދެން ޗައިނާ އޮތީ. ޗައިނާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބަލަނީ މި އަންނަ މަސް ތެރޭގައި ޗައިނާ ހުޅުވޭނެ ކަމަށް. ހުޅުވިއްޖިއްޔާ ރާއްޖޭގައި ކޯވިޑް ނެތްކަމަށްވަންޏާ އަޅުގަނޑުމެން މިބަލަނީ މި މަސް ނިމެންވާއިރަށް، ކޯވިޑް ޖެހިފައިހުރި އެއްވެސް ޕޮޒިޓިވް މީހަކު އިރާދަކުރެއްވިއްޔާ ނުހުރެވޭތޯ. އެއީ އަޅުގަނޑުގެ އަމާޒަކީ އިރާދަކުރެއްވިއްޔާ. ޓެކް ޓީމުންވެސް އެގެންދަނީ އެގޮތަށް އަމާޒު ކުރަމުން. އެހެންވެއްޖިއްޔާ އަޅުގަނޑުމެންނަށް ޗައިނާއާއި ސައުތު އީސްޓް އޭޝިޔާއަށް ރާއްޖެ ހުޅުވައިލެވޭނެ އެޕްރީލްމަސް ނިމެންވާއިރަށް. އެއީ، ޗައިނާ، ޖަޕާން، ކޮރެއާ، އެހިސާބުގަނޑަށް އެކީގައި. އެހެންވީމާ، އެ މާކެޓް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު މި ބަލަނީ. ދެން އަޅުގަނޑު މިދެންނެވި ފަދައިން މުޅިން ހަމައަކަށް އެޅެން އަހަރެއްވަރު ނަގާފާނެ. އެހެން ނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިއީކީ އިކޮނޮމިކް ކްރައިސަސްއެއް، ފައިނޭންޝަލް ކްރައިސަސްއެއް އައިސްގެނެއް ނޫނޭ މިއުޅެނީކީ. ބޭންކްތަކުގައި ފައިސާ އެބަހުއްޓޭ. މީހުން އަތުގައިވެސް އެބަހުއްޓޭ ފައިސާ. ޚަރަދުކުރަންވެސް ބޭނުންވޭ. މިއަދުވެސް އަޅުގަނޑަށް އެނގުނު، ރަޝިޔާއިން އިތުރަށް ތިންސަތޭކަ މީހުންނަށްވުރެސް ގިނައިން ބުކިންގސް ހަދަންވެގެން ގުޅާފައި އޮތްކަން.

އެހެންވީމާ، މިކަން ނިމުމާ އެކީގައި، ކުރިންވެސް ދެންނެވި ފަދައިން މިއަހަރުގެ ފަހު ކުއާޓަރއާއި، މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ބޮޑު ބޫމެއް ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކަމަށް މިކަމުގެ މާހިރުން އެބަ ވިދާޅުވަމުންދޭ.

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން ޖަރމަނީ، މީގެ ތިންމަސް ފަހަށް އެބައުޅޭ ގާތްގަނޑަކަށް ވިހިހާސް ބުކިންގސް ހަދަން މިހާރު ގުޅާފައި އޮތްކަމަށް އަޅުގަނޑަށް އެނގިފައިވޭ. އެހެންވީމާ، އެބަ އުންމީދުތަކެއް އެބައާވޭ. އެހެންވީމާ، މިދަނޑިވަޅުގައި ހިފަހައްޓައިގެން އަޅުގަނޑުމެން ތިބެންވީ ކުރިއަށް މިއޮތް ތިންމަސް ދުވަހުގެ ތެރޭގައި.

