ކޮވިޑް19 ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރުމަށް ފަހު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އިޢުލާން ކުރައްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޤައުމާ މުހާތަބްކުރައްވައި ވާހަކަފުޅުގައި ދައްކަވަމުންނެވެ.

"ކޮވިޑް19"އާ ގުޅޭ ގޮތުން، މިއަދު ހަވީރު ޤައުމާ މުޚާޠަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދަނޑިވަޅުގައި ވަކިން ޚާއްޞަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ޢާންމުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ފަރުދީ ޒިންމާ އަދާކުރައްވުންކަން ފާހަގަކުރައްވައި ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމާއި، ޢާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދެއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި ރާއްޖޭގައި މިބަލީގެ ޙާލަތު ފޮރުވުމެއްނެތި ސަރުކާރުން ހާމަކުރައްވަމުން ދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅިވިއެވެ. އަދި މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަޤީންކަން، ރާއްޖޭގައި މިހާރު ހުރި އަމިއްލަ ދެ ހޮސްޕިޓަލުކަމުގައިވާ އޭ.ޑީ.ކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުން ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް19ގެ ސަބަބުން ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއި އެއްގޮތަށް ރާއްޖޭގެ އިޤްތިޞާދަށް މިބަލީގެ ސަބަބުން ކުރާނެ އަސަރުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން، ކޮވިޑް19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް19ގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ލޮޅުންތައް އަރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައިކަމުގައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދީ ކުރިޔަށްގެންދެވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، ހުސް ނުވާނެކަމުގެ ޔަޤީންކަން ދެއްވާކަށާއި STO އިން އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށާއި،އޭގެ އިތުރުން ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދިނުމަށާއި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް އިންޑިޔާއިން ނިންމާފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާގެ އިތުރުން ރަޙްމަތްތެރި އެހެން ޤައުމުތަކުން ވެސް، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ނަމަވެސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޤަޞްދު ނުކުއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަނީ ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ގެންދެވުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން މިހާރު އަޅުއްވަން ފައްޓަވާފައިވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން ނިންމަވާފައިވުމާއި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތުތައްފަދަ ބައެއް ޚަރަދުތައް މިވަގުތަށް ކުޑަކޮށްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދަށް އަންނަ ހީނަރުކަމާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކުތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން މަސައްކަތް ކުރަމުންއަންނަކަމަށާއި އޭގެ އިތުރުން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި މާލީ އިދާރާތަކުން ފެހިސިގްނަލް ލިބިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރިކަން ނައްތާލުމަށާއި މިބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކާއި، މިބަލީގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާ ކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދަނޑިވަޅުގައި ވެސް ހުރިހާ ފަރާތްތަކުން މި ކަމާ ގުޅޭ ގޮތުން ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް އިސްކަން ދެއްވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރެއްވިއެވެ.

ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު މިހާތަނަށް 8 ފަރާތެއް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.