ރާއްޖޭގެ މީޑިއާތަކުން ވީހާވެސް ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާ ކައުންސިލުގެ އިސްބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްވެސް ކަމެއްގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރުތައް ޝާއިޢު ކުރަމުންގެންދާނަމަ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ނުކުންނާނެކަން ފާހަގަކުރައްވަމުން، ކޮންމެ ނޫސްވެރިޔަކުވެސް އެ ނޫސްވެރިއެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކޮވިޑް-19 ބާރަށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ޙަޤީޤީ މަޢުލޫމާތު ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށާއި، ރައްޔިތުންގެ ތެރޭގައި ހާސްކަން އުފެދޭފަދަ ގޮތްގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުމަކީ، ޒިންމާދާރު ގޮތެއްގައި ވާޖިބު އަދާކުރުން ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މަޢުލޫމާތުތޯ ބެއްލެވުމަށް މީޑީއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވެވި ރަސްމިއްޔާތުގައި ޢައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އޭރު އެރުވިފައިނުވަނީ، އެމަނިކުފާނު އެދުވަސްވަރު ރާއްޖޭގައި ވަޑައިގެން ނެތުމުންނެވެ. ނޫސްވެރިކަމުގެ ދާއިރާގައި ޢައްބާސް އިބްރާހީމް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޢައްބާސް އިބްރާހީމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީޚުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ބޭފުޅުންގެ ތަޖުރިބާ މިއަދުވެސް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކަފުޅުގައި، މީޑިއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެ ކައުންސިލަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.