މިނިމަމްވޭޖް މިހާރު އޮތީ، މަޖިލީހުގައި. ރައްޔިތުންގެ މަޖިލީހުގެ ޤާނޫނަށް ބަދަލު ގެނައީމަ، އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެކަމަކު އިކޮނޮމީއަށް އަޅުގަނޑު ހިތުން ހުރިހާ އެންމެންވެސް އިޤްތިޞާދަށް މިއައި ބަދަލު ބަލަންޖެހޭނެ. ބަލާފައި އަޅުގަނޑުމެން އެމްޕްލޮޔަރުންނާއި އެމްޕޮލޮއިންނާއި، ވިޔަފާރިވެރިންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކާ މަޝްވަރާކޮށްފައި، އޭގައި އަޅުގަނޑުމެން ގޮތެއް ނިންމާނީ. އިންކަމް ޓެކްސް ނަގަން ފަށްޓާނީ މިއަންނަ އަހަރު ނޫންތޯ. މިއަހަރުގެ ބައި ނަގާނީ މިއަންނަ އަހަރު ނޫންތޯ. އަޅުގަނޑު ހަނދާންވާގޮތުގައި އެހެން އޮންނާނީ. އަޒާނަށް އެނގިވަޑައިގަންނަވާނެ. އެހެންތޯ އޮތީ. އެޕްރީލް ފަހުން ދައްކަންޖެހޭތޯ. ނަގަން ފަށްޓަނީ އެޕްރީލްގައި. ދައްކަންޖެހެނީ އަހަރު ނިމުނީމާ. އެހެންނޫންތޯ އޮންނަނީ. އެބައޮތްތޯ އިތުރު ސުވާލެއް.

މުސާރަ ކުޑަކުރަން ގަސްތުކުރައްވަންތޯ؟

މުސާރަ ކުޑަކުރާކަށް އަޅުގަނޑު ގަސްތެއް ނުކުރަން. އިރާދަކުރެއްވިއްޔާ މުސާރަ ދެވޭނެ އިނގޭތޯ. މަޝްރޫޢުތައް މަޑުޖެއްސުމުގެ ވިސްނުމެއް ނެތް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޕީ.އެސް.އައި.ޕީ. ބަޖެޓް މިއޮތީ ދިހަ ބިލިޔަންގެ ބަޖެޓެއް އިނގޭތޯ! އޭގެތެރޭގައި ބޮޑުބައި އެހެރީ ލޯނު. އެއީ އެލް.އޯ.ސީ.، ލައިން އޮފް ކްރެޑިޓްގެ ދަށުން މިލިބޭ ފެނާއި ނަރުދަމާގެ ހުންނާނެ މަޝްރޫޢުތަކެއް. އޭގެއިތުރުން، ބުރިޖުގެ ބައި އެބައޮވޭ. ބޮޑުބައި އެއުޅެނީ އެއާއި ދެން ޕޯޓާ. ދެން އަޅުގަނޑުމެން ޕީ.އެސް.އައި.ޕީ.ގެ ޢާންމު ބަޖެޓުން ކުރަން އަޅުގަނޑުމެން ނިންމާފައި އޮންނާނީ އޭރު، އަޅުގަނޑު ހަނދާންވާގޮތުން 30 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު. އެހެން ހުރިހާ އެއްޗެއް އެހުރީ، ލޯނުގެ ތެރެއިން ހަމަޖެހިފައި. އޭގެތެރެއިން، 20 ރަށެއް އަޅުގަނޑުމެން މިހާރު އޮންނާނީ، މިކަން އައުމުގެ ކުރިން، އެހެންގޮތަކަށް ބަދަލުކުރަން ނިންމާފައި. އެކަމަކު އެމަސައްކަތްވެސް ކުރިއަށްދާނެ.

