އަބުރާ ބެހުމުގެ މައްސަލަތައް އެއީ، ޖިނާއީ މައްސަލަތަކެއްގެ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ނުބައްލަވައި، މަދަނީ މައްސަލަތަކެއްގެ ގޮތުގައި ބެއްލެވުމަށް ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ، މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި އެމަނިކުފާނު ބޭއްވެވި ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރު އޯޝަންބްރީޒް ރެސްޓޯރެންޓްގައި އޮތް މިފަރިއްކޮޅުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ އަދި މިއޮތީ ވަރަށް ޅަފަތުގައިކަން ބަޔާން ކުރެއްވިއެވެ. އަދި މަޢްލޫމާތު ހޯދުމާއި، މަޢްލޫމާތު ލިބިގަތުމުގެ މިނިވަންކަން އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ބަޔާންކުރައްވާފައި އޮތުމާއެކު، އެ ޙައްޤު ހޯއްދަވައިދެއްވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ކޮންމެ މިނިސްޓްރީއެއްގައި މަޢްލޫމާތު ދެއްވުމަށް އިންފޮމޭޝަން އޮފިސަރަކު ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ނޫސް ހިންގުން އެއީ، ސަރުކާރުން ސަބްސިޑައިޒް ކުރައްވައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ވިސްނަވަންވީ ކަމެއް ނޫން ކަމަށާއި، އެ ސަބްސިޑީޒް ސަރުކާރުން އުވާލައްވާނެ ކަމުގައި ވިދާޅުވިއެވެ. އިޢްލާނާއި މިބާވަތުގެ އެއްޗެތި ޖައްސަވައިގެން ސަރުކާރުން ލިބޭ އެއްޗެއްގެ ބޭނުން ކުރައްވައިގެން، އެއިން ނޫސްތައް ދެކޮޅު ޖައްސަވަން ފިކުރު ކުރެއްވުން އެއީ ބުއްދިވެރި ކަމެއް ނޫންކަމަށާއި، ނޫސްތައް ދެކޮޅު ޖައްސަވަން ޖެހޭނީ، ރަނގަޅު ވާހަކަތައް ލިޔުއްވައިގެން، ބޭފުޅުންގެ ޝައުޤުވެރިކަން އުފައްދަވައިގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ސަރުކާރަށް ފާޑުކިޔުން އެއީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ހުރިހާ ބޭފުޅުންނަށާއި ނޫސްތަކަށް ޝުކުރު އަދާކުރެއްވިއެވެ. މިއަދު އަޅުގަނޑުމެންނަށް މިވަނީ ނޫސްވެރިކަމުގެ ދާއިރާގައި ވަރަށްބޮޑު މިނިވަންކަމެއް ލިބިފައި ކަމަށާއި، އަޅުގަނޑުމެންގެ ޙަޔާތުގައި މިދުވަސް އަތުވެދާނެ ކަމަށް ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާފައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ. މި މިނިވަންކަން ގެނައުމުގައި ދިވެހި އޮބްޒާވަރުން އަދާކުރި ދައުރާއި މިނިވަން ރޭޑިއޯއިންނާއި މިނިވަން ނޫހުންނާއި އެ ސަންދާނުން އަދާކުރި ދައުރު ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރަށް ފަސްދޮޅަހަކަށް ޕަސެންޓްގެ ތާއީދު އެބައޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މާބޮޑަށް ސަރުކާރާ އެއްކޮޅު ނުވަތަ މިސަރުކާރުގެ ވިސްނުން ނެރެދޭ އެއްވެސް ނޫހެއް ނެތްކަމަށާއި، މީހަކަށް ފައިސާދީގެން އެކަން ކުރައްވަން ބޭނުންފުޅުނުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.