‏ކޯވިޑް-19 ބަލި ފެނިފައިވާ ޤައުމެއްގެ ހާލަތަށް ރާއްޖޭ ހާލަތު ބަދަލުވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމީ ޓާސްކްފޯސްއާއި އެކު މަޝްވަރާކުރައްވައިފިއެވެ. ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުން އޮތީ މިރޭ މުލީއާގޭގައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، މިހާރު ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ކުރިއަށްވުރެ މަތިކޮށްފައިވާތީ، މިހާރު އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރައްވައި، ފާރަވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް، ރައީސުލްޖުމްހޫރިއްޔާވަނީ މިރޭގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ. އަދި، މިފަދަ ކަންކަމާގުޅޭ މަޢުލޫމާތު ވަގުތުން ވަގުތައް ރައްޔިތުންނާއި ޙިއްޞާ ކުރަމުންދިޔުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.