އަޅުގަނޑަށް ހީވަނީ، އޭގައި މޮރިޓޯރިއަމެއް އޮންނަންޖެހޭނެހެން. ފުރަތަމަ ފަށާއިރުގައި، އެއްހަމައެއްގައި އަޅުގަނޑުމެންނަކަށެއް، އެ އެންމެންނަކަށް އެ ދެވޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. އެކަމަކު އެއީ ދެން ހިއުމަން ރައިޓްސް އޭންގަލުން ބަލާއިރުގައި މައްސަލަ ޖައްސާނެ، އައި.އެލް.އޯ. އިން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ދިވެހިންނާ އެއް މުސާރައެއް ބޭރުގެ ފަރާތްތަކަށް ދީފީވިއްޔާ، ބޭރަށް މި ނުކުމެގެންދާ ޑޮލަރު، އަޅުގަނޑުމެންނަކަށެއް އަޅުގަނޑުމެންގެ އިކޮނޮމީއެއް ނުހިފެހެއްޓޭނެ. އެހެންވީމާ، އަޅުގަނޑުގެ ހުށަހެޅުމަކީ، އަޅުގަނޑަށް ފެންނަ ގޮތަކީ، ދެއަހަރެއްވަރުގެ މޮރިޓޯރިއަމެއް އެއަށް ދިނުން، ބޭރުމީހުންނަށް. ދީފައި އެ އިކޮނޮމީ ބަލާފައި ދެން ދޭންޖެހެންޏާ ދޭނީ. އެއީ އަޅުގަނޑުގެ ވިސްނުމަކީ.

އަޙްމަދު ޙަމްދޫން - މިހާރު:

އަޅުގަނޑުގެ އިތުރު ދެ ސުވާލެއް އޮތީމާ ދަންނަވާލާނަން. ފުރަތަމަ ސުވާލަކީ، ސްޓިމިއުލަސް ޕެކޭޖުގެ ތެރެއަށް، މަނިކުފާނު ވިދާޅުވިގޮތުން އަޅުގަނޑަށް ދޭހަވީ، ބޮޑެތި ވިޔަފާރިވެރިންނާއި އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންވެސް އެބަ ވަދޭ. ދެން ކުލި ނުދެއްކި ދަތިވާ މީހުންވެސް އޭގެތެރެއަށް އެބަ ވަދޭ. ދެން މިވަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރުފު ކުރާއިރުގައި، ކިހާވަރަކަށް މި ރެގިއުލޭޓްކޮށް، ކަންތައް ކުރެވޭނެތޯ؟ ބޭންކުންތޯ ޓަރމްސް އޮފް ކޮންޑިޝަންސް ހަމަޖައްސަނީ. ސަރުކާރާ ގުޅިގެން ކިހާ ފަސޭހަގޮތަކަށްތޯ މިކަން ރޭވިފައި މިއޮތީ. އެއީ ގިނަފަހަރަށް އަމިއްލައަށް ހުށަހަޅަންޖެހޭގޮތަށް އެދުވަހު މިނިސްޓަރ ފައްޔާޒް ވިދާޅުވިގޮތުން ވެއްޖިއްޔާ އޮތީ. އަމިއްލައަށް ހުށަހަޅައިގެން ކިހާ ދުވަހެއްގެ ތެރޭގައި މި ފޯމުތައް ޕްރޮސެސްވެ، ހަމަޖެހިގެން ބޭނުންވާ މީހާއާ ހަމަޔަށް ލިބޭނެތޯ؟

