ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ފިޔަވަޅު އެޅުއްވުން
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށާއި، އެ ބަލީގެ ސަބަބުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ އިދާރާތަކުގައި ބައެއް ފިޔަވަޅުތައް އެޅުއްވުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައިފައިވާނެކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގޮތުން އަޅުއްވަން އެންގެވި ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.
ރީނދޫ އެލަރޓް (ލެވެލް 2) ގައި އަޅާނެ ފިޔަވަޅުތައް
1.                  ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަކުރެވިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް މުވައްޒަފަކު އެކަން އެންގުމުން، އެ މުވައްޒަފަކު އާންމުންގެ ތެރެއަށް ނުކުމެ އުޅުން ރައްކައުތެރިކަމަށް އެ އިދާރާއަކުން މުވައްޒަފަށް އަންގަންދެން އެ މުވައްޒަފަކު މަސައްކަތަށް ނުނިކުމެ ހުރުމުގެ ފުރުސަތު ދިނުން.
2.                  މުވައްޒަފެއްގެ ބަލި ހާލަތު ހުރިގޮތުން ނުވަތަ އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތުގެ ބާވަތުން، މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން އަންގައިފިނަމަ، އެ އަންގާ ގޮތެއްގެ މަތިން އެ މުވައްޒަފަކު ގޭގައި ހުރުމުގެ ފުރުސަތު ދިނުން.
3.                  ސަރުކާރުގެ އިދާރާތަކުން ޚިދުމަތެއް ހޯދުމަށްޓަކައި ފިންގަރޕްރިންޓް ޖަހަންޖެހޭ ގޮތަށް ހަމަޖެހިފައިވާނަމަ، ފިންގަރޕްރިންޓް ނެގުމަކާނުލައި އެ ޚިދުމަތެއް ދޭ ގޮތަށް ހަމަޖެއްސުން.
4.                  ގިނަ މީހުން އެއްތަނަކަށް ޖަމާވެގެން ބާއްވާ ބައްދަލުންތަކާއި،ޙަފުލާތަކާއި، ތަމްރީނު ޕްރޮގްރާމްތައް ނުބޭއްވުމާއި، އެފަދަ ބައްދަލުވުމެއް ކޮންމެހެން ބާއްވަން ޖެހިއްޖެނަމަ، ޓެލެކޮންފަރެންސިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެކަން އިންތިޒާމުކުރުން.
5.                  ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން އެ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަދަ ޚިދުމަތްތައް ފާހަގަކޮށް، އެ ޚިދުމަތްތައް ދޭނެގޮތުގެ ޕްލޭނެއް މިއަދުގެ ނިޔަލަށް ސަރުކާރުގެ ކޮންމެ އިދާރާއަކުން ތައްޔާރުކުރުން. 
6.               ކޮވިޑް-19 ގެ ލެވެލްތަކަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، އެ ބަލީގެ އަލާމަތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް،މިއަދުގެ ނިޔަލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން، ކޮންމެ ވުޒާރާއަކުން އެކުލަވައިލުން.
އޮރެންޖް އެލަރޓް (ލެވެލް 3) ގައި އަޅާނެ ފިޔަވަޅުތައް
އޮރެންޖް އެލަރޓް ލެވެލް އެ ސަރަހައްދެއްގައި އިޢުލާނުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ހިތުގެ ބަލިބައްޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުން ފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށް ވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބުމުގެ ފުރުޞަތު ދިނުން.
ރަތް އެލަރޓް (ލެވެލް 4) ގައި އަޅާނެ ފިޔަވަޅުތައް
1.               ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުން.
2.               ސަރުކާރުގެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް، ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
ބަޔާންވެދިޔަ ހާލަތްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކަށާއި، ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރާ ދުވަސްތަކަށް މުސާރައާއި ޢިނާޔަތްތައް ދެއްވުމަށާއި، މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭއިރު ރަށުން ބޭރަށް ދިޔުމާއި، އާންމުން އެއްވެއުޅޭ ތަންތަނަށް ދިޔުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ނުކުމެ އުޅުން ވީހައިވެސް މަދުކުރެއްވުމަށް މުވައްޒަފުންނަށް އިރުޝާދު ދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައިފައިވާނެކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، ރައީސުލްޖުމްހޫރިއްޔާ، ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައިފައިވާ މި ކަންކަން
 
އެ ކޮމިޝަނުން ސަރުކާރުގެ އިދާރާތަކުގައި ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުގެ އިދާރާތަކުން ފުރިހަމައަށް އެއްބާރުލެއްވުން ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.