ކޮވިޑް-19 އާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ސާރކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި މިއަދު ބޭއްވެވި ވީޑިއޯ ކޮންފަރެންސް މަޝަވްރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެން މަޝްވަރާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ހުންނަވައިގެން ވީޑިއޯ ކޯލް މެދުވެރިކުރައްވައެވެ.
ސާރކް ލިޑަރުންގެ މެދުގައި ބޭއްވެވި މި ވީޑިއޯ ކޮންފަރެންސަކީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ބޭއްވެވި ވީޑިއޯ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ބޫޓާނުގެ ބޮޑުވަޒީރު ޑރ. ލޮޓޭ ސެރިންގ އަދި ޕާކިސްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް ޑރ. ޒަފަރު މިރުޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޮންފަރެންސްގައި ކޮންމެ ޤައުމަކުންވެސް މި ބަލިމަޑުކަމާ ގުޅިގެން އެޤައުމެއްގެ ޙާލަތާއި، އަދި އެ ޤައުމަކުން މިކަމާ ކުރިމަތިލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ސާރކް ޤައުމުތަކުން ގުޅިގެން ބަލިމަޑުކަމާ ކުރިމަތިލުމުގެ މުހިންމުކަން ހުރިހާ ޤައުމަކުންވެސް ފާހަގަކުރެއްވިއެވެ.
މި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ކާރިސާތަކާއި ނުވަތަ ބޮޑެތި ކަންކަން ސަރަޙައްދީ ޤައުމުތަކަށް ކުރިމަތިވާ ދަނޑިވަޅުތަކުގައި އަބަދުވެސް ސާރކުގެ މެންބަރު ޤައުމުތަކަކީ އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތްކުރައްވަމުން ގެންދާ ބައެއް ކަމުގައި ވިދާޅުވެފައެވެ. އެގޮތުން 2003 ވަނަ އަހަރު ސާސް ރޯގާ ފެތުރިގެން ދިޔަ ދުވަސްވަރު ރާއްޖެއިން އިސްނަގައިގެން ސާރކްގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވަވައި އެ ވައިރަހާ ގުޅިގެން ކުރިމަތިލުމުގެ ސްޓްރެޓެޖީއެއް އެކުލަވާލެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑް-19 އާ ކުރިމަތިލުމުގައިވެސް އެޤައުމެއް އެކަނި މަސައްކަތްކުރުމުގެ ބަދަލުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނީ އެކުގައި ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވިގެންކަން ފާހަގަކުރެއްވިއެވެ.
ކޮވިޑް-19ގެ ބަލި މީހެއް ރާއްޖެއިން ފުރަތަމަ ފެނިފައި ވަނީ މާރިޗް މަހުގެ 7 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު މި ބަލީގެ 13 މީހަކު ރާއްޖެއިން ފެނިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއިން މި ބަލި ފެނުމުގެ މާކުރިން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދުރާލާ ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަމާގުޅޭ އެސްއޯޕީތައް ތައްޔާރުކުރުމާއި، އެކި ސަރަޙައްދުތަކުގައި ކަރަންޓީނު ކުރާނެ ތަންތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އާންމުތަންތަނަށް އެއްވުން ހުއްޓާލުމަށް އެންގުމާއި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ، އިޓަލީ ފަދަ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަގުތީ ގޮތުން މެދުކަނޑާލުން ފަދަ ފިޔަވަޅުތައް ރާއްޖެއިން އަޅާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސާރކްގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާއަށް މިބަލީގެ ސަބަބުން އުފުލަންޖެހިދާނެ ބުރަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަވާ ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދެއްވަނީ މި ބަލި ރާއްޖޭގައި ފެތުރުން ހުއްޓުވުންކަން ފާހަގަކުރައްވައި ރާއްޖެއިން މިކަމުގައި ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ވަނީ ހާމަކުރައްވާފައެވެ.
ހަމަ އެހެންމެ މި ބައްޔާ ކުރިމަތިލުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިކޮންފަރެންސްގައި ސާރކްގެ އެހެން ޤައުމުތަކުން ވެސް ވަނީ ކޮވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމަތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ބޮޑު ނިޞްބަތެއް ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތްކަމާއި ދެންހުރި އިޤްތިޞާދީ މައިގަނޑު ޙަރަކާތްތައްވެސް ސީދާގޮތުންނާއި ނުސީދާގޮތުން ބަރޯސާވަނީ ފަތުރުވެރިކަމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު މި ދާއިރާއަށް އަންނަމުންދާ ހީނަރުކަމަކީ ސާރކްގެ ޤައުމުތަށް ހިމެނޭ ސަރަޙައްދަށްވެސް އޭގެ އަސަރުތަކެއް ކުރާނެކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގައި އިންޑިޔާގެ ބޮޑުވަޒީރު ވަނީ ކޮވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތަކުން ބައިވެރިވާ ފަންޑެއް އިފްތިތާޙްކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެފަންޑު ހުޅުމުގެ ގޮތުން އިންޑިޔާއިން އެ ފަންޑުގައި 10 މިލިޔަން ޑޮލަރު ހިމަނުއްވާނެކަން ބޮޑުވަޒީރު މޯދީ އިޢުލާނު ކުރެއްވެވިއެވެ. ހަމަ އެހެންމެ މި ބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ. މިކަންކަން ކުރިޔަށްގެންދިއުމަށް އެދޭކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާއާއި އަދި ސާރކްގެ އެހެން ޤައުމުތަކުގެ ވެރިންވެސް ވަނީ މިކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ވީޑިއޯ ކޮންފަރެންސް ނިންމަވާލައްވަމުން ސާރކް ޤައުމުތަކުގެ ވެރިން ވަނީ ކޮވިޑް-19 އާ ކުރިމަތިލުމުގައި މުޅި ސަރަޙައްދު އެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީހުން ތަމްރީނުކުރުމާއި، ތަޖުރިބާ ޙިއްޞާކުރުމާއި ބޭސްފަދަ ތަކެތިވެސް ސާރކްގެ އެއްޤައުމުން އަނެއްޤައުމާ ޙިއްޞާކޮށް ގުޅިގެން އެކީގައި މިކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމަކުންވެސް ޚިޔާލުފާޅުކުރެއްވެވިއެވެ.
މިހާތަނަށް އައިއިރު ސާރކް ޤައުމުތައް ހިމެނޭ މި ސަރަޙައްދުގެ ޤައުމުތަކުން ކޮވިޑް-19 އަށް 139 މީހުންނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. ރާއްޖޭގައި ވެސް މިއަދާ ހަމައަށް މިހާރު ވަނީ މިބައްޔަށް 13 މީހަކު ޕޮޒިޓިވް ވެފައެވެ.