އަނެއް ސުވާލަކީ، މި ދަނޑިވަޅުގައި މިކަންތަކާ ގުޅިގެން ވަޒީފާތަކުން ކަނޑާލާ، ނޫނީ މުސާރަ ދަށްކުރާ މީހުން ޝަކުވާ ހުށަހަޅަން މިނިސްޓްރީން އިޢުލާނު ކުރީމާ، މިހާތަނަށްވެސް އެބައުޅޭ، 4 ދުވަސްތެރޭގައި 70 އަށްވުރެ ގިނަ މީހުން ޝަކުވާ ހުށަހަޅާފައި. ދެން ސަރުކާރުގެ ކޮންމެވެސްވަރެއްގެ ވިސްނުމެއް ހުރެގެންކަންނޭނގެ، ހުށަހަޅަން މި އެދުނީ. ކޮބައިތޯ ސަރުކާރުން އެ ކަނޑާލާ ނޫނީ އެ ފިޔަވަޅުއަޅާ، ފިޔަވަޅޭ މި ދެންނެވީ މި ޙާލަތު ނިޔާކުރާގޮތުން ފިޔަވަޅުތަކުގެ ތެރެއަށް  ވަންނަ މީހުންނަށް ކޮބައިތޯ ސަރުކާރުން ދޭނެ ޢިނާޔަތަކީ؟ ޢިނާޔަތްތައް ދިނުމަށްތޯ ވިސްނާފައި އޮތީ، ނޫނީ ކަނޑާލާ ނުވަތަ ފިޔަވަޅުއަޅާ މީހުންނަށް ސަރުކާރުން ފިޔަވަޅު އަޅަންތޯ ވިސްނާފައި އޮތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސްޓިމިއުލަސް ޕެކެޖް ތަންފީޒު ކުރެވެނީ ރަނގަޅަށްތޯ، ނޫންތޯ ބެލުމަށް ރާވާފައި އޮތް ގޮތުގެ ވާހަކަ ޙަމްދޫން ތިޔަ ވިދާޅުވަނީ. މިއަދު އެކަމާ ބެހޭގޮތުން އަޅުގަނޑާ ބައްދަލުކުރަން ފައިނޭންސް މިނިސްޓަރާއި، އެމް.އެމް.އޭ ގަވަރުނަރާއި، އިކޮނޮމިކް މިނިސްޓަރާއި އަދި ބީ.އެމް.އެލް.ގެ ބޯޑުގެ ބޭފުޅަކު އެދިވަޑައިގެންނެވި. އަޅުގަނޑަށް ވަގުތުނުވެގެން މިކަމަށް އަންނަންވެގެން އެ މީޓިންގ ލަސްކުރަންޖެހުނީ. އެ ބައްދަލުވުމުގައި، ހުރިހާ ތަފްޞީލުތަކެއް އެބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރައްވާނެ. އެ ތަންފީޒު ކުރަމުންދާގޮތް ބެލުމުގެ ކަންތައް. އެ ނިމުމާއެކީ އިރާދަކުރެއްވިއްޔާ މާދަމާ ނޫނީ އަނެއް ދުވަހު އަޅުގަނޑުމެންނަށް އެ އިޢުލާނު ކުރެވޭނެ އެކަން ކުރާނެގޮތް.

ވަޒީފާއިން ވަކިކުރާ ފަރާތްތަކާ ދޭތެރޭގައި، ވަޒީފާއާބެހޭ ޤާނޫނުވެސް އޮވޭ، އެހެން ނޫންތޯ. އޭގައި އޮވޭ ވަޒީފާއިން ވަކިކުރެވޭނެ ގޮތްތަކާއި އަދި ވަކިކޮށްފިއްޔާ ދެންވާނެ ގޮތްތައް. ވަޒީފާއިން ވަކިކުރާ ފަރާތަށާއި، ވަޒީފާއިން ވަކިވި ފަރާތަށް ހުރި ޙައްޤުތަކެއްވެސް އޮވޭ. އެހެންވީމާ، ޤާނޫނާ އެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދާނަން.

ނިޝާން - ޕީ.އެސް.އެމް:

