بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެނގިވަޑައިގަންނަވާނެ ފަދައިން، "ކޮރޯނާ ވައިރަސް" ނުވަތަ "ކޯވިޑް-19" އެންމެ ފުރަތަމަ، އިންސާނުންގެ ހަށިގަނޑުން ފެންނަން ފެށީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ މެދުތެރޭގައި ޗައިނާއިން. އެދުވަހުން ފެށިގެން މިއަދާ ހަމައަށް، ދުނިޔޭގެ ހުރިހާ ބައްރަކަށް މިބަލި ފެތުރި، ވަރަށް ގިނަ ޤައުމުތަކުގައި، މި ބަލީގެ މީހުން މިހާރު އެބަތިބި.


ކޯވިޑް-19 އަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރުވަނީ ކަނޑައަޅައި އިޢުލާންކޮށްފައި. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޞިއްޙީ އިދާރާތަކަށްވެސް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް.


މި ބަލި ރާއްޖެއިން ފެނުމުގެ އެތައް ދުވަހެއް ކުރިން، މި ބައްޔާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިފިން. ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް، މިދިޔަ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެސެސްމަންޓެއް ހަދައި، ތައްޔާރުވާން ފަށައިފިން.


މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް، ދުނިޔޭގެ ޞިއްޙަތާބެހޭ ތަޖުރިބާކާރުންނަށްވެސް އަދި ޔަޤީނެއްނުވޭ. އެހެންކަމުން، މި ނުރައްކާތެރި ބަލިން އެންމެހައި ދިވެހިންނާއި، ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާ އެއްގޮތަށް.


ސަރުކާރުން ފިޔަވަޅުތައް އަޅަމުން މި އަންނަނީ، ރާއްޖޭގައި ލިބެންހުރި ވަސީލަތްތަކާއި ޙާލަތަށް ބަލައި، ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް. އެގޮތުން މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކަނޑައެޅުމަށް "ރިސްކް ލެވެލް" ބަލާ މިންގަނޑުތައް ކަނޑައަޅައި، މި މަޢުލޫމާތުތައް މިހާރު ވާނީ ޢާންމުކޮށްފައި.


ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރުމަށްފަހު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން މިއަދު ވަނީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާފައި.


ރާއްޖޭގައިވެސް މި ބަލި ޖެހިފައިވާ 8 މީހަކު މިހާރު އެބަތިބި. އަދި އެ މީހުންނާ އެކި ގޮތްގޮތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް، ވަރަށް ހަރުދަނާ ގޮތެއްގައި، ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުން. މި ދެންނެވި 8 މީހުންނާ ގުޅިގެން ރާއްޖޭގެ ތިން ރިޒޯޓެއްގައި ތިބި މީހުންގެ ޙާލަތު ބަލައި މޮނިޓަރ ކުރަން ފެށުނު.


އެ ތިން ރިޒޯޓަށް މެޑިކަލް ޓީމުތައް ގޮސް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަހެރި ކުރަންޖެހޭ މީހުން އެކަހެރިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި. އަދި އެ ރިޒޯޓްތަކުގައި ތިބި ފަތުރުވެރިން، އެމީހުންގެ ޤައުމުތަކަށް ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި.


މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން. އެގޮތުން ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި، ޢާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް.


އަދި މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، އެކަން ހޮޓްލައިން ނަންބަރު 1676 އަށް ރިޕޯޓް ކުރެއްވުމަށް، އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން. ހަމައެއާއެކު، އެކަހެރި ކުރެވޭ މީހުންނަށް ދޭ އިރުޝާދުތައް ތަންފީޒުކުރުމަކީވެސް އެހާމެ މުހިންމު ކަމެއް. އަދި އެކަން އެގޮތަށް ހިނގާތޯ، ކަމާގުޅޭ އިދާރާތަކުން ބަލަމުންދާނެ.


އޭގެ އިތުރުން، މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކަށް ދިޔުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އިޢުލާނުކޮށްފައި. އަދި މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން މިދަނީ މަނާކުރަމުން.


މި ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެ. އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އާދޭ.


ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެ ފާހަގަކުރެވޭ.


މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ.


މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެން ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށް.


އަޅުގަނޑުމެން އަންދާޒާކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޯވިޑް-19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި.


މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ.


މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާއެކު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސްނުވާނެކަމުގެ ޔަޤީންކަން ދެން. އެސް.ޓީ.އޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި.


އަދި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައި. ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އަވަށްޓެރި އިންޑިޔާއިން މިހާރު ވަނީ ޔަޤީންކަން ދީފައި. އަދި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައި. އޭގެ އިތުރުން، ރަޙްމަތްތެރި އެހެން ޤައުމުތަކުންވެސް، ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި.


މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް-19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ޤަޞްދުނުކުރާ ވާހަކަ.


އަދި ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން. ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެ. އެހެން ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި.


ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީ.ގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި. އަދި ސަރުކާރުން ކުރާ ދަތުރުތަކާއި، މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި، އެފަދަ ބައެއް ޚަރަދުތައްވެސް މިވަގުތަށް ވަނީ ކުޑަކޮށްލާފައި.


އޭގެ އިތުރުން، ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން، ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި، މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ވަނީ ފެހި ސިގްނަލް ލިބިފައި.


ކޯވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ޚާއްޞަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން.


މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން މި އަންނަ މަސައްކަތުގައި، ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. ޚާއްޞަކޮށް، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވޭ. މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލުން، އާދެ، އޭ.ޑީ.ކޭ އާއި، ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ދީފައި.


ރާއްޖެއިން މި ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށާއި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު، އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިންވެސް އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނާއި ނަރުހުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ސިފައިންނާއި ފުލުހުންގެ ނަން، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން.


މިބަލީގެ މަޢުލޫމާތު، ރައްޔިތުންނާ ޙިއްސާ ކުރުމުގައި، ނޫސްވެރިން އަދާކުރާ ދައުރު ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް.


އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައްވެސް، އަދި ރާއްޖޭގައި މި ބަލީގެ ޙާލަތު އޮތްގޮތްވެސް، އެއްވެސް ފޮރުވުމެއް، ސިއްރުކުރުމެއްނެތި ހާމަކުރަމުންދާނެކަން.


މިފަދަ ކޮންމެ މުޞީބާތެއްގެ ވަގުތުގައި، އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްވަރަކީ، އަޅުގަނޑުމެންގެ އީމާންތެރިކަން. އެހެންކަމުން، އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށް ހައްދަވަންވީ، މި ނުރައްކާތެރި ބަލިމަޑުކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން.


އަޅުގަނޑުގެ ދުޢާއަކީ، ކޯވިޑް-19ގެ ނުރައްކާތެރިކަމުން އަޅުގަނޑުމެން އެންމެހައި ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކޮށްދެއްވައި، ޞިއްޙީ ދުޅަހެޔޮކަމުގެ ނަސީބު އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. އަދި މުޅި ދުނިޔެއިން މި ނުރައްކާތެރި ބަލިމަޑުކަން ނެތިކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަމާންކަމާއި ރައްކާތެރިކަން ފަތުރުއްވައި، އަޅުގަނޑުމެންގެ އިޤްތިޞާދަށް ދިރުން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.