އަޅުގަނޑުގެ ސުވާލަކީ އިސްލާމިކް ބޭންކުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިގެން ހިނގައްޖެ. އިސްލާމިކް ބޭންކުގެ އިތުރުން، އަޅުގަނޑުމެންނަށް ފާހަގަވެގެންދާ ތަނެއް، އެމް.އެފް.އެލް.ސީ.އަކީ. އެތަނުން ހަމަ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު، މުސާރައިން ކެނޑޭގޮތަށް އެބަހުރޭ އެކިއެކި ތަކެތި ނަގާފައި، ލޯނުތަކުގެ ގޮތުގައި. މި ދަނޑިވަޅުގައި މުސާރައިން ކެނޑޭނަމަ، އެއީވެސް ދަތިވެގެންދާނެ ކަމެއް. އެހެންވެއްޖެ ކަމުގައިވާނަމަ، އެތަނާ އެއްވެސްވަރަކަށް މަޝްވަރާ ކުރެވިގެންދާނެތޯ، ބޭންކްތަކާއެކީ މަޝްވަރާ ކުރެވިގެންދާނެތޯ، ރައްޔިތުންނަށް ލުޔެއް ދިނުމަށް.

އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. ރަމަޟާންމަސްވެސް ކައިރިވެފައިވުމާއެކު، ވަރަށްގިނަ ފަރާތްތަކެއްގެ ހިތުގައި އުފެދޭ ސުވާލެއް މިއީ. ރަމަޟާން މަހުގެ ޢިނާޔަތްތައް ލިބިގެންދާނެތޯ. އެކަމުގެ ކަށަވަރުކަމެއް ދެއްވިދާނެތޯ. ޚާއްޞަގޮތެއްގައި ސަރުކާރުގެ އޮފީސްތަކާއި، އަދި އަމިއްލަ ފަރާތްތަކުންވެސް އެބައޮވޭ ދޮގެއްތޯ، ހަމަ ދޭންޖެހޭގޮތަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެމް.އެފް.އެލް.ސީ. އާ ތިޔަ މަޝްވަރާ އަޅުގަނޑު ކުރާނަން. އިރާދަކުރެއްވިއްޔާ އެ  ލުއި އަޅުގަނޑު ހޯދައިދޭނަން. ދެން ރަމަޟާން މަހުގެ ޢިނާޔަތްތައް އަޅުގަނޑުމެން ދޭނަން އެއްވެސް ދައްޗެއްނެތި. އެޔަޤީންކަން އެބައޮތް.

އަޙްމަދު ޒާހިރު - ސަން މީޑިއާ ގްރޫޕް:

އަޅުގަނޑު ދެ ސުވާލު ދަންނާވާލަން. އެއް ސުވާލަކީ، މިހާރު ސްކޫލުތަކާއި ކޮލެޖްތައް ބަންދުކުރައްވާއިރު، ރެސްޓޯރަންޓްތަކާއި ހޮޓާތަކުގެ ވާހަކައެއް މަނިކުފާނު ވިދާޅެއްނުވޭ. އެތަންތަނާ ބެހޭގޮތުން ނިންމާފައި އޮތްގޮތަކީ ކޮބައިތޯ؟

އަނެއް ސުވާލަކީ، މިއީ އެންމެ ރަނގަޅު ދަނޑިވަޅަށްވެސް ނުވެދާނެ. އެހެންނަމަވެސް، ރާއްޖޭގެ ދަނޑުވެރިކަން ކުރަން މިވަގުތު ހުރި ރަށްތަކަކީ ކޮބައިތޯ ބައްލަވާފައި، ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް، މިސާލަކަށް މާފަހި ކަހަލަ ރަށްރަށުގައި އަޅުގަނޑަށް އެބަފެނޭ، ވަރަށްގިނަ އަދަދަކަށް ބާޒާރަށް އަޅުގަނޑުމެންނަށް ދުވަހުން ދުވަހަށް ބޭނުންވާ އެއްޗެހި ގެނެސް ވިއްކާތަން. އެގޮތަށް ހުރި ރަށްރަށް ބައްލަވާފައި، މިދަނޑިވަޅުގައި އެކަމަށް އިސްކަމެއް ދެއްވާނަންތޯ؟ މިހާރުވެސް އަޅުގަނޑުމެންގެ ރާއްޖެއަށް މަތިންދާބޯޓު އިންޑިޔާ، ލަންކާ ދަތުރުނުކުރަން ފެށީމާ އަޅުގަނޑުމެންގެ މޭވާއާއި ތަރުކާރީ އެއްޗެހި އަޅުގަނޑަކަށް ނޭނގެ، މިހާރުވެސް ބާޒާރުން ލިބޭނީ ކިހާވަރަކަށް ކަމެއް. އެހެންވީމާ، އެކަމާދޭތެރޭ ވިސްނަވާފައި އޮތީ ކިހިނެއްތޯ؟

ދެން ބޭރުގެ ދަރަނި، މިހާރުވެސް ދައުލަތުގެ މިކަމުން އަރައިގަތުމަށްވެސް ތިޔަ ވިދާޅުވަނީ، އަދިވެސް ބޭރުގެ ދަރަނި، އަދި އިންޑިޔާގެވެސް ދަރަނި ހަތަރު ބިލިއަން، ފަސް ބިލިޔަން ޑޮލަރަށް އެބައަރާ. އަރާއިރު، މިކަހަލަ ޝޮކިންގ މައްސަލަތައް ކުރިއަށް އޮތްތަނުގައިވެސް ދިމާނުވުމަށްޓަކައި، ދުރު ރާސްތާގެ ގޮތުން ސަރުކާރުން ވިސްނަވާ ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މިއީ ރެސްޓޯރަންޓްތައް އަޅުގަނޑުމެން ބަންދުކުރީ ހަފުތާއަކަށް. އަދި މިވީ ތިން ދުވަސް. އެހެންވީމާ، އަދި އެބައޮތް ދޮގެއްތޯ ކުރިއަށް. އެހެންވީމާ، އެހާހިސާބަށް ދިޔައިމާ އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން. އަދި ބަލާނަން. އިރާދަކުރެއްވިއްޔާ ރަނގަޅަށް ގޮސްފިއްޔާ އަޅުގަނޑުމެންނަށް ހުޅުވާވެސްލެވިދާނެ. އެހެންނޫނީވިއްޔާ އަދި ހަފުތާއެއްވަރު ބަލަންޖެހޭނެ.

ދެން ދަނޑުވެރިކަމަށް ޚާއްޞަ ސަމާލުކަމެއް، އިސްކަމެއް ދީގެން، ކަންތައްތަކެއް ކުރަން. މިއަދު އެބައޮތް އަޅުގަނޑަށް ފިޝަރީޒް މިނިސްޓްރީން ކަރުދާހެއް ހުށަހަޅާފައި، މިތަނަށް އައުމުގެ ކުރިން. އޭގެ ތަފްޞީލުތައް އަޅުގަނޑަށް ތިޔަބޭފުޅުންނަށް ހާމަކޮށްނުލެވުނީ، ވަގުތު އަޅުގަނޑަށް ނެތިގެން
އެ ބަލައިލަން. އޭގައި އެބަހުރި، ދަނޑުވެރިކަން ކުރާ ރަށްތަކަށް ލުއިތަކެއް ދިނުމާ ބެހޭގޮތުންވެސް.

އޭގެ އިތުރުން، އަޅުގަނޑުމެން އެސް.ޓީ.އޯ. މެދުވެރިކޮށް، މި ފަށަނީ، ހުރިހާ ދަނޑުވެރިން ހައްދާ ސާމާނު ތާޒާކޮށް ހުއްޓައި، ގަނެވޭނެ ގޮތެއް. މިހާރުވެސް އެބަ އާދޭ ބައެއް ރަށްރަށުން އެ ޝަކުވާ. ތިމަންނާމެން ހައްދާފައި ހުރި ތަރުކާރީއާއި މޭވާއާ އެއްޗެހި ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތޭ، ދަތުރުފަތުރު ކުރުމަށް ހުރި ދަތިކަމުގެ ސަބަބުން. އެހެންވީމާ، އެސް.ޓީ.އޯ. ތުރޫކޮށް އަޅުގަނޑުމެން މި ބަލަނީ، އެކަން ޙައްލުކުރުމަށް.

ދެން ބޭރުން ތިޔަ ވިދާޅުވާހެން، ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ގެނައުމަށް، ފުދޭވަރެއްގެ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ، ފްލައިޓްތައް ކެންސަލް ކުރުމާއެކީގައި. އަޅުގަނޑުމެން ވިސްނުމެއް އެބަ ގެންގުޅެން، ކާގޯ ޗާޓަރ ފްލައިޓްތަކެއް ބޭއްވުމަށް، ހަފުތާއަކު ވަކި ދުވަހަކު، ނޫނީވިއްޔާ ދެދުވަހު ނަމަވެސް. ކިހާވަރެއްތޯ ރާއްޖެއަށް ބޭނުންވަނީ ބަލާފައި، ލަންކާއަށް މިހާރު ދެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާއިން މިހާރު ދީފި. އިންޑިޔާއިންވެސް ދީފި. ދެން އޮންނާނީ ތައިލެންޑާއި ދުބާއީއާ.
އެ ހަތަރުތަން އަޅުގަނޑުމެން ބަލަމިން މިދަނީ. ބަލާފައި ރަނގަޅަށް ވޮލިއުމެއް ހަމަވީމާ، ފްލައިޓެއް ބާއްވައިގެން ގެންނަން. ދެން ބޮޑެތި ޚަރަދުތައް. އެހެންނަމަވެސް، މިއީ ކުރަންޖެހޭނެ ކަންތައްތައް.

މިކަހަލަ ދަނޑިވަޅުގައި، ޒާހިރު މި އޮންނަނީ، ދެގޮތެއް ދޮގެއްތޯ؟ އެއްގޮތަކީ ޚަރަދުތައް ނުކޮށް، މުސާރަތައް ކުޑަކޮށް، ޓައިޓްކޮށްލައިގެން ތިބުން. އަނެއް ގޮތަކަށް މި އޮންނަނީ، ބޮރޯކޮށްފައި ޚަރަދުކުރުން. އެ ދެ އުސޫލު މި އޮންނަނީ، މިކަހަލަ ދަނޑިވަޅެއްގައި އިކޮނޮމީގައި މަސައްކަތް ކުރަން. އަޅުގަނޑު މި ޚިޔާރުކުރީ ބޮރޯކޮށްފައި ޚަރަދު ކުރަން. އެއީ، މުސާރަތައް ކުޑަކޮށްފައި، ގޭގައި މީހުން ބައިތިއްބައިގެން ކަންކުރާކަށް ނޫން، ވަޒީފާއިން ވަކިކޮށްފައި. އޭގެ ބަދަލުގައި، ލޯނު ނަގާފައި އިކޮނޮމީއަށް އެ ޕަމްޕުކުރަން އަޅުގަނޑުގެ ވިސްނުން މިހުރީ. އެހެންވީމާ، މިގަޑީގައި ލޯނު ނަގަންޖެހޭނެ. އަޅުގަނޑުގެ ވިސްނުން ހުރީ އެގޮތަށް.

އެހެންވީމާ، ސަރުކާރުގެ ސިޔާސަތަކަށް މިވަގުތު ބަލާނީ އެގޮތް. ޓައިޓްކޮށްގެން، މުސާރަ ކުޑަކޮށްގެން، މީހުން މަދުކޮށްގެން ތިބުމެއްނޫން. އަޅުގަނޑުމެންނަށް ލިބެންއޮތް ތަނަކުން މިވަގުތު ނަގާފައި، ޚަރަދުކޮށްފައި މީހުންނަށް މުސާރަ ދިނުން. އިކޮނޮމީ ޖެނެރޭޓް ކުރުން. ލާރި އެނބުރެން ފުރުޞަތު ހޯދުން، އެކަކު އަތުން އަނެކަކު އަތަށް އަރައިގެން. އެ ވިސްނުމުގައި އަޅުގަނޑު މަސައްކަތް މިކުރަނީ.

އާދެ، ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހިތުން، ތަންކޮޅެއްމަދީ އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުކުރެވޭލެއް. އިރާދަކުރެއްވިއްޔާ، ކުރިއަށްއޮތްތަނުގައި، މިއަށްވުރެ ގިނައިން އަޅުގަނޑު ބައްދަލުކުރާނަން.

ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު ވަރަށްބޮޑަށް، މިކަމުގައި އެންމެ އިސްދައުރެއް އަދާކުރާ، ޞިއްޙީ ޚިދުމަތްތެރީންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަދި، ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އެއްބާރުލުންދީ، މިކުރާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އަދި އަޅުގަނޑުމެންގެ ކަރަންޓީނު ފެސިލިޓީޒްތަކާއި، އައިސޮލޭޝަން ފެސިލިޓީޒްތަކަށް އެހީތެރިކަން މިހާތަނަށް ފޯރުކޮށްދީފައި އޮތް ފަރާތްތަކަށްވެސް އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވަން. އޭގެތެރޭގައި، ޕޮލިކޮމް އިންވެސްޓްމަންޓް، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ، ސަންލޭންޑް ހޮޓެލްސް، ދިއްގިރި އިންވެސްޓްމަންޓް، ވިލާ ޕްރައިވެޓް ލިމިޓެޑް، ކައިމޫ ޓްރެވަލްސް، ދޮންކެޔޮ ހޯލްޑިންގްސް، ޔޯލޯ އިންވެސްޓްމަންޓް، ޕެރަލެކްސް ވެންޗަރ ޕާޓްނަރސް، މަލަހިނި މޯލްޑިވްސް. މިއީ އެ ރިޒޯޓުތައް އަޅުގަނޑުމެންނަށް ދީފައި ހުރި ފަރާތްތައް. އޭގެއިތުރުން، ޓްރީ ޓޮޕާއި، އޭ.ޑީ.ކޭ. އަޅުގަނޑު ފާހަގަކުރަން. އެ ދެ ހޮސްޕިޓަލުގެ ހިއްސާދާރުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރަން. އަދި އޭގެ އިތުރުން، ވިލާގެ ފަރާތުން، ވިލާގެ ފިއުލް ފާމްވެސް އަޅުގަނޑުމެން ބޭނުންގޮތަކަށް ސްޓޮކް ކުރުމަށް، މިހާރު އޮތީ ދީފައި. ކޯސްޓްލައިންގެ ފިއުލް ފާމްވެސް އޮތީ އަޅުގަނޑުމެންނަށް ދީފައި.

އެހެންވީމާ، ތެލަށް ދަތިނުވާގޮތަށް އަޅުގަނޑުމެންނަށް ސްޓޯރކޮށްގެން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އެބައޮތް. އަދި، އޭގެއިތުރުން، ޔުނިވަރސަލްވެސް އޮތީ، އަޅުގަނޑުމެން ބޭނުންކަމެއް، ބޭނުން އެހީއެއް ވެދޭގޮތަށް ތައްޔާރަށް. އެހެންވީމާ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި އަޅުގަނޑުމެން
މި މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ، މިކަމުން ލަހެއްނުވެ އަޅުގަނޑުމެން އަރައިގަންނާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް މި ކޯވިޑް-19 ގެ ނުރައްކާތެރިކަމުން ސަލާމަތްވެ، ރާއްޖޭގެ އިޤްތިޞާދު، ތަނަވަސްކަމާއެކީގައި، އަލުން ކުރިއަރައި، ހިތްފަސޭހަ، ހިތްގައިމު ދިރިއުޅުމެއް އަޅުގަނޑުމެންނަށް ﷲ މިންވަރުކުރެއްވުން.

 وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.